ސިންގާ ރަސްގެފާނުގެ މުސްކުޅިދުވަސް

Test

11 މެއި 2018

ސިންގާ ރަސްގެފާނުގެ ދިގު ވެރިކަމުގައި، އެމަނިކުފާނުގެ ގާތުގައި ވަރަށް “އަރިސް” ބޭކަލުން ކޮޅެއް މުގޯލި އަޅަމުން ގެންދިޔައެވެ. އެއިރު އެމަނިކުފާނުގެ އަރިހުގައި ރޭދުވާ ގުނަމުން ދިޔަ އަރިހުބޭކަލުން އިޢުލާނު ކުރަމުން ދިޔައީ ސިންގާރަސްގެފާނަކީ ހުރިހާ ގޮތަކުން ފުރާ ފުރިހަމަވެފައި އިންނެވި، ފައްކާ ފަސްމީރު ކުރިރުކެއް ކަމެވެ.

މިގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ރެނދަލި ކުރެއްވި ދިގު ތިރީސް އަހަރުގައި، އެމަނިކުފާނުގެ ހިޔަލަށް ޖެހި، ހިޔަނީގެ ހިހުލުގައި ވަރަށް ގިނަ ޖަނަވާރުން އެބައިމީހުންގެ ދިރިއުޅުން ބިނާ ކުރަމުން ގެންދިޔައެވެ. އަދި ރަސްގެފާނުގެ ސުފުރާ މަތިން “ހިހޫ” ތަނުން ކައި، ފަލަވެ ގައިގައި މަސްޖަހައި، ހަށިގަނޑުވަރުގަދަވެ، ދިރިއުޅުމުގެ މަގުތަނަވަސްކޮށް ޢާއިލާ ބޮޑެތިކޮށް، ދަރިފަސްކޮޅު ވަރުގަދަ ކުރުވިއެވެ.

ރަސްގެފާނު އަރިހުގައި މުގޯލި އަޅަމުން ދިޔަ އަރިސްބޭކަލުން ބުނާ ގޮތުގައި، ސިންގާ ރަސްގެފާނު އެއްކަމަކަށް ވުރެ އަނެއް ކަމެއް މޮޅެވެ. ވެރިކަން ހިންގުމުމުގެ ހުނަރުގެ އިތުރުން ދީނާއި ސަގާފަތަށް އެރަސްގެފާނު ހާފަރިތަ ދެވަނައެއް ނެތްކަމަށް އިޢުލާނު ކުރަތެވެ. ކިއެއްތަ، ހިނގަވާފައި ވަޑައިގަންނަވާއިރު ފިޔަވަޅުފުޅު ބަހައްޓަވަނީވެސް ފުރިހަމަ ޑިޒަައިނަކަށް، ކުރެހުމަކަށް ކަމަށް ބުނެ “ވާ! ވާ! އޭ ގޮވާ ޅެމާއި ފަރިހި ހަދާ، އެކަންކަމުގެ ޚަބަރުތައް މީސްތަކުންނަށް ފޯރުކުރަމުން ގެންދެއެވެ. ސިންގާ ރަސްގެފާނުގެ އަޑުފުޅުވެސް، ރީތިކޮށް ލަވަކިޔާ ބުލްބުލަކަށް ވުރެ ރީތިކަމުގައި ބުނެ، މަޒްމޫނު ލިޔެ ތަޤްރީރުކޮށް ހަދައެވެ.

ނަމަވެސް، ކޮންމެ ކަމަކަށްވެސް ނިމުން އަންނަ ބީދައިން ސިންގާ ރަސްގެފާނުގެ ދިގު ވެރިކަމަށް ނިމުން އަތުވެއްޖެއެވެ. މުސްކުޅިފުޅުވެ، ގައިގެ ބާރުދަށްވެ، އެކަނި ވެރިވެއްޖެއެވެ. އެދުވަހު ވައުދާ ހުވާކުރި، ހިޔަޅުތަކާއި، ފުއްލާތައް ފޭއަށް ޖެހި، އަޅާލާނެ ފަރާތްތައް މަދުވެއްޖެއެވެ. އުދުވަހު އެންމެ އަރިހުގައި، އެރަސްގެފާނުގެ ކުޑަވައި އިނގިލީގެ އެންމެ ކުޑަ އިޝާރަތެއްގެ އިންތިޒާރުގައި ސިކުންތު ގުނަމުން ދިޔަ “އަރިސް” ފަރާތްތައް ފިލައި ރައްކާވެއްޖެއެވެ.

ނޫން، ނޫން، މިދެންނެވުނީކީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ހިރަފުސްނަގާ ބައިބޯކޮށް، އެމަނިކުފާނުގެ ފަހަތްޕުޅުން އެދުވަހު ދަތުރުކުރި ބިޔަ ލަޝްކަރު މިއަދު މިވަނީ މައިގަނޑު 3 ބަޔަކަށް ބެހިފައެވެ.

އެކެއް، އެއްވަނައީ ސާބިތުކަމާއި ހިތްވަރާއެކު އެމަނިކުފާނުގެ އަރިހުގައި ޤާއިމުވެ ތިބި މަދު މީސްކޮޅެކެވެ. ހިތްވަރާއެކު އެމަނިކުފާނުގެ އަރިހުގައި އެބަޔަކު ޤާއިމުގެ ތިބި ކަމުގައިވިޔަސް، އެމަނިކުފާނަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކުން އެމަނިކުފާނު ސަލާމަތް ކުރުމުގެ ޤާބިލު ކަމެއް މިއަދަކު އެފަރާތްތަކަކު ނެތެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ހުށަހެޅެމުން އަންނަ އަނިޔާތަކާ ކުރިމަތިލާ އެމަނިކުފާނަށް ރައްކާތެރި ކަން ފޯރޮކޮށްދިނުމަށް އެފަރާތްތަކަށް މިއަދު ވަނީ ނުކުޅެދިފައެވެ.

ދޭއް، ދެވަނައީ، ޚިޔާލާއި ވިސްނުން ބަދަލުކޮށް، އެބައިމީހުންގެ ވިސްނުން ސާފުބަހުން ކިޔާދީ އެމަނިކުފާނާއި ފާޅުގައި ފޭއަށް ޖެހުނު ފަރާތްތަކެވެ.

ތިނެއް، ތިންވަނައީ، ސާބިތު ކަމާއެކު އެއްވެސް ކޮޅަކަށް ޖެހުމުގެ ހިތްވަރުނެތް، ރަނޑު މަކުނުތަކެވެ. އެމަނިކުފާނުގެ ސުފުރާމަތިން ކައި، އެމަނިކުފާނުގެ ހިޔަލުގައި ބޮޑެތިވެ، ދަރިފަސްކޮޅާއި ދިރިއުޅުން ތާޒާކޮށް ހެދުމަށްފަހު، މިއަދު ‘ނޭނގޭ” ކަމަށް ހެދިގެން ތިބި ފިނޑި ހިޔަޅުތަކެކެވެ. އެދުވަހު ހުޝާމަދު ކުރުމާއި، ހިޔަންޏަށް ސަޖިދަ ޖެހުމުގައި ރޭދުވާ ހޭދަކުރުމަށް ފަހު، މިއަދު ދުރުދުރުން ހިނގާ، ވާނުވާ ނޭނގޭ ކަމުގައި ހެދިގެން ތިބި ދެމޫނުގެ ވެރި ޖަނަވާރުންނެވެ.

ނަމަވެސް ސިންގާ ރަސްގެފާނަކީ ތަޖުރިބާ ކާރެކެވެ. ދުނިޔެއީ ހަމަދުނިޔެކަން އެމަނުކިފާނަށް އެނގިވަޑައިގަންނަވައެވެ. ދުނިޔޭގެ ކެހިވެރި ބަސްތަކަށް އެމަނިކުފާނުގެ ލޯފުޅުވަނީ ހުޅުވިފައެވެ. ދުނިޔެ ދޭ އިބްރަތްތަކުން އެމަނިކުފާނު ވަނީ ފިލާވަޅު ނަންގަވާފައެވެ. ދުނިޔޭގެ ހަމަތައް އެމަނިކުފާނު ވަނީ ފިސާރި ރަނގަޅަށް ދަސްކުރައްވާފައެވެ.