Changing the shareholders of Wamco will not change the issue of garbage on the roads (dhivehi)

Published at ‘mihaaru’ on 17th October 2021 at https://mihaaru.com/opinion/99069

ވެމްކޯގެ ބެލެނިވެރިކަން ބަދަލުކުރުމަކުން މަގުމައްޗަށް ކުނިއެޅުމުގެ މައްސަލައަށް ހައްލެއް ނުގެނެވޭނެއެވެ.

މާލޭ މަގުމައްޗަށް ކުނި އެޅުމުގެ މައްސަލައަކީ ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދުގައި ކުރެވޭ ދެބަސްވުމަކުން ހައްލު ކުރެވޭނެ މައްސަލައެއް ނޫނެވެ. ކޮންޓްރެކްޓް ބާތިލު ކުރާނޭ ކަމަށް އިންޒާރު ދިނުމަކުން، ވެމްކޯގެ ބެލެނިވެރިކަން ބަދަލުކުރުމަކުން، ނުވަތަ ސިޓީ ކައުންސިލްއިން އިތުރު ‘ކުނި’ ކުންފުންޏެއް އުފެއްދުމަކުން، މިކަމެއް ހައްލެއް ނުވާނެއެވެ. މައްސަލައަށް ހައްލެއް ގެނެވޭނީ، ސިޔާސީ ތޮފި އެކަހެރިކޮށް، ތަންކޮޅެއް ފުންކޮށް، އިލްމީ ނަޒަރަކުން ވިސްނައި، ދައުލަތުގެ ތަފާތު އިދާރާތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރެވުނު އިރަކުންނެވެ.

މައްސަލަދިމާވެގެން އުޅޭ ސަބަބު
މަގުމައްޗަށް ކުނި އެޅުން ހިމެނޭ ގޮތުން މާލޭގައި މިވަގުތު ދިމާވެގެން އުޅޭ ވަރަށް ގިނަ އިޖްތިމާއީ މައްސަަލަތަކުގެ އަސްލަކީ، އިގްތިސާދީ ބަހުރަވައިން ބުނަނީނަމަ ‘ފްރީރައިޑަރ’ މައްސަލަތައް ކަމަށް ގަބޫލު ކުރެވެއެވެ.

‘ފްރީ ރައިޑަރ’ ކޮންސެޕްޓް އިތުރަށް ދެނެގަންނަން ބޭނުން ފަރާތްތަކަށް
‘ފްރީ ރައިޑަރ’ މައްސަލަތަކަކީ ކޮބާ؟
އިގްތިސާދީ ބަހުރުވައިގައި ބޭނުންކުރާ ‘ފްރީ ރައިޑަރ’ މައްސަލަތައް އާންމު ގޮތެއްގައި އުފެދެނީ ހުރިހާ އެންމެންގެ ވަސީލަތެއް، އެކަކަށް ވުރެ ގިނައިން، އަވަހަށް، އަނެކަކު ބޭނުން ކުރަން އުޅުމުގެ ސަބަބުން، ވަސީލަތް ހަނިވެ، ފަގީރުވެ، ހަމަހަމަކަމާއެކު އެންމެނަށް ބޭނުންކުރުމުގެ ފުރުސަތު ގެއްލި، އެއްބަޔަކަށް ‘ފްރީ ރައިޑް’ ލިބެން ފެށުމަށެވެ.
މިސާލު 1: މާލޭގެ މަގުތަކަކީ މާލޭގައި ދިރިއުޅޭ، ޓެކްސް ދައްކާ އެންމެންގެ ހައްގެކެވެ. ނަމަވެސް މާލޭގެ ވެއްޓަށް ތަކާނީ ވަކި އަދަދެއްގެ އުޅަނދުފަހަރެވެ. އިތުރު ކާރާއި، ބޮޑެތި ލޮރީ މާލެ އަރުވާ ގެންގުޅުމުގެ ހައްގު، ފޯރުންތެރިންނާއި، ވިޔަފާރިތަކުން ބޭނުން ކޮށް، މާލޭގައި ‘ފްރީރައިޑް’ އެއް ނެގުމުގެ ސަބަބުން އާންމު ފަރުދުންނަށް މަގު ހިނގަން ދަތިވެ، ނާމާން ވެއްޓަކަށް މާލޭގެ މަގުތައް ވަނީ ބަދަލުވެފައެވެ.
މިސާލު 2: ދުނިޔޭގެ ތިމާވެއްޓަކީ ދިރިތިބި ހުރިހާ ފުރާނައެއްގެ ހައްގެކެވެ. ނަމަވެސް ދުނިޔެ ހޫނު ވުމުގެ އެންމެ ބޮޑު އެއްއަސްލަކީ ބޮޑެތި ގައުމުތަކުގެ ކާރބަން އެމިޝަންތަކެވެ. ހޫނުވަމުން މިދާ ދުނިޔޭގެ ސަބަބުން، ވަކި ގައުމެއް، ވަކި ދަރިކޮޅެއް، ވަކި ބާވަތެއްގެ ދިރި ތިބިންތަކެއް ތަފާތު ނުވާ ގޮތުން އެންމެންގެ ފުރާނަ މިދަނީ ނުރައްކަލަށް ހުށަހެޅެމުންނެވެ. ނަމަވެސް، ބޮޑެތި ގައުމުތަކުގެ ލާ ދެމެހެއްޓެނިވި އަމަލުތަކަށް، އެކަށީގެންވާ ‘އަގެއް’ ދައްކަން ނުޖެހޭ ނަމަ. މޮޅު ވާހަކަދެއްކުމަށްފަހުގައިވެސް އެބައިމީހުން ގެންދާނީ ‘ފްރީރައިޑް’ ނަގަމުންނެވެ.
‘ފްރީ ރައިޑަރ’ މައްސަލަހައްލު ކުރަނީ ކިހިނެތް؟
ފްރީރައިޑަރ މައްސަލަ ހައްލު ކުރެވޭނީ އެ ހައްގު ލިބިގަންނަ ހުރިހާ ފަރާތްތަކަށް ‘އަގެއް’ ދެއްކުމަށް މަޖްބޫރު ކޮށް ‘ފްރީ ރައިޑް’ ނެގުން ހުއްޓުވިގެންނެވެ. ‘އަގެއް’ ދައްކައިގެން މެނުވީ އެވަސީލަތް ބޭނުން ނުކުރެވޭނެ ކަމުގައި ހެދުމުން، ‘ފްރީ ރައިޑަރ’ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުމުގެ މަގު ފަހިކުރެވެއެވެ. މިފަދަ އަގު ތަކަކީ މުޅިއަކުން ފައިސާއިން ދައްކާ އަގަކަށް ވާކަށް ނުޖެހެއެވެ. ނަމަވެސް މިގޮތުން ދައްކަން ޖެހޭ އަގު ކަނޑައެޅުމަކީ ވިސްނުން ތެރިކަމާއެކު ކުރަން ޖެހޭ ކަމެކެވެ.

ވެމްކޯ އުފެދުމާއި ހަމައަށް ކަންތައް ހިނގަމުން އައި ގޮތް ހަނދާން ކޮށްލަމާތޯއެވެ؟ ކޮންމެ ބަޔަކު އެބަޔެއްގެ އަމިއްލަ ކުނި، އަމިއްލަ ދެއަތުން ނުވަތަ އެހެން މީހަކަށް އަގު ދީގެން، މާލޭގެ ކުނިގޮނޑަށް ގެންދަން ޖެހުނު އުނދަގޫ ހާލަތަށް ބަދަލުގެނުވީ ވެމްކޯ އުފެދުނު ހިސާބުންނެވެ. ވެމްކޯ އުފެދުމުން، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ކުނި ބަލާއައިސް، ގޭ ދޮށުން ކުނި ގެންދިޔުމުގެ ފަސޭހަކަން ގިނަފަރާތްތަކަށް ލިބުނެވެ.

ނަމަވެސް، މިހިސާބުން އުފެދުނީ ‘ފްރީ ރައިޑަރ’ މައްސަލައެކެވެ. ވެމްކޯއިން ކުނި ނަގަނީ އަގަކަށެވެ. ގޭބިސީއަކަށް މަހަކު އެންމެ 150 ރުފިޔާއެވެ. މިއަގަކީ ކިތަންމެ ކުޑަ އަގެއް ނަމަވެސް، އަގެއް ނުދައްކާ ‘ފްރީ ރައިޑް’ ނެގޭނޭ މަގު ދިޔައީ ހުޅުވިގެންނެވެ. ދަންވަންދެން ބަލަން ހުރެފައި، ބައޮ ޖަހައިގެން ގޮސް، ކުނި ގެންދާ ގެއެއްގެ ކުނި ތަކެއްގެ ތެރެއަށް ކޮތަޅު އެއްލުމުން ފަރުޖެހުނީއެވެ. ކޮވިޑް ލޮކްޑައުންގައި ގޭ ގެއަށް ވަނުން ހުއްޓި މަގުމަތިން ކުނި ނަގަން ފެށުމުން ‘ފްރީ ރައިޑް’ ނެގުން އިތުރަށް ފަސޭހަ ވިއެވެ.

ވެމްކޯއިން މިހާރު މަސައްކަތް ކުރަނީ މަހު ފީ ނުދައްކާ ފަރާތްތަކުގެ ކުނި ނުނެގުމަށެވެ. އެބަޔަކު މަސައްކަތް ކުރަމުން ގެންދަނީ މަހު ފީ ނުދައްކާ ‘ފްރީ ރައިޑް’ ނެގުމަށެވެ. ސިޔާސީ ވެރިން މަސައްކަތް ކުރަނީ އެންމެ މޮޅު ސުރުޚީއަޅާނީ ކިހިނަކުންތޯ ބެލުމަށެވެ.

ވެމްކޯއަކީ ނަމެކެވެ. އެނަމާއި، ނުވަތަ ކުންފުނީގެ މެނޭޖްމަންޓާއި މެެދު ހިތްހަމަނުޖެހިގެން، ސިޓީ ކައުންސިލުން ވަކި ކުންފުންޏެއް އުފެއްދުމަކުން، ‘ފްރީ ރައިޑް’ގެ މައްސަލައަކަށް ހައްލެއް ނުގެނެވޭނެއެވެ. ނަތީޖާއަކަށްވާނީ މައްސަލައިގެ ޝަކުވާ އެހެން ފަރާތެއްގެ ބޮލުގައި އެޅުވުމުގެ ފުރުސަތު ގެއްލި ދިޔުމެވެ.

މަހު ފީއެއް ނުދައްކާ، ދަންވަރު ނުކުމެ ކުނި ކޮތަޅު މަގުގައި ބަހައްޓައިގެން، ފްރީ ރައިޑް އެއް ނެގުމުގެ ފުރުސަތު އޮތްހާ ދުވަހަކު ކޮންމެވެސް ބަޔަކު އެ ފުރުސަތުގެ ބޭނުންކޮށް ފްރީރައިޑް ނަގަމުން ގެންދާނެެއެވެ. ގަވާއިދު ހަރުކަށި ކުރުމަކުން، އިއުލާނުގެ އަޑު ގަދަ ކުރުމަކުން ނުވަތަ ކޮންމެ ކުނި ކޮތަޅެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން މިމައްސަލަ ހައްލެއް ނުކުރެވޭނެއެވެ.

ކުރީ ޒަމާނުގައި، ހެޔޮ ގޮތުގައި ކުނި ނުނެރޭމީހުން ދައްކަން ޖެހުނު ‘އަގަކީ’ ޖަމާއަތުގެ ނުރުހުމާއި، އަވައްޓެރިންގެ ރުޅިއާއި ކުރި މަތިލާން ޖެހުމެވެ. އެ އަގު ދައްކަން ބޭނުން ނޫން ބަޔަކު އަދިވެސް، މާލޭގަވެސް އަދި ބައެއް ރަށުގައި އުޅާފާނެއެވެ. ނަމަވެސް ‘ޖަމައާތުގެ ނުރުހުމާއި ގޭދޮށުމީހުންގެ ރުޅިވެރިކަން’ ފަދަ ‘އަގެއް’ ދައްކަން ޖެހުމަކުން މާލޭގެ ކުނީގެ މައްސަލަ މިއަދު ހައްލު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ކޮންމެ ގޭބިސީއަކާއި ކޮންމެ ވިޔަފާރިއަކީ ކޮންމެވެސް ޒާތެއްގެ ކުންޏެއް އުފަން ކުރުވާ ބައެކެވެ. މި މައްސަލަ ހައްލު ކުރެވޭނީ ހުރިހާ ގޭބިސީ ތަކުންނާއި ހުރިހާ ވިޔަފާރީ ތަކުން ‘އަގެއް’ ދައްކަން މަޖްބޫރު ކުރެވޭނެ ނިޒާމެއް ގާއިމު ކޮށް ‘ފްރީ ރައިޑް’ ނުނެގޭނެ ގޮތް ހެދުމުންނެވެ. މިކަމާ ގުޅިގެން އަޅުގަނޑު ދުށް ސޯޝަލް މީޑިޔާ ޕޯސްޓެއްގައި ހުށަހަޅާފައިވަނީ ފެންބިލްގައި، ނުވަތަ ކަރަންޓް ބިލުގައި ކުނި ނެގުމުގެ ‘އަގު’ ހިމެނުމަށެވެ. މިއީ ވިސްނާލުން ރަނގަޅު ހުށަހެޅުމެކެވެ.

ފްރީ ރައިޑަރގެ މައްސަލަ ހައްލު ކުރެވޭނީ މިފަދަ އަސާސީ ހައްގެއް ތެރެއަށް ކުނި ނެގުމުގެ ‘އަގު’ ވަދެގެންނެވެ. ތަފާތު ވަކި ‘އަގެއް’ ވެމްކޯއަށް ދައްކަން އޮތްހާ ދުވަހަކު، ކޮންމެވެސް ބަޔަކު ފްރީރައިޑް ނުގަނައެއް ނުތިބޭނެއެވެ. އެއްބަޔަކު ‘ފްރީ ރައިޑް’ ނެގުމުން ހަޑިވެ، ގޮނޑުވެ، ކުނިވެ، އުނދަގޫ ވަނީ އެންމެންނަށެވެ. އެންމެންގެ ހައްގުގައި އެކަންތައް ކުރެވޭނީ މުޅި ދައުލަތުން އެކުގައި، ގުޅިގެން މަސައްކަތް ކުރެވުމުންނެވެ.