ދައުލަތުގެ ވިޔަފާރި ކުންފުނިތަކަކީ ސިޔާސީ މީހުން ސިޔާސީ ގޯލްޖަހަން ބޭނުންކުރާ ކުޅިވަރު ދަނޑަކަށް މިފަހަރު ނުހަދަމާތޯއެވެ؟ ކުންފުނިތަކުގެ މެނޭޖްމަންޓާއި މުއައްޒަފުން ސިޔާސީ މައިދާނަށް އަރުވާ އެބައިމީހުންލައްވާ މިފަހަރު ސިޔާސީ ކުޅިވަރު ނުކުޅުވަމާތޯއެވެ؟
ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ މަޤްޞަދަކަށް ވާންޖެހޭނީ ކަނޑައެޅުފައިވާ މޭންޑޭޓާއި އެއްގޮތްވާ ގޮތުގެމަތިން ހެޔޮގޮތުގައި ވިޔާފާރިކޮށް، ނަފާހޯދާ، ދައުލަތަށް ޑިވިޑެންޑް ދެއްކުމެވެ. މިހިސާބުން ފުލްސްޓޮޕެއް ޖެހުމުން ނިމެން ޖެހެއެވެ.
ހ. ކުންފުނީގެ މެންޑޭޓް
ދައުލަތުން ކުރާނީ ކޮންވިޔަފާރިއެއްތޯ ކަނޑައަޅާނީ އެވަގުތަކު ދައުލަތް ހިންގަން ރައްޔަތުން ޙަވާލުކުރާ ފަރާތެވެ. އެހެންކަމުން ދައުލަތުން ކުރާނީ ކޮންވިޔާފާރިއެއްތޯ، އަދި ވިޔާފާރި ހިންގާނީ ކޮން އޮނިގަނޑެއްގެ ދަށުންތޯ، ކިތަށް ކުންފުނީގެ މައްޗަށް ބަހާލައިގެންތޯ ނިންމައި ކުންފުނީގެ މެންޑޭޓް ކަނޑައަޅަނީ އެފަރާތްތަކުންނެވެ. ނަމަވެސް މިފަދައިން މޭންޑޭޓް ކަނޑައެޅުމަށްފަހު އެމެންޑޭޓަށް ވާސިލު ވުމުގެ ޒިންމާ އާއި މައްސޫލިއްޔަތު ޙަވާލުކުރަންވާނީ ކުންފުނީގެ ބޯޑާއި މެނޭޖްމަންޓަށެެވެ. ކުންފުނީގެ ޚަރަދުތައް ހަރުދަނާ އޯޑިޓް ސިސްޓަމެއްގެ ދަށުން ހިންގުމަށް ޙަވާލުކޮށް، ނަފާއާއި ގެއްލުމަށް އެފަރާތްތައް ޒިންމާ ކުރުވުމުގެ އިތުރުން ކުންފުނީގެ މެނޭޖްމަންޓު ތެރެއަށް ސިޔާސީ އެކި ފަރާތްތަައް، އެކިފަހަރު އަތްބާނާން ފެށުމުން ބޯޑާއި މެނޭޖްމަންޓުގެ ޒީންމާއާއި މައްސޫލިއްޔަތުން ރެކުމުގެ ފުރުސަތު ފޯރުކޮށްދެވޭނެއެވެ.
ކުންފުނީގެ މޭންޑޭޓް ކަނޑައެޅުމަށްފަހު، އެމޭންޑޭޓާއިގެން ހިނގުމުގެ މައްސޫލިއްޔަތު އެޅޭނީ ކުންފުނި ހިނގަން ތިބި ފަރާތްތަކުގެ ކޮނޑުގައެވެ. ނަމަވެސް ނަކަތު ދެކޮޅު ކުންފުނީގެ މޭންޑޭޓް ގައި ހިމެނިފައި ނުވާ ކަންތައް ހިންގުމަށް ބޯޑަށާއި މެނޭޖްމަންޓަށް އަންގަނީނަމަ، ވަޒީފާގައި ދެމިތިބުމުގެ ބޭނުމުގައި އެމަސައްކަތާއިގެ އެމީހުން އުޅެފާނެއެވެ. ނަމަވެސް ވިސްނުންތެރިކަމާއެކު ކުރިޔަށް އިންވެސްޓްމަންޓް ރާވައިގެން ކުންފުނި ހިންގުމަކަށް ފުރުސަތެއް ނުލިބޭނެއެވެ. ޕޯޓް އޮތޯރިޓީގެ މެންޑޭޓަށް ބަސްދުއްވުމުގެ މަސައްކަތް އިތުރު ކުރަނީނަމަ، ފިސާރި ސާބިތު ކަމާއެކު މޭންޑޭޓްގައި އެކަންހިމަނައި، ރޭވުންތެރިކަމާއެކު، އެމަސައްކަތަށް އިންވެސްޓްކޮށް ހިންގުމުގެ ފުރުސަތު ދެމާތޯއެވެ؟ އެންމެ ފަސޭހައިން ފޯނަށް ޖަވާބުދޭ އެމް.ޑީ.ގެ ކުންފުނީގެ މެންޑޭޓް، އެވަގުތަށް ސަރުކާރަށް މުހިންމުވާ ކަންތައްތަކުން މިފަހަރު ފުރާނުލަމާތޯއެވެ؟ މިފަދައިން ޢަމަލު ކުރުމުން ކުންފުނީގެ މަޤްޞަދަ އޮޅި، އިންވެސްޓްމަންޓް ރާވައިގެން ހިނގުމުގެ ފުރުސަތު އެކުންފުންޏަކަށް ނުލިބޭނެއެވެ. މިފަދައިން ކުރަން ޖެހޭ ކުއްލި އިންވެސްޓްމަންޓްތަކުން ރިޓާރން އޮން އިންވެސްޓްމަންޓް ރަނގަޅެއް ނުވާނެެއެވެ. މީގެ އިތުރުން މެނޭޖްމަންޓުގެ ވަގުތު ބޭކާރުވެ، ނުރަނގަޅު ގޮތުގައި މުއައްޒަފުން ބޭނުންކުރެވި، ކުންފުނި ތެރޭގައި މަސްލަހަތާއި ހިތްހަމަނުޖެހުން ފުޅާވާނެއެވެ.
ށ. ކުންފުނީގެ ބޯޑު
ދައަުލަތުގެ ކުންފުނިތައް ހެޔޮ މަގުން ހިންގާ، ނަފާއާއި ފައިދާ ހޯދުމަށްޓަކައި އެންމެ މުހިންމު އަނެއް ކަމަކީ އެކަށޭނަ ބޯޑެއް ކަންޑައެޅުމެވެ. ބޯޑު އެކުލަވާލާން ޖެހޭނީ، ކުންފުނީގެ މޭންޑޭޓްގައިވާ ވިޔާފާރި ދަންނަފަރާތްތަކާއި، ހިންގުމުގެ ހުނަރާއި ތަޖްރިބާ ލިބިފައިވާ ފަރާތްތަކާއި، އަދި ކުންފުނީގެ ބެލެންސް ޝީޓް ތަރުޖަމާ ކުރުމުގެ ފަންނުވެރިން ހިމަނައިގެންނެވެ.
ތެދުވެރިކަމާއި އަމާނާތް ތެރިކަމާއެކު، ދައުލަތުގެ މުދަލަށް، އާޚިރުގައި ރައްޔަތުންގެ މުދަލަށް، ރަނގަޅު ނަފާއެއް ހޯދުމަށް ކަމަރު ބަނދެގެން ތިބިފަރާތްތައް މެދުވެރި ކޮށްމެނުވީ ދައުލަތަށް އެންމެ ރަނގަޅު ގޮތުގައި ކުންފުނި ތަކެއް ނުހިންގޭނެއެވެ. އެވަގުތު އޮތް ސަރުކާރަށް އެންމެ ރަނގަޅު ގޮތުގައި ކުންފުނި ހިންގުމާއި. ޖުމްލަކޮށް ދިވެހި ދައުލަތަށް އެންމެ ފައިދާ ހުރި ގޮތުގައި ކުންފުނި ހިންގުމާއި ދޭތެރޭގައި ‘ނުހިއްކާއޮތް ސަރާސަރު ބޮޑު ސަރަޙައްދު’ ހިމެނޭނެއެވެ. އެއްވެސް ކުންފުންޏެއްގެ މެނޭޖްމަންޓަށް އެންމެ ރަނގަޅު ގޮތަކީ ކުންފުނީގެ ހިއްސާދާރުންނަށް އެންމެ ރަނގަޅު ގޮތް ކަމުގައި އަބަދަކުނުވެއެވެ. ދައުލަތުގެ ކުންފުނިތަކުގެ ޙަޤީޤީވެރިންނަށް ބަސްބުނަން ލިބެނީ 5 އަހަރުން 1 ފަހަރުއެވެ. އެހެންކަމުން މިގޮތުން ދިމާވާ މައްސަލަތައް ދައުލަތުގެ ކުންފުނިތަކުގައި ބޮޑުވެފައި ބިޔައެވެ. ‘އެޖެންސީ ޕްރޮބްލެމް’ ނުވަތަ ‘އެޖެންސީ ކޮސްޓް’ ގެ ފޮރުވިފައިވާ ކުންނުތައް ދެނެގަނެ، ކުންފުނި ހިނގާ މަަގު މޮނިޓަރ ކޮށް ބެލެހެއްޓޭނެ ޤާބިލު ބޯޑެއް އައްޔަނު ކޮށްގެން މެނުވީ ރަނގަޅު ގޮތުގައި އެއްވެސް ކުންފުންޏެއް، ޚާއްސަކޮށް ދައުލަތުގެ ކުންފުންޏެއް، ނުހިންގޭނެއެވެ.
އެހެންކަމުން، ދައުލަތުގެ ކުންފުނިތަކުގެ ބޯޑަކީ ކެއިމްޕެއިންގައި މަސައްކަތް ކޮށްދިންފަރާތްތަކަށް ދަރާފައިވާ ދަރަނި އަދާކުރުމަށް ބޭނުން ކުރާ ނީލަމެއް ކަމުގައި މިފަހަރު ނުހަދަމާތޯއެވެ؟ ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުންގެ މައްޗަށް ކުންފުނީގެ ބޯޑު އެކުލަވާލުމުން، ކުންފުނީގެ މެނޭޖްމަންޓްވެސް ސިޔާސީ ވުމަށް މަޖްބޫރު ވެދެއެވެ. މެނޭޖްމަންޓުން ސިޔާސީ ކުޅިވަރުގައި ބައިވެރިވެދާން ޖެހި، ސިޔާސީ އެކި ކުލަތަކުގެ ޖާރޒީލައިގެން ސިޔާސީ ދަނޑަށް މެނޭޖްމަންޓް ނެރުމުން ފެންނަނީ ބައިކޮޅަށް ގޯލްވަންނަތަނެވެ.
ނ. ކުންފުނީގެ މެނޭޖްމަންޓް
ދައުލަތުގެ ކުންފުނިތައް، އަދި ކޮންމެ ކުންފުންޏެއް ކަމުގައިވިޔަސް، ހިންގުމަށް އައްޔަނު ކުރަންވާނީ ހިންގުމުގެ ތަޖްރިބާއާއި އެކަށޭނެ ތަމްރީނު ލިބިފައިވާ ފަރާތްތަކެވެ. ހިންގުމުގެ ދާއިރާއިން ނާއި އެކައުންޓަންސީ އަދި މާރކެޓިންގ ފަދަަ މާއްދާތަކުން ކިޔަވައި ޑިގްރީ ލިބިފައިވާ އެތަކެއް ޒުނާނުންނާއި، އެތަކެއް އަހަރުގެ ޢަމަލީ މަސައްކަތާއެކު ތަޖްރިބާ ޙާޞިލުކޮށްފައިވާ ފަހުލަވާނުންތަކެއް ދައުލަތުގެ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރަމުންގެންދެއެވެ. މީގެ އިތުރުން ޑިގްރީ ނިންމައި ވަޒީފާގެ ބާޒާރަށް ކޮންމެ ދުވަހަކު އެތަކެއް ކުދިންނެއް ނުކުމެއެވެ.
މިފަދަ ޤާބިލު އަދި އެކަށޭނަ ފަރާތްތަކަށް ޙައްޤު މަޤާމު ދިނުމުގެ ބަދަލުގައި ކަންމަތީ ޖަގަހަ ހުޅުވައި ހިންގައިދިން މީހާގެ ދުރުތާ ތިމާގެ ޅިޔަން ފަހަރިންނަށް ކުންފުނީގެ މަތީ މަޤާމުތައް ވެދުން ބަރުތީލަ ކުރަން ފެށުމުގެ ނަތީޖާ ވަރަށް ގޯހެވެ. ކުންފުނީގައި ތިބި މުއައްޒަފުންގެ ހިތްހަލާލެއް ނުލިބެއެވެ. އޮޑީގެ ނެވި މީހާގެ ގޮތުގައި ކަނޑުދުއްވަން ނުދަންނަ ފަރާތެއް އިސްކޮށް އޭނާ މެދުވެރިކޮށް އަންނަ އޯޑަރަށް ފަޅުވެރިން ކުރިމަތިލާނީ މޫނު ހަދައިގެން ތިބެއެވެ. ލާއެކަށޭނަ ނެވިންގެ އޯޑަރަށް ފަލިޖަހައި، އޮޑިޔާގެން ކަނޑުއޮޅި ނުކުތުމުން، ގަދަވަޔާއި ކޮޅީގައިޖެހި، މިސްރާބުއޮޅި، ފަށަނަށް ގުޑުންއަރައި އޮޑިރޫޅޭތަން މިހިރީ ފެންނާށެވެ.
މިގޮތުން ކުރެވޭ މަސައްކަތުގެ އިޤްތިޞާދީ އަދި ވިޔަފާރި ނަތީޖާ ގޯސްވުމުގެ އިތުރުން ސިޔާސީ ފައިދާ ކުރާ ތަނެއްވެސް ނުފެނެއެވެ. ނުރަނގަޅު ގޮތުގައި ސިޔާސީ ފަރާތްތައް މެދުވެރިކޮށް ކުންފުނިތައް ހިންގުމުގެ ސިޔާސީ ނަތީޖާވެސް އާޚިރުގައި ރަނގަޅެއް ނޫނެވެ. މިކަންމިވަނީ ފިސާރިރަނގަޅަށް ފެންނާށެވެ.
އެހެންކަމުން މިފަހަރު، ދައުލަތުގެ ކުންފުނިތައް ނަފާއާއި ފައިދާ ހޯދުމަށް ދޫކުރަމާ ތޯއެވެ؟ އެފަދަ ކުންފުނިތަކުގެ މޭންޑޭޓް ރަނގަޅަށް ކަނޑައަޅައި، ކުންފުނީގެ ބޯޑަށް ހަރުދަނާ މީހުން އައްޔަނުކޮށް، ކުންފުނީގެ އިސްމަޤާމުތަކަށް ތަޢްލީމާއި ތަމްރީނު، އަދި ތަޖްރިބާލިބިފައިވާ ފަރާތްތައް ކަނޑައަޅަމާތޯއެވެ؟ ކުންފުންޏަށް ރަނގަޅީ އެެގޮތެވެ. ދައުލަތަށް ފައިދާ ބޮޑި އެގޮތުގައެވެ. އަދި ސަރުކާރު ހިންގަން ތިބި ފަރާތްތަކަށްވެސް އާޚިރުގައި ރަނގަޅުވާނީ އެގޮތެވެ.
