Published on ‘mihaaru’ news on 24th October 2021 at https://mihaaru.com/opinion/99366?s=09
މިނިމަމް ވޭޖްގެ ވެށްޓެެއްގައި އިގްތިސާދު ހިންގުމަށް ތައްޔާރު ވާންވީއެވެ.
މިއީ އެންމެ ރަނގަޅު ވަގުތުތަ؟
މިނިމަމް ވޭޖް އަކީ ގާނޫނަކުން ޔަގީން ކޮށްދޭ ހައްގެއް ކަމުގައި ފުރަތަމަ ފަހަރަށް ކަނޑައެޅުނީ 1894 ގައި ނިޔު ޒީލެންޑްގައެވެ. އެމެރިކާގައިި މިނިމަމްވޭޖް ހިމެނޭ ގާނޫނު 1933ގައި ފާސްކުރިނަމަވެސް ތަންފީޒް ކުރެވުނީ 1938 ގައެވެ. މިއަދު، ދުނިޔޭގެ %90 ގައުމުގައި، މިނިމަމް ވޭޖްގެ ގާނޫނީ ހިޔަލަކީ މަސައްކަތްތެރިންނަށް ފޯރު ކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމުގައި ދެކި، ގާނުނުން މި ހައްގު ވަނީ ތަންފީޒް ކޮށްފައެވެ.
ކޮވިޑް 19 އާއި ގުޅިގެން އިގްތިސާދު މަޑުޖެހުމަށް ފަހު، ދުނިޔޭގެ އިގްތިސާދު، އަދި ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދު، ހިންދެމިލައި، ނޭވާލާން ފަށައިފައިވާ މިވަގުތަކީ މިފަދަ ފިޔަވަޅެއް އެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމުގައި ދެކޭ ފަރާތްތައް މަދެއް ނޫނެވެ. ނަމަވެސް، އެމެރިކާގައި ފުރަތަމަ ފާސްކުރެވުނު މިނިމަމް ވޭޖްގެ ހިމެނުންތައް އެކުލެވުނީ 1930ގެ އަހަރުތަކުގައި މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި 10 ވަރަކަށް އަހަރުގެ ‘ގްރޭޓް ޑިޕްރެޝަން’ އިން އަރައި ގަތުމަށް އެމެރިކާގެ އޭރުގެ ރައީސް ރޫޒަވެލްޓް 1933 ގައި އެކުލަވާ ލެއްވި ‘ނޭޝަނަލް އިންޑަސްޓްރިއަލް ރިކަވަރީ އެކްޓް’ ގެ ތެރެއިންނެވެ.
އެހެންކަމުން، ގުރުސް ފެންމަތިވާ ވަގުތު، ފޫދޭ ދިޔައިގައި، ރަތްހާލެއް ކަތިލައިގެން މިނިމަމް ވޭޖް އިއުލާނު ކުރަން ތިބެން ވެއްޖެނަމަ، ދުވަހަކުވެސް ‘ފިލާ’ އަޅައެއް ނުނިމޭނެއެވެ. ދިވެހި ވިޔަފާރިތަކާއި، ދިވެހި ސިނާއަތްތައް އަދި ޖުމްލަކޮށް ދިވެހި އިގްތިސާދު ކޮވިޑަށް ފަހު ފަރުމާވެ، ތަރުތީބު ވެގެން އައުން ރަނގަޅީ މިނިމަމް ވޭޖްގެ ހިޔާ ލިބޭ ވެެއްޓެއްގައެވެ.
މިނިމަމްވޭޖް އިއުލާނު ކުރެވޭނީ އެންމެ މޮޅަށް، އެންމެ ރަނގަޅަށް ތޯއެވެ؟
ރާއްޖޭގައި، 2019 ގެ މެއި 1 (އެއަހަރުގެ މަސައްކަތް ތެރިންގެ ދުވަހުގައި) މިނިމަމް ވޭޖްބޯޑު އެފެދި، އައި.އެލް.އޯ.ގެ ތަޖުރިބާކާރުންނާއި ދިވެހި ވިޔާފާރިވެރިން އަދި ގިނަ ރައްޔަތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު، ބޯޑުގެ ފުރަތަަމަ ހުށަހެޅުން ވަޒީރަށް ފޮނުވީ 20 ފެބްރުއަރީ 2020 ގައެވެ. މިހުށަހެޅުން އަލުން ރިވިޔު ކުރުމަށްފަހު މިހިނގާ އޮކްޓޯބަރ މަހުގެ 5ގައި މިވަނީ އައު ހުށަހެޅުމެއް ހުށަހަޅައިފައެވެ.
ބޯޑުގެ ހުށަހެޅުމާ މެދު ވަރަށް ގިނަ ލިޔުންތަކާއި ތަފާތު ވިސްނުންތައް އަޅުގަނޑުވެސް ކިޔައިފީމެވެ. ވިޔާފާރި ތަކުގެ ކުޑަ ބޮޑުމިނުގެ ނިސްބަތުން މިނިމަމްވޭޖް ކަނޑައެޅުން، ބިދޭސީ މަސައްކަތްތެރިން ނުހިމެނުން، އިންފޯރމަލް ސެކްޓަރ ނެތުން، މިފަދަ އެތަކެއް މުހިންމު، އަދި ބިނާ ކުރުވަނިވި ފާޑު ކިޔުން ތަކެއް މިހުށަހެޅުމަށް މިވަނީ އަމާޒު ކުރެވިފައެވެ.
އިއުލާނު ކުރެވޭ މިނިމަމް ވޭޖްއާއި އެކު މަސައްކަތްތެރިންނާއި، ވިޔަފާރިތަކުން އެކީ އެއްފަހަރާ ފުންމައިގެން ތެދުވެ، އަތްތިލަބަޑި ޖަހައި، އުފާ ކޮށް، ބޭން ޖަހަނޭ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިހާރުވެސް އެންމެ ބޮޑެތި ވިޔަފާރި ތަކުގެ ތުންފިއްތުންތައް، ނޫސްތަކުގެ ސުރުޚީތަކުން ވަނީ ހާމަކޮށްފައެވެ. ރަނގަޅު ކުރަން ހުރި ބައިވަރު ކަންތައްތައް ހުންނާނެ ކަން ޔަގީނެވެ. އެކަމަކު ގައުމުތަކުގެ މިނިމަމްވޭޖް އިއުލާނު ކުރަނީ ކަނޑައެޅިފައި މުއްދަތު ތަކުގައި ރިވިޔު ކުރުމަށެވެ. އިނގިރޭސި މިނިމަމް ވޭޖް އަހަރަކު 1 ފަހަރު އަދި ޖަރުމަނު މިނިމަމް ވޭޖް 2 އަހަރުން އެއްއަހަރު ރިވިޔުކުރަން ޖެހޭގޮތަށް ގާނޫނުގައި ލިޔެފައިވެއެވެ.
މިނިމަމް ވޭޖް ގެ ވަގުތު އަތުވެއްޖެއެވެ
ގައުމުތަކުގެ ވަޒީފާގެ ބާޒާރަކީ ވަޒީފާއަދާ ކުރާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔާތްކޮށް، ދެފަރާތްވެސް ފުރިހަމައަށް ޒިންމާ ކުރެވޭ ވެއްޓަކަށް ވުން މިއަދު މަޖުބޫރެވެ. ފުރިހަމައަށް ތަންފީޒު ނުކުރިނަމަވެސް، މިބާޒާރަށް މަޖްބޫރު ގިނަ ގާނޫނުތަކާއި މުއައްސަސާތައް ވަނީ އުފައްދާފައެވެ. މި ވެށީގައި ހާ އަޅައިފައި އޮތް އެންމެ ބޮޑު ބާގަނޑަކީ މިނިމަމް ވޭޖްއެއް ނެތުމެވެ.
ބޯޑުގެ ހުށަހެޅުން ތަންފީޒު ކުރެވެމުން އިގްތިސާދަށް ގޮން ޖެހުން ތަކެއް ކުރިމަތިވާނެއެވެ. އެއީ ޔަގީން ކަމެކެވެ. ވިޔާފާރި ތަކުގެ ކުޑަ ބޮޑުމިން ބަދަލުވުމާއި، މަސްވެރިންނާއި ދަނޑުވެރިން އަދި ނުރަސްމީ ވަޒީފާ އަދާކުރާ ފަރާތްތަކަށް މިނިމަމް ވޭޖްގެ ހިޔާ ފޯރު ކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތި ނުވެއެއް ނުދާނެއެވެ. މީގެ އިތުރުން، މިހާރަށް ވުރެވެސް ބޮޑަށް ދިވެހި ވިޔަފާރިތަކުން ބިދޭސީ މަސައްކަތްތެރިންނަށް ‘ހިތްކިޔާ’ މިންވަރު އިތުރު ނުވެއެއްވެސް ނުހުންނާނެއެވެ.
