ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން – 5   އިޤްތިޞާދުގައި ބިދޭސީ މަސައްކަތް ތެރިންގެ އިތުރު ވަމުންދާ ދައުރު

ދިވެހި އިޤްތިޞާދީ އިންޖީނަށް ބޭނުންވާ ހަކަތައިގެ ބޮޑު މިންވަރެއް މިއަދު ފޯރުކޮށްދެނީ ބިދޭސީންނެވެ.  ބޮޑެތި މަސްދޯނި ފަހަރުގައްޔާއި، ކުދި ފަރުމަސް އޮޑިތަކުގައި މަސްބާނައި، ކައްކައި، ހިއްކައި، ވިއްކުމުގެ ބޮޑު ބައެއްގައި ހަރަކާތް ތެރިވަނީ ބިދޭސީންނެވެ. ދިވެހި ދަނޑުތަކުގެ ދިރުން ދަމަހައްޓައި އެތަކެތި ބާޒާރަށް ގެނެސް، ވިއްކަނީ ބިދޭސީންނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މަދުވެގެން 65%، ކޮންސްޓްރަކްޝަން ސިނާއަތުގެ 90% ގެ އިތުރުން، ކުދި ހޮޓާތަކުގަޔާއި، ބޮޑެތި ރެސްޓޯރަންޓްތަކުގައި މަަސައްކަތް ކޮށް، ކަންމަތީ ފިހާރަތައް ހިންގައި ވިކުރާ ބަލަހައްޓަނީ ހަމަ އެބައިމީހުންނެވެ.

ދިވެހި ދަރިންނަށް ކިޔަވައިދިނުމާއި  ހޮސްޕިޓާތަކުގައި ދިވެހިންނަށް ފަރުވާދީ އަޅާލުމުގައި ގިނައީ ބިދޭސީ ޓީޗަރުންނާއި ޑަކްޓަރުން އަދި ނަރުހުންނެވެ. ބޮޑެތި ކުންފުނިތަކުގެ އެކައުންޓަންޓުންނާއި ކޭޝިއަރުން އަދި އޮޑިޓަރުންނަކީ ބިދޭސީންނެވެ. ޕްރޮފެޝަނަލް މަޤާމުތަކުގެ ބޭރުން، ފެނާއި ފާހާނާ ނިޒާމު ނިންމައިދީ، ހިނގާ މަގު އެއްވަރުކޮށްދީ، ގެއާއި ހަމައަށް ކަރަންޓް ނަރު ފޯރުކޮށްދިނުން ފަދަ މުނިސިޕަލް ހުރިހާ މަސައްކަތެއްހެންމެ ކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ. 

އިޤްތިޞާދީ ޙަރަކާތް ތަކުގައި ބައިވެރި ވުމަށާއި، ދައުލަތަށް ޚިދުމަތް ކުރުމަށް އަޅުގަނޑުމެން ދިވެހިން ގެއިން ނުކުމެ ހެލިގަންނަނީ، އަޅުގަނޑުމެންގެ ގޭގޭގައި ކައްކައި، ކާންހަދައި، ދަރިންނާއި އިސްރަށްވެހިން ބެލެހެއްޓުމަށް ބިދޭސީން ބައިތިއްބާފައެވެ.

ނަމަވެސް، ކެއުމާއި ނިދުމުން މަޙުރޫމް ކުރާ ޙާލުގައި، އޮހޮރި ދަލަށް ޙައްޤު އުޖޫރު ނުދީ ބިދޭސީ މަސައްކަތް ތެރިން ގެންގުޅުމަކީ ބާރުވެރިންގެ ޙައްޤެއް ކަމުގައި ދަށްކައިފިއެވެ. އަދި އަޅުގަނޑުމެން އާދައިގެ މީހެއްގެ ވައިހިނގާ ހިސާބުންވެސް އެވެރިންގެ މީހަކު މަގެއްގެ މަތިން ދިޔަނަމަވެސް، ވަށިވަށިންދީ ހުރި ދިމާލުން ބިމަށް ކުޑަކަކޫ ޖެއްްސުމަކީ މޮޅު ކަމެކެވެ.

ހ- ރާއްޖޭގައި ވިޔާފާރި ކުރުން   

ދިވެހި ސިނާޢަތްތަކުގައި ބިދޭސީންގެ ދައުރު ފުޅާވަމުންދާއިރު،  ވަރަށް ސާފުގޮތުގައި ބިދޭސީން ގެންދަނީ ރާއްޖޭގައި ޤާނޫނާ ޚިލާފަށް ވިޔާފާރި ކުރަމުންނެވެ. ކަންމަތީ ފިހާރަތަކުން ފެށިގެން ބޮޑެތި މާރޓް ތަކާއި،  ގެސްޓްހައުސް ތަކާއި، ބޯކޮށާ ދުއްކާނާއި، ޔުނިފޯރމާއި ގަމީސް ފަހައިދޭ ތަންތަން ހިމެނޭ ގޮތުން، ދިވެހި ވެށީގައި އެތަކެއް ވިޔާފާރިތަކެއް ހިންގަމުން ގެންދެއެވެ. ދިވެހިންގެ ނަމުގައި ހިންގަމުންގެންދާ ‘ކަރުދާހު’ ވިޔަފާރިތަކަކީ ފޮރިންއިންވެސްޓްމަންޓް އުސޫލުތަކާއި އިދިކީއްޔަށް ހިންގާ ޙަގީގީ  ބިދޭސީ ވިޔާފާރި ތަކަކެވެ. މިފަދަ ވިޔާފާރިތައް ހިންގުމަށް ކަރުދާހުގެ ހިޔާ ފޯރޮކޮށްދޭ ދިވެހިންނަށް ލިބެނީ މަހު ފީ އެކެވެ. ކަމިޝަނެކެވެ.

މީގެ އިތުރުން، ކޮޓަރީގައި އޭސީ ހަރުކޮށް، ތަށިމުށި ޖަހައި، ފެންވަޔަރު ކުރުން ފަދަ، އެއްވެސް ވިކުރާ އަކަށް ނުފެންނަ، ދައުލަތަށް އެއްވެސް މިންވަރެއްގެ ޓެކުހެއް ނުވަންނަ، ‘ހިޔަނީގައި’ ކުރެވޭ އެތަކެއް ހާސް މުޢާމަލާތް ތަކުގެ ކަސްޓަމަރުން ނަކީ އަޅުގަނޑުމެން ދިވެހިންނެވެ.

ށ- ކުށުގެ ވެށީގެ ހިއްސާދާރުން

ދިވެހި ސިނާޢަތަށް ޚިދުމަތް ކުރުމުގަޔާއި، ހިޔަނީގައި ވިޔާފާރި ކުރުމުގެ އިތުރުން، ކުށުގެ ވެށީގައި، މާލީފައިދާއަށް ގިނަ ޙަރަކާތް ތަކެއްހިންގައެވެ.  މިގޮތުން އެމީހުންގެ އަމިއްލަ ޤައުމުގެ ރައްޔަތުން ހިޔުމަން ޓްރެފިކް ކުރުމުގެ އިތުރުން، ހަށިވިއްކުމާއި، މަނީ ލޯންޑްރިންގ، ޑްރަގާއި ރަލުގެ ވިޔާފާރިތައް ކަނުއަނދިރީގައި ހިންގާވާހަކަ ނޫސްތަކުގެ ސުރުޚީތަކަށް އަރައެވެ. އަމިއްލަ ޤައުމުގެ ރައްޔަތަކު ކަނޑުފެއްތުމުގެ ސަބަބުން ބަޔަކު ވަނީ ހައްޔަރު ކުރެވިފައިވެސް މެއެވެ.

ނ- ރާއްޖޭގެ މަސައްކަތްތެރި އާބާދީ

މި ފަހުގެ 2022 ގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ރާއްޖޭގެ ،ފިރިހެން މަސައްކަތު އާބާދީ، ގައި (20-40  ޢުމުރާ ދެމެދު)  ގިނައީ ބިދޭސީންނެވެ. މަސައްކަތު އާބާދީގައި ތިބި ދިވެހި ފިރިހެނުންގެ ޖުމްލަ އަދަދު މަދު އިރު، ހިސާބުން ފެންނަ ހުރިހާ ދިވެހިންނަކީ މަސައްކަތްތެރިން ކަމުގައި ބެލޭކަށް ނެތެވެ. ކިޔަވާ ކުދިންގެ އިތުރުން، މަޑު ތަންމަތީގައި އަރާމު ކުރުމުގަޔާއި ކޮފީ މޭޒުތަކުގެ ވަށައިގެން ކުރުކާލިކަނޑާ ދިވެހި ފިރިހެނުންނެއް މަދެއް ނުވާނެއެވެ. ނަމަވެސް، ހުރިހާ ޢުމުރެއްގެ ހުރިހާ  ބިދޭސީންނަކީ ޤައުމާއި ޢާއިލާ ދޫކޮށް، އާމްދަނީ ހޯދުމަށް ހިޖުރަ ކޮށްފައި ތިބި ފަރާތްތަކެވެ. އަދާކުރާ ‘ރަސްމީ’ ވަޒީފާ ނިމުމުން، މޫސުމަށް ދަނބު ހޮވައިގެން، ނުވަތަ  ފިހާރަ ދޮރުމަތިން ހުސްފޮށި ނަގައި ވިއްކައިގެން ނަމަވެސް، ހުއްޓުމެއް ނެތި އެބައިމީހުންގެންދާނީ މަސައްކަތް ކޮށް އާމްދަނީ ހޯދަމުންނެވެ.  

ނ- ބޭރަށް ފޮނުވާ ރެމިޓެންސް

ރާއްޖޭގެ އިޤްތިޞާދީ އިންޖީނަށް ހަކަތަ ފޯރުވައިދިނުމުގަޔާއި، ހިޔަނީގަޔާއި އަނދިރީގައި ހިންގާ ޙަރަކާތްތަކުން ހޯދާ އާމްދަނީ، ޑޮލަރަށް ބަދަލު ކޮށްގެން ބިދޭސީން ގެންދަނީ، އަދި ގެންދާނީ ރާއްޖޭން ބޭރަށް ފޮނުވަމުންނެވެ. ބިދޭސީ މަސައްކަތު އާބާދީ، އަދި އެބައިމީހުންގެ ވިޔާފާރި ޙަރަކާތްތައް އިތުރުވާ މިންވަރަކަށް، މިގޮތުން ބޭރުކުރާ އަދަދު ދާނީ އިތުރު ވަމުންނެވެ. ބޭންކްތަކުން ރެމިޓް ކުރާ ޑޮލަރަށް 3% ޗާރޖް ކުރަން 2016 ގައި ފެށުމާއެކު، މިފަދަ ރެމިޓެންސް ތައް ނުރަސްމީ ‘ޙަވާލާ’ ނިޒާމްތަކަކަށް ބަދަލުވެ، ބޭރު ކުރެވޭ މިންވަރުގެ ޙަޤީޤީ އަދަދެއް މާލީ އިދާރާތަކަށް މިއަދަކު އެނގޭކަށް ވެސް ނެތެވެ.

ރ- މިއަދުގެ ޙާލު  

ދިވެހި އިޤްތިޞާދީ އިންޖީނަށް ބޭނުންވާ ހަކަތައިގެ ބޮޑު މިންވަރެއް ފޯރުކޮށްދެނީ ބިދޭސީން ކަމާމެދަކު މިއަދަކު ޝައްކެއް ނެތެވެ. ރަސްމީކޮށާއި ނުރަސްމީކޮށް، އަލީގަޔާއި އަނދިރާގައި، އެބައިމީހުން ބައިވެރިވާ މިންވަރު ފުޅާވަމުން، ފުންވަމުން ގޮސް ދިވެހި އިޤްތިޞާދު މިއަދު މިހިނގަނީ ބޮޑުކޮށް ބިދޭސީންގެ އަތްދަނޑިމަތީގައި، އެމީހުންގެ ބުންވަރުގައެވެ. ދިވެހިންގެ ގިނަ ބަޔަކު ތިބީ ހަމައެކަނި ހަމައެކަނި އަންބާގައި ބައިވެރިވުމަށް ފޭއަށް ޖެހިއެވެ. އަނެއް ބަޔަކަށް މިވަނީ ކިހިނަކުން ކަމެއް ވެސް ނޭނގެއެވެ.   

ނަމަވެސް މަސައްކަތު އާބާދީގައި ބިދޭސީން ގިނަވުމަކީ ރާއްޖެއަށް އެކަނި، ޚާއްޞަ ސިފައެއް ނޫނެވެ. މެދު އިރުމަތީގެ ވަރަށް ގިނަ ޤައުމުތަކުގެ މަސައްކަތު އާބާދީގެ ބޮޑު ބަޔަކީ ބިދޭސީ މަސައްކަތް ތެރިންނެވެ. އެހެނަސް އެޤައުމުތަކުގައި އެމީހުން ޚިދުމަތް ކުރަނީ ކަނޑައެޅިިފައިވާ ‘އިން’ ތަކެއްގެ ތެރެއިންނެވެ. އާމްދަނީ ހޯދުމަށް އަނދިރީގައި ނުވަތަ ހިޔަނީގައި ނުކުރެވޭނޭ ކަންތައްތަކެއް ކަނޑައަޅައި، އެ ސަރުކާރުތަކުން އެކަންކަން ތަންފީޒު ކުރެއެވެ. މިނިވަންކަމާއެކު ކުށުގެ ވެހީގައި ބައިވެރި ވުމުގެ ފުރުސަތެއް ނުދެއެވެ. ވިޔާފާރިވެސް ކުރެވޭނެއެވެ. ނަމަވެސް ސާފު އަލީގައި، ދައުލަތަށް ޓެކްސް ދައްކައިގެނެވެ.

3 Comments

  1. ތިޔަބިދޭސީ އާބާދީވެސް ނުބެމެހެއްޓޭވަރަށް ގިނަކުރަންޖެހޭތަ؟

  2. މިއަދު ރާއްޖޭގައި ހުރީ 160 ރިސޯޓް.. އަދި އަންޑަރކޮްނސްޓްރަކްޝަން 80 ރަށް ކުރިއަށް އޮތް 2-3 އަހރު ތެރޭ އޮަޕަރޭޝަންސް އަށް ނުކުންނާނެ.. +1000 ގެސްޓް ހައުސް އެކި ރަށް ރަށުގައި ހެދި މި 2 އަހރު ތެރޭ ހުޅުވޭނެ.. އޭރުންއަމިއްލަ ރަށުގައި ހުރެ އާންމްދަނީ ލިބޭނެތީ، ކުރިމަގުގައި ރިސޯޓް ތަކުގައި ދޭސީ ބިދޭސީ % 25:75 އަށް ބަދަލުވުން ގާތް . އެއީ ދިވެހި އާބަާދީ އިތުރު ނުވުމާއި ކޮްނމެ ކުެއްޖަކަށް މަތީ ތައުލީމުގެ ފަހި ފުރުސަތު އޮތަތީ، ރިސޯޓް، ކޮްނސްޓްރަކްޝަން ފަދަ ސެކްޓަރ ތަކުގައި އަންސްކިލްޑް ލޭބަރ މަސައްކަތް ކުރާނެ ދިވެހިން ކުރި މަގުގައި ނުލިބޭނެ… މިއަދު ރާވާ ޕްލޭން ކޮށްގެން ބިދޭސީން މެނޭޖް ކުރާނެ ރަނގަޅު ސިޔާސަތު ގާއިމް ކޮށް ،ޮއަދު މިއޮތް ޕޭޕަރ ކުންފުނީން ބިދޭސީން ނަށް ހުއްދަ ނުވިއްކޭނެ ސިސްޓެމް އެއް ގާއިމު ކޮށް، ދިވެހި ކުންފުނި ރެޖިސްޓަރ ކުރާމީހަގެ ޒިންމާ އިތުރު ކުރާން ޖެހޭ… އަދި ޓެކްސް ނިޒާމަށް އަދު 10 އަހަރު ގިރާ ކުރެވުނު އިރު، މިނިޒާމް ހަރުދަނާ ކޮށް، ލޫޕް ހޯލް ތައް ބަންދު ކުރާން ޖެހޭ..

Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading