Chapter 2 – dhivehi sinaaaiy thah- thaaruf

ކޮންމެ ޤައުމެއްގެމެ އިޤްތިޞާދު ދަމަހައްޓައި، އެއިޤްތިޞާދަށް ދިރުންދެނީ ޤައުމުގައި ހިންގާ ޢިޤްތިޞާދީ ޙަރަކާތްތަކުންނެވެ. ޤައުމުގެ ރައްޔަތުން، އެބައިމީހުންގެ ދިރިތިބުމަށް ބޭނުންވާ ޢާމްދަނީ ހޯދަނީ މިދެންނެވި އިޤްތިޞާދީ މަސައްކަތް ހިންގާ ސިނާޢަތްތަކުގައި ބައިވެރިވެ، ވަޒީފާއަދާ ކޮށްގެން ލިބޭ މުސާރައިން ނުވަތަ މަސައްކަތް ހިންގުވައި ފަރާތެއްގެ ގޮތުގައި ލިބޭ ފައިދާއިންނެވެ. ޤައުމުކުރިއަރުވައި، ދައުލަތުން ރައްޔަތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދެނީ މިދެންނެވިފަދަ ސިނާޢަތްތަކުން ދައުލަތަށް ދައްކާ ޓެކްސްފައިސާއިންނެވެ.

ޤައުމެއްގެ ސިނާޢަތްތަކަކީ އެޤައުމެއްގެ އިޤްތިޞާދަށް ދިރުން ފޯރުކޮށްދޭ އިންޖީނުތަކެވެ. ޤައުމުގައި ސިނާޢަތްތައް ކުރިއަރައި، އާސިނާޢަތްތައް އުފެދި އާރޯވުމުން އިންޖީނުގެ ހިނގުން އަވަސްވެ، އިޤްތިޞާދުގެ އިންޖީނަށް “ހޫނު” ކަން ފޯރުކޮށްދީ، ވަޒީފާ ގިނަވެ، ޓެކްސް އިތުރުކުރެވި، ރައްޔަތުންނަށް ދެވޭ ޚިދްމަތްތައް ފުޅާކުރެވެއެވެ. ސިނާޢަތްތަކުގެ ދިރުން  ހީނަރުވުމުން އިޤްތިޞާދުގެ ހުޅުކޮޅު ފަނޑުވެ، އިންޖީނަށް ވަރުބަލިކަން އިޙްސާސްކުރެވި، ވަޒީފާގެ ބާޒާރު ހަނަފަސްވެ، ރައްޔަތުންނަށް ފޯރުކޮށްދެވޭ ޚިދްމަތްތައް ނިކަމެތިވެދެއެވެ.

ތަފާސްހިސާބުތަކުން މިއަދު ފެންނާން ނެތް ކަމުގައިވިޔަސް، ރަނގަޅު ފެންވަރުގައި ހިންގުނު އާގުބޯޓު ދުއްވުމުގެ ސިނާޢަތެއް  1980′ ގެ އަހަރުތަކާއި ހަމައަށް ދިވެހި އިޤްތިޞާދަށް ފައިދާ ކުރުވަނިވި ގޮތުގައި ރާއްޖޭގައި ހިންގުނެވެ.   ފައިދާ ހުރި ގޮތުގައި ހިންގުނު ވިޔަފާރި ޙަރަކާތެއްގެ އިތުރުން، ރާއްޖެއަށް ބެނުންވަ ކާޑާއި، ބޭހައި، އުމްރަނީ ވަސީލަތްތަކާއި އެހެނިހެން ތަކެތި ގަވާއިދުން ރައްޖެގެނައުމުގެ މެދުވެރިޔަކީ އެ ސިނާޢަތެވެ. 2011 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ ކުންފުނި އެމް.އެން.އެސް.އެލް އުވާލުމަށް ނިންމި ކަމުގައި ވިޔަސް، ހުއްޓުމެއް ނެތި ދިވެހި ކުންފުނިތަކުން ބޯޓު ފަހަރު ދުއްވަމުން ގެންދިޔައެވެ. އަދި މާރޗް 2020 ސަރުކާރުން މިހާރު ވަނީ އާ ކުންފުންޏެއް ބޯޓު ފަހަރު ދުއްވުމުގެ މަޤްސަދުގައި އާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކިޔާ ކުންފުންޏެއް އުފައްދަވައި ކުންފުނިން ވިޔަފާރީގެ ހަރަކާތް ތައް ފައްޓަވައިފައެވެ.

އެހެންކަމުން, ޤައުމުގެ ޙާލަތު ނިޔާ ކުރާގޮތުން ޤައުމުގެ އިޤްތިޞާދުގައި އެކިފަހަރު އެކި ސިނާޢަތް ކުރިއަތުލައި، ވަކިވަކި ސިނާޢަތުގެ ދުވެލީގެ ހަލުއިކަން ތަފާތު ވަމުންދެއެވެ. 1972 ގައި ފަތުރުވެރިކަމުގެ ސިނާޢަތް ފެށުމާއި ހަމައަށް ޤައުމުގެ އިޤްތިޞާދު މައިގަނޑުގޮތެއްގައި ބަރޯސާ ވެފައިވަނީ މަސްވެރިކަމުގެ ސިނާޢަތުގެ މައްޗަށެވެ. ރާއްޖެއަށް ބޭނުންވާ ހުރިހާ ތަކެއްޗެއްމެ އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރުފައިސާ ހޯދާފައިވަނީ މަހުގެ ބާވަތްތައް އޮޅުދޫކަރައަށް އެކްސްޕޯޓް ކޮށްގެންނެވެ. ނަމަވެސް، ފަތުރުވެރިކަން ތަޢާރުފް ވުމަށްފަހު އިންސައްތައިގެ ނިސްބަތުން މަސްވެރިކަމުގެ ޙިއްސާ މަޑުމަޑުން ދަށަށް ދަމުންގޮސް، މަހުގެ ބާވަތްތައް އެކްސްޕޯޓަށް ތައްޔާރު ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ޙިއްސާ އެކުލެވިގެން، މިއަދު ޖުމްލަކޮށް މަސްވެރިކަމުގެ ސިނާޢަތުގެ ޙިއްސާއަކީ އިޤްތިޞާދުގެ އެންމެ 3.5% އެވެ.

ސިނާއަތްތަކުގެ ދިރުމަށް އަންނަ ބަދަލުތަކާއި ގުޅިގެން، ޤައުމުގެ އިޤްތިޞާދު މިނާ ތާވަލުތައް ކަމުގައިވާ ނެޝެނަލް އެކައުންޓްސްގައި، އަބަދުވެސް ސިނާޢަތްތަކުގެ އިންސައްތައިގެ ޙިއްސާ ބަދަލުވަމުން ދިޔުމަކީ ހިސާބު ޢިލްމުގެ އަސާސެކެވެ. މަސްވެރިކަން ވަރަށް ރަނގަޅު އަހަރަކަށް ވެފައި އެއަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އުފެއްދުން ތަކަށް ލިބެން ހުރި އެކްސްޕޯރޓް އަގު ބޮޑުވެއްޖެނަމަ، އެއަހަރުގެ ޖީ.ޑީ.ޕީ. ހިސާބުތަކުގައި މަސްއެކްސްޕޯޓް ކޮށްގެން ލިބުނު އާމަދަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާއަތުގެ ކުރި އެރުންތަކެއް ދައްކުވައިދާނެއެވެ. ޖީ.ޑީ.ޕީ.ގެ ހިއްސާ ދައްކުވައިދެނީ އިންސައްތައިގެ ނިސްބަތުން ކަމުން، މަސްވެރިކަމުގެ އާމަދަނީ ރަނގަޅު ވެއްޖެނަމަ، އިންސައިތައިގެ ނިސްބަތުން މަސްވެރިކަމުގެ ހިއްސާ އުފުލޭނެއެވެ. ޖީ.ޑީ.ޕީ. ހިސާބުތަކުގައި ހުރިހާ ސިނާއަތެއްގެ ހިއްސާގެ ޖުމްލަ އަކީ 100% ކަމުން، މަސްވެރިކަމުގެ ސިނާއަތުގެ ހިއްސާ 1% އަކުން އިތިރު ވީކަމުގައި ވިޔަސް، އެހެނި ސިނާއަތްތަކުގެ ހިއްސާގެ ނިސްބަތް ޖުމްލަ ކޮށް 1% ދަށަށް ދާނެއެވެ، މިއީ އިންސައްތައިގެ ހިސާބުތައް ހެދުމުގެ އަސާސެކެވެ. އެހެންކަމުން އެއް ސިނާއަތެއްގެ އިންސައްތައިގެ ނިސްބަތް ދަށްވާ ކޮންމެ ފަހަރަކު ޤައުމީ އިޤްތިޞާދުގައި އެ ސިނާޢަތުގެ މުހިންމުކަން، ނުވަތަ އުފެއްދުންތެރިކަން ދަށަށްދިޔައީ ކަމުގައި ނިންމުމަކީ އެންމެ ރަނގަޅު ގޮތެއްނޫނެވެ.

