މިފަހަރު ނުކުރާންވީ ކަންތައްތައް 4- ފާޑު ކިޔާމީހުންނަކީ ހަތުރުންކަމުގައި ދުށުން

‘ލަންޑަނުގައި މަރުކަޒުވެގެން ތިބެ، ސަޢުދީ ސަރުކާރާއި ދިމާއަށް އަޑުގަދަކޮށް ދެކޮޅުހަދާ ފަރާތްތަކަށް ވުރެ، އަޅުގަނޑުމެން ފަދައިން އިޙްތިރާމާއިއެކު ފާޑުކިޔާ ލިޔުންތެރިންނަކީ ނުރައްކާތެރި ބައެއް ކަމުގައި ދެކެއެވެ.’

2 އޮކްޓޯބަރގައި، ތުރުކީގެ އިސްތަންބޫލްގައި ހުުންނަ ސަޢުދީ ކޮންސިޔުލޭޓްގައި، ކުރިޔާލާ ރާވައިގެން ޤަތުލުކުރި ސަޢުދީ ލިޔުންތެރިޔާ، ޖަމާލު ޚަޝައުޤީ، 7 ފެބްރުއަރީ 2018 ގައި ވޮޝިންގްޓަން ޕޯސްޓްގައި ލިޔުއްވާފައިވާ ލިޔުމަކުން-ބައެއް ސަައެންސްވެރިން ބުނާ ގޮތުގައި ހަމަ އަލީގައި، 10 މިލިއަނަށް ވުރެ ގިނަދަރަޖައިގެ ކުލަަ އިންސާނާގެ ލޮލަށް ފެނުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ. މީގެ އިތުރުން، އިންސާނާގެ ލޮލަށް ނުފެންނަ އަލްޓްރާ ވަޔަލަޓް އަދި އިންފްރާރެޑް އަލި، ބައެއް ބާވަތުގެ ކޮކާލަށާއި ޖަނަވާރަށް އަދި ހަރުފަ، ބޮށް ފަދަ ތަކެއްޗަށް ފެންނަކަމުގައި ވެއެވެ.

ލޮލަށްފެންނަ ކުލަ، ތަޖުރިބާ ކުރެވެނީ ސިކުނޑި މެދުވެރިވެގެންނެވެ. ދުނިޔޭގައި މިހާ ގިނަ ބާވަތުގެ ކުލަ ލައްވާ، އިންސާނާގެ ލޮލަށްވެސް 10 މިލިއަނަށް ވުރެ ގިނަ ކުލަ ފެނި، އެކުލަތައް ސިކުނޑިން ތަރުޖަމާ ކޮށްދޭއިރު، ބައެއް އިންސާނުންގެ ސިކުނޑި ޤަބޫލު ކުރަނީ އެންމެ ދެ ކުލައެވެ. ކަޅު ނުވަތަ ހުދެވެ. (ގްރޭ ކުލައިގެ 256 ކުލައަކީ ހަމައެކަނި ޚިޔާލީ ތަސައްވުރެއް ތޯއްޗެކެވެ!) މިފަދަ މީހުންނަށް ކޮންމެ ކަމެއްގައިމެ އޮންނަނީ އެންމެ ދެގޮތެވެ. ރަނގަޅީ ތިމާގެ ޕާޓީއިން ބުނާ ގޮތް އެކަންޏެވެ. ފާޑުކިޔާ ކޮންމެ މީހަކީ ހަތުރެކެވެ. ސިޔާސީ ގޮތުން އަދުއްވެކެވެ. އެކުގައި ނެތިއްޔާ، ތިބާ އަކީ ހަތުރެކެވެ- އިނގިރޭސި ބަހުން ‘އައިދަރ ޔޫ އާރ ވިތް މީ އޯ ޔޫ އާރ އަގެއިންސްޓް މީ’ އެވެ. ޚިޔާލުތަފާތު ވުމުގެ ދަރަޖަ ތަކެއް ނެތެވެ. މަށަށް ފެންނަ ގޮތަކީ ރަނގަޅު ގޮތެވެ. އެހިސާބުން ނިމުނީއެވެ.

ނަމަވެސް މިއަދަކީ، ރަސޫލުންނާއި ނަބިއްޔުން ދުނިޔޭގައި ދިރިތިބި ޒަވާމެއް ނޫނެވެ. ހުރިހާ ކަމެއްގައި ރަނގަޅު ގޮތް އެނގޭ އެއްވެސް އެކަކު ނެތެވެ. މިޒަމާނުގައި، އެންމެ އެކަކަށް، ނުވަތަ އެއްބަޔަކަށް އެންމެ ރަނގަޅުގޮތް، އަބަދު އެނގުމަކީ ޤަބޫލު ކުރެވޭ ކަމެއްނޫނެވެ. އަމްދުން ވާނޭ ކަމެއްވެސް ނޫނެވެ. ދުނިޔަވީ ޢުޞޫލް ތަކާ ޚިލާފުކަމެކެވެ.

ރާއްޖޭގައި ކަންތައް ހިނގަމުން ދިޔަގޮތް ރަނގަޅު ނޫންކަމުގައި ގިނަ ބަޔަކު ދެކި، އަޅުގަނޑުމެން މިހާރު މިތިބީ ތަފާތު ގޮތެއް ޚިޔާރު ކޮށްގެންނެވެ. ވެރިކަމަށް އަރަން ތައްޔާރު ވެފައިވަނީ ކޯލިޝަނަކުންނެވެ. އެންމެން އެއްފިކުރެއް ނޫނެވެ. ޚިޔާލު ތަފާތުވުން އެބަހުރިކަމުގައި ފާޅުގައި ވަނީ އިޢުލާނު ކޮށްފައެވެ. އެހެންކަމުން މަޝްވަރާ އާއި ވާހަކަދެއްކުމަށް ޖާގަ ދިނުމަށް އެއްބަސްވެގެންނެވެ.

ޚިޔާލުތަފާތު ބައިވެރިންނާއެކު ސަރުކާރެއް ޤާއިމުކުރުމަށް ތައްޔާރު ވަމުން އަންނައިރު، 4 ޕާޓީ އެކުވީމާވެސް، ހުރިހާ ކަމެއް އެންމެ މޮޅަށް އިނގޭނޭ ކަމުގައި ޤަބޫލު ކުރާކަށް ނުވާނެއެވެ. ބޮޑެތި މައްސަލާތަކުގައި ތަފާތު، ބައިވަރު، ބައިވަރު، ޚިޔާލު ހުންނާނޭ ކަން ޔަގީން ކުރުމަކީ، އަދި އެފަދަ ޚިޔާލު ލިބިގަތުމަށް ތައްޔާރު ވުމަކީ، އަޅުގަނޑުމެންގެ ޑިމޮކްރަސީ ހެޔޮމަގަށް ގެންދިޔުމުގައި މުހިންމު އަސާސެކެވެ،

ދުނިޔޭގައި، އެކި ދުވަސްވަރުގައި، ތަފާތު ބާވަތުގެ ވެރިކަން ތަޖުރިބާ ކުރެވިއްޖެއެވެ. ބިމަށް މޫލާ، ގިނަ ދުވަހަށް ދެމިގެންދަނީ ޑިމޮކްރަސީއެވެ. އެތަކެއް ޗެލެންޖްތަކަކަށް ފަހުވެސް ޑިމޮކްރަސީގެ މަގު މިވަނީ ދުނިޔޭގެ ގިނަ ޤައުމުތަކުން ޚިޔާރުކޮށްފައެވެ.

އަޅުގަނޑުމެން ދިވެހިންވެސް އެއްބަސްވީ ޑިމޮކްރަސީއަކަށެވެ. ބޭނުންވީ އެގޮތެވެ. އެނޫންގޮތަކަށް ފަރުމާ ކުރެވިގެން، އެކަކު ބޭނުންގޮތަށް ހުރިހާ ކަމެއް، ބަސްބުނާ ހިނދުން ނިންމާލާ ނިޒާމު ކަމުނުގޮސްގެން އަޅުގަނޑުމެން އަނެއްކާވެސް މިވަނީ ޑިމޮކްރަސީގެ މަގު ޚިޔާރު ކޮށްފައެވެ.

ނަމަވެސް ޤަބޫލު ކުރާށެވެ. ޑިމޮކްރަސީ އަކީ ދުވެލި ލަސް އުޅަނދެކެވެ. ބައިވަރު މީހުންގެ ޚިޔާލު އަޑުއަހާ، ގިނަބަޔަކު ނިންމާ ގޮތަށް ކުރިޔަށްދާ އުޅަނދެކެވެ. އަމާޒަށް ވާސިލުވުމުގަައި އެންމެ ސީދާ، އަދި އެންމެ އަވަސް މަގުން ދަތުރު ކުރަން ޑިމޮކރަސީތަކަށް އުނދަގުލެވެ. ކަކުނި ހިނގާ ބީދައިން އަރިއަށް ދާތަން ފެނުމަކީ ނުވެ ނުދާނެ ކަމެކެވެ. ނަމަވެސް، ކުރެވުނު ތަޖުރިބާއާއިއެކު، އެކަކަށް ހުރިހާ ކަމެއް އެންމެ މޮޅަށް ނޭގޭނނެ ކަމުގައި އަޅުގަނޑުމެން މިވަނީ ބުނެފައެވެ. އަނެއްކާވެސް ޑިމޮކްރަސީގެ މަގު ޚިޔާރުކޮށްފައެވެ. ގިނަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އެއްބަސްވެފައެވެ.

ވީމާ މިސާޢަތުގައި، އަނެއްކާވެސް، ހުރިހާ ކަމެއް އެންމެމޮޅަށް އެނގޭނީ، ސަރުކާރުގެ މަތީ މަޤާމުތަކުގައި ޓައީ އަޅައިގެން، ބެގީ ކޮށްގެން ތިބި މީހުންނަށް އެކަނި ކަމުގައި ދުށުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ދިވެހިންގެ އެންމެންނަކީ ތަންދޮރު ދަންނަ، ދުނިޔެއަށް ލޯހުޅުވިފައި ތިބި މީހުންނެވެ. ލިޔުންތެރިންގެ ގޮތުގަޔާއި، ކިޔުންތެރިންގެ ގޮތުގައި، ތިބި މީހުންނަށްވެސް ރަނގަޅުގޮށް ވިސްނޭނެއެވެ. ޒުވާނުންނާއި މުސްކުޅިންނަށް، ވަޒީފާވެރިންނާއި، ގެވެހި ފަރާތްތަކުން ދައްކާ ވާހަކަ މިފަހަރު އަޑުއެހުން މުހިންމެވެ. ކުޅުންތެރިނާއި ދުވުން ތެރިންގެ ވިސްނުމަކީ ކޮބައިބާވައެވެ؟ ޓިޗަރުންނާއި ނަރުހުން، ފަޅުވެރިންނާއި ދަނޑުވެރިން ކިޔަނީ ކީކޭބާވައެވެ؟

ފާޑު ކިޔުމަށް ހިތްވަރުދީ އެކަމަށް ސިޔާސީ ހުރިހާ މީހުންގެ ކަންފަތާއި ސިކުނޑި ހުޅުވުމަކީ ޑިމޮކްރަސީގެ އުނދަގޫ މަގުން ހިނގުމަށް މުހިންމު ހުނަރެކެވެ. ކަޅާއި ހުދުގެ ދުނިޔެ ދޫކޮށް، ގިނަ ބާވަތުގެ، ތަފާތުދަރަޖައިގެ ކުލަތައް ފެންނާނީ، ހިތުގެ އަޑިން ޑިމޮކްރަސީގެ އުސޫލުތައް ޤަބޫލު ކުރާ ފަރާތްތަކަށެވެ. ފާޑު ކިޔާމީހުންނަށް ޖާގަ ދެވިގެން މެނުވީ، ޑިމޮކްރަސީގެ އިޖްރާއައްތައް ފުރިހަމައެއް ނުކުރެވޭނެއެވެ. އެހެންކަމުން ފާޑުކިޔާ މީހުންނަށް ދަޢުވަތުދީ އެމީހުން ކިޔަނީ ކީކޭތޯ ބަލަމާތޯއެވެ؟ ފަޑުކިޔާ މީހުންނަކީ ސިޔާސީ ހަތުރުން ކަމުގައި މިފަހަރު ނުދެކެމާތޯއެވެ؟