ފަށައިގަތުން
‘ދިވެހި އިޤްތިޞާދު ދެނެގަތުން’ މިފޮތުގެ ޚިޔާލު ފެށިގެންއައީ އިކޮނޮމިކް ޑެސްކް ޓީމާއި ޓީ.ވީ. މޯލްޑިވްސާއި ގުޅިގެން އިޤްތިޞާދީ ކަންކަމާއި ބެހޭ ގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ނިޔަތުގައި 2015 ގައި ގެނެސްދެވުނު 13 އެޕިސޯޑްގެ ޕްރޮގްރާމް “ފަންވަރު” އަށް ސްކްރިޕްޓް ތައްޔާރު ކުރުމުގެ ތެރެއިންނެވެ. ޤާބިލް، ތަޢްލީމީ އަދި ތަފާތު ތަޖްރިބާ ޙާޞިލްކޮށްފައިވާ އެތަކެއް ހުނަރުވެރިންނާއި ކުރެވުނު މަޝްވަރާއާއި މަސައްކަތުގެ ތެރެއިންނެވެ.
މިފޮތް އަމާޒުކުރެވިފައިވަނީ އިޤްތިޞާދީ ކަންތައްތަކާއި މެދު ޝައުގުވެރި ހުރިހާ ފަރާތްތަކަށެވެ. ގެވެހި މާހައުލެއްގައި ޢާއިލާއެއް ބަލަހައްޓަވައި، ކުދިންނަށް މަތީ ތަޢްލީމް ހޯދާއިދިނުމާއި މެދު ވިސްނަވާ މައިންބަފައިންނަށާއި، އަވަދިނެތި ބުރަކޮށް ވަޒީފާއެއްގައި ހަތަރުދަމު ވޭތުކުރާއިރުވެސް ޢާއިލާއެއްގެ ޚަރަދު ދެކޮޅުޖެއްސުމުގެ ތާށިކަމުގައި އުޅުއްވާ ވަޒީފާވެރިންނަށެވެ. ކަންމަތީފިހާރައެއް ހުޅުވައިގެން ވިޔަފާރި ކުރިއެރުވުމުގައި ބުރަކޮށް އުޅުއްވާ ފަރާތްތަކަށާއި ޢާއިލީ ހަރުމުދަލުން މަސްދޯންޏެއް ބަނދެ މަހަށް ފުރުވައިގެން މަސްމާރުކޭޓުގައި މުގޯލި އަޅުއްވާ ކުދި ވިޔަފާރިވެރިންނަކީވެސް މިފޮތް އަމާޒުކުރެވިފައިވާ ފަރާތްތަކެވެ. މީގެ އިތުރުން މިރޮނގުން ތަޢްލީމް ޙާޞިލްކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ދަރިވަރުންނަށްވެސް މި ފޮތުގެ ސަބަބުން ދިވެހ އިގްތިސާދު ހިނގައި ގޮތާއި މެދު އަލުން ވިސްނާލުމުގެ ފުރުސަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީވެސް މިފޮތުގެ މުހިންމު މަޤްސަދެކެވެ.
ގިނަ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި ބޮޑެތި ފާސްތައް ނަގާ އިސްތިރި ކުރި ބޫޓަށް އަރައި، ވިދިވިދިގެން ތިން ހަތަރު އިނގިރޭސި ލަފުޒު ހަލުއިކަމާއެކު އަމުނާ ލެވިގެން ނޫނީ އިޤްތިޞާދީ ވާހަކަތަކެއް ނުދެއްކޭނެއެވެ. ނަމަވެސް ޤައުމުގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުން، ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ޢާއިލާއާއި ދިރިއުޅުމުގެ ޙާލަތަށާއި މުޅި ޤައުމުގެ މާދަމާގެ ފޯރުންތެރިކަމަށް ބަދަލު ގެނުވާނެއެވެ. މިފޮތުގެ މަޤްޞަދަކީ ވީއެންމެ ތިލަކޮށް، އާދައިގެ ބަހުރުވައިން އިޤްތިޞާދީ އަސާސްތަކުގެ ވާހަކަދެއްކުމެވެ.
ވަކި އުމުރެެއް، މޮޅު ތަޢުލީމީ ސެޓިފިކެޓެއް ނެތި، ދިވެހި އިޤްތިޞާދާބެހޭ މަޢުލޫމާތު ދަސްކޮށް، އިޤްތިޞާދުގައި ކަންތައް ހިނގަމުންދާ ގޮތާއި މެދު ފިކުރުކޮށް، އިޤްތިޞާދީކަންކަން އުގެނުމަށް ޝައުޤުވެރިވާ ހުރިހާ ދަރިވަރުންނައް ލޯ ހުޅުވައި ދިނުމަށް އެހީވުމަކީ މިފޮތުގެ އަމާޒެވެ. ކިޔަވާ ކުދިންނަށާއި މަދްރަސީ ދައުރު ދޫކޮށް މިހާރު ވަޒީފާއެއްގައި އުޅުއްވާ ފަރާތްތަކަށާއި، ރިޓަޔަރ ކުރެއްވުމަށްފަހުގައިވެސް ދަސްކޮށް އުގެނުމުގެ މަރުޙަލާއިން ދުވަހަކުވެސް ބޭރުވާން ބާނުންނުވާ އިއްޔެގެ ޒުވާނުންނަށެވެ. ހުރިހާ ޢުމުރެއްގެ ހުރިހާ ގިންތިއެއްގެ ކިޔަވާ “ކުދިންނަށެވެ.”
އަޅުގަނޑުގެ އުއްމީދަކީ މިފޮތަކީ ބޭނުންތެރި އަދި ޝައުޤުވެރިކަމާއެކު ކިޔާލަން ފަސޭހަ ފޮތަކަށްވުމެވެ. ރާއްޖޭގެ އިޤްތިޞާދުގެ އަސާސް ތަކަށް ލޯހުޅުވުމެވެ. މި މަސައްކަތުގެ ސަބަބުން ރަނގަޅު ސުވާލު، ރަނގަޅު ވަގުތުގައި، ރަނގަޅު ފަރާތްތަކާއި ކުރުމުގެ ޤާބިލްކަން މުޖްތަމަޢުގައި އުފެދިގެން ދާތަން ދުށުމެވެ.
އުނގެނުމުގެ ޝައުގު ހުރި ހުރިހާ ފަރާތްތަކަށް އަމާޒުކޮށް އިޤްތިޞާދީ އަސާސްތަކުގެ ވާހަކަ ދިވެހިބަހުން އޮޅުންފިލުވައިދިނުމަށް ބަޔަކުގާތަށް ދާއިރު، ބައެއް އިނގިރޭސި ބަސް ބޭނުންކުރަން ޖެހުމަކީ ނުވެނުދާނެ ކަމެކެވެ. އެހެންކަމުން ބައެއް އިނގިރޭސި ބަސްބޭނުންކުރެވިފައިވާނީ ދިވެހި ބަހުގެ ތަރުޖަމާއެއް ބޭނުންކުރުމުގައި މާގިނަ ލަފުޒު ހޭދަކުރަން ޖެހިއްޖެ ޙާލަތްތަކުގައެވެ. މިސާލަކަށް “ޤައުމީ އުފެއްދުން ތެރިކަމުގެ މިންގަނޑު” މިގޮތަށް ކޮންމެ ފަހަރަކު ލިޔުމުގެ ބަދަލުގައި “ޖީ.ޑީ.ޕީ” ބޭނުން ކުރެވިފައިވާނެއެވެ. މިފަދަ ޙާލަތްތަކުގައިވެސް އިނގިރޭސި ލަފްޒް ދިވެހި ތަރުޖަމާއެއް ފޯރުކޮށްދެވޭތޯ މަސައްކަތް ކޮށްފައިވާނެއެވެ.
މާތް ﷲ މިމަސައްކަތުގެ ބަރަކާތް ލައްވައި، އުނގެނުމުގެ ޝައުގު ވެރިކަން ހުންނަ ހުރިހާ ފަރާތެއްގެ މަޢްލޫމާތު މުއްސަނދިވެ، ވިސްނުންތެރި ކަމާއެކު އިގްތިސާދީ ކަންތައްތަކާއި މެދު ވިސްނައި ބަސްބުނެ އުޅުމުގެ މަގު، ވީ އެންމެގިނަ ބަޔަކަށް ފަހި ކޮށްދެއްވުން އެދި ދުޢާ ދަންނަވަމެވެ.

