މިފަހަރު ނުކުރާންވީ ކަންތައްތައް 5- ޖިއޯ ޕޮލިޓިކަލް ‘ޅޮސް’ އުނދޯޔަށް އެރުން

ލިޔުންތެރިޔާގެ ނޯޓު: ‘މިފަހަރު ނުކުރަންވީ ކަންތައްތައް 4’ އަކީ ޖިއޯޕޮލިޓިކްސް- ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ސިޔާސީ ގުޅުމާއި- ބެހޭ ލިޔުމެއްކަމުން، މާޙައުލު ޤާއިމުކުރުމުގެ ބޭނުމުގައި މިލިޔުމަކީ، މިސީރީޒްގެ އެހެން ލިޔުންތަކަށްވުރެ ދިގު ލިޔުމެކެވެ. އެހެންކަމުން މިިކޮލަމްގެ ކިޔުންތެރިންގެ ކެތްތެރިކަމަށް އެދެމެވެ.މިއަދުގެ ދުނިޔެ
ޗައިނާގެ އިޤްތިޞާދަކީ، މިއަދު ދުނިޔޭގެ އެންމެބޮޑު 2 ވަނަ އިޤްތިޞާދެވެ. ޖިއޮގްރަފީގޮތުން ބޮޑުު، އާރާއި ބާރާއި، އިޤްތިޞާދީ އަދި މާލީ ތަނަވަސްކަން ހުރި 1.3 ބިލިއަން މީހުން ދިރިއުޅޭ ޤައުމެކެވެ. ހަމަމިދަނޑިވަޅުގައި، ރަޝިޔާ މިވަނީ އަލުން ތެދުވެ ހަށިފޮޅާލާ، އިހު ހައިބަތު ހޯދުމަށް މަސައްކަތް ފަށައިފައެވެ. ދުނިޔޭގެ ޖިއޯޕޮލިޓަކްލް ނިޒާމުގެ ކުޅިބައި، ހުޅަނގުގެ ޤައުމުތަކުން ބޭނުންހާ ގޮތަކަށް ބައްޓަންކޮށް ފަރުމާ ކުރާތަން ބަލާކަށް ޗައިނާއެއް އަދި ރަޝިޔާ މިއަދު ތިބޭކަށް ގަސްދެއް ނުކުރެއެވެ. އެމީހުންގެ ވަތަނީ ހައިބަތާއި އިޤްތިޞާދީ މިނިވަންކަން ރައްކާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރުމަށް އެޤައުމުތަކުން ދަނީ ފާޅުގައި، ކެރިގެން ކުރަމުންނެވެ.

ރަޝިޔާގެ ބޯޑަރު ޙިމާޔަތް ކުރުމަށް، ހުޅަނގުގެ ޤައުމުތައް ކިތަންމެ ހިތްހަމަ ނުޖެހުނަސް، ޔޫކްރެއިނަށް އަރައި، ޔޫކްރެއިންގެ ސަރަޙައްދެއް ކަމުގައިވާ ކްރިމިޔާ ހިފާކަށް ރަޝިޔާ ޖެހިލުމެއް ނުވިއެވެ. ސިކިޔުރިޓީ ކައުންސިލްގެ ނިންމުމަކަށް ބޮލެއް ނުލެނބިއެވެ. ކްރީމިޔާއިން ފައިބާކަށް އެއްބަހެއް ނުވިއެވެ. ހަމަނިސްބަތުން، ޗައިނާގެ ދޮރުމަތީގައި އޮންނަ ކަނޑުއޮޅި،- އިންޑިޔާކަނޑަށް ވާސިލުވާން އީސްޓްޗައިނާ ކަނޑުގައި ދަތުރުކުރަންޖެހޭ މަގު- ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް މުޅިދުނިޔެއާއި ދެކޮޅަށް، ސްޕެރެޓްލީ އައިލެންޑްސްގައި، ހަނގުރާމަވެރި މަރުކަޒްތަކެއް ބިނާކުރާކަށް ޗައިނާއިން ފަހަކަށް ނުޖެހުނެވެ. ބައިނަލްއަޤްވާމީ މެރިޓައިމް ކޯޓުން ޗައިނާއާއި ދެކޮޅަން ޙުކުމް ކުރުމަކުންވެސް، ފައިބާކަށް ގަސްދެއް ނުކުރިއެވެ. އަދި ކިއެއްތަ، އެހިސާބަކަށް އެހެން ޤައުމެއްގެ އަސްކަރިއްޔާ އަކުން ވައިއެޅުނަކަ ނުދެއެވެ.

ތަސައްރުފު ފުދެމުން ބޮޑުވަމުންދާ ޗައިނާއާއި، އިހު ހުރި ބާރު އިއާދަ ކުރުމަށް މަސައްކަތްކުރާ ރަޝިޔާގެ ކުރިމަތީގައި ތިބީ ހުޅަނގޭ މިކިޔާ ޤައުމުތަކާއެކު އިންޑިޔާއެވެ. މީ ފިނި ހަނގުރާމައެކޭ ކީ ނަމަވެސް، ސީރިޔާގަޔާއި ކްރީމިޔާގައި މިހަނގުރާމަ ހޫނުވެ އުންޑަޔަށާއި މިސައިލަށް ބަދަލުވެ، ބޮޑެތި ސަރަޙައްދު ހަލާކުވެ، އެތަކެއް ބައެއްގެ ފުރާނަ ގެއްލެމުން އެބަދެއެވެ. ސްޕްރެޓްލީ އައިލެންޑްސްގައި ޗައިނާއިން ބިނާކޮށްފައިވާ އަސްކަރީ ޢިމާރާތްތަކުގެ ‘ވަސް ދުވާ’ ހިސާބަށް އެމެރިކާގެ ހަނގުރާމަ މަތީ ޤާފިލާތައް ގާތްކުރާ ކޮންމެ ފަހަރަކު، ޗައިނާއިން ހަނގާއަށް ނުކުމެއެވެ. މިއިން ކޮންމެ ފަހަރަކު ދުނިޔެ އޮންނަން ޖެހެނީ ނޭވާ ހިފަހައްޓައިލައިގެންނެވެ.

ޗައިނާ އާއި ރަޝިޔާގެ ސިޔާސަތަށް އަންނަމުންދާ ބަދަލުގެ އިިތުރުން، އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން ނޭޓޯ އަދި ހުޅަނގުގެ ބާރުތަކުގެ ނިޒާމަށް ވަނީ ބަދަލުތަކެއް އަންނާން ފަށާފައެވެ. މިއަދުގެ ސައުދީ ވަލީ އަހުދުގެ ‘ޒުވާން’ ސިޔާސަތާއެކު މެދުއިރުމަތި ވަނީ އިތުރަށް ހަލަބޮލިވެފައެވެ. އެހެންކަމުން ޖުމްލަކޮށް، މިދުވަސްވަރަކީ، 2000 ގެ އަހަރުތައް ފެށުނީއްސުރެ، ޖިއޯ ޕޮލިޓިކަލް ގޮތުން ދުނިޔެ ދެކެމުންދާ އެންމެ ހަލަބޮލި އަދި ނުރައްކާތެރި ދުވަސްވަރެވެ.

އިންޑިޔާ ކަނޑު
ދުނިޔޭގެ ޖިއޯޕޮލިޓިކަލް ނިޒާމުގެ ކުޅިބައި އެތުރިފައިވާގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާން ފަށައިފައިވާއިރު، އިންޑިޔާކަނޑަކީ މިކުޅިގަނޑުގެ ޚާއްޞަ ކުންނެކެވެ. ހުޅަނގުގެ އަސްކަރީބާރު މުޅިދުނިޔެއަށް ފެތުރުމަށް ހުޅަނގުން، ޚާއްޞަކޮށް އެމެރިކާއިން، ދުނިޔޭގެ އެކި ކަންކޮޅުގައި އަސްކަރީ މަރުކަޒު ޤާއިމުކޮށްފައިވާ ތަންތަނުގެ ތެރޭގައި އައްޑޫގެ 457 މޭލު ހުޅަނގުގައި އޮންނަ ޑިއެގޯ ގާރސިޔާ- ދިވެހިންދަންނަ ފޯޅަވަހި- ހިމެނެއެވެ. މިއީ މިސަރަޙައްދުގައި ޤާއިމު ކުރެވިފައިވާ ހުޅަނގުގެ އަސްކަރީ އައްޑަނައެވެ.

ރާއްޖޭގެ ދެކުނުން، ހުޅަނގުގެ އަސްކަރީ އައްޑަނައެއްގެ ގޮތުގައި ފޯޅަވަހި ބިނާ ކުރެވިފައިވާއިރު، ރާއްޖޭގެ އުތުރުގައި، ދާދިގާތުގައި، ވަނީ އިންޑިޔާއެވެ. ބިޔަ، ބޮޑު އިންޑިޔާއެވެ. އިންޑިޔާގައި ދިރުއުޅޭ 1.1 ބިލިއަން މީހުންގެ ރޫޙަކީ ‘ޖައި ހިންދު’ އެވެ. ޗައިނާ އާއި އެއްފަދައިން 2000 ވަނަ އަހަރާއި ހަމައަށް އިޤްތިޞާދީ އިންޖީނު އެންމެ ހަލުއިކޮށް އެނބުރުނު އަނެއް ޤައުމެވެ. އެހެންކަމުން، އިންޑިޔާއިންވެސް އެމީހުންގެ އިޤްތިޞާދު ދިރިދެމި ބެހެއްޓުމަށާއި، ޤައުމީ ހައިބަތު ދިފާޢުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤާބިލުކަން ވަނީ އިތުރުކޮށްފައެވެ.

ޤުދްރަތުގެ ނިޔާއާއި އެއްގޮތްވާ ގޮތުގެމަތިން، ޗައިނާއަށް ބޭނުންވާ ހަކަތަ އިމްޕޯޓް ކުރުމަށާއި، އުފައްދާ ތަކެތި ބޭރުކުރުމަށް އިންޑިޔާކަނޑު ހުރަސް ނުކޮށް ވާކަށްނެތެވެ. އެހެންކަމުން، އިންޑިޔާކަނޑުގައި، ޗައިނާގެ ބާރު ހިންގުމަކީ ޗައިނާގެ ނެޝެނަލް ސިކިޔުރިޓީއާއި ގުޅިފައިވާ ކަމެކެވެ. ހަމަ އެއާއެކު އިންޑިޔާކަނޑުގައި، އިންޑިޔާގެ އައްސޭރި ފަށުގައި ޗައިނާގެ ބާރުހިނގާ އަސްކަރީ މަރުކަޒެއް އޮތުމަކީ، 1962 ގައި ރަޝިޔާގެ ނިޔުކްލިއަރ ހަތިޔާރު އެމެރިކާގެ ފްލޮރިޑާގެ އައްސޭރި ފަށުން 780 މޭލުދުރުގައި، ކިޔުބާގައި، ޤާއިމުކުރުމަށް ކުރި މަސައްތައް ވުރެ ނުރައްކާތެރި ކަމެއް ކަމުގައި އިންޑިޔާ ދެކެތެވެ.

މިއަަދުގެ ޙަޤީޤަތް
ދުނިޔޭގެ ޖިއޯ ޕޮލިޓިކަލް މޮނޮޕޮލިީ ބޯޑުގައި ބޮޑެތި ބާރުތައް މިތިބީ ގެއާއި ހޮޓާ އަޅައި ހިސާބުގަނޑަށް ނުފޫޒް ފޯރުވައިގެންނެވެ. މި މޮނޮޕޮލީ ބޯޑަށް ޗައިނާއިން ގެއާއި ހޮޓާއަޅާއި، އެމީހުންގެ ޤައުމީ ސަލާމަތަށް ބޭނުންވާ ތައްޔާރުތައް ވާން ބަލާއިރު ސަލާމަތުން، ހުސްކޮށް ހުރި ގޮޅިއެއް މުޅިންހެން ނެތެވެ. ސްޕްރެޓްލީ އައިލެންޑްސްގައި ބިން ހައިކައިގެން، އަސްކަރީ ޢިމާރާތް ބިނާ ކުރަން މަޖްބޫރުވީ ހުސްކޮށް ހުރި ގޮޅިތައް މަދު ކަމުންނެވެ. ވަން ބެލްޓް، ވަން ރޯޑްގެ ނަމުގައި މިޒަމާނުގެ އައު ސިލްކް ރޯޑެއް ބިނާކުރުމަށް ޗައިނާއިން 1 ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރަމުން ގެންދަނީ މިސަބަބާއި ހުރެއެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންލިބުމަށްފަހު، 2008 ވަނަ އަހަރާއި ހަމައަށް އަޅުގަނޑުމެން ދަތުރުކުރަމުން ދިޔައީ، ‘ނަން އެލައިންޑް’- ވަކި އަތަކަށްނުޖެހޭ- ޤައުމެއްގެ ގޮތުގައެވެ. ބޮޑެތި ބާރުތަކުން ކިތަންމެ ބޭނުންވިކަމުގައި ވިޔަސް، އެއްވެސް އެއްބަޔަކާއި އެކު ޚާއްޞަ ގުޅުމެއް ޤާއިމުނުކޮށެވެ.

ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙު ހޫނުވެ، އިންޑިޔާކަނޑަށް ދުރުމި އަޅައިގެން ބަލަން ތިބި މީހުންނަށް ޤަބޫލު ކުރެވުނު ގޮތުގައި 2008 ގެ އިންތިޚާބަށް ފަހު، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ވައިޖެހޭ އަތް ބަދަލުވެ، ކަނޑުއޮޅިގެ މެދުން ދަތުރުކުރުމުގެ ބަދަލުގައި، އިންޑިޔާގެ އައްސޭރިފަށާއި ކައިރިއަށް އޮޑި ދީލާލިކަމަށް އެފަރާތްތަކަށް ޤަބޫލުކުރެވުނެވެ. އަދި މިއީ ޗައިނާގެ ސިޔާސީ ކުރިމަގަށް އަދި އިޤްތިޞާދަށް ރަނގަޅު ނޫން ފާލެއްކަމުގައި އެބައިމީހުން ދުށްޓެވެ. އެއަށްފަހުގައި ދާޚީލީގޮތުން ނުތަނަވަސް ދުވަސްކޮޅެއް އައުމަށްފަހު، އަނެއްކާވެސް 2013 ގެ އިންތިޚާބަށް ފަހު ފެނުނީ ވައި ބަދަލުވިތަނެވެ. އޮޑީގެ ވާވެލާވެލި ބަދަލުކޮށް ބާރަށް އިރުމައްޗަށް ދަތުރުކުރަން ފެށިތަނެވެ. މިއީ އިންޑިޔާއިން އެންމެ ހިތްހަމަޖެހުމާއެކު ބަލަންބޭނުންވި މަންޒަރަކަށް ނުވިއެވެ.
އަޅުގަނޑުމެންގެ ޤައުމަކީ ކުޑަ ޤައުމެކެވެ. ކުދި ޤައުމުތަކުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތާއި ބޮޑެތި ޤައުމުތަކުން ފިސާރި ފަސޭހަކަމާއެކު ކުޅެލައެވެ. ބޮޑެތިމީހުން ބޭނުންވާ ގޮތަށް ދުނިޔޭގެ ޖިއޯޕޮލިޓިކަލް ނިޒާމު ފަރުމާ ކުރުމަށް ބާރާއި ފައިސާގެ ބޭނުން އަބަދުވެސް އެބައިމީހުން ކުރެއެވެ. އަދި ދާނީ ކުރަމުންނެވެ. މިއީ ފާޅުކަންމަތީ ފެންނާން ހުރި ޙަޤީޤަތެވެ.
ޖިއޮގްރަފީ ނިޔާކުރާ ގޮތުން ރާއްޖޭގެ ސަރަޙައްދަކީ އިންޑިޔާކަނޑު ހުރަސްކޮށް ދަތުރުކުރުމަށް އެންމެ ފަހި ކަނޑުއޮޅި ކަމުގައި ވުމާއެކު ޖިއޯޕޮލިޓިކްލްގޮތުން ހޫނު ހިސާބަކެވެ. މިކަމެއް ބަދަލުވާކަށް ނެތެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މުސްތަޤްބަލް ބިނާ ކުރަންޖެހިފައިމިވަނީ ޖިއޯޕޮލިޓިކަލް އުނދޯލިގެ އެއްގައެވެ.

ނަމަވެސް އަޅުގަނޑުމެންގެ ސައިޒް އަޅުގަނޑުމެން ދަންނަންވާނެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށްކަމަށް އަޅުގަނޑުމެން ޔަގީން ކުރަންވާނެއެވެ. ބަދަލު އަންނާނެއެވެ. އުނދޯލި ހެއްލޭނީ ދެފަހަރު ދެއަތެށެވެ. މިގޮތް ނޭނގި މިއުދޯނލިގެޔަށް ވަދެ، ހެލިފެލި ވެގަތުމުން، އަނގުނުން ޖެހެނީ ‘ލަދު’ ތާކުއެވެ.

ސާފުކޮށް ބުނަމާތޯއެވެ؟ ޗައިނާ، އިންޑިޔާ އަދި ހުޅަނގުގެ އެހެން ޤައުމުތަކަށް މުހިންމީ ރާއްޖެއޮތް ޖިއޮގްރަފިކް ލޮކޭޝަނެވެ. ވެރިކަމުގައި އެވަގުތު ހުންނަ މީހަކީ ރައްޓެއްސެކެވެ. އެވަގުތަށް މުހިންމު ވާނެއެވެ. ނަމަވެސް، ތޮށަލި ދުޅައަށް ހިނގަމުން މިދާ ދުނިޔޭގެ ނިޔާއާއި އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ބަދަލުވުމާއެކު، އެމީހުންގެ ރައްޓެހިކަމުގެ މިންވަރު ބަދަލުވެ ދެން އަންނާންހުރި މީހާ އާއި ގުޅުންތައް ޤާއިމުކުރުމަށް އަވަސްވެގަންނާއެވެ. މީދުންޔަވީ ޙަޤީޤަތެވެ. ދާދިގާތުން ފެންނަން އޮތް މަންޒަރެވެ. ވެރިންނަށް އަންނަ މީހުން ދަސްކުރަން ޖެހޭ ފިލާވަޅެކެވެ.
ބަދަލު ނާންނާނެ ފެންވަރުގައި، އެއްބަޔަކާ ގުޅެވޭނީ، ސާބިތުކަމާއެކު އެބައިމީހުންގެ އުނގަށް އެރި ދެފައި ވައްކޮށްލައިގެން ނެވެ. ގުއާމް، ޕުއަޓަރިކޯ، ފަދަ ޕްރޮޓެކްޓަރޭޓް ޤައުމަކަށް ބަދަލުވެގެންނެވެ. ރާއްޖޭގެ މިނިވަންކަން ޤުރުބާން ކުރުމަށް ފަހުގައެެވެ. މިއަކީ އެއްވެސް ދިވެއްސަކު ޤަބޫލުކުރާނެ ގޮތެއްނޫނެވެ.

މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮވެ، ދުނިޔޭގެ ބޮޑެތި ބާރުތަކުން ކުޅެމުންދާ ޖިއޯޕޮލިޓަކަލް ބައިބަލާ މެޗްތަކުގެ އެއްފަރާތުން ބައިވެރިވެ، ބޮޑު އަނެއްޤައުމުތަކާ އިދިކޮޅަށް ބައިބަލާ ވަނުމުން، އެމީހުންނެއް ހިމޭނަކުން ނުތިބޭނެއެވެ. މިފަދައިން އެއްބަޔަކާއެކު ދަނޑަށް އެރުމަކީ، ދާޚިލީމައްސަލަތަކުގެ ތެރެއަށް އަނެއްބަޔަކު ވަނުމަށް ދެވޭ ދަޢުވަތަކަށް ނޫނީ ނުވެއެވެ. މިކަން މިއޮތީ ދާދި ކައިރިން ފެންނާށެވެ. ރާއްޖޭގައި އެކަންޏެއްނޫނެވެ. މިއީ މިއަދުގެ ސިޔާސީ ލީޑަރުން ދަސްކޮށް ފަރިތަ ކޮށްފައި ހުންނަންޖެހޭ ފިލާވަޅެކެވެ.

އަޅުގަނޑުމެން ކަހަލަ ކުދި ޤައުމުތަކުގެ، އެވަގުތެއްގެ ވެރިން، ރައްޓެހިންކަމަށް ހަދައި، އަތުގައި ހިފައިގެން، ޖިއޯޕޮލިޓިކަލް އުނދޯލިގެއަށް ގެންދިޔަ ކަމުގައިވިޔަސް، އެމީހުން އަރުވަނީ އެކަތައިން ހަދާފައި ހުންނަ ބޮޑު ވަރުގަދަ ޖިއޯޕޮލިޓަކަލް އުނދޯއްޔަކަށް ނޫނެވެ. އަޅުގަނޑުމެންގެ ބޮޑުން އަރުވަނީ ‘ޅޮސް” އުނދޯއްޔަކަށެވެ. އެއަކު ދެމިހުރުމުގެ ބާރެއް، ހަކަތައެއް ނުހުންނާއެވެ. ޤައުމުގައި ހިނގަމުންދާ ކަންތައްތަކާއި މެދު ރައްޔަތުން ހިތްހަމަ ނުޖެހި ބަސްބުނާ ހިނދު، ނުލާހިކު ފަސާހަކަމާއެކު ‘ޅޮސް އުނދޯލި’ ބިންމަތި ވެދެއެވެ. އަދި އުނދޯލި ބަން ވާ އިރު، އެއަށްއަރާ ތިބި ކަތުންނަށް އަނިޔާ ނުވެއެއް ނުދެއެވެ.

ވީމާ މިފަހަރު، ތަޖުރިބާގެ އަލީގައި، ޖިއޯޕޮލިޓަކަލް ‘ޅޮސް’ އުނދޯންޔަށް އަޅުގަނޑުމެން ނާރަމާތޯއެވެ؟ 2008 ވަނަ އަހަރާއި ހަމައަށް އަޅުގަނޑުމެން ދަތުރު ކުރަމުން އައިމަގަށް ރުޖޫޢަ ވަމާތޯއެވެ؟ މޯދީ ބެއްޔާއާއި ޝީޖިންޕިންގ ބެއްޔާ، ދެބެއްޔާއިންނަކީވެސް ބޮޑުބޭބޭން ކަމުގައި ހަދަމާތޯއެވެ؟ މިހަނި އަދި ނުރައްކާތެރި ޖިއޯޕޮލިޓިކަލް ކަނޑުއޮޅިގެ މެދުން ޤައުމީ އޮޑި ދަތުރު ކުރުމަށް ނިންމަމާތޯއެވެ؟