އަސްތާ މިއީ ހަމަ ރާއްޖެހޭ؟

ރަސްކަންކުރާން ހިތުގާ އަޅާ،

ހަސްފަސް ނެތީސް ތެޔޮލާ ހަދާ،

ވަސްނެތް މަލުން ގިރިޓީ ކުރާ،

އަސްތާ މިއީ ހަމަ ރާއްޖެއޭ.

ބަސްތާ ނަގާ ބޮޑު ހިލަ ޖަހާ،

ބަސްބުނި ހިނދުން ބުރިޖެެއް އަޅާ،

ފަސްނެތްތަނުގަ ގޯއްޗާ ހިޔާ،

އަސްތާ މިއީ ހަމަ ރާއްޖެއޭ.

ފަސްބައިގަ ނެތް ނަމަވެސް ފުޅާ،

ބަސްތާ ތެރޭ ނީކުޑި ފުރާ،

މަސްދުހު ތެރޭ ކުލިތައްކަނޑާ،

އަސްތާ މިއީ ހަމަ ރާއްޖެއޭ.

އަސްވިއްކުމުން ލަގަނާ އެކީ،

ކަސްތޮޅު ތިމާ އަތުގާ އަޅާ،

ލަސްފަސް ކުރަން އެއްބަސް ނުވާ،

އަސްތާ މިއީ ހަމަ ރާއްޖެހޭ؟