
މަޢުލޫމާތު ގެ އަސްލު
ކުރީގެ ޒަމާންތަކުގައި އިންސާނުން ދިރި ދެމި ތިބި ގޮތާއި މެދު މިޗެޕްޓަރުގައި ލިޔެފައިވަ މައުލޫމާތުތަކަކީ ތަފާތު ތާރީޚި އަދި އެންތްރޮޕޮލޮޖިކަލް ލިޔުންތަކުގެ މައްޗަށް ބިނާ ކޮށްފައިވާ މައުލޫމާތެވެ. ރާއްޖޭގެ އިހުގެ ތާރީޚާއި ބެހޭގޮތުން މި ޗެޕްޓަރުގައި ބޭނުންކުރެވުނު ވަރަށް ގިނަ މައުލާމާތަކީ “ދިވެހިންގެ ތަރިކަ 13” މިފޮތުގައި އފ. ނަސީމާ މުޙައްމަދު ލިޔުއްވައި ދިވެހި ބަހުގެ އެކަޑަމީއިން 2014ގައި ޝާއިޢު ކޮށްފައިވާ ފޮތް “ދިވެހި ވިޔަފާރި” މި ފޮތުގައި ލިޔުއްވާފައިވާ މަޢުލޫމާތެވެ. މިޗެޕްޓަރުގެ އަމާޒަކީ 1970 ގެ ކުރީ ކޮޅާއި ހަމައަށް ވާސިލު ވުން ކަމުގައި ވާތީ، މިތާނގައި މިނަކަލު ކުރަނީ ނަސީމާގެ ތަފްސީލީ މައުލޫމާތުގެ ވަރަށް ކުރު ޚުލާސާއެކެވެ. އެޒަމާނުގައި ދިވެހި ވިޔަފާރި ހިނގާފައިވާ ގޮތުގެ ތަފްސީލި މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅު ބޭފުޅުން، ނަސީމާގެ ފޮތް ކިޔުއްވުމަށް އިލްތިމާސް ކުރަމެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިތިބޭތާ 2،500 އަހަރަށްވުރެ ގިނަދުވަސް ވެފައިވާކަމުގެ ސާފު ނިޝާންތައް ތާރީޚުން ފެންނާން އެބަހުއްޓެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެން މިއުޅެމުން ގެންދާ ދިވެހިރާއްޖެ، މި މުޖްތަމަޢު އަދި މި ދިވެހި އިޤްތިޞާދު ފަރުމާ ވެގެން އަންނަން ފެށީ، 1970ގެ ކުރީ ކޮޅުން ފެށިގެންނެވެ. ހިކި ކަނޑުމަހުގެ އެކްސްޕޯރޓަށް ބަރޯސާ ވެފައިވާ ދިވެހި މަސްވެރިކަމުގެ ސިނާއަތް ބަދަލު ވާން ފެށީ 70ގެ އަހަރުތަކުގެ ކުރީ ކޮޅުގައެވެ. ހަމަ އެދުވަސްވަރު، 1972ގައި، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފްވެ، ހީވެސް ނުކުރާ ވަރުގެ ބޮޑެތި ބަދަލުތަކެއް ދިވެހި އިގްތިސާދަށް، އަދި ޖުމްލަކޮށް ދިވެހި ގައުމަށް ގެނުވިއެވެ.
މަޖްބޫރުކަމެއްނެތި ބަދަލުކުރެވޭ މުދަލާއި ޚިދުމަތުގެ މައްޗަށް މެނުވީ ދޭދޭ ޤައުމު މެދުގައި ދެމެހެއްޓެނެވި ވިޔަފާރީގެ މުޢާމަލާތެއް ނުހިންގޭނެއެވެ. އެހެން ގައުމެއްގައި އުފައްދާ މުދަލެއް ނުވަތަ ޚިދުމަތެއް، އަނެއް ގައުމަށް އެތެރެ ކުރެވޭނީ އެމުދަލެއް ނުވަތަ ޚިދުމަތެއް ގަތުމަށް އަގުދީ ގެންނެވެ. މިއަދު އަޅުގަނޑުމެންގެ އިގްތިސާދު، ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާއިރު، ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ފެށިފައިވަނީ 1972 އިންނެވެ. އެދުވަހާއި ހަމައަށް މައިގަނޑު ގޮތެއްގައި ދިވެހި އިޤްތިސާދު ބިނާވެފައިއޮތީ ކިހިނަކުންބާއެވެ؟
ނަމަވެސް، 1970’ގެ އަހަރުތަކުގެ މާކުރިއަށްވެސް ދިވެރިރާއްޖޭގައި ދިވެހިން ދިރިތިބެ، ޢާއިލާބަލައްޓައި، ޤައުމާއި ދީން ދިފާޢުކޮށް، ދުނިޔެއާއި މުޢާމަލާތް ކުރަމުންގެންދިޔައެވެ. އުނގެނި، ދަސްވެ، މަޢުލޫމާތު މުއްސަނދިވާން ބޭނުން ފަރާތްތަކަށް މުހިންމު ވާނޭ ކަމުގައި ދެކި. މިޗެޕްޓަރގެ ބޭނުމަކީ ރާއްޖާގެ ތާރީޚުގެ ‘އިއްޔެ ނޫން އިހަށް ދުވަހު’ އާއި ހަމައަށް ޖެހިލުމެވެ
1.1 ތަޢާރުފް
ރާއްޖޭގައި މީހުން ދިރިތިބޭތާ 2،500 އަހަރަށްވުރެ ގިނަ އަހަރު ވެފައިވާ ކަން ޔަގީން ކުރެވޭއިރުގައި، އެހާ ކުރީޒަމާނުގައި، އަންޒަމާނުގައި، ގައުމުތަކުގައި މީހުން ދިރިތިބީ ކިހިނަކުންތޯ، ދިރިހުރުން ފަރުމާ ކުރަނީ ހަމައެކަނި ރަށުން ނުވަތަ ގައުމުން ލިބެން ހުންނަ ތަކެއްޗައްތޯ، ގައުމުގައި ނުއުފެއްދޭ ތަކެތި ހޯދަނީ ކޮން މަގަކުންތޯ، ވިސްނާލުމަކީ ޢިލްމު އުގެނުމަށް ޝައުޤު ވެރިކަން ހުންނަ ޒުވާނުންނާއި ހަރުންނަށް މުހިންމުކަމެށް ކަމުގައި ނޫނީ ނުވާނެއެވެ. އަދި މިއަދުގެ ދިވެހި އިޤްތިޞާދު ފުރިހަމައަށް ދެނެގަނެވޭނީ އަޅުގަނޑުމެން މިހިސާބަށް ދަތުރުކުރި ކަނޑު ދަނެގެންނެވެ. މާދަމާ ދަތުރު ކުރަން ބޭނުންވާ މިސްރާބު، ސަމުގާ ކުރެވޭނީ އިއްޔެ ދަތުރުކުރި ކަނޑާއި، ދަތުރުގައި ކުރިމަތިވި ހާދިސާތައް ސާފުވެ، އެކަމުން ޢިބްރަތާއި ދަރުސް ލިބިގަނެގެންނެވެ.
ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއް އަމިއްލައަށް އުފައްދާ ވަކި ބަޔަކު، ނުވަތަ ޤަބީލާއެއް، އަދި ކުޑަ ނުވަތަ ބޮޑު ޤައުމެއް ވިޔަސް މިއަދަކު ނުވެއެވެ. ވަކިން އެކުލެވިފައިވާ ވަކި ޤައުމެއް ކަމުގައިވިޔަސް، ނުވަތަ ޔޫރަޕްގެ އިއްތިހާދުފަދައިން ޖަމްޢުކުރެވިފައިވާ އުފެއްދުންތެރި އެތައް ޤައުމެއް ކަމުގައި ވިޔަސް، އެހެނިހެން ޤައުމުތަކުގައި އުފައްދާ މުދަލާއި ޚިދްމަތް ލިބިގަނެ، ވިޔަފާރިކޮށް ހެދުމަކީ މިއަދުގެ ޙަޤީޤަތެވެ. އެހެން ކަމުން މިއަދުގެ ދުނިޔެއަކީ އިޤްތިޞާދީ ގޮތުންނާއި އެހެނިހެން ތަފާތު ގޮތްގޮތުން އެއްގައުމު އަނެއް ގައުމާއި އެތައް ގޮތަކުން ގުޅި ލާ މެހިފާވައިދާ ދުނިޔެއެކެވެ.
ދިވެހިރާއްޖެ ފަދަ ޖަޒީރާ އަދި ޤުދުރަތީ މުއްސަނދިކަން ހަނި ޤައުމުތަކުގައި، އެހެނިހެން ޤައުމުތަކާއި ކުރެވޭ ވިޔަފާރީގެ މުޙިންމުކަން އިތުރަށް ބޮޑެވެ. ކާޑުގެ ބާވަތްތަކާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ތަކެއްޗާއި، ބޭހާއި، ހިފާ ގެންގުޅޭ ކަންވާރު ފަދަ މުހންމު ތަކެއްޗަކީ ރާއްޖެއިން ލިބެންހުންނަ ތަކެއްޗެއް ނޫނެވެ. އެހެންކަމުން ޤައުމު ބިނާކޮށް، މުޖްތަމަޢު ކުރިއަރުވައި، މީސްތަކުން ދުޅަހެޔޮކޮށް ބޭތިއްބުމަށްޓަކައި އަބަދުވެސް ބޭރުން އެތެރެކުރެވޭ ތަކެއްޗަށް ދިވެހި ޤައުމު ބަރޯސާވާން ޖެހިދެއެވެ.
1.2 އަންޒަމާނުގެ މުސްކުޅި ވާހަކަ
މީލާދީ ގޮތުން 15 ވަނަ ޤަރުނުގެ އަހަރުތަކުގައި ޔޫރަޕިއަނުންގެ އިސްތިޢުމާރީ ބާރު ފެތުރުމާއި ހަމައަށް، އެކަހެރިކޮށް ހުރި ޤައުމުތަކުގައި އަހުލުވެރިވެ އުޅުނު ރައްޔަތުން ދިރިއުޅުނީ އެޤައުމެއްގެ ދަނޑުވެރިކަމުގެ އުފެއްދުމާއި، ޝިކާރުކުރެވޭ ޖަނަވާރު، ދޫނި ސުފާސޫފީގެ ބާވަތްތަކާއި، ކައިރީ ކަނޑުތަކުންނާއި ފަޅުތަކުން ލިބިގަނެވޭ މަހުގެ ބާވަތްތަކުގެ މައްޗަށެވެ. އޮސްޓްރޭލިޔާ ފަދަ ބޮޑެތި ބިޔަ ޤައުމުތަކާއި، ކެރީބިއަން އަދި ޕަޕުއާ ނިޔުގިނީ ފަދަ ބިޔަ އެހެނަސް ޖަޒީރާ ޤައުމުތަކާއި އަދި ހުޅަނގު ޕެސިފިކްގެ ކުދި ޤައުމުތަކުގެ އަހުލުވެރިން ދިރި އުޅުނީ މިފަދައިންނެވެ. ވެށިން ލިބެން ހުރި ރޯއްޖަށް ބަރޯސާވެގެންނެވެ. ރަށުގެ އުފެއްދުންތައް ދީ، ވެށީގައި ނުއުފެދޭ ބޭރުތަކެތި ހޯދައިގެން، ވިޔަފާރީގެ ގޮތުން ބޭރު ޤައުމުތަކާ ގުޅުން އުފައްދައިފައިވާ އިޤްތިސާދެއް ޤާއިމުކުރެވިފައިވާކަމަށް ފެންނަނީ ވަރަށް މަދު ގައުމެއްގައެވެ.
މޫސުން ރަނގަޅުވެ، ގޮވާމާއި ޝިކާރަ ކުރެވޭ ތަކެތީގެ އަދަދު ގިނަވުމުން ގައުމަށް ފާގަތިކަން އައިސް، މީހުންގެ ޢަދަދު އިތުރުވެ، ރައްޔަތުންނަށް ދުޅަހެޔޮކަން ލިބެއެވެ. ދަނޑުގޮވާން ކުރުމަށް މޫސުން ތަންނުދިނުމުން، ނުވަތަ ޝިކާރުކުރާ މައިގަނޑު ޖަނަވާރު މަދުވުމުން ދަތި ދުވަސްވަރާއި ކުރިމަތިވެ، ބަނޑުހައިކަން ތަހައްމަލުކޮށް، އާބާދީ މަދުވެ، ބައެއް ހާލަތްތަކުގައި އާބާދީ އެކުގައި ނެތިދެއެވެ. ތާރީޚު ޢިލްމުވެރިންގެ ގިނަބަޔަކު މިއަދު ވިދާޅުވާ ގޮތުގައި، މަޝްހޫރު އީސްޓަރ އައިލެންޑްސްއަކީ އަދި އެހިސާބުގެ ކުދި އެތަކެއް ޖަޒީރާ ޤައުމުގެ ފެންނަން ހުރި ނިޝާންތަކަކީ، ރޭވުންތެރިކަމުގައި ބަޔަކު ދިރިތިބެ، ބިނާ ކުރުވަނިވި ސަޤާފަތަކާއި އާދަކާދަތައް އެކުލެވި، ގިނަދުވަސް ވަންދެން އާރާސްތު ކުރެވިފައިވާ ސިވިލިޒޭޝަނެއްގެ ނިޝާންތަކެވެ. މިފަދަ ކުދި ޤައުމުތަކުގެ އާބާދު ހުސްވެފައިވާ ސަބަބެއްކަމުގައި ސައިންސް ވެރިން މިހާރު ބުނަނީ، ޤައުމުގެ ޤުދްރަތީ ރައުސުލްމާލު، ލާ ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމުގެ ސަބަބުން، ޤައުމީ މުއްސަނދިކަން ހުސްވެ މީސްތަކުން ނެތި ދިޔުން ނުވަތަ ގައުމު ދޫކޮށް އެއްކޮށް ހިޖުރަ ކުރަން ޖެހުން ކަމަށެވެ. އިސްތިއުމާރީ ޙަރަކާތްތަކުގެ ރަންޒަމާން ކަމުގައި ބެލެވޭ މިލާދީން 16 ނުވަތަ 17 ވަނަ ގަރުނުގައި، އިނގިރޭސިންނާއި، ލަންދޭންސީން (ޑަޗް)، ސްޕެއިންގެ މީހުންނާއި (އަންދަލޫސުން) ، ފަރަންސޭސީން އަދި ޕޯޗްގީޒުން (ފުށެތިކާލުން) މި ދެންނެވި ޤައުމުތަކުގައި އިސްތިއުމާރީ ހަންފެތުރުމާއި ހަމައަށް، ވަކިން ހުރި ގިނަ ގައުމުތަކުގެ އަހުލުވެރި (ނޭޓިވް) ރައްޔަތުން ދިރިއުޅުނު ކަމަށް ބުނަނީ އެބައިމީހުންގެ ވެށިން ލިބޭ އެއްޗެއްގެ މައްޗަށް ދިރިއުޅުން ބައްޓަން ކޮށްގެންނެވެ.
ނަމަވެސް، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ތާރީޚު ތަފާތެވެ. ރާއްޖެއަކީ ކުޑަ އަދި ވަސީލަތުގެ ގޮތުން ލާ މުއްސަނދި ޤައުމެއް ކަމުގައި ވިޔަސް، ދިވެހިރާއްޖެ ލައްވާފައިވަނީ، ދޭދޭ ގައުމުތަކުގެ މެދުގައި، އަންޒަމާނުގައި ހިނގަމުން ދިޔަ ވިޔަފާރި މުއާމަލާތް ތަކުގެ ނާރެހެއްގެ ގޮތުގައެވެ.
ޖިއޮގްރަފީގެ ނިޔާއާއި އެއްގޮތްވާ ގޮތުގެ މަތިން، އަންޒަމާނުއްސުރެ ދުރު އިރުމަތީގެ ގައުމުތަކުން، މެދު އިރުމައްޗަށާއި އެފްރިކާއަށް، ވިޔަފާރި ކަންކަމުގައި ކުރި ދަތުރުތައް، ހިނގަމުން ދިޔައީ ދިވެހި ރާއްޖެ ހުރަސްކޮށެވެ. ސީނުކަރައިން (ޗައިނާ) އާއި އަސޭކަރައިން (އިންޑޮނީޝިއާ) އަދި ބެންގާލުން (މިހާރުގެ ބަންގްލާދޭޝް އަދި ވެސްޓް ބެންގާލް) އިން ފުރައިގެން، އިންޑިޔާގެ ހުޅަނގު ބިތަށް، މެޑިޓަރޭނިއަން ކަނޑުގެ ޤައުމުތަކަށް ނުވަތަ، އެފްރިކާއަށް ކުރާ ދަތުރުތަކުގެ ކަނޑުއޮޅީގައި ރާއްޖެ އޮތުމުންނާއި، ރާއްޖެއިން އޭރު ލިބެން ހުރި ވިޔަފާރި މުދަލުގެ ސަބަބުން ރާއްޖެ ހިމެނުނީ އެޒަމާނުގެ ވިޔަފާރި ދަތުރުތަކުގެ މަޖްބޫރު މަންޒިލެއްގެ ގޮތުގައެވެ.
އަންޒަމާނުގައި މިދަތުރުތައް ކޮށްއުޅުނީ ރިޔާނެގި އޮޑިފަހަރުގައި، މޫސުމާއި އޮޔަށް، އަދި ވަޔަށް ބަލައިގެންނެވެ. އިންޑިޔާ ކަނޑު ހުރަސްކޮށް ދަތުރު ކުރި ފަރާތްތަކަށް، ރާއްޖެ ވެފައިވަނީ މުހިންމު ގައުމަކަށެވެ. ގަދަވިއްސާރަ އާއި ކޮޅިން ސަލާމަތްވުމަށް ރައްކާތެރި ބަނދަރެއްގެ ގޮތުގައެވެ. އިރުވައިގައި އިރުން ހުޅަނގަށް ދަތުރުކޮށް، ހުޅަނގުގެ ގަދަ ނިމި، މޫސުން މަޑުވަންދެން ނިވައި ލިބޭ އަމާން ވެއްޓެއްގެ ގޮތުގައެވެ. ހުޅަނގުގެ ގަދަ މަޑުވެ، އޮގަސްޓް ސެޕްޓެމްބަރ މަހު ފުރައިގެން މަލާބާރަށް (އިންޑިޔާގެ ހުޅަނގު ބިތުގެ ރަށްތަކަށް) ނުވަތަ މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ފާރިސްކަރައަށާއި ޔަމަނުގެ އަދަނަށް ނުވަތަ އެފްރިކާގެ އިރުމަތީ ބިތަށް ދަތުރުކުރި ފަރާތްތަކަށް ރާއްޖެއަކީ މަޖުބޫރު، އަދި އަމާން މަންޒިލެއް ކަމުގައި ވަނީ ގަބޫލު ކުރެވިފައެވެ.
މާސިންގާ ބޮޑެތި އާގުބޯޓު، ހާހުން ގުނާލެވޭ ހޯސްޕަވަރުގެ އެހީގައި، މަޑުވުމެއްނެތި މިއަދު އިންޑިޔާ ކަނޑު ހުރަސް ކުރިކަމުގައިވިޔަސް، އިލި ޖަހައިގެން ލަކުޑިން ބަނދެ، ރޯނުގެ ވާވާލެވާލި ބޭނުންކުރި ބަނގަލާ އޮޑި ފަހަރާއި ނައު ތަކުގައި ކުރި ދަތި، އުނދަގޫ، އަދި ގިނަދުވަސް ހޭދަކުރާ ދަތުރުތަކުގައި ދަތުރުވެރިންނަށް ރާއްޖެ އަކީ މުހިންމު މަޖުބޫރު ބަނދަރެކެވެ. އެތަކެއް މަސްދުވަހަށް ދެމިގެންދާ ދަތުރުތަކުގައި ބޯފެނާއި ކާޑު އާކޮށް، މަރާމާތު ނިންމައި، ވަރުބަލިކަން ފިލުވައި، ވައިހެޔޮ ވަންދެން ތިބުމުގެ އިތުރުން އެޒަމާނުގެ ވިޔަފާރިއަށް ބޭނުންވާ ވަރަށް މުހިންމު ތަކެތި އެދުވަސްވަރު، އެންމެ ރަނގަޅު ގޮތުގައި ލިބެމުން ދިޔައީ ދިވެހިރާއްޖެއިން ކަމުގައި ހެކިދޭ އެތަކެއް ނިޝާނާއި ލިޔުންތައް މިއަދުވަނީ ހާމަކަން މަތީގައި ފެންނާށެވެ.
ނައުފަހަރު ރާއްޖޭގައި އާންމުކޮށް ބަނދަރުކުރާ ކަމުގައި ވަނީ އިރުވައި މޫސުމުގެ ގަދަ ނިމި، ފެބްރުއަރީ ހިސާބުގައެވެ. މިއަދުވެސް އަޅުގަނޑުމެން ތަޖްރިބާ ކުރަމުންގެންދާ ފަދައިން، މާރޗް – އެޕްރީލްގައި ވައި ހިނދި، މަޑު ދުވަސްވަރު ނިމި، ދެމޫސުން ބެދޭ ހުޅަނގުގެ ގަދަ ނަކަތްތަކުގެ ވިއްސާރަ ނިމެންދެން، އޮގަސްޓް، ސެޕްޓެމްބަރާއި ހަމައަށް ދާންދެން މިފަދަ ނައު ފަހަރު ރާއްޖޭގައި ބަނދަރު ކޮށްގެން ވިޔަފާރި ކުރުމަށާއި، ނައުފަހަރުގެ މަރާމާތަށާއި، މޫސުމުގެ ރައްކާތެރިކަމަށް ރާއްޖޭގައި ތިބެތެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން ނައު ފަހަރު އައުން ލަސްވެއްޖެނަމަ، ރާއްޖޭގ އިޤްތިޞާދަށް އެކަމުގެ ހީނަރުކަން ފޯރައެވެ.
1.3 އަންޒަމާނުގެ ވިޔަފާރި މުދާ
މީލާދީ ތާރީޚު ގުނަން ފެށުމުގެ 1000 އާއި 1500 އަހަރުގެ ކުރިންވެސް ސީނުކަރައިގެ މެދުތެރޭ ހިސާބުގައި ފައިސާގެ ގޮތުގައި ބޭނުންކުރި ތަކެތީގެ ތެރޭގައި ބޭނުންކުރެވުން ބޮއްޔަކީ އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމަކުން ގެނެވޭ ބޮއްޔެއްކަމާއި، ސީނުކަރައިގެ ދަތުރުވެރިން ރާއްޖެއައިސް، އެބައިމީހުން ތަށްޓާއި ފަށުއިފޭރާން ވިއްކައި ބަދަލު މުދަލުގެ ގޮތުގައި ބޮލި ބަރުކޮށްގެން ދަތުރުކުރިކަމުގައި ތާރީޚީ ލިޔުންތައް ބުނެއެވެ. ރާއްޖޭގެ ފަޅުތަކުން ހިލާ މިބާވަތުގެ ބޮއްޔަކީ އަންޒަމާނުގެ ގިނަ ވިޔަފާރިތަކުގައި، ފައިސާގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ވަސީލަތެވެ. އެ ޒަމާނުގެ ވަރަށް ގިނަ އަދި ބޮޑެތި އިޤްތިސާދުގައި، ދިވެހި ބޮއްޔަކީ މިއަދުގެ ވިޔަފާރި މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރެވެ. އެހެންކަމުން އެ ޒަމާނުގެ ބައިނަލްއަގްވާމީ ވިޔަފާރި ނުވަތަ އިންޓަރނޭޝަނަލް ޓްރޭޑްގައި ދިވެހިރާއްޖެ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
ތާރީޚު ހެކިދޭ ގޮތުގައި އިއްޔެ ނޫން އިހަށްދުވަހު، ދިވެހިރާއްޖެއަކީ ބޮއްޔާއި، ރޯނާއި، ކުފުރާ އެކްސްޕޯޓް ކޮށްގެން ރާއްޖެއަށް ބޭނުންތަކެތި އިމްޕޯރޓްކުރި ޤައުމެކެވެ. މީގެ އިތުރުން އުޔާއި ފަށުއި ފޭރާން، ކުނާ އަދި މާވަހަރު އެކްސްޕޯޓް ކުރިކަމުގެ ހެކިތައްވެސް ފެންނާން އެބަހުއްޓެވެ.
