Rahthakaai falhu thah dhookurun madu kollamaathoa?

Published on ‘mihaaru’ news on 3rd October 2021 at https://mihaaru.com/opeds/98372

ރަށްތަކާއި ފަޅުތައް ދޫކުރުން މަޑުކޮށްލަމާތޯ؟

އިބްރާހިމް އާތިފް ޝަކޫރު

ދިވެހި ފަތުރުވެރިކަމަށް 50 އަހަރު ފުރެމުން މިއަންނައިރު، ޝައްކެއްވެސް ނެތް ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި މިގައުމު ހިމެނިގެން ދިޔައީ ފަތުރުވެރިކަމުގެ ނަފާގެ ސަބަބުންނެވެ. އިންސާނީ ތަރައްގީގެ މިންގަނޑުތައް ކަމުގައިވާ ވިހެއުމުގައި މަރުވާ އަދަދު، ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް، ދިރިހުންނާނޭ އެވަރެޖް އުމުރު، ތައުލީމީ ފެންވަރު ފަދަ އެތަކެއް މިންގަނޑުތަކެއްގައި، ސަރަހައްދީގޮތުން އެއްވަނަ ހޯދުމުގެ ގާބިލުކަން ލިއްބައިދިނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެހީގައެވެ.

ހިނގަމުންދިޔަ ގޮތް
ނަމަވެސް، ފާޅުކޮށް މިހާރު ފެންނާން ހުރިގޮތުގައި، ފަތުރުވެރި ކަމަށް ބަރޯސާ ވެގެން ހިނގަމުންދިޔަ ތަރައްްގީގެ ފަލްސަފާއަކީ އެންމެ އެކަށޭނެ ފަލްސަފާއެއް ނޫނެވެ. ރިޒޯރޓް ތަކުގެ އަދަދު އިތުރުވާ ނިސްބަތަކުން، އެސިނާއަތުގެ ފައިދާއިން ރައްޔަތުންނަށް ނަފާ ލިބެމުންދާ ކަމަކަށް ރައްޔަތުންގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ވަޒީފާގެ ނިސްބަތް މަދުވެ، ވަޒީފާގައި ގެންގުޅޭ މީހުންނާ މެދު އަމަލު ކުރަމުންދާ ގޮތާމެދު، ޔަގީނުންވެސް ވަޒީފާ ވެރިން ތިބީ ހިތްހަމަޖެހިފައެއް ނޫނެވެ. ރިޒޯޓާއި ގުޅިފައިވާ ވެށީގެ މައްޗަށް އެވެރިން ހަންފަތުރަމުންދާ ގޮތާމެދު ރައްޔަތުން ތިބީ ހިތްހަމަ ނުޖެހުމުގެ ނަޒަރުން ބަލާށެވެ. ހަދައި ކޮންމެ ރިޒޯރޓަކާއިއެކު އެރަށުގެ ފަޅާއި، ފަރާއި، ވެށީގެ މުއްސަނދިކަމުން މަސްވެރިންނާއި ކަނޑު ރޯދި ހޯދައި އެހެން ފަރާތް ތައް ނަހީ ކުރުމުގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ.  ކޮންމެ އަހަރަކު އިތުރު ރަށްތަކެއް ދޫކުރަމުން ދާއިރު، އަތޮޅުގައި، އެ އަތޮޅުގެ ރައްޔަތުން ހިތްހަމަ ޖައްސާލަން، ދަތުރުގޮސް އާއިލާއާއެކު ވަގުތު ހޭދަ ކޮށްލާނޭ މަންޒިލްތައް، ރައްޔަތުންގެ ރުހުމަކާ ނުލައި ބީވަމުން ދާކަމުގެ ކަންބޮޑުވުމުގެ އަޑު ދަނީ ގަދަވަމުންނެވެ.

މިއަދުގެ ހާލަތު
ފަތުރުވެރިކަމުގެ ސިނާއަތް ހިންގާގޮތާއި މެދު ރައްޔަތުން ހިތްހަމަ ނުޖެހުން އިތުރުވަމުންދާ މިދަނޑިވަޅުގައި، ކޮވިޑްގެ ހާލަތާއިވެސް ގުޅިގެން އިންވެސްޓް ކުރަން ތިބި ފަރާތްތައް ދަނީ މަދުވަމުންނެވެ.  ޑިސެމްބަރ 2019 ގައި ބިޑަށް ހުޅުވާލި 23 ރަށަށް މުއްދަތު ހަމަވިއިރު، ލިބިފައިވަނީ  އެންމެ ފަރާތެއްގެ ބިޑެއް ކަމުގައި ވީހިނދުވެސް، މިއަހަރުގެ އެޕްރީލް ގައި ‘އިންވެސްޓަރުން ކެތްމަދުވެފައި’ ކަމަށް ވިދާޅުވެ އަލުން 16 ރަށް ބިޑަށް ހުޅުވާލާފައެވެ. އެޕްރީލްގައި ހުޅުވާލި ބިޑަށް މަސްދުވަސް ވީއިރު، ހުށަހެޅޭނެ އެންމެ ކުޑައަގު 30%އިން ޑިސްކައުންޓްކޮށް، އެވަރެޖްކޮށް ހެކްޓަރ އަކަށް 130،000 ނުވަތަ އެނދަކަށް 3،180 އަށް ވެސް 50 އަހަރަށް ދޫކުރުމަށް ތައްޔާރަށް އޮތް ކަމުގައި އިއުލާނުކުރެވުނެވެ. ހިސާބު ތަކުން ދައްކާ ގޮތުގައި މިއީ އެމް.އެމް.ޕީ.އާރު.ސީ.ގެ ނީލަމުގައި ނުއަގުގައި ރައްޔަތުންގެ އަތުން ބީވެގެން ދިޔަ 45 ރަށުން ހަމައެކަނި ދައުލަތުގެ އަކައުންޓަށް ވަންނާނެ ކަމަށް ބެލެވުނު ރޭޓެވެ. އިންވެސްޓަރ ކޮންފިޑެންސް ނެތްކަން އެނގޭ ހާލުގައ އެމް.އެމް.ޕީ.އާރު.ސީ.ގެ ރޭޓުގައި 16 ރަށަށް ހުޅިވާލި ބިޑަށް ކުރިމަތިލީ 7 ރަށަށް އެންމެ 9 ފަރާތާކުންނެވެ. އެވޯރޑިންގާއި ހަމައަށް ދިޔައީ އެންމެ ރަށެކެވެ.

މިފަދަ ކުޑައަގެއްގައި ނަމަވެސް ރާއްޖޭގެ އެންމެ އަގުބޮޑު ގުދްރަތީ ތަރިކަ ވިއްކަން ދައުލަތުން އިއުލާނު ކުރަމުން ދާއިރު، މިހާރު ދޫކޮށް، ކޮންޓްރެކްޓް ކުރެވިފައިވާ 118 ރިޒޯރޓެއްގެ މަސައްކަތް ވަނީ ނުނިމިއެވެ. ސެޕްޓެމްބަރ 1 އާއި ހަމައަށް 160 ރިޒޯރޓް ހިންގަމުންގެންދާއިރު، ދޫކޮށް، މިހާތަނަށް ނުހެދި ހުރި ރަށްތަކާއި، އަލައް ދޫކުރުމަށް މަސައްކަތް ކުރާ ރައްތަކާއި އެކު، ރަށްތައް ހަދައި ނިމޭއިރު  320 ރިޒޯރޓަށް ވުރެ ގިނަވާނެއެވެ. ނަމަވެސް، ދިވެހިން މިއަދު ދިރިއުޅެނީ 188 ރަށުގައެވެ.

ތަރައްގީގެ ފަލްސަފާ
ވޭތުވެ ދިޔަ 20އަށް އަހަރުގެ ތެރޭގައި، ގައުމު ތަރައްގީ ކުރުމުގެ މައިފަލްސަފާއަކީ ރައްޔަތުން ރުއްސުމަށްޓަކައި ވައުދު ކުރަމުން ދިޔުމެވެ. ވައުދު ފުއްދުމަށްޓަކައި ވިއްކަން ޖެހޭނީ އިތުރަށް ކިތަށް ރަށްތޯ ބެލުމަށް ހިސާބު ޖަހާނީ ވެރިކަން ލިބުމުންނެވެ. ވެރިކަން ލިބުނިއްޔާއެވެ.

މަލްޓި ޕާޓީ ޑިމޮކްރަސީއާއި އެކު މިކަމުގެ ދުވެލި ހަލުވިވެ، އެއް ޕާޓީއަށް ވުރެ ބޮޑެތި، އަގުބޮޑު ވައުދު އަނެއް ޕާޓީއަކުން ކުރަން މަޖްބޫރުވިއެވެ.  ރައްޔަތުންގެ ޓެކްސް ފައިސާ އިތުރުކުރުމަށް އުޅުން ފަސޭހަ ނުވުމުން، ދެން އޮންނަ އެންމެ ފަސޭހަ މަގަކީ އަނެއްކާ، އަވަހަށް، އިތުރަށް، އާ ރަށްތަކެއް ވިއްކާލުމެވެ. ވަކި ބަޔަކުގެ ވަކި ސަރުކާރަކުން ނޫނެވެ. ހުރިހާ ކުލައެއްގެ ހުރިހާ ސަރުކާރަކުންވެސް މެއެވެ.

ނަމަވެސް، މިއަދު ގައުމުގެ ދަރަނި ގުނަވެ، މާލިއްޔަތު ގާނޫނުގައި ބުނެފައިވާ އިންތައް ވަނީ ފަހަނައަޅައި ގޮސްފައެވެ.  އިންވެސްޓަރ ކޮންފިޑެންސް ގެއްލިފައިވާ ކަމުގައި މޫޑީސް އާއި ފިޗް ރޭޓިންގްސް ފަދަ މާހިރުން ވަނީ ރަސްމީ ކޮށް އިއުލާނު ކޮށްފައެވެ.

އެންމެ ފަހުން އިއުލާނު ކުރި ރަށްތަކަށް ލިބިފައިވަނީ ފިނި ތަރުހީބެއްކަން ސާފުކޮށް ފެންނާން ނަމަވެސް، އިތުރަށް އެތަކެއް ވައުދެއްކޮށް، ބްރިޖާއި އެއަރޕޯޓާއި އަޅައިދޭން މިހާރުވެސް މިގެންދަނީ ހުވައިކުރަމުންނެވެ. ފިނޭންސް މިނިސްޓްރީ އިން މިމަހު އިއުލާނު ކުރިގޮތުގައިވެސް ޓުއަރިޒަމަށް ދޫކޮށްގެން،  2022 ގައި 350 މިލިއަން އަދި 2023 ގައި 550 މިލިއަން، ޖުމްލަ 900 މިލިއަން ކުރިއަށް އޮތް 2 އަހަރު ތެރޭގައި ސަރުކާރުން ވަނީ ނިންމާފައެވެ.

ޤައުމީ ތަރިކައަކީ މިއަދުގެ ޖީލުގެ އެކަނި ހައްގެއްނޫން
ނަމަވެސް، ރާއްޖޭގެ ހަމައެކަނި ތަރިކައަކީ އަޅުގަނޑެމެންގެ ރަށްތަކާއި ވެއްޓެވެ. މިވެއްޓަކީ މިއަދު ސަރުކާރުގެ، ނުވަތަ މިޖީލުގެ އެކަނި ‘މުދަލެއް’ ކަމުގައި ނިންމައިގެން ނުވާނެއެވެ. މާދަމާގެ ޖީލުތަކުގެ ދިރިއުޅުން ބިނާ ކުރަން ޖެހޭނީވެސް މިގައުމުގައި، މިވެށީގެ ގުދްރަތީ މުއްސަނދިކަމަށް ބަރޯސާވެ ތިބެއެވެ. އަޅުގަނޑުމެންގެ ދަރިންނާއި ކާފަދަރިންނާއި މާމަ ދަރިންގެ ތަރިކަ މިއަދު ނީލަންކިޔާ ހުސްކޮށްލާކަށް ނުވާނެއެވެ.

ރަށްތަކާއި ފަޅުތަކާއި ބީވަމުން ދާނިސްބަތާއި ގާތްކުރާ މިންވަރަށްވެސް ވަޒީފާ އިތުރު ނުވާކަމުގައި ވަޒީފާވެރިން ބުނަމުންދާއިރު، ފަތުރުވެރިކަމުގެ ނަފާ އާންމު މިހާއަށް ފޯރާ މިންވަރާއި މެދު ރައްޔަތުންެގެ ހިތްނަމަ ނުޖެހުމުގެ ‘ބުން’ ވަނީ ގުގުމާފައެވެ. އެހެންކަމުން، ރަށްތަކާއި ފަޅުތައް ނީލަންކިޔައިގެން ތަރައްގީ ގެނައުމަށް ބޭނުންކުރި ތަރައްގީގެ ފަލްސަފާއާއި މެދު ވިސްނާލުން މިއަދު މަޖުބޫރެވެ.

ގައުމުގެ އިގްތިސާދީ އޮޑި ވަނީ އެތެރެވަރިން ނުކުމެ މައިކަނޑަށް ދަމައިގަތުމުގެ މަގުމަތީގައެވެ. ފުޅޮއިން މުޅިން ނުކެނޑެނީސް، ބޭރުދުނީގެ ފަރެއްގައި ނަގިލި ޖައްސައި އޮޑި ހައްޔަރުކޮށް، ހިންދެމިލަމައި، އޮޑިއަށް ހިމޭން ކަން ގެނެސް، އަލުން ވިސްނާ ލުމުގެ ފުރުސަތު ހޯދަން ވެއްޖެއެެވެ. އިންވެސްޓަރ ކޮންފިޑެންސް ދަށް، ރައްޔަތުންގެ ހިތްހަމަ ނުޖެހުން ބިޔަ މިދުވަސްވަރުގައި، ރަށްތައް ވިއްކައިގެން ގައުމު ތަރައްގީ ކުރުމަށް ވޭތުވެދިޔަ 20 އަށް އަހަރު ގެންގުޅުނު ފަލްސަފާ އާއި މެދު އަލުން ވިސްނާލަމާތޯއެވެ؟

3 އޮކްޓޯބަރ 2021 ގައި “މިހާރު” ނޫހުގައި ޝާއިޢު ކޮށްފައި



Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading