ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން -4، މުއްސަނދި ކަމުގެ ތަފާތު ހަނިކުރުމަށް މަސައްކަތް ކުރުން

ބުރަކި ޖައްސާނެ މިންގަނޑުތައް ކަނޑައެޅިފައި ނުވާ ޙާލަތްތަކުގައި، ފައިދާހުރި ވިޔާފާރި ތައް އަމިއްލަ ޒާތުގައި  ބޮޑުވެ، މަހުޖަނުންގެ މުއްސަަނދިކަން އިތުރުވެ، ބާޒާރުގެ މައްޗަށް އަތްގަދަކުރުމަށް މަސައްކަތް ކުރުމަކީ ނުވެ ނުދާނޭ ކަންކަމެވެ. މިއީ ރާއްޖެއަށް އެކަނި ޚާއްޞަވެފައިވާ ‘އުނި’ ކަމެއް ނޫނެވެ. އިޤްތިޞާދީ ތަރައްޤީއަށް ޓަކައި ބޭނުންކުރާ ކެޕިޓަލިސްޓް މޮޑެލް އުފެދުމުގައިވެސް އެކުލެވޭ ތަބަޢީ ސިފަ އެކެވެ.

އެއް ވިޔާފާރިއަކުން، ނުވަތަ މަދު ވިޔާފާރި ތަކަކުން، ޤައުމުގެ އިޤްތިޞާދުގެ މައްޗަށް ސަވާރުވާން ދޫކުރުމަކީ މިނިވަން، ހުޅުވިފައިވާ ބާޒާރެއް ދެމެހެއްޓުމަށް ހުރި ނުރައްކަލެއްގެ ގޮތުގައި، ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ގެންދާތާ  150 ހަކަށް އަހަރު ވެދާނެއެވެ. އެމެރިކާގެ ކޮންގްރެސްއިން ޝާރމަން އެކްޓް ޤާނޫނަަކަށް ހެދީ 133 އަހަރު ކުރިން 1890 ގައެވެ. އަދި މިފަދަ ޤާނޫނުތައް ބޭނުންކޮށް މުޅި އެމެރިކާގެ މުޢާޞަލާތީ ޚިދުމަތްތައް މޮނޮޕޮލައިޒް ކުރުމަށް މަސައްކަތް ކުރި AT&T  ކުންފުނި، 1984 ގައި މައިތިރި ކޮށް، ވާދަވެރި ކަމަށް އެ ސިނާޢަތް ހުޅުވާލިއެވެ.   

އަޅުގަނޑުމެންގެ ވިޔާފާރި މާޙައުލު ތަސައްރަފު ފުދުމަށް މަޖުބޫރު އެތަކެއް ޤާނޫނުތަކެއްގެ ޑްރާފްޓްތަކުގައި ކަތުރުފަނި އަޅަމުން ދާއިރު، ވުޖޫދަށް ގެނެވިފައިހުރީ ޤާނޫނުތައް ފުރިހަމައަށް ހިންގުމަށް ހުޅުތަކަށް ތެޔޮޖަހަން ޖެހިފައި ހުންނަތާ ކިތަންމެ އަހަރެކެވެ.

ހ- ވިޔާފާރީ ތަކުގެ ތަބަޢީ ސިފަ

ވިޔާފާރިއެއް، އެއްވެސް ވިޔާފާރިއެއް، އަލަށް ފެށުމަކީ ދަތި، އުނދަގޫ، އަދި މާލީ ގޮތުން ‘ބަރު’ މަސައްކަތެކެވެ. ނަމަވެސް ހިނގަމުންދާ ވިޔާފާރި ތައް ފުޅާ ކުރުމަށް ފަސޭހައެވެ. އެފަދަ ވިޔާފާރި ތަކަށް ބޭންކްތަކުން ލޯނު ލިބި، އިދާރާތަކުގެ އެއްބާރުލުން ހޯދުމަކީ އުނދަގޫ ކަންކަމެއް ނޫނެވެ. 

އެއް އެޕާރޓްމަންޓު ހުރި ނަމަ އަނެއް އެޕާރޓްމަންޓަށް ‘އަޕް ފްރަންޓް’ ދައްކަން ފަސޭހައެވެ. ބިޑުތަކުގައި ބައިވެރިވާން ބޭނުންވާ ބެންކް ގަރެންޓީ ހޯދައި، މާލީ ތަނަވަސްކަމަށް ބިޑް ކަރުދާހުގައި އެކަށައަޅާފައިވާ ފުލްމާރކްސް ހޯދުމަކީ، ހިނގަމުންދާ ކުންފުންޏަށް އުނދަގޫ ކަމެއް ނޫނެވެ.

ކައުންސިލްތަކުން ހުޅުވަމުންދާ ގެސްޓް ހައުސް ބިންތަކުގައި ކަޑަޖަހައި، އެއަރޕޯރޓް އަޅައިދިނުމަށް އިތުރު ރަށްތައް ނަގައި، އަތޮޅުގައި ބާކީ އޮތް ފަޅު، އަންބޮނޑި ކުރަން ފަސޭހައީ ހިނގަމުންދާ ވިޔާފާރި ތަކަށެވެ.  

މި ސިލްސިލާގެ 3 ވަނަ ލިޔުމުގައި ރާއްޖޭގެ މަދު ނަމަވެސް މުއްސަނދި ވަސީލަތްތައް،  ހިނގަމުންދާ ސަރުކާރެއްގެ ފަސޭހައަށްޓަކައި ބަހާ ލުމުގެ ނުރައްކަލުގެ މައްޗަށް އަލި އަޅުވާ ލެވުނެވެ. ބަހަމުން، ބައިއަޅަމުން، ގެންދިޔުމުގެ ސަބަބުން، މިޖީލުގެ ބަހެއްނެތި ޤައުމުގެ މުއްސަނދިކަން، އަދި ދެން އަންނާން އޮތް ޖީލުތަކުގެ ތަރިކަ، ވަކި ބަޔަކަށް ހަދިޔާ ކުރެވެނީ އެކަންޏެއް ނޫނެވެ. އެ ކަމުގެ ނަތީޖާއެއްގެ ގޮތުން މަހުޖަނުންގެ ފައިކޭޓް ފުޅާވެ، ބޭންކް އަކައުންޓު އިތުރުވެއެވެ. މުއްސަނދި ކަމުގެ ތަފާތު އިތުރުވެ، ނިކަމެތިކަމުގެ އަނދަވަޅު ފުން ވެއެވެ.

ޒަމާން ތަކެއް ވާންދެން މަގު ފަހި ކުޅަ، މިފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ އެއްއަތޮޅެއްގެ އިޤްތިޞާދީ ޙަރަކާތްތަކުގެ މުގޫ، އެއް ވިޔާފާރިއެއްގެ މުށުތެރަށް ޖަމާވުމުގެ މަގު މިއަދު މިވަނީ ކޮށިފައެވެ.  

ނަމަވެސް، ސަރުކާރުތަކުން ތަނަވަސް ކޮށްދޭ ފުރުސަތުތަކުގެ ސަބަބުން، ވަކި ވިޔާފާރިތަކެއް ފުޅާވެ، ބޮޑުވެގެން ދިޔުމަކީ އެ ވިޔާފާރި ކުށްވެރިވާންވީ ސަބަބެއް ނޫނެވެ. އެއީ ވިޔާފާރި ތަކުގެ ތަބަޢީ ސިފައެކެވެ.

ސިނާޢަތެއްގެ މުގޫ، ވަކި ވިޔަފާރިތަކަކަށް ދޫ ވިޔަ ނުދީ، ހުޅުވިފައިވާ، މިނިވަން، މާޙައުލެއް ދެމެހެއްޓުމަކީ ދައުލަތުގެ ޒިންމާ އެކެވެ. ހިނގަމުންދާ ސަރުކާރުތަކުގެ މައްސޫލިއްޔަތެކެވެ. ވިޔަފާރިތަކުގެ ބޮލުގައި އެކަން އަޅުވައި، އެބައި މީހުނަށް ކަލަ ގޮވައި، އިނގިލި ދިއްކޮށް، ތުންފިއްތުމަކުން މަންޒަރު ބަދަލެއް ނުވާނެއެވެ.  

 ށ- ސަރުކާރު ތަކުގެ ޒިންމާ

އަޅުގަނޑުމެންގެ މިވަގުތުގެ ބޮޑު މައްސަލައަކީ އެއް ސިނާޢަތެއްގެ ކޮންޓްރޯލް، މަދު ބަޔެއްގެ އަތް ދަށަށް ދިޔުމެއްވެސް ނޫނެވެ. އެ ސިނާޢަތުގެ ބޮޑުންގެ އުނދޯލީގައި، ލަންސިމޫފަތުގެ ފަންކާއިން ވައިޖައްސަވަމުން، ސިޔާސީ ބޭފުޅުން ރޭ ދާން ކުރެއްވުމެއްވުމެއްވެސް ނޫނެވެ. އިނގިރޭސި ބަހުން ކިޔާ ‘ރެގިޔުލޭޓަރ ކެޕްޗަރ’ގެ ޙާލަތަށް ސިނާޢަތް ދިޔުން އެކަންޏެއްވެސް ނޫނެވެ. ޖުމްލަ މުޅި އިޤްތިޞާދު އެއް ސިނާޢަތުގެ ބަނޑުދަށަށް ވަދުމެވެ. ފަރީއްކުޅުއްވި މުރާކީގެ އަވާއިން ސިޔާސީން ސަލާމަތް ނުވެވިފައި ތިއްބެވުމެވެ.

ޤައުމުގެ ރައްޔަތުންގެ މެދުގައި ހަމަހަމަ ކަން ޤާއިމުކުރަން ޖެހެނީ، އިންސާފުގެ ކުރިމައްޗަށް ދިޔުމަށް ނުވަތަ އަސާސީ ޚިދުމަތް ތަކަށް ވާސިލުވުމުގައި އެކަންޏެއްނޫނެވެ. އަމިއްލަ ފަރާތްތަކުން ވިޔާފާރި ތައް ފަށައި، ކުދި ވިޔާފާރި ތައް ބޮޑެތި ވުމަށް، މަގު ހުޅުވައި، އެކަމަށް ހުރަސް އެޅިޔަ ނުދީ ބޮޑެތި ވިޔާފާރި ތަކުގެ ފިޔަ ކޮށުމަކީވެސް ޤައުމުގައި ހަމަހަމަ ކަން ޤާއިމު ކުރުމުގެ އަސާސެއް ކަމުގައި ނޫނީ ނުވާނެއެވެ.

ގަސްތައް ހެދި ބިޔަވެފައިވާ ޖަންގަލިތަކުގައި، އާ ގަސް އާލާ ކުރެވެނީ، ކުދި ގަސް ހެދި ބޮޑުވުމަށް ބޭނުންވާ އިރުގެ އަލިކަމަށް ހުރަސް އަޅާ ބޮޑެތި ގަސްތަކުގެ އޮފިތައް ކޮށާ، ވެށި އަލިކޮށް ދިނުމުންނެވެ. ގަސްކަރަ އާވެ އާލާ ކުރެވޭނީ، އާ ޖީލަކަށް މަގު ހުޅުވައި ދެވުމުންނެވެ.

 މިނިވަން އިންސާފު ވެރި ބާޒާރެއް ދަމަހައްޓައި، ކުދި ވިޔާފާރި ތަކަށް މަގު ހުޅުވައިދީ، ބޮޑެތި ވިޔާފާރި ތަކުން ސިނާޢަތުގެ މައްޗަށް ގަދަވެ ގަތުމަށް ކުރާ މަސައްކަތްތައް، މައިތިރި ކޮށް ކޮންޓްރޯލު ކުރުމަކީ ދާއިމަށް ވެސް ދައުލަތުގެ މައްސޫލިއްޔަތެކެވެ. ބަދަލުވަމުންދާ ސަރުކާރުތަކުގެ އަބަދުގެ ވެސް ޒިންމާއެކެވެ.

އެންޓި ކޮމްޕިޓިޓިވް ޤާނޫނު ތައް ހަދައި، ޕޮރޮގްރެސިވް ޓެކްސް ނިޒާމުތައް ހަރުދަނާކުރުން ފަދަ ޢަމަލުތަކަށް ސިޔާސީން ކެރުނު ދުވަހަކާއި ހަމައަށް، މުއްސަނދިން ދާނީ އަބަދުވެސް މުއްސަނދި ވަމުންނެވެ. މުއްސަނދި ކަމުގެ ތަފާތު މީސްތަކުންގެ މެދުގައި ދާނީ ފުޅާ ވަމުން، ހިތް ހަމަ ނުޖެހުން އިތުރުވަމުންނެވެ.

ރައްޔަތުންގެ ހިތްހަމަ ނުޖެހުން ބޮޑުވެގެން ދިޔުމުގެ ހިތި ރަހަ، އާޚިރުގައި ސިޔާސީންގެ ކަރުގައި ނުލައެއްވެސް ނުމެ ދާނޭމެއެވެ.

3 Comments

  1. Progressive Tax is a tool to reduce the gap, but the way it got modelled during the income tax implementation, caused less space for the middle income to grow, as the Tax bands falls to SME to MEdium range only and is NOT reflecting to higher income bands as they too pay 15% which is paid by MEDIUM Businesses…
    Ministry if Finance did implement some guidelines to stop BIG parties entering small bids, with a lower quantile cap… but the SOEs are not to follow these guidelines as they follow thier boards, means they keep participating small network projects tooo causing challenges to SMEs as these big giants come with a higher price but with credit lines along with attractive payment schedules…
    Bank Loans too demand more, despite they have 150% valued collateral, They asks for a revenue that cover 150% of the EMI loan pay, and they have their own reference levels which are way away form the market rates…
    For a real estate project, for a developer whose income from existing real restate projects, the Banks accepts only 60% of the current rental revenue and 60% of this rvenue should cover 150% of the EMI for loan pay, and shall provide a collateral with value over 150% of the loan amount ……
    hence only big giants can manage all these demnads

Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading