ބިދޭސީ މަސައްކަތްތެރިން

ބިދޭސީ މަސައްކަތްތެރިން

(މިއީ ޖޫން 2005 ގައި ލިޔެ ހަވީރުނޫހުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.)

 
 

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މިއަހަރުގެ އެޕްރީލްމަހާ މޭމަހު ދަށަށް ހިގައްޖެކަމުގައި ލޭބަރމިނިސްޓްރީން މިދިޔަހަފްތާގައި ވަނީ އިޢްލާން ކުރައްވާފައެވެ. އެމިނިސްޓްރީން ވިދާޅުވާ ގޮތުގައި މިހާރު ރާއްޖޭގައި ތިބީ 38900 ބިދޭސީންނެވެ. ކޮންމެ 8 މީހަކަށް ބިދޭސީއެކެވެ.

ދިވެހި މުޖްތަމަޢުގައި ބިދޭސީން ގިނަވެގެން އަންނަވާހަކައަކީ ވަރަށްގިނަ މީހުން ތަކުރާރުކޮށް ދައްކާވާހަކައެކެވެ. މިއަހަރުގެ އެޕްރީލާ މެއި މަހު 425 ބިދޭސީން މަދުވިނަމަވެސް އަހަރުންއަހަރަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އަންނަނީ ޖުމްލަކޮށް އިތުރުވަމުންނެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގިނަވުމުން ދިމާވާ އެކިޒާތުގެ ދަތިތަކުގެ ވާހަކައަކީވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. އަޅުގަނޑުމެންގެ ދީނާ، ސަގާފަތާ، ބަސް އުވިގެން ގޮސް ދަރިފަސްކޮޅު އޮޅިދާނެ ވާހަކައެވެ. މުޖްތަމަޢުގައި ނޭދެވޭ އެތައް ކަންތައްކެއް ފެތުރުމުގައި މިބައިމީހުން ހިއްސާގެ ވާހަކައެވެ. ކުދި އަދި ބޮޑެތި ވިޔަފާރިތައް މިބައިމީހުންގެ ކޮންޓްރޯލްގެ ދަށަށް މަޑުމަޑުންޖެހެމުންދާ ވާހަކައެވެ. ރާއްޖެއަށް އެތެރެކުރެވޭ ބޭރުފައިސާގެ ތެރެއިން ބޮޑުއަދަދެއް މިބައިމީހުންގެ މުސާރައިގެ ގޮތުގައި އަލުން ބޭރުވަމުންދާ ވާހަކައެވެ. މިފަދަމިފަދަ ކިތަންމެ ވާހަކައެކެވެ.

ނަމަވެސް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތް ތެރިންނަކީ ބޭރުއެހެން ބައެއް ޤައުމުތަކުގައި ފެންނަ ފަދައިން މަސައްކަތެއް ހޯދަންވެގެން އަމިއްލަ އައިސްއުޅޭ އިކޮނޮމިކް ރެފިޔުޖީންނެއް ނޫނެވެ. ރާއްޖެގައި މަސައްކަތްކުރާ ބިދޭސީންނަކީ ދިވެހި ރައްޖޭގައި ޤަވާއިދުން ކުރެވޭ މަސައްކަތަކަށް ބޭނުންވެގެން ހޯދައިގެން ގެންނަ މީހުންނެވެ. ކޮންމެ ސަބަބަކާ ހުރެނަމަވެސް އެބައިމީހުންނަކީ އަޅުގަނޑުމެން ބޭނުންވެގެން އެތައް ފައިސާއަކާ ވަގުތެއް ހޭދަކޮށްގެން، މަސައްކަތުން ރާއްޖެއަށް އެތެރެކުރާ ބައެކެވެ.

އެހެންކަމުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އުޅެނީ އަޅުގަނޑުމެން ބޭނުންވެގެން އަޅުގަނޑުމެންގެ މަސައްކަތަކަށް އެބައިމީހން ގެންނާތީއެވެ. މިގޮތުން ގެނެވޭ ބިދޭސީން ރާއްޖެ އައުމަށްފަހު މަސައްކަތެއް ނެތި ގިނަވެގެން އުޅޭތަނެއް ނުވަތަ އެފަދަ ވާހަކައެއް ނީވެއެވެ. ވީމާ ހަމައެކަނި އިޤްތިޞަދީ ނަޒަރަކުން ބަލާއިރު ރާއްޖޭގައި މަސައްކަތް ކުރަން ހުރި އަދަދުގެ ނިސްބަތުން ބިދޭސީން ގިނަ ކަމަށްނިންމަން ފަސޭހައެއް ނޫނެވެ.

ސުވާލަކީ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން މުޅި މުޖްތަމަޢަށް ކުރަނީ ޖުމްލަ ފައިދާތޯ ނުވަތަ ގެއްލުންތޯއެވެ؟ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ގޭގެ ބާޒާރުކުރަން ފަސޭހަވުމުން، އަގުހެޔޮ ކޮށްބޯކޮށާލެވުމުން، އިމާރާތެއްގެ މަސައްކަތް ރޭވިފައިފާގޮތަށް ނިންމާ ކުއްޔަށް ހިފާފާހުރި ކޮޓަރި ދޫކޮށް ގެއަށް އާދެވެމުން، ފައިސާއިން ވާލުއިގެ ނިސްބަތުން މުޖްތަމަޢްއަށް ކުރާ ނޭދެވޭ އަސަރުގެ އަގަކީކޮބައިބާވެއެވެ؟ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން މިހާތަނަށް ދިވެހި މުޖްތަމަޢްއަށް ވެފައިވަނީ ފައިދާނަމަ ބިދޭސީމަސައްކަތްތެރިން ގިނަވާވާރަކަށް ފައިދާ ވާނީ ބޮޑުތޯއެވެ؟ ނުވަތަ ވަކިމިންވަރަކަށް ބިދޭސީމަސައްކަތްތެރިން ގިނަވުމުން ދެންވާންފަށާނީ ގެއްލުންތޯއެވެ؟ އެހެންކަމުގައިވަނީނަމަ ގެއްލުން ވާންފަށާނީ ކޮންއަދަދަކަށް ނުވަތަ ކޮން ނިސްބަތަކަށް ބިދޭސީން ގިނަވީމަބާވައެވެ؟ ކޮންމެ ހަތަރު މީހަކަށް މީހެއް ވީމަތޯއެވެ؟ ނުވަތަ ދެ މީހަކަށް މީހެއް ވީމަބާވެއެވެ؟

މިފަދަސުވާލުތަކަކީ ރައްޔިތެއްގެ ނިސްބަތުން އަޅުގަނޑުމެންނަށް ޖަވާބު ބޭނުންވެފައިވާ ސުވާލުތަކެވެ. މިފަދަ ކަންކަމާމެދު ދޭދޭ މީހުންގެ ޚިޔާލްތަފާތުނަމަވެސް ޖުމްލަކޮށްދިވެހިންނަށް ރަނގަޅު ގޮތެއް، އަޅުގަނޑުމެން ބޭނުންވާގޮތެއް މިއަދުމިވަނީ ހޯދަންވެފައެވެ. އެނގެންބޭނުންވެފައެވެ. ޖުމަލްކޮށް ދިވެހިން ބޭނުންވާގޮތް އެނގުމުން މެނުވީ އެމަޤްޞަދު ޙާޞިލްކުރުމަށްޓަކައި އަޅަންބޭނުންވާ ފިޔަވަޅުތަކެއް ނުނިންމޭނެއެވެ. އަދި އެފަދަ ފިޔަވަޅުތައް އަޅާކަށް ނުމެފެށޭނޭމެއެވެ.

Leave a Reply