މިފަހަރު ނުކުރާންވީ ކަންތައްތައް 3- ރައްޔަތުންގެ ވޯޓު ‘ގަތުމަށް’ ހިފައިގެން ނުތެދުވެވޭވަރުގެ ޚަރަދުކުރުން

ކޮންމެ އިންތިޚާބަކާ ދިމާކޮށް، ރައްޔަތުންގެ ވޯޓު ‘ގަތުމުގެ’ މަޤްޞަދުގައި އެވަގުތަކު އޮތް ސަރުކާރަކުން ބޮޑެތި ޚަރަދުތަކެއް ކުރެއެވެ. ނަމަވެސް ރައްޔަތުން ވޯޓުލަނީ އަބައިމީހުން ތާއީދު ކުރާ ފަރާތްތަކަށެވެ. އެބައިމީހުންގެ ވޯޓެއް ނުގަނެވެއެވެ. ގަނެ ވިއްކުމުގެ ބާޒާރުގައި ނީލަން ކިޔެނީ ބައެއް ސިޔާސީ މީހުން ލައިގެން ތިބޭ ފޭރާމެވެ. އެހެންކަމުން، ރައްޔަތުންގެ ވޯޓު ގަތުމުގެ މަޤްޞަދުގައި ކުރާ، ރިޓާރން އޮން އިންވެސްޓްމަންޓް ރަނގަޅުނޫން ބޮޑެތި ޚަރަދުތައް މިފަހަރު ނުކުރަމާތޯއެވެ؟ހ. ޢުމަރާނީ ތަރައްޤީގެ ނަމުގައި ހިންގާ ޕްރޮޖެކްޓްތައް.
ރިޔާސީ، މަޖިލިސް އަދި ކައުންސިލް އިންތިޚާބުތަކާ ދިމާކޮށް، ކޮންމެ ފަހަރަކުވެސް ޢުމްރާނީ ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގައެވެ. އަދި ހަމައެކަނި ސުރުޚީހަދާލުމުގެ ބޭނުމުގައި އެކަނިވެސް އިތުރު އެތަކެއް މަޝްރޫޢު ތަކެއް އިފްތިތާޙު ކުރެވެއެވެ. ރައްޔަތުންގެ ވޯޓު ގަތުމުގެ މަޤްޞަދުގައި ހިންގާ މިފަދަ ބޮޑެތި ބިޔަ ޢުމްރާނީ ޕްރޮޖެކްޓް ތަކުގެ ފައިދާ ރައްޔަތުން ހިފަނީ ފިސާރި ރަނގަޅަށެވެ. ޕްރޮޖެކްޓްތައް ހިނިތުންވުމާއެކު ބަލައިގަނެއެވެ. ނަމަވެސް، ބަދަލުގައި އެބައިމީހުންގެ ވޯޓު ނީލަމުގައި ވިއްކައެއް ނުލައެވެ. މިއީ ތަކުރާރުކޮށް ނިމިދިޔަ އިންތިޚާބު ތަކުގައި ސާފުކޮށް ފެންނާން އޮތް ޙަޤީޤަތެކެވެ.

ދައުލަތުން ޚަރަދު ކުރަންވާނީ އަދި ކުރެވޭނީ ލިބޭ އާމްދަނީގެ މައްޗަށެވެ. މިގޮތުން ލިބޭ އާމްދަނީއިން، ރައްޔަތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށް ދިނުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރަންޖެހޭ އަދި ކުރާނޭ ކަންކަމެވެ. ކޮންމެ ސަރުކާރަކުންވެސް، ކުރީ ސަރުކާރުން އަޅާފައިވާ ބިންގާމައްޗަށް އިތުރު މަސައްކަތްކޮށް، ރައްޔަތުންގެ ދިރިއުޅުމުގެ ފެންވަރު އިހުނަށްވުރެ ރަނގަޅު ކޮށްދިނުން މުހިންމެވެ. ފަހަރެއްގައިވެސް އަޅުގަނޑު މިދަންނަވަނީ މިފަދަ ޕްރޮޖްކްޓްތައް ނުހިންގާށެކޭ ނޫނެވެ. އޮޅުވާ ނުލައްވައްޗެވެ.

ޖުމްލަ ވޯޓުގެ ނަތީޖާ އެންމެ ފަސޭހައިން ބަދަލުކޮށްލެވޭނީ އާބާދީ ބޮޑެތި ރަށްރަށުގެ ވޯޓު ކާމިޔާބު ކުރެވެމުންކަން ދެނެގަތުމަކީ ދާދިފަސޭހައިން ހަދާލެވޭ ހިސާބެކެވެ. މިއީ ސިޔާސީ ބޭފުޅުން ވަރަށް ފަރިތަ ކަމާއެކު ކުރައްވާ ހިސާބެކެވެ. އެހެންކަމުން އިންތިޚާބާ ކައިރިވެގެން އަންނާން ފެށުމުން، ކޮންމެ ފަހަރަކުވެސް އާބާދީ ބޮޑެތި ރަށްރަށަށް ބޮޑެތި ޕްރޮޖެކްޓްތަކެއް އަމާޒު ކުރެވި، ބޮޑެތި މީހުން، ބިޔަ ގާފިލާގައި އައިސް ބިޔަ ޕްރޮޖެކްޓްތައް ހިންގުމަށް ރަށުގައި ބޭންޖަހައެވެ.