މިސާލެއްގެ ގޮތުން، 2007 ވަނަ އަހަރު، ޢިމާރާތްކުރުމުގެ ސިނާޢަތުން ދިވެހި އިޤްތިޞާދުގައި 1.9 ބިލިއަން ރުފިޔާ އަދި 2008 ގައި 2 ބިލިއަން ރުފިޔާގެ ޙަރަކާތް ހިންގާފައިވެއެވެ. 2007 އަކަށް ވުރެ 2008 ޙަރަކާތް އިތުރު ނަމަވެސް 2008 ގައި މިސިނާޢަތުގެ ހިއްސާ 2007 އަށް ވުރެ 0.5% ދަށެވެ. ހަމަނިސްބަތުން ފަތުރުވެރިކަމުގެ ސިނާޢަތުގެ ޙަރަކާތް އިތުރު ވެފައިވީނަމަވެސް އިންސައްތައިގެ ނިސްބަތް 2% އިން ދަށަށް ދިޔައެވެ. ދަތުރުފަތުރު ކުރުމުގެ ސިނާޢަތް ހަމަމިފަދައިން 0.4% ދަށަށް ދިޔައެވެ. މިދެންނެވި 3 ސިނާޢަތުގެ ހިއްސާ އިންސައްތައިގެ ނިސްބަތުން ދަށްވެފައިވަނީ މުޢާސަލާތީ ގުޅުމުގެ ސިނާޢަތް 2008 ވަނަ އަހަރު 29.9% ގެ ކުރިއެރުމެއް ހޯދުމުންނެވެ. އެހެންކަމުން އިންސައްތައިގެ ހިސާބުތަކުގައި ސިނާޢަތުގެ ޖުމްލަ ޙަރަކާތް  އިތުރުވެފައިވީނަމަވެސް، އިޤްތިޞާދު ކުރިއެރި ނިސްބަތުން އެސިނާޢަތް ކުރިނާރާނަމަ، އިންސައްތައިގެ ހިސާބުތަކުގައި ސިނާޢަތުގެ ބައިވެރިވުން ތަމްސީލު ކުރާމިންވަރު ތަފާތުވާނެއެވެ.

ވޭތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތުން އާރޯކަން ލިބިގެން “ޒުވާން” ސިނާޢަތްތަކެއް ކުރިއަރައި ތަރައްޤީވަމުން، އިޤްތިޞާދީ ޙިއްސާ އިތުރުކުރަމުން ގޮސްފައިވެއެވެ. މިދެންނެވި “ޒުވާން” ސިނާޢަތްތައް ކަމުގައިވާ ޢިމާރާތް ކުރުން، ދަތުރުފަތުރުކުރުން އަދި މުވާޞަލާތީ ޚިދްމަތުގެ ސިނާޢަތްތަކުގެ ދިރުމުގެ ބޮޑުމިންވަރެއް ފޯރުކޮށްދެނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޙަރަކާތްތަކުގެ ތެރެއިން ކަމުން، މިސިނާޢަތްތައް ވަނީ ބޮޑު މިންވަރަކުން ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވެފައެވެ.

ޤައުމުގެ އިޤްތިޞާދުގައި 35% ޙިއްސާކުރި ފަތުރުވެރިކަމުގެ ސިނާޢަތުގެ ޙިއްސާ މިއަދު މިވަނީ 23% އާއިހަމައަށް ތިރިވެފައެވެ. ޖީ.ޑީ.ޕީ. ގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާ މިވަނީ މިފަހަކަށް އައިސް ދަށްވެފައިކަމުގައި ވިޔަސް، ޖުމްލަގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ އުފެއްދުންތެރިކަމުގެ މިންވަރު ވަނީ އަހަރުން އަހަރަށް އިތުރުވެ ފަތުރުވެރިކަމުން ޤައުމަށް ފޯރުކޮށްދޭ ދިރުން ވަނީ އިތުރުވެގެން ގޮސްފައެވެ.

ޤައުމުގެ ޙާލަތާއި، ޓެކްނޯލޮޖީގެ ދިރުމާއި، މަސައްކަތްތެރިންގެ ހުނަރު އަދި ބައިނަލް އަޤްވާމީ އިޤްތިޞާދީ ދިރުމުން ފަދަ ކަންކަމާއި ގުޅިގެން، އެކި ސިނާޢަތުގެ ދިރުން އެކި ދުވަސްވަރު ތަފާތު މިންވަރަށް ބަދަލުވަމުން ދެއެވެ. ނަމަވެސް ޤަބޫލު ކުރެވޭ ގޮތުގައި ދިވެހިން ދިވެހިންގެ ގޮތުގައި ދިރި ތިބިމުގެ ވަސީލަތުގެ ގޮތުގައްޔާއި، ދިވެހި އިޤްތިޞާދީ އިންޖީނަށް ހަކަތަ ލިއްބައިދޭ މުޙިއްމު ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާޢަތް އަބަދުވެސް މުޙިއްމު ދައުރެއް އަދާ ކުރަމުންދާނެއެވެ. އަޅުގަނޑުމެންގެ ޗެލެންޖަކީ، މިގޮތުން އަންނަ ބަދަލުތަކަށް ވިސްނުންތެރިކަމާއިއެކު ކުރިމަތިލައި، އެފަދަ ބަދަލުތަކާއި ގުޅިގެން ސިނާޢަތްތަކަށާއި، މުޅި އިޤްތިޞާދަށް އަންނާނެ ބަދަލަށް ކުރިޔާލައި ތައްޔާރުވުމެވެ.