އަޅުގަނޑުގެ ޚިޔާލު
މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅިގެން އިގްތިސާދަށް ބޮޑެތި ބަދަލު ތަކެއް ގެނުވާނެއެވެ. ވިޔާފާރިތައް ހިނގާ ގޮތަށް ބަދަލުއައިސް، ވިޔަފާރިތައް ތަރުތީބު ކުރެވޭ ނިޒާމު ތަފާތުވެ، ދައުލަތާއި ވިޔަފާރިތަކުގެ ޚަރަދު ބޮޑުނުވެއެއް ނުދާނެއެވެ. ހަމައެއާ އެކު، މަސައްކަތްތެރިންނަށް ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތު ބޮޑުވެ، އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، އިގްތިސާދަށް ދިރުން ލިބުމަކީ ވެސް އެކަށޭނެ ކަމެއް ކަމުގައި ދުށުން ރަނގަޅެވެ.
މިފަދަ ބަދަލުތަކާއި ކުރިމަތިލުމަށް ނިޔަތް ގަނެ، ވަޒީފާގެ ބާޒާރަށް މިނިމަމް ވޭޖްގެ ހިޔާ ފޯރު ކޮށްދިނުމަކީ މިވަގުތަށް މުހިންމުކަމެކެވެ. ދިވެހި އިގްތިސާދަކީ ތަސައްރަފު ފުރިފައިވާ މިޒަމާނުގެ އިގްތިސާދަކަށް ހެދުމަށްޓަކައި، މިނިމަމް ވޭޖްއަކީ މަޖްބޫރު، އަސާސީ ފިޔަވަޅެކެވެ.
މިނިމަމް ވޭޖްއޭ ކިޔައިގެން ވައުދާ ހިނގައި، ގާނޫނު ހަދައި، ބޯޑު އުފައްދައި، މަސައްކަތްތަކެއް ކޮށް، ސުރުޚީތަކެއް އަޅައި، ވާހަކަތަކެއް ދެކެވިއްޖެއެވެ. މިއަދުގެ ހުށަހެޅުންވެސް އެންމެ ފުރިހަމައޭ ދެންނެވޭކަށް ނެތެވެ. ނަމަވެސް، މިއަދުގެ ހާލަތަށް، އިގްތިސާދު އޮތް ފައްތަރުގެ މައްޗަށް ބަލައި، ބޯޑުގެ ހުށަހެޅުން މިވަގުތަށް ބަލައިގަނެ، ވީ އެންމެ އަވަހަށް މިނިމަމް ވޭޖް ތަންފީޒްކުރުމަކީ މުހިންމު ކަމެކެވެ.
އަދި، ހަމަ އެހާމެ މުހިންމުކޮށް، މިނިމަމް ވޭޖް ރިވިޔު ކުރާނެ މުއްދަތުތައް ކަނޑައަޅައި، އިގްތިސާދަށާއި ވިޔާފާރިތަކަށް ނައިސް ނުދާން ބަދަލުތައް، ފިސާރި ކެރިގެން ދިރާސާ ކޮށް، އެ ދިރާސާގެ މައްޗަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަޒުމް ކަނޑައެޅުންވެސް މިއަދު މުހިންމެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް، އަދި ޖުމްލަކޮށް ދިވެހި އިގްތިސާދަށް މިވަނީ ބޮޑު ބަދަލެއް އައުމަށް ތައްޔާރުވެފައެވެ. މިއަދު މުހިންމީ ކެރިގެން މިބަދަލާ ކުރިމަތިލުމެވެ. މިނިމަމް ވޭޖްއެއް ހިމެނޭގޮތަށް ބައްޓަން ކުރެވިފައިވާ ވިޔަފާރިތަކެއް އެކުލެވިގެން ފަރުމާ ކުރެވިފައިވާ އިގްތިސާދެއް، ބިނާ ކުރުމުގެ މަސައްކަތް ފެށުމަކީ ދައުލަތާއި ވިޔަފާރިތަކުން މިއަދު ކުރަންފަށަން ޖެހިއްޖެ ކަމެކެވެ.
