ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން -3، ހިނގަމުންދާ ސަރުކާރުގެ ނަފާއަށް ޤައުމުގެ މުއްސަނދިކަމާއި، މާދަމާގެ ޖީލުގެ ތަރިކަ ނީލަން ކިޔުން

ޤުދްރަތުގެ ނިޔާއާއި އެއްގޮތްވާ ގޮތުގެ މަތިން، އަންޒަމާނުއްސުރެ އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރެވިފައިމިވަނީ، މަދު، އެހެނަސް  އަގުބޮޑު ޤުދްރަތީ ވަސީލަތްތަކެއްގެ މައްޗަށެވެ. ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި، މި ދެންނެވި މުއްސަނދި ކަމުން އުފެދޭ އެހެނިހެން އިޤްތިޞާދީ ޙަރަކާތުގެ މައްޗަށެވެ.

މިދެންނެވި އަގުބޮޑު ޤުދްރަތީ މުއްސަނދި ކަމުގެ މައްޗަށް ބިނާ ކުރެވުނު އިޤްތިޞާދު، 70ގެ މެދުތެރެއާއި ހަމައަށް މައިގަނޑު ގޮތެއްގައި ބިނާާ ކުރެވުނީ މަސްވެރިކަމުގެ އުފެއްދުންތެރިކަމުގެ މައްޗަށެވެ. ނަމަވެސް ފަތުރުވެރިކަން ތަޢާރުފު ކުރެވި، ހަލުއިމިނުގައި ފުޅާވެގެން ދިޔުމާއި އެކު، ޒަމާނުއްސުރެ ދިވެހި އިޤްތިޞާދީ ޙަރަކާތް ތަކުގެ ކުރީ ސަފުގައި ބަސްބުނި އޮޑިވެރިންނާއި މަސްވެރިންގެ އަޑު، މަޑުމަޑުން ކެނޑި، 2000 ގެ އަހަރުތަކަށް ފެށުނު އިރު ދިވެހި އިޤްތިޞާދު އަދި ދިވެހިންގެ ދިރިއުޅުން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ މޯހިރުގައި އުޅެން ފަރުމާ ކުރެވިފައެވެ.

  ހ- ޤުދްރަތީ ވަޞީލަތަށް ބޭނުންކުރުމުގެ ތަފާތު

ޝައްކެއް ނުކުރެވޭނެ މިންވަރަށް، ކަނޑުގައި ލެއްވި މުއްސަނދިކަމުގެ މިންވަރަށް މިއަދު މިވަނީ އަސަރު ކޮށްފައެވެ. ފަންރިޔަލުގައި ހައްސަ ބާނައިގެން އިރުއޮއްސި އަނދިރިއަށް ކާބަފައިން ރަށަށް ލެފިނަމަވެސް، ލޮލަށް ދައްކާ ހިސާބުގައި އުދުހުނު އައިންމަތީ ދޫނިތައް އޮބާ، އައިންތައް ގެނބުރަށް ޖެހި، މަސްވެރިކަން މިއަދު މިވަނީ ފުޅޮއިން ނެއްޓި ބޭރުކަނޑަށް ނުކުމެފައެވެ.   އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙު ނުކުރާނަމަ، މަސްވެރިކަމުގެ ރޯދި، އިތުރަށްވެސް ނިކަމެތި ނުވެއެއް ނުދާނެއެވެ.

ނަމަވެސް، ޖުމްލަ ގޮތެއްގައި މަސްވެރިކަމަކީ، ޤުދުރަތީ ދިރި ދެމެހެއްޓުން ލަހައްޓަވާފައިވާ ރޯއްޖެކެވެ. އިރުވައިގައި މަސްބޭނުމަކުން، ހުޅަނގުގެ މަސްވެރިކަމަށް ބަދަލެއް ނާދެއެވެ. އެއް ދޯނިން 40 ޓަނު ބޭނީމާ، ދެން ހުރި ދޯނިތަކުގެ ރޯއްޖެއް ނުނެތެއެވެ. މާދަން ނޫން އަނެއް ދުވަހު ދަތުރުކުރާ އައިންތަކުގައި އެހެން ދޯނި ތަކުގެ ރޯދިވެސް އެކުލެވިގެންވާނެއެވެ.

 އެހެނަސް ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ ޤުދްރަތީ މުއްސަނދި ކަމަކީ، ‘އެކްސްކްލޫޑު’ ކުރެވޭ، އަނެކާގެ ބައިވެރިވުން އެކަހެރި ކުރެވޭ، ވަސީލަތެކެވެ. އެއް ރަށެއް، ފަޅެއް، ދެ އިންވެސްޓަރަކަށް ނުދެވޭނެއެވެ.

ފަތުރުވެރިކަމަށް ރަށެއް ދޫކުރުމާ ހަމައިން، އެ ރަށް ވަކި އިންވެސްޓަރަކަށް ޚާއްޞަކުރެވެނީ އެކަންޏެއް ނޫނެވެ. އެފަރުގައި ލައްވާ ރެހި، ބޯދި، މުގުރާމުގެ ފައިދާ އިން ދިވެހި މަސްވަރިކަން މަޙުރޫމް ކުރެވުނީއެވެ. ފޫދޭ ދިޔައަށް ނެތިދާ ފިނޮޅައް ޕިކްނިކް ދަތުރު ދިޔުމުގެ ފުރުސަތުން ހިސާބުގަނޑު ރައްޔަތުން ބީ ކުރެވުނީއެވެ. އެ ރަށުގެ ފަޅާއި، ފަރުގައި ލައްވާފައިވާ ޤުދްރަތީ މުއްސަނދި ކަމުން، އެހެން ދިވެހިން އެއްކިބާ ކުރެވުނީއެވެ. ޖީލު ތަކަކަށެވެ.

ށ- ފަތުރުވެރިކަމުގެ ސިނާޢަތާމެދު ދެކޭ ގޮތް

2000 ގެ އަހަރުތައް ފެށުމާއި ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމުގައި އިންވެސްޓުކުރުމަށް ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ތިބީ ފެންބޮވައިގެންފައެވެ. ނަމަވެސް، ކޮވިޑްގެ ކުރިން ފެށިގެންވެސް އިންވެސްޓަރ ކޮންފިޑެންސް މަޑުމަޑުން ކެނޑި، އެންމެ ފަހުން އިޢުލާނު ކުރި 13 ރަށް ތަކުރާރުކޮށް އިޢުލާނު ކޮށްގެންވެސް، ބިޑު ލިބުނީ އެންމެ ދެ ރަށަށެވެ.

މިހާތަނަށް ދޫކޮށްފައިވާ ނުވާހާ ދަށްއަގުގައި ރަށްތަކާއި ފަޅުތައް ދޫ ކުރަމުން ގެންދާއިރު، ފަތުރުވެރިކަމުގެ ނަފާ އާންމު މިހާއަށް ފޯރާ މިންވަރާއިމެދު ރައްޔަތުންެގެ ހިތްނަމަ ނުޖެހުން ފާޅުވާން ފަށައިފިއެވެ. އަތޮޅު ކައުންސިލްތަކުން، މަދުން ނަމަވެސް، މައިސަރުކާރު ބޭނުންހާ ގޮތަކަށް އަތޮޅުގެ މުއްސަނދިކަން ނީލަން ކިޔުމުގެ އާދައާއި ދެކޮޅަށް ބަސްބުނަން ފަށައިފިއެވެ. ރަށްތަކާއި ފަޅުތަކާއި ބީވަމުން ދާނިސްބަތާއި ގާތަށްވެސް ދިވެހިންގެ  ވަޒީފާތައް އިތުރުނުވާ ކަމުގެ ޝަކުވާގެ އަޑުގަދަވާން ފަށައިފިއެވެ. ޢާއިލާއެކު ރަށު ފަޅުން ނުކުމެ، މޫދަށް އެރިލައި، ޤުދްރަތުގެ މުއްސަނދިކަމުގައި އަރާމު ކޮށްލުމަށް ހުރި ފިނޮޅުތަކާއި، ފަޅުތައް ބީ ވެ، ހުސްވެގެން ދިޔުމަކީ ރުހޭ ކަމެއް ނޫންކަމުގައި، ރައްޔަތުން ބުނަން ފަށައިފިއެވެ.

ނ- ބާކީ ހުރީ؟

ފަތުރުވެރިކަމުގެ ސިނާޢަތަށް ބައި ޤަރުނު ވެގެން ދާއިރު، ރާއްޖޭގެ ގިނަ ފަޅުރަށްތަކާއި އެތަކެއް ފަޅެއް ހިމެނޭ ހެން 170 ރިޒޯރޓް މިއަދު މިވަނީ މިފަދައިން އެކަހެރި ކުރެވިފައެވެ.  އިތުރު 120 އަށް ވުރެ ގިނަ ރިޒޯރޓް ހެދުމަށް އެކި ފަރާތްތަކަށް ހިބަ ކޮށްދީފައިވާ އިރުގައ މިހާތަނަށް ނުހެދި ހުރި ރަށްތަކާއި، އަލައް ދޫކުރުމަށް މަސައްކަތް ކުރާ ރައްތަކާއި އެކު، އެކުޖުމްލަ 290 ރިޒޯރޓް އުފައްދާނެއެވެ. ދިވެހިން ދިރި ދެމި ތިބެނީ 180 ރަށުގައެވެ.

ފަތުރުވެރިކަމަށް ދޫކޮށްފައިވާ، ރަށްތަކުގެ ވާހަކައަކީ މިގޮތުން މިސާލު ނަގަން އެންމެ ފަސޭހަ ވާހަކައެވެ. ނަމަވެސް، އެެއަރޕޯޓް އަޅަން ނުވަތަ މާލެ ކައިރި ތޮއް ޖައްސަން ފަހި ކުރުމަށް މިހާރުވެސް  ދޫކުރަމުންދާ ރަށްތަކާއި ފަޅާއި، ފަރު، އަދި މީހުން އުޅޭ ރަށްރަށުގެ ބިމުން ރައްޔަތުންގެ ބަހެއްނެތި، ރިއަލް އެސްޓޭޓަށޭ، ގެސްޓްހައުސަށޭ ބުނެ، ވަކި ކުރާ އަގުބޮޑު ބިންތައްވެސް މިފަދައެވެ.

ރިޒޯރޓް ހެދުމަށާއި، އަތްފޯރާ ފަށުގައި އެއަރޕޯޓު އެޅުމަށް ދޫކުރެވެން ހުރި ރަށްތައް ހުސްވެ، މިއަދު މިވަނީ ފަޅުތައް ދޫކުރަން ފަށާފައެެވެ. ރިޒޯޓް ހަދަން ދޫކުރި ލިސްޓުގައި 40 ހަަކަށް ފަޅު ހިއްކައި، ފަރަށް އަތްބާނާ، ތިމާވެއްޓަށް ގޯނާ ކުރުން ހިމެނެއެވެ.