އެ ޒަމާނަކީ ‘މުދަލަށް މުދައު ބަދަލުކުރާ’ ނުވަތަ ބާޓަރު ސިސްޓަމްގެ ޒަމާނެވެ. ހުރިހާ ގައުމުތަކުން އެއްބަސްވެ، ރުހޭ، އެއް ވައްތަރުގެ ފައިސާ ފޮއްޗެއް ނެތް މި ދުވަސްވަރުގައި ދިވެހިރާއްޖޭގެ ފަޅު ފަރުތަކުން ހިލާ ބޮލި، (ސިޕްރިއާ މޮނެޓާ) ހިމެނުނީ ވަރަށް ގިނަ ފަރާތްތަކުން ރުހޭ ފައިސާއަކަށެވެ. އަދި އެދުވަސްވަރު މިޒާތުގެ ބޮލި ހަމަ އެކަނި ލިބެނީ، ނުވަތަ އެންމެ ގިނައިން ލިބެނީ ދިވެހި ރާއްޖެއިން ކަމުގައި ވިޔަފާރިވެރިން ޤަބޫލުކުރާކަން ތާރީޚީ ޢިލްމު ހެކިދެއެވެ.
ލަކުޑިން ބަނދެ، ރިޔަލުގައި ދުއްވި އޮޑިފަހަރަށް އެހާމެ ބޭނުންވެފައިވާ އަނެއް މުދަލަކީ ދިވެހި ރޯނެވެ. ދިވެހި ރޯނުގެ ފެންވަރު ރަނގަޅު ކަމުން، ވާވެލާވެލީގެ ގޮތުގައްޔާއި އޮޑީގެ އާބާތުރަ ފިލުވައި ހެދުމަށް ރާއްޖޭގައި ވަށާ ރޯނަކީވެސް ދަތުރުވެރިން ވަރަށް ޝައުޤުވެރިކަމާއެކު ހޯދާއުޅުނު އެއްޗެއް ކަމުގައިވެއެވެ. ކަނޑު ދަތުރުކޮށް އުޅުނު ނައުފަހަރުގައި ވަލުގެ ގޮތުގައި ބޭނުންކުރުމަށް އެންމެ ފެންވަރު ރަނގަޅު ރޯނަކީ ދިވެހިން ވަށާ ރޯނު ކަމުގައި އެ ދުވަސްވަރު ޤަބޫލު ކުރެވި، ދިވެހި ރޯނުގަތުމަށް ދަތުރުވެރި ނައުފަހަރުތަކުން މަސައްކަތް ކޮށްފައިވެއެވެ.
ބޮއްޔާއި ރޯނުގެ އިތުރުން، މިއަދުވެސް ޤައުމީ އިޤްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ދިވެހި ހިކިމަހަކީ އެދުވަހުވެސް ދިވެހިވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރި ބާވަތެކެވެ. ސީނުކަރައާ ހަމައަށް ދަތުރުކޮށް، ސުފުރާމަތި ފަޅުވިލުވައިދޭ މީރު އަދި ހަށިގަނޑަށް ފައިދާހުރި ބާވަތެއްކަމުގެ މަޤާމު، މީގެ ދެހާސްއަހަރު ކުރީއްސުރެ ދިވެހި ހިކިކަނޑުމަސް ވަނީ ހޯދާފައެވެ.
އެހެންކަމުން، ރާއްޖެ ލައްވައިފައިވާ ހިސާބުގެ އިތުރުން ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަމުން އުފެއްދޭ ބައެއް ތަކެއްޗަކީ އެޒަމާނުގެ ދުނިޔޭގެ ވިޔަފާރިއަށް މުހިންމު އުފެއްދުންތަކަކަށް ވަނީ ވެފައެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގައި ރާއްޖޭގެ މުހިންމުކަން ދައްކައިދޭ އެންމެ މުހިންމު އެއް ނިޝާނަކީ ދިވެހި ވިޔަފާރީގެ މައްޗަށް އޭރުގެ މަޝްހޫރު ވިޔަފާރިވެރި ގައުމުތައް އަތްގަދަ ކުރުމަށް ކޮށްފައިވާ އެތަކެއް މަސައްކަތެވެ. މިގޮތުން މީލާދީން 15 ވަނަ ޤަރުނު ނިމުނުއިރު ރާއްޖޭގެ ވިޔަފާރި ވަނީ ކަންނަންނޫރު (އިންޑިޔާގެ ހުޅަނގު ބިތުގެ ކަންނޫރޭ ކިޔާރަށް) ވިޔަފާރިވެރިންގެ މުށުގެ ތެރޭގައި ރަނގަޅަށް ތާށިކުރެވިފައެވެ. މިބައިމީހުން ރާއްޖޭގެ އެކި އަތޮޅުތަކުގައި އެޖެންޓުން ބައިތިއްބައިގެން ރާއްޖޭގެ އެކްސްޕޯޓް ކޮންޓްރޯލްކޮށް، ދިވެހި ރަދުން އެބައިމީހުންނަށް ޖިޒީ ދެއްކެވުމަށްވެސް މަޖްބޫރު ކުރުވާފައިވެއެވެ.
މީލާދީން 15 ވަނަ ޤަރުނުގެ ނިމޭ ހިސާބުގައި ޕޯޗްގީޒުން އިންޑިޔާގެ ހުޅަނގު ބިތުގެ އައްސޭރިއަށް ވާސިލްވެ، އެހިސާބުގަނޑުގައި ވަކި ހިއްޕާލުމާއި ހަމައިން މިބައިމީހުންގެ ނުފޫޒުން ސަލާމަތްވުމަށްޓަކައި ދިވެހި ދައުލަތުން ޕޯޗްގީޒުންގެ އެހީއަށް އެދުނެވެ. ދިވެހި ވިޔަފާރިއަށް ނުފޫޒު ފޯރުވުމަށް ޕޯޗްގީޒުންގެ އަމިއްލަ ބޭނުންވެސް އޮތުމާއެކު، ޕޯޗްގީޒް ވިޔަފާރި މަރުކަޒެއް މީލާދީން 16 ވަނަ ގަރުނުގެ ކުރީކޮޅުގައި، މާލޭގައި ޤާއިމުކޮށް، މަލާބާރުންގެ ވަކިތަކުން ރާއްޖޭގެ ވިޔަފާރި މިނިވަން ކުރުމުގެ ނަމުގައި މަސައްކަތް ފެށި، މާލޭގައި ހުރި މަލާބާރުންގެ ވިޔަފާރި މަރުކަޒުތައް ބަންދު ކުރުމަށް މަސައްކަތްތަކެއް ކުރެވުނެވެ.
ނަމަވެސް، ރާއްޖޭއިން ލިބެންހުރި ވިޔަފާރި މުދަލުގެ މުހިންމުކަމުގެ ބޮޑުކަމުގެ ސަބަބުން، ރަސްމީކޮށް މާލޭގައްޔާއި ބައެއް އަތޮޅުތަކުގެ އެޖެންޓުން ބައިތިއްބައިގެން މަލާބާރުން ކުރަމުންދިޔަ ވިޔަފާރި، ދެކުނުގެ ބައެއް އަތޮޅުތަކުގައި ނުރަސްމީކޮށް، ހިޔަނީގައި ކުރަމުންދިޔަ އަނދިރި ވިޔަފާރިއަކަށް ބަދަލުވެ، ރާއްޖޭގައި ހަމަނުޖެހުންތަކެއް ހިނގުމަށް މެދުވެރިވިއެވެ. އެދުވަސްވަރު އިންޑިޔާގެ މަލާބާރުގެ އައްސޭރީގެ ވިޔަފާރި ފަރާތްތަކާއި ޕޯޗްގީޒުންނާ ދެމެދު ހިނގި ސިލްސިލާ ހަމަނުޖެހުން ތަކެއްގެ ތެރެއިން 1520 އާއި 1521 ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި މާލޭގެ ބަނދަރުގައި ހުރި ޕޯޗްގީޒުންގެ ނައުތައް އަންދާލައި، ޕޯޗްގީޒުންގެ އުޅަނދުތަކުގައި ހުރި ހަތިޔާރު ބޭނުންކޮށް އެމީހުންގެ ވެރިއަކަށް ހުރި ފަރާތާއި އެހެނިހެން މީހުން މެރުމަށްފަހު މުދާކޮޅު ހިފައިގެން މަލާބާރީން ފިލިކަމުގައި ވެއެވެ.
މިލާދީން 17 ވަނަ ޤަރުނަކީ ދިވެހި ބޮލީގެ މުހިންމުކަން އިންތިހާއަށް އިތުރުވެ، ރާއްޖެއަށް ނަފާބޮޑު، ހެޔޮ އަހަރުތަކެއް ކަމުގައި ވެއެވެ. އެދުވަސްވަރު އިންޑިޔާކަނޑުގެ ވިޔަފާރިއަށް އަލަށް ވަން ޑަޗް ވިޔަފާރިވެރިންނާއި 18 ވަނަ ޤަރުނުގައި ފަރަންސޭސި ވިޔަފާރިވެރިން ވެސް ޝައުޤުވެރިކަމާއެކު ދިވެހި ބޮލީގެ ވިޔަފާރި ތެރެއަށް ވަނުމަށް މަސައްކަތްކޮށް، ހަނޑޫ ފަދަ ކާޑުގެ ތަކެތި ފުރާ ބަރުކޮށް ހުރި ނައުފަހަރު ފޮނުވައިގެން ރާއްޖޭގެ ވިޔަފާރި ފުރުސަތުތަކަށް އަތްގަދަ ކުރެވޭތޯ މަސައްކަތް ކުރިކަމުގައިވެއެވެ.
މީލާދީން 17 އަދި 18 ވަނަ ޤަރުނަކީ އެމެރިކާ އަދި ވެސްޓް އިންޑީސްގައި އިސްތިއުމާރީ ދައުލަތްތައް ޤާއިމުކުރެވި، އެ ރަށްރަށުގައި ދަނޑުގޮވާމުގެ މަސައްކަތް ކުރުމަށް އެފްރިކާއިން އަޅުން އުފުލުމުގެ ރަންޒަމާނެވެ. އެފްރިކާއިން އަޅުން ގަތުމުގެ މުޢާމަލާތްތަކުގައި، ދެފަރާތް އެއްބަސްވާ ފައިސާއެއްގެ ގޮތުގައި، ދިވެހި ބޮލީގެ މުހިންމުކަން ބޮޑުވެ، މިޒަމާނުގެ ބަހުރުވައިންނަމަ ބެލެންސް އޮފް ޓްރޭޑް ރާއްޖޭގެ ކޮޅަށް ބަރުވި މަދު ފަހަރުތަކުގެ ތެރޭގައި މިދުވަސްވަރު ހިމެނެއެވެ. ތާރީޚު ބުނާ ގޮތުން އެދުވަސްވަރު އެފްރިކާގެ އަޅެއްގެ އަގަކީ ދިވެހި ބޮލީގެ 100 ރާތަލާއި ( 45 ކިލޯ ) 180 ރާތާ (81 ކިލޯ) ދެމެދުއަގެކެވެ. އަދި ބޮލީގެ މުހިންމުކަން ބޮޑުކަމުން ވިޔަފާރި މުޢާމަލާމާތުގެ މުޅި އަގު، ބޮލިން ދެއްކުމުގެ ބަދަލުގައި، އަގުގެ ތިންބައި ކުޅަ ދެބައި ދައްކަނީ އިންޑިޔާއާއި ޔޫރަޕްގައި ވިޔެފައިވާ ފޭރާމުންނެވެ.
ބޮލީގެ ވިޔަފާރި ކުރިއަރައި މީލާދީން 17 ވަނަ ޤަރުނާއި ހަމައަށް އައިއިރު ކޮންމެ އަހަރަކު 30 ނުވަތަ 40 ނައު، ހަމައެކަނި، ބޮލި ބަރުކޮށްގެން ރާއްޖޭން ފުރައިގެން ދާ ކަމުގައި ވެއެވެ. މިގޮތުން މީލާދިން 1683 ގައި ރާއްޖެއަށް ދަތުރު ކުރި ނަވެއްގައި ދަތުރުވެރިޔަކު ލިޔެފައިވާ ގޮތުގައި އެމީހުން ރާއްޖޭގައި ބަނދަރު ކުރިއިރު، ދުނިޔޭގެ އެކި ހިސާބުން ދިހަވަރަކަށް ނައު މާލޭގައި ބަނދަރުކޮށް، ވެރިކަމުގެ ނުފޫޒެއް ނެތި މިނިވަން ވިޔަފާރީގެ މުޢާމަލާތްތައް ހިނގަމުން ދިޔައެވެ.
ތާރީޚީ ހެކި ދައްކާ ގޮތުން މީލާދީން 16 ވަނަ ޤަރުނުން ފެށިގެން 18 ވަނަ ޤަރުނުގެ ނިޔަލަށް ދިވެހި ބޮލި ވެފައިވަނީ ބައިނަލްއަޤްވާމީ ގޮތުން މުހިންމު ގިނަ ފަރާތްތައް ޤަބޫލުކުރާ ޓްރޭޑިންގ ކަރެންސީ އަކަށެވެ. ސީނުކަރާގަޔާއި އަސޭކަރަ، އިރު އަދި ހުޅަނގު އިންޑިޔާގެ އައްސޭރިފަށުގެ ވިޔަފާރިތަކުގައްޔާއި، މެދުއިރުމަތި އަދި އެފްރިކާގެ ޤައުމުތަކުގައި ފައިސާގެ ގޮތުގައި ދިވެހި ބޮލި ބޭނުންކޮށްފައިވާކަމުގެ ހެކި ފެންނާން އެބަހުއްޓެވެ.
ރާއްޖޭގެ ޤުދްރަތީ ވަސީލަތެއް ކަމުގައިވާ ދިވެހި ބޮލީގެ ސަޕްލައިގެ މައްޗަށް ނާރެސް ވެގެން ހިނގަމުންދިޔަ ބައިނަލްއަޤުވާމީ ވިޔަފާރި ހަރަކާތްތައް މަޑުމަޑުން ނިމުމަކާއި ހަމައަށް އައުމުގައި މުހިންމު ދެތިން ކަމެއް ފާހަގަކުރެވެއެވެ. މިގޮތުން އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކުރަމުންދިޔަ އަޅުން ވިއްކުމުގެ ވިޔަފާރިއަށް ހީނަރުކަން އައުމުގެ އިތުރުން އިންޑިޔާކަނޑަށް އިނގިރޭސީންގެ ނުފޫޒް ގަދަވުން ހިމެނެއެވެ. އިންޑިޔާކަނޑުގެ ގައުމު ތަކުގެ ތެރެއިން އިނގިރޭސިންގެ ކޮންޓްރޯލް ދަށަށް ޒެންޒިބާރާއި ސޭޝަލްސް ބަދަލުވެ، ފިލިޕީންސް އަދި ދެކުނު ޕެސިފިކްގެ ކުދި ޖަޒީރާ ޤައުމުތަކުގެ ޤުދްރަތީ މުއްސަނދިކަމަށް ޔޫރަޕިއަނުންގެ ބާރު ފޯރުވުމުގެ މަގު ހުޅުވުމާއި ހަމައިން ރާއްޖޭގެ ބޮއްޔަށް ބަރޯސާވެފައިވާ މިންވަރު ކުޑަ ވާން ފެށިއެވެ. ރާއްޖެއިން ލިބެން ހުންނަ ދިވެހި ބޮލި (ސިޕްރިއާ މޮނެޓާ) އާއި ދާދި އެއްވައްތަރު ބޮއްޔެއް، ސޭޝަލްސް އަދި މޮރިޝަސް ހިސާބުން ލިބޭ ‘ސިޕްރިއާ އެނިއުލަސް’ ހޯދައި، ދިވެހި ބޮލީގެ ބަދަލުގައި (ސަބްސްޓިޓިއުޓް) އެއްގެ ގޮތުގައި ބޭނުންކުރެވެން ފެށިއެވެ. އެހިސާބުން ދިވެހި ބޮލީގެ ރަންތަރި މެދުއުޑުން ކައްސާލާ މަޑުމަޑުން ހުޅަނގަށް ގޮސް އޮއްސެން މިސްރާބު ޖެހިއެވެ.
މިއަދު ހެއްކާއި ނިޝާން ފެންނަން ނެތް ކަމުގައި ވިޔަސް، އެދުވަސްވަރުގައި އުޔާއި ފަށުވީގެ އުފެއްދުން ތަކެއްވެސް ވަރަށް ކުޅަދާނަކަމާއި ހުނަރާއި އެކުގައި ރާއްޖޭގައި ތައްޔާރު ކުރެވެމުން ދިޔުމާއެކު، މިބާވަތުގެ އުފެއްދުންތަކަކީވެސް އެދުވަސްވަރު އެކްސްޕޯޓް ކުރެވުނު ތަކެއްޗެވެ. ރާއްޖޭގައި އުފައްދާ ފޭރާމުގެ އިތުރުން، އިންޑިޔާއިން އުޔާއި ފަށުއި ގެނެސް ރާއްޖޭގެ ފަންނުވެރިން މެދުވެރިކޮށް ފޭރާންވިޔެ، އެފޭރާން ގަނެ ބޭރަށް އެކްސްޕޯޓް ކުރެވުނު ކަމުގެ ހެކިތައް ފޮތްތަކުގައި ފެންނާން އެބަހުއްޓެވެ.
މީގެ އިތުރުން ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކަށް، ޚާއްޞަކޮށް އިނގިރޭސި ވިލާތް ނާރެސްވެގެން ފެށުނު އިންޑަސްޓްރިއަލް ރެވެލިޔުޝަނާއެކު ޔޫރަޕްގެ ޤައުމުތަކުގައި ފޭރާން ވިޔަން ގެންގުޅުނު ޓެކްނޯލޮޖީ ބަދަލުވެ، އުޔާއި ފަށުވީގެ މޮޅު އުފެއްދުންތަކެއް އަގުހެޔޮކޮށް، އިންޑަސްޓްރިއަލް ސްކޭލް (ބޮޑެތި ޢަދަދުން އަގުހެޔޮކޮށް)ގައި އުފައްދާ، މިތަކެތި މުޅި ދުނިޔެއަށް އެކްސްޕޯޓް ކުރަން ފެށުމާއިއެކު ދިވެހި ފަންނާނުންގެ، އުއި އަދި ފަށުވީގެ އުފެއްދުންތައް ބޭނުންވާ މިންވަރު ދަށްވެ، އެބާޒާރު ވެސް ބީވެގެންދިޔައެވެ.
އިލި ޖައިގައިގެން ބަނދެ ދަތުރުކުރި ނައުފަހަރުގެ މަރާމާތަށާއި ވާވެލާ ވެއްޔަށް ދިވެހި ރޯނަކީ ‘ރަން’ ކަމުގައި ވެފައިވީ ނަމަވެސް، ދަތުރުކުރާ އުޅަނދު ތައް ދަގަނޑުން ބަނދެ، ރާއްޖެ ހުރަސްކޮށް ދަގަނޑު ބޯޓު ފަހަރު ދުއްވަން ފެށުމާއިއެކު، މަޑުމަޑުން ރޯނުގެ ޑިމާންޑް ވެސް ދަށްވެ، ދިވެހި ވިޔަފާރި މުދަލުގެ ލިސްޓުން ރޯނު އުނިވެގެންދިޔައެވެ.
1.4 ވިޔަފާރި ހިނގަމުން ދިޔަ ދުޅައަށް އައި ބަދަލު
މޫސުމުގެ ނިވަލަށް، ރާއްޖޭގައި ބަނދަރުކޮށް ތިބުމަށްފަހު، މޫސުން ރަނގަޅުވުމުން، ފުރައިގެން ގޮސް އަނެއްކާ އަނެއް އަހަރުގެ އިރުވައިގެ މަޑު މޫސުން ފެށުމުގެ ކުރިން ވިޔާފާރި ނައުތައް ރާއްޖެ އައިސް ކުރަމުން ގެންދިޔަ ވިޔަފާރީގެ ވައްޓަފާޅިއަށް ބަދަލު ގެނުވި އެއް ސަބަބަކީ، ބޭރުގެ ބައެއް ވިޔަފާރިވެރިން މާލެ ފައިބާ، މާލޭގައި ފިހާރަހުޅުވައިގެން ވިޔަފާރިކުރުމުގެ މަގު، މީލާދީ ގޮތުން 1857 ވަނައަހަރު ދިވެހި ދައުލަތުން ފަހި ކޮށްދިނުމުންނެވެ. ދިވެހި ވިޔަފާރި ހިނގަމުންދިޔަ ދުޅައަށް މިހިސާބުން ބޮޑެތި ބަދަލުތަކެއް އައިސް، ބިދޭސީ ވިޔަފާރިވެރިންގެ ނުފޫޒު ދިވެހި ދާޚިލީ ކަންކަމަށްކުރުވާ، ދިވެހި ވިޔަފާރީގެ ކޮންޓްރޯލް ބިދޭސީ ވިޔަފާރިވެރިންގެ އަތްމައްޗަށް މިދުވަސްވަރުގައި ދިޔައެވެ.
މިދުވަސްވަރު ދިވެހި އެކްސްޕޯޓްގެ ކޮންޓްރޯލް، ރާއްޖޭގައި ފިހާރައަޅައިގެން ތިބި ވޯރާ (ނުވަތަ ބޯރާ) ވިޔަފާރިވެރިންގެ އަތްމައްޗަށް މަޑުމަޑުން ބަދަލުވެ، ދިވެހި އުފެއްދުންތައް ނުއަގުގައި ގަނެ އެކްސްޕޯޓްކޮށް ދިވެހި އުފެއްދުންތަކުގެ ފައިދާ ނަގަމުން ދިޔައީ ވޯރާ ވިޔަފާރިވެރިންނެވެ. ޒަމާނަކީ، ބައިނަލް އަގްވާމީ ވިޔަފާރިދަށްވުމާއިވެސް އެކު، ދައުލަތް ހިންގުމުގައިވެސް ލިބޭ އެއްޗެކަށްވުރެ ޚަރަދުބޮޑު ދުވަސްތަކެއް ކަމުން، ދައުލަތުގެ ބަޖެޓް ޑެފިސިޓް ފޫބައްދަމުން ވޯރާ ވިޔަފާރިވެރިންގެ އަތުން ދައުލަތުން ދަރަންޏަށް ފައިސާ ހޯދަން ފެށުމާއި ހަމައިން ދިވެހި ދާޚިލީ ކަންކަމާއި ބަސްބުނުމުގެ ބާރު، ވޯރާ ވިޔަފާރިވެރިންނަށް ފިސާރި ފުރިހަމަކަމާއެކު ލިބިގެންދިޔައެވެ.
މީލާދީން 1857 އިން ފެށިގެން ވޯރާ ވިޔަފާރިވެރިން ރާއްޖޭގެ ވިޔަފާރީގެ މައްޗަށް ފޯރުވަމުންގެންދިޔަ ނުފޫޒު، އިންތިހާއަށް ބޮޑުވެ، މީލާދީން 20 ވަނަ ޤަރުނު ފެށުނުއިރު ދިވެހި އިޤްތިސާދުގެ 75% އަށް ވުރެ ބޮޑުމިންވަރެއް އެބައިމީހުންގެ ކޮންޓްރޯލް ދަށަށް ގޮސްފައެވެ. އެހެންކަމުން ދިވެހި ދިރިއުޅުމުގެ ވައްޓަފާޅިއާއި، ޙާލަތާއި ކުރިމަގު ބައްޓަން ކުރުމުގެ ބާރާއި ނުފޫޒު ވަނީ ވޯރާ ވިޔަފާރިވެރިންގެ ކޮންޓްރޯލްގެ ދަށުގައެވެ. ދިވެހި ވިޔަފާރީގެ ކޮންޓްރޯލް ވޯރާ ވިޔަފާރިވެރިންނަށް ލިބުމާއި، ދައުލަތަށް ނުފޫޒްފޯރުވުމުގެ ފުރުސަތު ހުޅުވުމާއެކު، މާލޭގެ ވިޔަފާރި މަސްރަޙު ގަޑުބަޑުވެ، ވޯރާވިޔަފާރިވެރިންނާއި ދިވެހިންނާ ދެމެދު ހިނގި ތަފާތު ހަމަނުޖެހުމުގެ ތެރޭގައި 1887 ފެބްރުއަރީގައި މާލޭގައި ހިނގި މަޝްހޫރު “ބޮޑުހުޅު”ގެ ޙާދިސާ ހިނގައި އެތަކެއް ބަޔެއްގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބުނެވެ.
މިފަދައިން ވޯރާ ވިޔަފާރިވެރިންގެ ކޮންޓްރޯލްގެ ދަށުގައި ދިވެހި އިޤްތިސާދު ހިފެހެއްޓިފައިވަނިކޮށް، ދެވަނަ ބޮޑު ބޮޑުހަނގުރާމައިގައި މުޅި ދުނިޔައަށާއި ރާއްޖެއަށް ކުރިމަތިވެއްޖެއެވެ. މިދަތި ދުވަސް ވަރުގައި ކާޑުގެ ތަކެތި އިމްޕޯރޓް ކުރުމަށް ނުކެޅެދި، ‘ލާހި، ބައިލާހި’ ކުރުމަށް މަޖްބޫރު ވިއެވެ. މި ދުވަސްވަރުގެދިވެހި އިޤްތިސާދަށް ބޭރު ފައިސާ ހޯދުމުގެ އެންމެ މުހިންމު ވަސީލަތް ކަމުގައިވާ ހިކިކަނޑުމަސް ގަންނަ އަގު ވަރަށް ބޮޑު ތަނުން ވައްޓާލުމުގެ ސަބަބުން ރާއްޖެއަށް، އަދި ޚާއްސަކޮށް ޚާއްސަކޮށް މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އިތުރު ދަތި ތަކާއި ކުރިމަތި ލާން ޖެހިއްޖެއެވެ.
އެހެންކަމުން ދިވެހި ވިޔާފާރި އަދި ޚާއްސަގޮތެއްގައި ދިވެހި އެކްސްޕޯރޓްގެ ގެ ކޮންޓްރޯލް ވޯރާ ވިޔަފާރިވެރިންގެ އަތްމަތިން ސަލާމަތް ކުރުމަށްޓަކައި ޑިސެމްބަރ 1942 ގައި ‘މަސްގަތުމަށާއި ކާބޯތަކެތި ވިއްކުމަށް’ ރައްޔަތުންގެ ބޮޑު އިސްޓޯރު އުފައްދަވައި، ކާޑު އިމްޕޯރޓް ކުރުމަށާއި ހިކިމަސް ގަނެ އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ބޮޑު ސްޓޯރުން ފަށައިފިއެވެ. މަޑުމަޑުން ގައުމީ ބޮޑު އިސްޓޯރުގެ މަސައްކަތް ފުޅާވެ، އެމް.ޖީ.ބީ.އެސް (މޯލްޑިވް ގަވަރންމަންޓް ބޮޑު ސްޓޯރ) އަށް ބަދަލުވެ، ގޮފިތައް ގިނަވެ ވިޔަފާރި ފުޅާވެގެން ހިނގައްޖެއެވެ.
މޯލްޑިވް ގަވަރންމަންޓް ބޮޑު ސްޓޯރު ގެ ވިޔަފާރި ފުޅާވެ، އެމް.ޖީ.ބީ.އެސް. ގެ ނަމްބަރުތަކެއް އުފެދި ކާޑު ބާވަތްތައް ފިޔަވައި އެހެނިހެން މުދާވެސް އިމްޕޯރޓްކޮށް ވިޔަފާރި ކުރަމުން ދިޔުމަށް ފަހު، 1964 ގައި މައިގަނޑު ގޮތެއްގައި ކާޑުގެ ބާވަތްތައް އިމްޕޯރޓްކޮށް ޑިސްޓްރިބިޔުޓް ކުރުމުގެ މަސައްކަތް ފުޅާކުރުމަށް އަތިރީ މާފަންނުގޭ ޓްރޭޑިންގ އެކައުންޓް (އޭ.ޓީ.އޭ) އުފައްދައިފައިވެއެވެ. އެދުވަސް ވަރު ރާއްޖޭގެ ހުރިހާ ވިޔަފާރިއެއް ހިނގަމުންދިޔައީ ސަރުކާރު ބައިވެރިވާ 4 ކުންފުނި ގައުމީ ކުންފުނި، މައިޓް ކުންފުނި، އޯކިޑް ކުންފުނި އަދި ސިނަމާ ކުންފުންޏެވެ. މި 4 ކުންފުނި 1967 ގައި އުވާލައްވާ، އެ ކުންފުނިތަކުން ކުރަމުން ގެންދިޔަ ވިޔަފާރިތައް އޭ.ޓީ.އޭ. އަށް ބަދަލުކުރައްވައި، އޭ.ޓީ.އޭ. އިން މުދަ އެތެރެކޮށް އެމް.ޖީ.ބީ.އެސް.ގެ ނަންބަރުތައް މެދުވެރި ކޮށް ވިއްކާ ގޮތަށް ހަމަޖެއްސުނެވެ.
އޭ.ޓީ.އޭ. އިން އެތެރެ ކުރާ ކާޑުގެ ތަކެތި ވިއްކުމާއި ޑިސްޓްރިބިޔުޓް ކުރަނީ އެމް.ޖީ.ބީ.އެސް ގެ އެކި ނަންބަރު ތަކުގެ ގޮތުގައި ހުޅުވިފައި ހުރި ފިހާރަތަކުންނެވެ. މިގޮތަށް ދައުލަތުގެ ވިޔާފާރީގެ ކަންތައް ހިނގަމުން އެތަކެއް ދުވަހު ދިޔުމަށް ފަހު ޖޫން 1979 ގައި ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން (އެސް.ޓީ.އޯ.) އުފެދި އޭ.ޓީ.އޭ. އަދި އެމް.ޖީ.ބީ.އެސް ގެ ވިޔަފާރި މުއާމަލާތް ތައް އެސް.ޓީ.އޯ. ގެ ތެރެއަށް ލާމެހިގެން ހިނގައްޖެއެވެ.
ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައިވާ ވޯރާ ވިޔަފާރި ވެރިންގެ ވަކިތަކުން ދިވެހި އިޤްތިސާދު ބީ ކޮށް، ދިވެހި އިޤްތިސާދު މިނިވަން ކުރުމަށް ފެށުނު މަސައްކަތް ކާމިޔާބު ކުރެވި، ދިވެހި އިޤްތިސާދުގެ ކޮންޓްރޯލް ފުރިހަމަ ގޮތުގައި ދިވެހިންގެ އަތްމައްޗަށް ގެނެވިފައިވަނީ 1 އޮގަސްޓް 1962 އިން ފެށިގެން ވޯރާއިންގެ ވިޔަފާރި ރާއްޖޭގައި މަނާ ކުރެވުނު ހިސާބުންނެވެ. ވޯރާ ވިޔަފާރިވެރިންގެ ވަކިތަކުން ރާއްޖެގެ އިޤްތިސާދު މިނިވަން ވުމުގެ އިތުރުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ މައްޗަށް ހުރި ވޯރާ ވިޔަފާރިވެރިންގެ ނުފޫޒުންވެސް އެހިސާނުން ރާއްޖެ މިނިވަން ކުރެވުމުން ކުރެވުނެވެ.
ޖުލައި 1965ގައި ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމަޖެހުމަށް ފަހު، އެއަހަރު ޑިސެމްބަރުގައި “ރާއްޖޭގެ ޙާލަތު ދެނެގަތުމަށާއި، ރާޢްޖޭގެ ވަސީލަތްތަކުގެ މިންވަރުގެ މައްޗަށް ބަލައި ތަރައްޤީވުމަށް ހުރިމަގުތައް ކަނޑައެޅުމަށާއި އެކަމަށް ބޭނުންވާ ޓެކްނިކަލް އަދި އެހެނިހެން އެހީއާއި އެއްބާރުލުން ހޯދުމުގެ” ނިޔަތުގައި ސާރވޭއެއް ހަދާދިނުމަށް ޔޫ.އެން.ޑީ.ޕީ.ގައި ދިވެހި ސަރުކާރުން އެދިވަޑައިގަތެވެ. އެކަމަށް އިޖާބަދެއްވުމުގެ ގޮތުން ޔޫ.އެން.ޑީ.ޕީ. އިން 4 މެންބަރުންގެ ޓީމެއް އެޕްރީލް 1966 އިން ރާއްޖެއަށް ޒިޔާރާތް ކުރައްވާ އެކުލަވާލެއްވި ރިޕޯޓަކީ ރާއްޖޭގެ އޭރުގެ ޙާލާތު، ޚާއްޞަކޮށް އިޤްތިޞާދީ ޙާލަތު، ބަޔާން ކުރެވިފައިވާ ފުރަތަމަ ޕްރޮފެޝަނަލް ރިޕޯޓެވެ. ދިވެހި ރާއްޖެއާއި ބެހޭގޮތުން، ޚާއްޞަކޮށް ދިވެހި އިޤްތިޞާދާއި ބެހޭ ގޮތުން، ލިބެން ހުރި މަޢުލޫމާތާއި ތަފާތުކޮށް، މިދެންނެވި ރިޕޯޓަކީ ރާޢްޖޭގެ އުތުރަށާއި ދެކުނަށް ދަތުރުކޮށް، ދިރާސާތަކެއްގެ މައްޗަށް ޢިލްމީ ތަޖްރިބާކާރުން، ރާއްޖޭގެ ޙާލަތު ވަރަށް ފުރިހަމައަށް ބަޔާން ކޮށްދީފައިވާ، މަޢުލޫމާތުގެ ގޮތުން މުއްސަނދި ރިޕޯޓެކެވެ.
މި ފޮތުގެ މައި ލިޔުންތައް ބިނާވެފައިވާ ދުވަސްވަރު ކަމުގައިވާ މީލާދީން 1965 އާއި ހަމައަށް އައިއިރު ދިވެހި މައިގަނޑު އެކްސްޕޯޓަކީ ހިކިކަނޑުމަހެވެ. ކުރީ ޒަމާނުގެ ދިވެހި އިޤްތިޞާދު ދިރުވައިދިން، ބޮއްޔާއި ރޯނާއި، ފޮތީގެ ވިޔަފާރި، ބަދަލުވަމުން ދިޔަ ދުނިޔޭގެ އޮއިވަރާއެކު ފުރޮޅިގެން ހިނގައްޖެއެވެ. މީލާދީން 1964 ވަނަ އަހަރުގެ އެކްސްޕޯޓު އާމްދަނީގެ 99% އަކީ މަހުގެ ބާވަތްތަކުގެ އެކްސްޕޯޓެވެ. ބައެއްއަހަރުތަކުގައި ކުފުރާއާއި ރޯނުގެ ބާވަތްތަކުން 4% އާމްދަނީ އެވެރެޖްކޮށް ހޯދާފައިވާ ކަމަށް ރިޕޯޓުގައި ލިޔެފައިވެއެވެ.
މަސްވެރިން ބާނާ މަސް ކައްކާ ހިއްކުމަށް ފަހު ވިއްކަނީ ރަށުގެ ވިޔަފާރި ވެރިންނަށެވެ. އާންމުކޮށް އޮޑިވެރިންނަށެވެ. ރަށުގައި މަހުގެ އަގު ކަނޑައެޅެނީ ހިކިފައިވާ މިންވަރުގެ މައްޗަށެވެ. އޮޑިވެރިން މާލެއަށް ދަތުރުކޮށް މަސްވިއްކަނީ ސަރުކާރު ވިޔަފާރި އިދާރާ ކަމުގައިވާ ސަރުކާރުގެ ބޮޑުއިސްޓޯރަށެވެ. ބޮޑުއިސްޓޯރުން ސިލޯނަށް މަސްފޮނުވައި، ކުރިން ހަމަޖެހިފައިވާއަގަކަށް ވިއްކަނީ ސިލޯނުގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ކުންފުނި ކަމުގައިވާ މޯލްޑިވް ނެޝެނަލް ޓްރޭޑިންގ ކޮމްޕެނީ (އެމް.އެން.ޓީ.ސީ.) މެދުވެރިކޮށް ސިލޯނު ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ ކޯރޕަރޭޓް ހޯލްސޭލް އެސްޓަބްލިޝްމަންޓް (ސީ.ޑަބްލިޔު.އީ) އަށެވެ. ރާއްޖެއަށް ބޭނުންވާ ތަކެތި ގަންނަނީ މިގޮތުން ލިބޭ އެކްސްޕޯޓް ކްރެޑިޓަށް ސިލޯނު ސަރުކާރުންނެވެ. ސިލޯނު ސަރުކާރުން މިތަކެތި ވިއްކަނީ އެމިހުންނަށް ޖެހުނު އަގުގެ މައްޗަށް 3% ފައިދާ އިތުރު ކުރުމަށްފަހުއެވެ. މަހުގެ ބާވަތްތަކުގެ އެކްސްޕޯޓާއި ރާއްޖެއަށް ބޭނުންވާ ކާޑުގެ ތަކެތި އިމްޕޯޓް އޮންނަނީ ސަރުކާރުގެ ވިޔަފާރިއެއްގެ ގޮތުގައި ޚާއްޞަ ކޮށްފައެވެ. ވިޔަފާރީގެ ޓެކްސެއް އަދި ދައުލަތުގެ ދަރަންޏެއް އެދުވަސްވަރު އޮތްކަމަކަށް ނުވެއެވެ.
ދިވެހި އިޤްތިޞާދުގެ އިއްޔެ ނޫން އިހަށްދުވަހު ރާއްޖެއަކީ މިސަރަހައްދުގެ ވިޔަފާރި ނާރެހެކެވެ. ރާއްޖޭގެ މުއްސަނދިކަމުން ވިޔާފާރި ކުރުމަށްޓަކައި ދުރާއި ގާތުން، އަމިއްލަ ވިޔާފާރި ވެރިންނާއި ކައިރި އަދި ދުރު ގައުމުތަކުގެ ގައުމީ އޮޑިފަހަރު އައިސް ވިޔަފާރި ހިނގިއެވެ. އަދި އެކި ގައުމުން ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަމުގެ މައްޗަށް އަތްގަދަ ކުރުމަށް އެކިސިފައިގައި މަސައްކަތް ކޮށްފައިވެއެވެ.
ނަމަވެސް، މީލާދީން 1970ގެ އަހަރުތަކާއި ހަމައަށް އައިއިރު ދިވެހި މައިގަނޑު އެކްސްޕޯޓަކީ ހިކިކަނޑުމަހެވެ. ދިވެހިންގެ ބައެއް ވިޔަފާރިވެރިން، ޚާއްސަކޮށް ހުވަދޫ، އައްޑޫ އަދި ބޮޑު ތިލަދުންމަތީގެ ބައެއް ވިޔަފާރިވެރިން، ސީދާ މަލާބާރު ސަރަހައްދަށާއި ސިލޯނުގެ ކޮޅުނބަށް އަދި ގާއްޔަށް ދަތުރުކޮށް، މަސްވިއްކާ، މުހންމު ބައެއް ތަކެތި އިމްޕޯޓް ކުރަމުންދިޔަނަމަވެސް، މައިގަނޑު ގޮތެއްގައި ދިވެހި ވިޔަފާރި ނާރެސްކުރެވިފައިވަނީ ދިވެހި ސަރުކާރާއި ސިލޯނު ސަރުކާރާ ދެމެދުކުރެވޭ ވިޔަފާރިއެއްގެ ގޮތުގައެވެ.
“ދިވެހި އިޤްތިސާދު ދެނެގަތުމުގެ 1 ވަނަ ފޮތް- ‘ދިވެހި ސިނާޢަތްތައް’ ތަކަށް ވަކިވަކިން ބަލާލުމުގެ މަސައްކަތް ފަށާފައިވާނީ 2 ވަނަ ޗެޕްޓަރ – ‘މަސްވެރިކަން’ އިން ފެށިގެންނެވެ.