ނަމަވެސް މިފަދައިން ކުރާ މަސައްކަތުން، ކުރެވޭ ހޭދައިގެ ރިޓާރން އޮން އިންވެސްޓްމަންޓް ރަނގަޅެއް ނޫނެވެ. ރައްޔަތުން ގަންނަނެމޭ ހިތާ ކުރެވޭ ކުރެވޭ މަސައްކަތުގެ ފައިދާއެއް ނުފެނެއެވެ. ތަކުރާރުކޮށް ރައްޔަތުން ވޯޓުލަމުން ގެންދަނީ އެބައިމީހުން ތާއީދުކުރާ ޕާޓީއަށެވެ. ބޮޑެތި ޕްރޮޖެކްޓްތައް އެމީހުންނަށް އޯކޭއެވެ. އެފަދަ ޕްރޮޖެކްޓްތަކުން ރަށަށް ލިބޭ ޢުމްރާނީ ތަރައްޤީ ބަލައިގަންނަނީ ހިނިތުންވެފައިވާ މޫނަކާއެކުގައެވެ. އެކަމުގެ ބަދަލުގައި އެމީހުންގެ ވޯޓު ނީލަމަކަށް ނުލައެވެ. މިޙަޤީގަތް ސިޔާސީ ފަރާތްތަކުން ޤަބޫލު ކުރަން ވެއްޖެއެވެ.

ށ. ސިޔާސީ މީހުން ނީލަމުގައި ގަތުން
ރައްޔަތުންގެ ވޯޓު ހޯދައިގެން މަޖިލިހުގެ ދޮރުން ނުވަތަ ކައުންސިލް އިދާރާއަށް ވަންނަ ބައެއް ފަރާތްތަކަކީ ފުރަތަމަ ދުވަހުވެސް ނީލަންބޯޑު އަޅުވާފައި ތިބޭ ފަރާތްތަކެވެ. އެފަދަ މީހުން ރައްޔަތުންގެ ޚިދުމަތަށޭ ކިޔާފައި ފުރަތަމަވެސް ނުކުންނަނީ ވިޔާފާރި ކުރާށެވެ. ނަމަވެސް ވަކި ސިޔާސީ ފިކުރެއްގައި ރައްޔަތުން ގާތަށް ގޮސް، ރައްޔަތުންގެ ވޯޓުންހޮވޭ މެންބަރު ގަތުމަކުން، އޭނާއަށް ވޯޓުދިން މީހުންގެ ހިތްހަލާލެއް ނުލިބޭކަން މިހާރުމިވަނީ ތަކުރާރުކޮށް ރައްޔަތުން ދައްކާފައެވެ. ހާމަކަން ބޮޑުގޮތުގައި ފެންނާން އޮތް ގޮތުގައި ސިޔާސީ ނީލަމުގައި ބައިވެރިވާ މީހުން ބޮޑު އަގުގައި ގަތުމުގެ ސިޔާސީ ބޭނުމެއްނެތެވެ. ބައެއް މެންބަރުންގެ އަތްމަތި ތަނަވެސް ކޮށްދިނުމަކުން، އޭނާއަށް ވޯޓުލީ ރައްޔަތުންނެއް ބައިހަދާފަކާ ނާދެއެވެ. ކައުންސިލަރުގެ އަކައުންޓް މުއްސަނދި ކުރުމަކުން، ރަށުގެ ރައްޔަތުންގެ ސިޔާސީ ފިކުރެއް ބަދަލެއް ނުވެއެވެ.

އޮޅުވާނުލައްވައްޗެވެ. އަޅުގަނޑު މިދަންނަވަނީ ހުރިހާ ސިޔާސީ ބޭފުޅުންގެ ވާހަކައެއްނޫނެވެ. ނުލާހިކު ދަތި ޙާލުގައި، ލިބުނު އެތަކެއް އަނިޔާއަށް ބޯނުލަނބާ، އެބައިމީހުންގެ ވިސްނުންބަދަލު ނުކޮށްތިބި ސިޔާސީއެތަކެއް ފަރާތްތަކެއް އަޅުގަނޑުމެންނަށް ފެންނާން އެބަތިއްބެވެ. އެބައިމީހުންނަކީ ތެދުވެރިންނެވެ. އަމާނާތްތެރިންނެވެ.

މަޖިލިސަށް ނުވަތަ ކައުންސިލަށް ވަންނަނީ އެންމެ ދައުރަކަށް ޓަކައި، އެދައުރުގައި، ޓްރާންސްފަރ މާރކެޓުން ލިބެން ހުރި ފައިދާއެއް ހޯދައިގެން ދަނޑުން ފައިބަން ކަމުގައި ވަނީނަމަ، މިކަމަކީ ވިޔަފާރީގެ ގޮތުގައި ކުރަން އެންމެ ރަނގަޅު ކަމަކަށްވެދާނެއެވެ. ނަމަވެސް، ތަކުރާރުކޮށް، ގިނަ ދުވަހަށް، މަގާމުގައި ދެމިހުރެ، މަގާމުގެ ފައިދައާއި ނަފާ ގިނަދުވަހަށް ހޯދަން ބޭނުންނަމަ، ނީލަމުގައި ވިކުމަކުން ކުރާނޭ ފައިދާ އެއް ނެތެވެ.

ނީލަން ބޯޑު އަޅުވައިގެން އުޅޭ ސިޔާސީ މީހާ ގަންނަ ޕާޓީތަކުން- ގިނަފަހަރަށް މިކަމަށް އެންމެ ކުޅަދާނައީ އެއިރެއްގައި އޮންނަ ސަރުކާރެއް ހިންގާ ޕާޓީއަކުން- ކުރާ ޚަރަދުގެ ރިޓާރން އޮން އިންވެސްޓްމަންޓުވެސް ރަނގަޅުކަމަކަށް ނުފެނެއެވެ. ބޮޑުއަގުގައި، ބޮޑު ޚަރަދުކޮށްގެން ގަންނަ މެންބަރު ނުވަތަ ކައުންސިލަރާއެކު އޭނޭގެ ކޮންސިޓްޓުއަންސީ ނުގެނެވޭކަން ފަހެ ފާާޅުގައި އިނގޭކަށް ނެތްތޯއެވެ؟ ދާއިރާގެ މީހުން ވޯޓުލާގޮތް މިއޮތީ ފެންނާށެވެ. އެއްފަހަރަކު ނޫނެވެ. ތަކުރާރު ކޮށެވެ.

މީގެ އިތުރުން ނީލަމުގައި ގަނެގެން ގެންނަ މީހާ ބަދަލުކުރަނީ ހަމައެކަނި އޭނާ ލައިގެން ހުންނަ ސިޔާސީ ފޭރާމެވެ. އެޭނާގެ ހިތާއި ސިކުނޑިއެއް ބަދަލެއް ނުވެއެވެ. ނީލަމުގައި ގަންނަ ފަރާތްތައް ތަކުރާރުކޮށް ޖެހެނީ ރީޗާރޖް ކުރާށެވެ. ކުއްލިއަކަށް ހީކަރުވާ، ބަލިވެ ހުން އައިސް، ރަޖާލާއިގެން ގޭގާ އޮތަ ނުދިނުމަށްޓަކައި، ކޮންމެ ވޯޓަކާ ދިމާކޮށް ދެގުޅަ ޕޮެނެޑޯލާ، ފަނީ ބޭސް ގުޅައަކާއި އަތަށް ބަރު ސިޓީއުރައެއް ފޮނުވާން ޖެހެއެވެ. މިފަދައިން ކޮންމެ ވޯޓަކަށް، ކޮންމެ ރެލީއަކަށް އިތުރަށް ޚަރަދުކުރަން ޖެހި، ފޫނެތް ފަޔަށް ފެންފުރަމުން ގެންދާއިރު، ވަފާތެރިކަމާއެކު ޕާޓީގައި ތިބި މެންބަރުންނާއި ކައުންސިލަރުންގެ ހިތްހަމަ ނުޖެހި، އެބައިމީހުންނާ މޫނުކެނޑޭ ހަމައަށް ދާންޖެހެއެވެ. ފާޅުކޮށް ފެންނާން އޮތް ފަދައިން ކޮންސިޓުޓައަންސީ ގަތުމުގެ ނިޔަތުގައި، މެންބަރު ގަތުމަށް ކުރާ ޚަރަދަކީ ރިޓާރން އޮން އިންވެސްޓްމަންޓް ރަނގަޅު އިންވެސްޓްމަންޓެއް ނޫނެވެ.

އެހެންކަމުން ވޭތުގެ ދިޔަ އިންތިޚާބު ތަކުން ތަޖްރިބާ ލިބި، ދުނިޔެ ދައްކަމުންދާ ދަރުސް ތަކުން ޢިބްރަތް ލިބިގަންނަމާތޯއެވެ؟ ރައްޔަތުންގެ ވޯޓު ‘ގަންނާނަމޭ’ ހިތައި، އިންތިޚާބުތަކާއި ކައިރިކޮށް، ހިފައިގެން ހިންދެމި ނުލެވޭ ވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް މިފަހަރު ދެން ނުކުރަމާތޯއެވެ؟ މެންބަރަށް ވޯޓްދިން ކޮންސްޓިޓުއަންސީ ގަންނާނަމޭ ހިތައި، ނީލަން ބޯޑު އަޅުވައިގެން އުޅޭ މެންބަރުންނާއި ކައުންސިލަރުން ގަތުމަށް ބޮޑެެތި ޚަރަދު ނުކުރަމާތޯއެވެ؟ ސިޔާސީ ކަންކަމުގައިވެސް، ރިޓާރން އޮން އިންވެސްޓްމަންޓް ރަނގަޅު، ގިނަދުވަހަށް ނަފާ އާއި ރޯދި ލިއްބައިދޭ އިންވެސްޓްމަންޓް ތަކަށް އިސްކަންދެމާތޯއެވެ؟