މާލޭ ސަރަޙައްދަށް މީހުން ޖަމަޢު ކުރުމަށް ގިރާވަރު ފަޅުހިއްކަނީ، ނ އަތޮޅުގެ ދެފަޅެއް 99 އަހަރަށް ބޭރުގެ އިންވެސްޓަރަކަށް ހަދިޔާ ކޮށްގެންނެވެ. މިގޮތުން އުފެއްދޭ ބިން ފެހިކުރަން ބޭނުންވާ  140 ހާސް ރުށްގަސް ތިލަދުންމަތި، ހައްދުންމަތި އަދި ހުވަދު އަތޮޅުން ގެންނަން ނިންމާފައިވަނީ، ހަމައެކަނި އެ އަތޮޅުތަކުގެ ރަށްތައް ދިގު މުއްދަތަށް ދީފައިވާ ސަރުކާރުގެ ކުންފުންޏަކަށް، ސަރުކާރުގެ އިދާރާ އަކުން ފޮނުވި ސިޓީ އަކުން ބާރު ލިބިގެންނެވެ. މިއިން އެއްވެސް ކަމެއްގައި، ޖުމްލަކޮށް ރައްޔަތުންގެ، ޚާއްޞަކޮށް އެ ސަރަޙައްދުތަކުގެ ރައްޔަތުންގެ ބަހެއް ނެތެވެ. ނުވެސް ދެނެހުރި ތޯއްޗެކެވެ.

ރާއްޖޭގެ ރަށްތަކާއި ފަޅު، ފަރު، ގިރި، ދިގު މުއްދަތަށް ކުއްޔަށް ދިނުމަކީ އެ ވަގުތެއްގެ ސަރުކާރަކަށް ލިބިދޭ ބާރެކެވެ. ހުރިހާ ސަރުކާރަކުންވެސް ވަނީ މި ބާރު ލާ ދެމެހެއްޓެނިވި ގޮތުގައި ބޭނުންހިފައި، ރާއްޖޭގެ މުއްސަނދި ކަމުގެ ބޮޑު ބައެއް އުނިކޮށްފައެވެ.

ނަމަވެސް ރާއްޖޭގެ މަދު ޤުދްރަތީ މުއްސަނދި ކަމުގައި ހިމެނޭ އަގުބޮޑު ރަށްތަކާއި ފަޅުތަކަކީ އެދުވަހެއްގެ ސަރުކާރުގެ، ނުވަތަ މިޖީލުގެ އެކަނި ‘މުދަލެއް’ ކަމުގައި ނިންމައިގެން ނުވާނެއެވެ. މާދަމާގެ ޖީލުތަކުގެ ދިރިއުޅުން ބިނާ ކުރަން ޖެހޭނީވެސް މިގައުމުގައި، މިވެށީގެ ގުދްރަތީ މުއްސަނދިކަމަށް ބަރޯސާވެ ތިބެއެވެ. އަޅުގަނޑުމެންގެ ދަރިންނާއި ކާފަ، މާމަ ދަރިންގެ ތަރިކަ ކަމުގައިވާ ރާއްޖޭގެ މަދު ޤުދްރަތީ ވަސީލަތްތަކަކީ، އަދުގެ ސަރުކާރުތައް ދިރި ދެމި އޮތުމަށް ޤުރުބާން ކުރެވޭ ތަކެތި ކަމުގައި ހެދުމަށް ދޫކޮށްލައިގެން ތިބޭކަށް ނުވާނެއެވެ.

އެދުވަހެއްގެ ސަރުކާރުގެ ފަސޭހައަށާއި ފައިދާއަށް އެކަނި، ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނީލަން ކިޔުމުގެފަލްސަފާއަށް ބަދަލު ގެނެވޭނީ، ރައްޔަތުންގެ ބަސް އިއްވާ މިންވަރެއްގެ މައްޗަށެވެ.  


ނޯޓް: މިއީ ‘ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން’ މި ސިލްސިލާގެ 4 ވަނަ ލިޔުމެވެ. މިސިލްސިލާގެ އެހެން ލިޔުންތައް މި ލިންކު ތަކުން ލިބިވަޑައި ގަންނަވާނެއެވެ.

  • ލިބޭ މިންވަރުގެ މައްޗަށް ޚަރަދުތައް ބައްޓަން ކުރުން bit.ly/42LKXNY

ދައުލަތުން ލިބިގަންނަ ޚިދުމަތް ތަކަކީ ހިލޭ ލިބޭ ތަކެތި ކަމުގައި ދުށުން https://bit.ly/436Pr1A

2 Comments

Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading