ޖެނުއަރީ 2015
އާދަންބެ ހޮޓަލުގެ ބޮޑުކައްކާ ވަޒީފާއިން ވަކިކޮށް ކެއްކުމުގެ ތަޖުރިބާ ކެންސަލް ކޮށްފި
މަޝްހޫރު އާދަންބެ ހޮޓަލަކީ ޒަމާނުއްސުރެ ހިނގަމުންދާ، ރައްޔަތުންނަށް ވަރަށް މުހިންމު ޚިދްމަތެއް ފޯރުކޮށްދެމުން ގެންދާ ހޮޓަލެކެވެ. ހޮޓަލުގެ ރަހަތައް ކަމުގޮސް އަގުތައް މައިތިރި ކަމުން ދިވެހިން އެހޮޓަލަކަށް އެންމެ އިތުބާރު ކުރާ ހޮޓަލަކީ އާދަންބެ ހޮޓަލެވެ. އެއްމަސްގަނޑުގައި މަސްރޮއްޓާއި، ބަޖިޔާ އަދި ބޯކިބާ ހަދަން ފެށުމުގެ ސަބަބުން ރަހަތަކަށް ބަދަލުއައިސް، ހޮޓަލުގެ ސާފުތާހިރު ކަން ދަށަށް ހިނގައްޖެ ކަމަށް އެއްބަޔަކަށް ހީކުރެވެން ފެށުމާއެކު، އާދަނުގެ ހޮޓަލަށް ދިވެހިން ކުރަމުން ދިޔަ އިތުބާރަށް ކުޑަނަމަވެސް ހީނަރުކަމެއް އަންނަން މެދުވެރިވިއެވެ
މިގޮތުން އާދަމްބެގޮ ހޮޓަލާއި މެދު ވަކި ބަޔަކުގެ ހިތްނުތަނަވަސް ކަން ފިލުވައިދިނީ ހޮޓަލާއި އަލަށް ޙަވާލުވި ބޮޑު ކައްކާއެވެ. އަލަށް ހަވާލުވި ކައްކާ ބަދިގެއަށް ވަދެ، ތަން ދޮވެ ސާފުކޮށް، ބާވެ ހަލާކުވެފައިވާ ތަށިތެލި އުކާލާ، އާރަހަތަކާއއެކު މެނޫ ބަދަލުކުރީ ދާދީ އިހަކަށް ދުވަހުއެވެ. އަދި މިގޮތުން ގެނެވުނު ބަދަލުތަކާ މެދު ހިތްހަމަ ނުޖެހޭ ކުދި ކައްކާތަކާއި ވެއިޓަރުން ހޮޓަލުން ބޭރުކޮށް، ހުރިހާ ސިފައެއްގައި އާހިތްވަރަކާ އެކު މަސައްކަތް ކުރަން ފެށުނެވެ
ހޮޓަލުގެ އާ ރަހަތަކާއި މެދު އެންމެން މުޅިން އާން ބަސް ނުބުނި ކަމުގައި ވިޔަސް، ބޮޑުކައްކާގެ ބަދަލުތަކާ މެދު އާދަމްބެ ޢާއިލާއައި ތިމާގެ މީހުން އަދި ރައްޓެހިން ހިތްހަމަޖެހޭ ކަމަށް ވުމާއެކު، ހޮޓަލުގެ ވިޔަފާރި އަލުން ކުރިއަރަން ފަށައިފިއެވެ. ބޮޑު ކައްކާގެ މަސައްކަތުން ހޮޓަލުގެ ރަހަތައް ފުރިހަމަކޮށް، ވަޒީފާގައި ތިބި ފަރާތްތަކަށް މެޑިކަލް ހަމަޖައްސައި، އެކުގައި އުޅޭން ތިބި ފަރާތްތަކަށް ނިދޭނޭ އިންތިޒާމް ރާވައި، ހޮޓަލުގެ ގޮފިތައް އިތުރު ކުރުމަށް ރޭވިއެވެ. އަދި ހޮޓަލުގެ ޚިދްމަތް ފުޅާ ކުރުމުގެ ގޮތުންނާއި އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެހެން ހޮޓާތަކުގެ ތަށިތެލި ދޮވެދީ، ކުނި އުކާލަ ދިނުމުގެ މަސައްކަތް ވެސް ފެށިއެވެ
