ދިވެހި ރައްޔަތުން ވޯޓުލާނީ މިނިވަން ކަމާއެކު، އެބައިމީހުން ވިސްނުމާއި އެއްގޮތަކަށްކަން މިވަނީ ވަރަށް ފާޅުގައި، ދައްކާފައެވެ. ސަރުކާރު ބުނީތީ، އޮފީހުގެ ވެރިޔަކު އެންގީތީ ވަކި އަތަކަށް ވޯޓުނުލާނޭކަން މިވަނީ ވަރަށް ހާމަކަން ބޮޑުގޮތުގައި އިޢުލާނު ކޮށްފައެވެ. އެއްފަހަރުކު ނޫނެވެ. ވިދިވިދިގެން 3 ރިޔާސީ އިންތިޚާބުގަޔާއި، 2 މަޖިލިސް އިންތިޚާބުގަޔާއި ކައުންސިލް އިންތިޚާބު ތަކުގައެވެ.
މިނިވަން ކަންމަތީ ޚިޔާލު ފާޅުކޮށް، އެމީހަކު ބޭނުން ސިޔާސީ ފިކުރަކަށް ތާއީދު ކުރުމަކީ، ޤާނޫނު އަސާސީން ކޮންމެ ރައްޔަތަކަށް ލިބިދޭ ޙައްޤަކަށް ވާއިރު، ވަޒީފާގެ ބިރުގައި، މުއައްޒަފުން ގެންގުޅުމަކީ ހުރިހާ ގޮތަކުން ވިޔާނުދާ ޢަމަލެކެވެ. މިޢަމަލުގެ ނުރަނގަޅު ކަމުގެ ވާހަކަ ދެއްކުމަށް ދިނީ ޢިލްމުވެރިންނަށާއި ފަލްސަފާވެރިންނަށް ދޫކުރުމަށްފަހު އަޅުގަނޑު ބަލާލަން ބޭނުންވަނީ، މިކަމުގެ އިޤްތިޞާދީ ނަތީޖާއަށެވެ.
އިޤްތިޞާދީ ގޮތުން ރަނގަޅު އިންވެސްޓްމަންޓްތަކަކީ އެކަމުގެ ސަބަބުން ނަފާއާއި ފައިދާ ލިއްބައިދޭ އިންވެސްޓްމަންތަކެވެ. ވިޔަފާރި ބަހުރުވައިންނަމަ ރިޓާރން އޮން އިންވެސްޓްމަންޓް ހެޔޮ، އަދި ގިނަދުވަހަށް ދެމިގެންދާނެ އިންވެސްޓްމަންޓް ތަކެވެ.
ކޮންމެ މުއައްޒަފަކަށް ތަފާތު ޚަރަދުތަކެއް ކުރަން ޖެހެއެވެ. މުސާރައާއި އެހެނިހެން އެލަވަންސްތައް ދޭންޖެހިދެއެވެ. އެމުއައްޒަފު މީހާއާއި، އެހެން މުއައްޒަފުންގެ ގެންގުޅުމަށްޓަކައި އޮފީހެއްތައްޔާރު ކޮށް، އޮފީހު ކުއްޔާއި ކަރަންޓާއި ފެނަށާއި އިންޓަރނެޓް އަދި މިނޫންވެސް އޯވަރހެޑް ހިފެހެއްޓުމަށްޓަކައި ޚަރަދުތަކެއް ހިނގައެވެ. ސީދާކޮށް ހިނގާ މިފަދަ ޚަރަދުތަކުގެ އިތުރުން މުއައްޒަފުން ސުޕަރވައިޒްކޮށް ބެލެހެއްޓުމާއި މެނޭޖްމަންޓުން ވަގުތު ހޭދަ ކުރަން ޖެހިދެއެވެ. މިއީވެސް އިޤްތިޞާދީ ބަހުރުވައިން އޮޕަޗުނިޓީ ކޮސްޓެއް ހިމެނޭ ކަމެކެވެ. ޚަރަދެވެ.
ދިވެހި ވަޒީފާގެ ބާޒާރަކީ ފުރުސަތުތައް މަދު، އަންއެމްޕްލޯއިންމެންޓް ބޮޑު ބާޒާރެކެވެ. އަތޮޅުތަކުގައި މިހާލަތު އަދި މާދަށެވެ. މަޒީފާމާ މަދެވެ. އެެހެންކަމުން، ތިމާއާއި ޢާއިލާގެ ޚަަރަދުތައް ފޫބެއްދުމުގެ ބޭނުމުގައި ވަޒީފާ ހިފެހެއްޓުމަށް ނުރުހުމުގައިވެސް އުޅެން މަޖްބޫރުވެދެއެވެ. ވަޒީފާގެ ފުރުސަތަށް ވުރެ ވަޒީފާއަދާ ކުރަން ބޭނުން މީހުންގިނަ، ޑިމާންޑަށްވުރެ ސަޕްލައި ގިނަ މިޙާލަތުގައި އަމިއްލަ ވިސްނުމާއި އިދިކީއްޔަށް މުއައްޒަަފުންލައްވާ މަސައްކަތް ކުރުވުމަީކ އިކޮނޮމިކް ހޮސްޓޭޖުންގެ ގޮތުގައި މުއައްޒަފުން ގެންގުޅުމެވެ.
އެކަމަކު ވަޒީފާގެ މެންޑޭޓުގައި ނެތް ކަންތައް ކުރުވަން މަޖްބޫރު ކުރުމަކުން އެމުއައްޒަަފުގެ ހިތްހަލާލެއް ނުލިބެއެވެ. ލިބެނީ އޭނާއާއި އޭނާގެ ޢާއިލާގެ ނުރުހުމެވެ. ރައްޓެހިންނާއި ރަޙްމަތްތެރިންގެ ރުޅިވެރިކަމެވެ. މީގެ އިތުރުން ނުޤަބޫލުގައި ކުރުވާ މަސައްކަތް ކުރާނީ އެންމެ ރަނގަޅަކަށް ނޫނެވެ. އަދި ހިތްހަމަ ނުޖެހި، އިނދެ ރަސްމީ ވަޒީފާއަދާ ކުރާނީވެސް އެންމެ އެދެވޭ ފެންވަރަކު ނޫނެވެ.
ވިދިވިދިގެން ތަފާތު އިންތިޚާބު ތަކުން ސާބިތު ކަމާއެކު ފެންނަން އޮތްފަދައިން، ސިޔާސީ މަޤްޞަދެއް ޙާޞިލް ކުރުމަށްޓަކައި ވަޒީފާގެ މެންޑޭޓުގައި ނުހިމެނޭ ކަންތައް ކުރުވުމުން، އެބައިމީހުންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓަށް ރަނގަޅު ނަފާއެއް ނުލިބެއެވެ. ވޯޓުލަނީ ތާއީދު ކުރާ ފަރާތަށެވެ. ރިޓާރން އޮން އިންވެސްޓްމަންޓް ވަނީ ނެގަޓިވް އެވެ. ޕަބްލިކް ސެކްޓަރގެ ސިވިލް ސާރވަންޓުން، މިނިވަން މުއައްސަސާތަކާއި ސަރުކާރު ކުންފުނި ތަކުގެ މުއައްޒަފުންނަށްވެސް މިކަމުގައި އެއްހަމައެވެ. އަސާސަކީ އެކައްޗެކެވެ.
ހަމައެކަނި އިޤްތިޞާދީ ވިސްނުމައި އެކަނިނަމަވެސް، ރިޓާރން އޮން އިންވެސްޓްމަންޓް ނެގަޓިވް ވާޚަރަދުތައް ކުރުން ހުއްޓާލާ، މުއައްޒަަފުންގެ ވަޒީފާގެ ފުރުސަތާއި ސިޔާސީ ފިކުރާއި މައްސުނި ނުކުރުމަށް މިފަހަރު އެއްބަސްވަމާތޯއެވެ؟
