ދުނިޔޭގެ ތެލުގެ ބާޒާރު ހެޔޮ ވުމުގެ ނަތީޖާ އަކީ؟

ދުނިޔޭގެ ތެލުގެ ބާޒާރު ހެޔޮ ވުމުގެ ނަތީޖާ އަކީ؟

އިބްރާހިމް ޢާތިފް ޝަކޫރު

Test

މިހިނގާ 2014 ވަނަ އަހަރުގެ ޖޫންމަހު 116 ޑޮލަރަށް ފީފާއެއް ހުރި ތެލުގެ އަގު މިހާރު މިވަނީ ގާތްގަނޑަކަށް 50% އާއިހަމައަށް ދަށަށް ގޮސް ވޭތުވެ ދިޔަ ހަފްތާގައި 59 ޑޮލަރަށް ތިރިވެފައެވެ. ތެލުގެ އަގުދަށަށް ދިއުން ހުއްޓުވުމުގެ ގޮތުން ތެޔޮ އުފައްދާ އަދަދު މަދުކުރުމަކަށް އޯޕެކުން އެއްބަހެއް ނުވެއެވެ. ސަޢުދީގެ ތެލުގެ ވަޒީރު ޢަލީ އައް ނަޢީމީ ދާދިފަހުން ވިދާޅުވި ގޮތުގައި 20 ޑޮލަރަށް ތިރިވިނަމަވެސް ތެޔޮ އުފައްދާ މިންވަރު މަދުކުރުމަކަށް އޯޕެކުން ވިސްނާފާކަ ނުވެއެވެ.

ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުތައް އެކި މުރާސިލުން އެކިގޮތަށް ތަރުޖަމާ ކުރަމުން ގެންދާއިރު، ޔަގީނުން ވެސް އިނގޭ އެއްޗަކީ ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން ޖުމްލަކޮށް ދުނިޔޭގެ އިޤްތިޞާދަށް ފަހިކަން ލިބޭނޭކަމެވެ. އައި.އެމް.އެފް. އިން ބުނާ ގޮތުގައި ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދުގެ ދުވެލި މަދުވެގެން 0.7% ކުރިޔަށް ޖެހިލާނެއެވެ.

ތެލުގެ އަގު ދަށްވުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދުގެ ދުވެއްޔަށް ހަލުއިކަން ލިބޭއިރު ތެލުގެ އަގު ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނޭ އަސާރާއި މެދު ވިސްނާލުމަކީ މިވަގުތަށް މުނާސަބު ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.

ރައްޖޭގެ އިޤްތިޞާދަށް ކުރާނޭ އަސަރު

ތަަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ތަކެތި އިމްޕޯޓް ކުރުމަށް ކުރާ ހޭދައިގެ އެންމެ ބޮޑު މިންވަރެއް ނިސްބަތް ވަނީ ތެލުގެ ބާވަތްތައް އިމްޕޯޓް ކުރުމަށެވެ. މިގޮތުން އިމްޕޯޓް ކުރުމަށް ހިނގާ ޚަރަދުގެ ތެރެއިން ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ހިނގާ ޚަރަދުގެ އިންސައްތަ އަކީ 18% ކަމުގައި ވާއިރު 22% އަކީ ތެލުގެ ބާވަތްތައް އިމްޕޯޓް ކުރުމަށް ހިނގާ ޚަރަދެވެ. ތެލުގެ ބާވަތްތައް އިމްޕޯޓް ކުރުމަށް  2013 ވަނައަހަރު 428 މިލިއަން ޑޮލަރު އަދި މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 508 މިލިއަން ޑޮލަރު  ޚަރަދު ކުރެވިފައިވެއެވެ.

ތެލުގެ އަގު 50% އާއި ހަމައަށް ތިރިވާނެ ކަމަށް ލަފާކުރާއިރު، ތެލުގެ ބާވަތްތައް އެތެރެކުރަން މިއަހަރު ކުރާހޭދައިގެ މިންވަރުން މިފެށޭ  2015 ގައި ތެލުގެ ބާވަތްތައް ގަތުމަށް ޤައުމެއްގެ ނިސްބަތުން ރާއްޖޭން ކުރާނޭ ހޭދަ 300 އެއްހާ މިލިއަން ޑޮލަރު މަދުވާނޭ ކަމަށް ޔަގީން ކުރެވެއެވެ. ޤައުމީ ރިޒާވްގެ މިންވަރު އެންމެ ހިތްހަމަޖެހޭ މިންވަރުގައި ނުހުންނައިރު އެހެންޏާ ހޭދަ ކުރަން ޖެހޭ 300 މިލިއަން ޑޮލަރު ހޭދަކުރަން ނުޖެހުމަކީ ކޮންމެ ނިސްބަތަކުން ނަމަވެސް ރަނގަޅު ފާލަކަށް ނޫނީ ނުވާނެއެވެ.

މީގެ އިތުރުން މުދާ އުފެއްދުމުގެ ހުރިހާ ހިސާބެއްގައިމެ ތެލާއި ތެލުން އުފައްދާ ހަކަތައިގެ ބޭނުން ކުރަން ޖެހިދެއެވެ. މިގޮތުން ތަކެތި އުފެއްދުމަށް ހިނގާ ހަކަތައަށް ވުރެ މަދުނަމަވެސް، ކާޑުގެ ބާވަތްތައް ދަނޑުން ކަނޑާ، ގުދަން ކޮށް ޕެކެޖް ކުރުމުގައިވެސް ހަކަތައިގެ ބޭނުން ހިފަން ޖެހިދެއެވެ. އެހެންކަމުން ތެލުގެ  އަގު  50% އާއި ހަމައަށް ހެޔޮވުމުން އިމްޕޯޓް ކުރެވޭ ހުރިހާ  ބާވަތްތަކުގެ އަގުވެސް ހެޔޮވުމަކީ ނުވެ ނުދާނޭ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ޖުމަލްކޮށް ބާޒާރުގެ އަގުތައް ހެޔޮވުމުގެ ފުރުސަތު ތަނަވަސްވެ، އިމްޕޯޓް ކުރުމަށް ހޭދަކުރަން ޖެހޭ ބޭރުފައިސާގެ މިންވަރު ދަށްވެ، ޤައުމީ ރިޒާރވް ރަނގަޅުވެ، ބޭރުފައިސާގެ ބާޒާރު މިހާރަށްވުރެ ލުއިވުމަކީ އެކަށީގެންވާ ކަމެކެވެ.

ސަރުކާރުގެ އާމްދަނީ

ދައުލަތުގެ 2015 ގެބަޖެޓް މިނިސްޓަރ އޮފް ފިނޭންސް ހުށަހެޅުއްވިއިރު އިމްޕޯޓް ޑިޔުޓީ އަށް ބަދަލުގެންނަވައިގެން 552 މިލިއަން ރުފިޔާ އިތުރަށް ހޯއްދެވުމަށް ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް ބަޖެޓަށް ބޭނުންވާ އާމްދަނީ ހޯދުމުގެ ވިސްނުން މިހާރު މިވަނީ ކޮންމެވެސް މިންވަރަކަށް ބަދަލުވެފައެވެ. މިގޮތުން ކާޑުގެ ބާވަތްތަކުން ޑިޔުޓީ ނުނެގުމާއި، ގްރީން ޓެކްސް ގެ މިންވަރު 10 ޑޮލަރުން 6 ޑޮލަރަށް ދަށް ކުރުމާއި، ގެސްޓް ހައުސްތަކަށް އަންނަ ފަތުރު ވެރިން އަތުން ގްރީން ޓެކްސް  ނުނެގުމާއި އަދި ރިޒޯޓް ޢިމާރަތް ކުރުމަށް ގެންނަ ތަކެތިން ޑިޔުޓީ ނުނެގުމަށް މިހާރުވަނީ ވިސްނިފައެވެ. މީގެ އިތުރުން އިމްޕޯޓް ޑިޔުޓީއަކީ ސީ.އައި.އެފް. އަގުން ނަގާ އެއްޗެއްކަމުން، ތެލުގެ އަގު ދަށްވުމުގެ ސަބަބުން ތެލުގެ ޑިޔުޓީއިން ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ޑިޔުޓީ ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވީމާ ބަޖެޓުގެ އާމްދަނީ އަންދާޒާ ކުރިމިންވަރަށް ނުލިބުމަކީ ލަފާކުރެވޭ ކަމެކެވެ.

ނަމަވެސް، އިމްޕޯޓަށް ކުރަން ޖެހޭ ހޭދަ މަދުވެ، ޑޮލަރުގެ އަގު ހެޔޮވެ، އިޤްތިޞާދަށް ދިރުން ލިބުމުގެ ސަބަބުން އިޤްތިޞާދީ ދުވެލި ކުރިއަރައި، ވިޔަފާރިތައް ރަނގަޅުވެ، ރައްޔަތުންގެ ޖީބުތައް ތަނަވަސް ވުމުގެ ނަތީޖާއެއްގެ ގޮތުން  މެދުރާސްތާގައި ޖީ.އެސް.ޓީ އާއި ވިޔަފާރި ޓެކްސް އިތުރުވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ރަނގަޅު ވާނެކަމަށް ބެލެވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުދަށް ވުމުގެ ސަބަބުން އަޅުގަނޑުމެން ފަދަ އިމްޕޯޓަށް ބަރޯސާ ވެފައިވާ، އަދި އުފައްދާ ހުރިހާ ހަކަތައެއްމެ އިމްޕޯޓް ކުރެވޭ ހަކަތައިން އުފައްދާ ޤައުމުތަކަށް ހެޔޮގޮތް ފޯރާނޭ ކަމަށް ބެލެވެއެވެ. ނަމަވެސް ގިނަ މުރާސިލުން ދެކޭ ގޮތުގައި ތެލުގެ އަގު ހެޔޮ ވަމުން ދަނީ ތެޔޮ ބޭނުންކުރާ މިންވަރު، ނުވަތަ ޑިމާންޑް ދަށް ވުމުގެ ސަބަބުންނެއް ނޫނެވެ. ތެލުގެ އަގު ދަށްވަނީ ޖިއޯ ޕޮލިޓިކްސް ގެ ސަބަބުން ކަމުގައި މިފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި ތެލުގެ އަގު އަލުން އަނބުރާ  100 ޑޮލަރާއި ހަމައަށް 2015 ނިމޭ ހިސާބުން އެރުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެން ކަމުގައި ވަނީ ނަމަ، އިމްޕޯޓަށް ބަރޯސާވާ، އަދި އިމްޕޯޓް ކުރެވޭ ތެލުން ހަކަތަ އުފައްދާ ޤައުމެއްގެ ނިސްބަތުން، ތެލުގެ އަގު ދަށްވެފައި ހުރި ދުވަސްކޮޅު، ޤައުމެއްގެ ނިސްބަތުން ސަލާމަތް ކުރެވޭ 300 މިލިއަނެއްހާ ޑޮލަރު، ކޮންސަމްޕްޝަނަށް ޚަރަދު ކުރުމުގެ ބަދަލުގައި، ދުރުމުސްތަޤްބަލަށް ރަނގަޅު ނަފާ ހުރި ގޮތުގައި ފަހަށް ރައްކާކުރާ ރިޒާވެއް އުފައްދަން ބޭނުންކުރުމަކީ ރަނގަޅު ވިސްނުމަކަށް ވެދާނެއެވެ.