ދާދި އަވަހަށް ބޮޑުކައްކާއާއި މެދު އިތުބާރު ބޮޑުވެ، އެހެނިހެން މަސައްކަތްތައްވެސް ބޮޑުކައްކާ އަށް އާދަމްބެ ޙަވާލުކުރަން ފެށިއެވެ. މިގޮތުން އާދަމްބެ މަސްކައްކާ ހިއްކުމުގެ މަސައްކަތް ބޮޑުކައްކާ އާއި ޙާވާލުކޮށް، އާދަމްބެ ފައިބަރު އޮޑި ބަލަހައްޓަންވެސް ބޮޑުކައްކާ އާއި ޙަވާލުކުރެވުނެވެ. އާދަމްބެ ކުދިންކޮޅާއި ދޮށީ އަނބި އުޅޭގޭގެ ފުރާޅުން ވާރެވެހި ގޭތެރޭގައި ޖެހުނު ފެނުގެ މައްސަލަ ޙައްލުކޮށްދިނުމުގައި އިސްދައުރެއް އަދާ ކޮށްދިނީ ބޮޑުކައްކާ ކަމުގައި ވެއެވެ
ކޮންމެއަކަށް ބޮޑު ކައްކާއާއި މެދު އާދަމްބެއާއި ޢާއިލާގެ ހިތްހަމަޖެހުން ބޮޑުކަމުގައި ހީވެފައި ވަނިކޮށް ބޮޑުކައްކާ އާއި ދޭތެރޭ މައްސަލަ ޖެހިއްޖެއެވެ. މައްސަލަޖެހުނު ކަމަށްވަނީ ބޮޑުކައްކާގެ އެތެރެގެއިން ހޮޓަލުގެ ބަދިގޭގައި ބޭނުންކުރާ ޒާތުގެ ބައެއް ތަކެތި ފެނުމުންނެވެ. 2 ތަވައަކާއި، ދޭފަތެއް އަދި ކުކުޅު ކޮށާ ވަޅިއެއް ބޮޑުކައްކާގެ އެތެރެގޭ ތެރެއިން ފެނުމާއެކު އާދަމްބެއާއި ބޮޑުކައްކާޔާ ދެމެދު މައްސަލަތަކެއް އުޅޭކަން ފަޅާ އަރައިފިއެވެ. ބޮޑުކައްކާގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހިތްހަމަޖެހި، އިތުބާރުކޮށްދޫކޮށްފައިވާ ބޮޑުކައްކާގެ ރަސްމީ މަސައްކަތަށް ބޭނުން ކުރާ ސާމާނު، އޭނާގެ އެތެރޭގޭގައި ހުރުމަކީ މައްސަލައަކަށްވެ ބޮޑު ކައްކާވަޒީފާއިން ވަކިކޮށް، ހޮޓަލުގެ ބަދިގޭގައި ކުރިން އުޅުނު ފަރާތަކަށް ހޮޓާ ހިންގަން ޙަވާލު ކުރަން ނިންމުމާއި ހަމައައިން އާދަމްބެއާއި ބޮޑުކައްކާޔާ ދެމެދު މައްސަލައެއް އުޅާކަން ޔަގީން ކުރެވި، އެގަރުދިޔަގަނޑު ކެކި، ކެކެމުންދިނޔަ ގަރުދިޔަގަނޑުގައި ގަރުލާ އާންމުންގެ ތެރެއަށް ބަންޑުންވާން ފެށިއެވެ. އަދި މިހާރު މިމައްސަލާގައި ބޮޑުކައްކާ ވަޒީފާއިން ވަކިކުރުމުގެ އިތުރުން، ކެއްކުމުގެ ސެޓިފިކެޓް އަތުލާ، ތަޖްރިބާކެންސަލްކޮށް، އަމިއްލައަށް ތައްޔާރުކުރާ ހަވާދު ބޭނުން ނުކުރަން އަނގާ، ކުޑަދުލުގައި ރަހަނލުން މަނާ ކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ
