ބަރު މަރުކާއަށް ވުރެ އުހަށް ބަރުކޮށްގެން ކަނޑު ދުއްވަން ނުކުތް ދިވެހި އިޤްތިޞާދީ އޮޑި، ކޮޅިގަނޑެއްގައި ޖެހިފައިވާކަން ޔަގީނެވެ. ހިސާބުތަކުން އެކަން ފެންނާން އެބަހުއްޓެވެ.
އަޑުއިވެނީ ހަވާސާއިން
ދައުލަތުގެ މަތިގޭގައި މަންޒިލް ކުރައްވާ ބައެއް ބޭފުޅުން، ބައެއް ބަސްފުޅު، އެބަ ވިދާޅުވޭވެސް މެއެވެ. ޤައުމުގެ އިޤްތިޞާދީ ޙާލާތާއި މެދު ކަންބޮޑުވުން ތަކެއް ހުރިކަމަށާއި އެކަމުގެ ސަބަބުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާނޭ ކަމަށް ވިދާޅުވެއްޖެއެވެ. ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ގޭގޭގެ ކާމޭޒުމަތީގެ މެނިޔު ބަދަލުކުރަން ޖެހޭނޭ ކަމަށް އަނެއް ބޭފުޅަކު ވިދާޅުވެއްޖެ ޔޯލައެވެ. ޚަރަދު ކުޑަކުރުމަށް އަޅާނޭ ފިޔަވަޅުތަކުގެ ސަބަބުން ރައްޔަތުންގެ ތެރެއިން ބޭނުން ޖެހިފައިވާ ފަރާތްތަކަށް ނިކަމެތި ކަމެއް ނާންނާނޭ ކަމުގައިވެސް ވިދާޅުވެއްޖެއެވެ.
ނަމަވެސް މިފަދަ ހުރިހައި ވާހަކައެއްގެ އަޑުއިވެނީ، މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި މެންބަރުން ދައްކަވާ ވާހަކަފުޅުންނާއި ޖަގަހަ ޖަލްސާ ތަކުންނެވެ. ސައި، ކޮފީ މޭޒުތަކުންނާއި ގްރޫޕް ޗެޓުލޮގު ސްކްރީން ޝޮޓްތަކުންނެވެ. ސަރުކާރުގެ ރަސްމީ އިދާރާއަކުން، ނުވަތަ ދައުލަތުގެ ޕޯޑިއަމަކުން މިޒާތުގެ ހިލަމެއްވެސް ނުވެއެވެ.
އެތެރޭކޮއިލުގެ ރަސްމީ ބަހެއް ނެތި ހަވާސާގައި ނުކުންނަ ވާހަކަތައް، އެއްބަޔަކު އަޑުއަހާކަށް ބޭނުމެއްވެސް ނުވެއެވެ. އެމީހުން ޤަބޫލުކުރަނީ އެއީ މުޅިންވެސް ‘ސިޔާސީ ދުންބަޑި’ ކަމަށެވެ. މީގެ އިތުރުން ގިނަަބަޔަކު ‘ތަށަށް ކިޔަނީ މަރިޔަނބު ތޯ’ ވެސް ނާހައެވެ. އެމީހުން ނުވެސް ދެނަހުއްޓެވެ.
ނަމަވެސް ‘ދުށްތަނާއި އިވުނު އަޑު’ގެ ސަބަބުން އުނދަގޫ ވެފައިވާ ފަރުދުންނާއި ޢާއިލާތަކެއް ތިބިކަމުގައި ސާބިތުކަމާއެކު ދަންނަވަން ކެރިދާނެއެވެ. މިއީ މަދު ބައެއްވެސް ނޫނެވެ. އެބައިމީހުން ތިބީ ކަންބޮޑުވެފައެވެ. ހާސްވެފައެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހޭނީ ކޮންކަހަލަ ބަދަލުތަކެއްކަން، ކިހާ ދުވަހެއް ވަންދެންތޯ، އޮޅުން ފިލުވަން ކެތްމަދު ވެފައެވެ.
މިދެންނެވި ރައްޔަތުންގެ ކަންބޮޑުވުން، މާޔޫސް ކަމަށް ބަދަލުވަނީ، ސިޔާސީ ބޭފުޅުންގެ ސިޔާސީ ތޮޅުން އިތުރުވެފައި ވާތީއެވެ. އެއްރެއެއްްގެ އެއް ސާޢަތެއްގައި، 3 ޖަގަހައިގައި، އެއްފަހަރާ ލައިވް ޓެލްކާސްޓް ކުރައްވައިގެން، ލައިވްކޮށް ޖަވާބުދެއްވަމުން، ސިޔާސީ ހަނގާ ކުރިއަށް ގެންދަވަނީ ނުހަނު ފޯރީގައެވެ. މައްސޫލިއްޔަތުން ފޭއަށް ޖެހި، އަނެކާގެ ބޮލުގައި ޒިންމާ އެޅުވުމުގައެވެ. ހައްތާވެސް އަނެކާގެ ކުށެވެ. ތިމާކުޅަ ކަމެއް ނެތެވެ.
ލޯމާފާނެއްގެ ޒަރީއާއިން ނަމަވެސް، އެތެރޭ ކޮއިލުގެ ރަސްމީބަހެއް އިއްވުމުގެ ވަގުތު އަތުވެއްޖެ ކަމުގައި ދެކެމެވެ. ތެދުބަހުން، ސާފު އިބާރާތުން، ޙާލަތު ބަޔާންކޮށް އެނގުމަކީ ދިވެހި ރައްޔަތުންގެ ޙައްޤެއް ކަމުގައި ނޫނީ ނުވާނެއެވެ.
ކުރިޔަށް ހިނގައިގަނެވޭނީ ޙާލަތު ބަޔާން ކުޅައުމުނެވެ.
