ފަހަށް ރައްކާކުރަން ފަސްކުރެވިއްޖެނަމަ
(މިއީް 2004 ގައި ލިޔެ ހަވީރުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.)
ރާއްޖޭގައި ވިޔަފާރި ކުރަމުންގެންދާ ބޭންކުތަކުން ލޯނުނެގުމަކީ ފަސޭހަ އަދި އަގުހެޔޮ ކަމަކަށް އޮންނަނީ ނުވެފައެވެ. ބޭރު ބޭންކުތަކުން 5-6% ގައި ލޯނު ލިބެން ހުންނަ އިރު ރާއްޖޭގެ ބޭންކުތަކުން ލޯނު ދޫކުރަމުން ގެންދަނީ މާއަގުބޮޑުކޮށެވެ. ދާދިފަހަކާ ޖެހެންދެން 12% ގައިލިބެން ހުރިލޯނު މިފަހަކަށް އައިސް 10% ވަރުގައި ލިބެން ހުރިނަމަވެސް، ދުނިޔޭގެ އެހެން ޤައުމު ތަކުގެ ނިސްބަތުން ރާއްޖޭގެ ބޭންކުތަކުގެ ރޭޓް މިވަނީ ވަރަށް މަތީގައެވެ.
ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރާ ބޭރު ބޭންކުތަކުގެ އެހެނިހެން ގޮފިތަކުން ރާއްޖެއަށްވުރެ ހެޔޮއަގުގައި ލޯނުދޫކުރަމުން ގެންދެއެވެ. މިގޮތުން ބޭންކް އޮފް ސިލޯން، ސްޓޭޓް ބޭންކް އަދި ހަބީބް ބޭންކް މާލޭ ބްރާންޗުން ލިބެން ހުންނަ މިންވަރަށް ވުރެ ހެޔޮއަގުގައި އެބޭންކު ތަކުގެ އެހެނިހެން ގޮފިތަކުން ލޯނުލިބެން ހުރެއެވެ. އަދި މިފަދަ ލޯނުތައް ދިވެހި ފަރާތްތަކުން ނަގަމުން އެބެގެންދޭވެސް މެއެވެ.
މިގޮތަށް ދިމާވަމުންދާ އެންމެ ބޮޑު ސަބަބެއް ކަމުގައި ބެލެވެނީ އަޅުގަނޑުމެންގެ ތެރޭގައި ފަހަށް ރައްކާކުރެވޭ މިންވަރު ދަށްވުމެވެ. ބޭންކު އެކައުންޓްތަކުގައި ބެހެއްޓޭފައިސާ މަދުވެފައި ބެހެއްޓޭ މުއްދަތު ކުޑަވުމެވެ. އެހެނީ ލޯނުދޫކުރުމުގައި ބޭންކުތަކުން މަސައްކަތް ކުރަމުން ގެންދާނީ އެކައުންޓްތަކުގައި ޖަމާކުރާ ފައިސާއިން ލޯނު ދިނުމަށެވެ. މިގޮތުން ކަރަންޓް އެކައުންޓްގައި ޖަމާ ކުރެވޭ ފައިސާއިން ދިގުމުއްދަތަށް ލޯނު ދޫކުރުމަށް ބޭންކުތަކުން ޖެހިލުންވާނެއެވެ. މާދަމާވެސް އެކައުންޓުން ފައިސާނަގަން ބޭނުންވެދާނެތީއެވެ. ވީމާ ލޯނު ދޫކުރުމުގައި ބޭންކުތަކުން ބަލާ އެންމެ މުހިންމު އެއް މިންގަޑަކީ ފަހަށް ރައްކާކުރާ ފައިސާގެ މިންވަރެވެ. އެޤައުމުގެ ފޯރުންތެރިން ފިކްސްޑް ޑިޕޮސިޓް ތަކުގައި ޖަމާކުރާ މިންވަރާ އެފައިސާ ބަހައްޓާ މުއްދަތެވެ. އެހެންކަމުން ފިކްސްޑް ޑިޕޮސިޓްތަކުގައި ގިނަދުވަހަށް ފައިސާ ޖަމާކުރަމުންގެންދާނަމަ، އެޑެޕޮސިޓްތަކުގެ އެހީގައި ބޭންކުތަކަށް އަގުހެޔޮކޮށް ލޯނުދިނުމުގެ ޤާބިލްކަންލިބޭނެއެވެ.
ފަހަށް ރައްކާކުރުމަކީ އަމިއްލަ ނަޒަރުން ވިސްނިކަމުގައި ވިޔަސް ވަރަށް މުހިންމުކަމެވެ. މިއަދުލިބޭ އާމްދަނީއިން އަގުބޮޑު ސައިކަލާ ޚަރަދުބޮޑު ކާރު ގަތުމާ ހަފްތާ ނިންމުމަށް ސިލޯނަށް ދިޔުމުގެ ބަދަލުގައި ކޮންމެވެސް މިންވަރެއް ސަލާމަތްކޮށް އެކައުންޓެއްގައި ޖަމާކުރެވިއްޖެނަމަ، މާދަމާގެ ބޭނުންތައް ފުއްދުމަށް ފަސޭހަވޭނެއެވެ.
ޤައުމީ ޢިޤްތިޞާދީ ނިސްބަތުން ވިސްނާއިރުވެސް ފަހަށް ރައްކާކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން ފަހަށް ރައްކާކުރުމުގެ މިންވަރު ނުވަތަ ނޭޝަނަލް ސޭވިންގސް ފަންކްޝަން މަތިކުރެވިއްޖެނަމަ، ބޭންކުތަކުގައި ދިގުމުއްދަތަށް ޖަމާ ކުރެވޭ ފައިސާގެ ސަބަބުން ލޯނުހޯދަން ފަސޭހަވެފައި އިންޓަރަސްޓް ރޭޓް ދަށްވާނެއެވެ. އަދި ޤައުމު ކުރިއެރުވުމަށްޓަކައި ހިންގަން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭރު ފަރާތްތަކުން އަގުބޮޑު ލޯނުހޯދުމުގެ ބަދަލުގައި އެފަދަ ބައެއް މަޝްރޫޢުތަކަށް ބޭނުންވާފައިސާ އެޤައުމަކުން ލިބިދާނެއެވެ. ނަތީޖާއަކީ މަޝްރޫޢުގެ ޚަރަދުކުޑަވުމާއި، ބޭރަށް ދާ ފައިސާ މަދުވުމާއި، ބެލެންސް އޮފް ޕޭމަންޓްސް ރަނގަޅުވުމެވެ.
ނަމަވެސް ރާއްޖޭގައި ސޭވިންގްސް ފަންކްޝަން ނުވަތަ ފަހަށް ރައްކާކުރެވޭ މިންވަރު ދަށްކަމުން، ރާއްޖޭގެ ބޭންކުތަކުން ލޯން ދޫކުރަނީ އެހެން ބޭންކަކުން ފައިސާ ހޯދައިގެންނެވެ. އެހެންކަމުން ދެވަނަ ބޭންކަކުން ފައިސާ ނެގުމުގެ ޚަރަދު ހިމެނިގެން މެނުވީ ރާއްޖޭގައި ހިންގާ ބޭންކަކުން ފައިސާ ދޫކުރެވޭކަށް ނޯވެއެވެ.
ޖުމްލަގޮތެއްގައި އަޅުގަނޑުމެން ފަހަށް ރައްކާކުރާ މިންވަރު އިތުރުކުރެވިއްޖެނަމަ، ނުވަތަ ސޭވިންގްސް ފަންކްޝަން މަތިކުރެވިއްޖެނަމަ، ފަރުދީ އަމިއްލަ ބޭނުންތައް ފުއްދުމަށްޓަކައި އެކިބައެއްފަހަރުމަތިން ހޯދަން ޖެހޭ ފައިސާ ހޯދުމުގައި އަނެކާގެ އެހީއަށް އެދި އަތްދިމާކުރުން މަދުކުރެވިދާނެއެވެ. މިގޮތުން ކުރެވޭ މަސައްކަތުން ޤައުމުގެ ޑޮމެސްޓިކް ސޭވިންގްސް އިތުރުކުރެވިއްޖެ ނަމަ ޤައުމީ ނިސްބަތުން ހިންގަން ހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދަން ފަސޭހަވެފައި އަގުހެޔޮވާނެއެވެ. އަދި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ބޭނުންވާ ކުދި ލޯނުފަދަ ތަކެތި މިހާރަށް ވުރެ ލުއިކޮށް ލިބި މުޅި އިޤްތިޞާދަށް ދިގުމުއްދަތުގައި ދެމެހެއްޓެނިވި ފައިދާ ކުރާނެތެވެ.
