މިފްކޯ އުވާލުމަކީ ހައްލެއް ނޫނެވެ

މިލިޔުން ވަނީ 03 ޖެނުއަރީ 2021 ގައި މިހާރު ނޫހުގައި ޝާއިޢު ކޮށްފައެވެ.

މިފްކޯގެ ހަރަކާތް ތަކާއި އެކުންފުނީގެ ކުރިމަގާއި، ޖުމްލަކޮށް ދިވެހި މަސްވެރިކަމުގެ މުސްތަގްބަލާއި މެދު ވާހަކަތަކެއް ދެކެވެމުންދާ މިދުވަސްތަކުގައި، މިހިސާބަށް އާދެވުނީ ކިހިނަކުންކަން އެނގުން މުހިންމެވެ. ފަހެ ދަތުރުކޮށް އައި މަގު އެނގި ދަސްވުމަށްފަހު މެނުވީ ކުރިމަގުގައި ސަމުގާ ބަހައްޓަންވީ މިސްރާބު ކަނޑައަޅާކަށް ނުވާނެއެވެ.

މިހިސާބަށް ދަތުރުކުރި މަގު
1970ގެ އަހަރުތަކާއި ހަމައަށް އައިއިރު، މައިގަނޑު ގޮތެއްގައި ގައުމަށް ބޭނުންވާ އެންމެހާ ތަކެތި އިމްޕޯޓް ކުރަމުން ގެންދިޔައީ ހިކި ކަނޑުމަސް ސިލޯނަށް ވިއްކައިގެންނެވެ. ނަމަވެސް، ދިވެހި ހިކިކަނޑުމަސް ސިލޯނަށް އިމްޕޯޓް ކުރުން ހުއްޓާލުމަށް 1971ގައި ސިލޯނު ސަރުކާރުން ނިންމުމާއި ގުޅިގެން ސަރުކާރުގެ ދައުވަތަށް 1972ގައި ބޭރު ކުންފުނިތަކެއް ރާއްޖެއައިސް މަސްވެރިންގެ އަތުން ސީދާ މަސްގަންނަން ފަށައި 1977 ގައި ފެލިވަރުގައި 8 ޓަނުގެ ކޭނަރީއެއް ބިނާ ކުރިއެވެ.


1982ގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން، ސަރުކާރުން ހުށަހަޅާ އަގަށް މަސްގަނެވެން ނެތް ކަމަށް ބުނެ، މަސްގަތުމުގެ މަސައްކަތް ހުއްޓާލާފައި ފުރައިގެން ދިޔުމަށް އެބައިމީހުން ނިންމިއެވެ. މިދަނޑިވަޅުގައި ސަރުކާރުން ނިންމީ ބޭރު ކުންފުނިތަކުގެ އެސެޓްސް ދައުލަތަށް ގަނެ، ސަރުކާރުން ހިންގާ ހަރަކާތަކަށް ބަދަލު ކޮށްގެންވެސް މަސްވެރިންގެ އަތުން މަސްގަތުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދިޔުމަށެވެ. އެކި ފަހަރު އެކި ނަމުގައި ނަމަވެސް މަސްވެރިން ބާނާ މަސް ގަނެ، ޕްރޮސެސްކޮށް ވިއްކުމަށް ސަރުކާރުން ހިންގަމުން ދިޔަ އެތަކެއް މަސައްކަތް، ވަކިން ހިންގާ ވަކި ކުންފުންޏެއްގެ ދަށަށް ބަދަލުވެގެން ދިޔައީ 1 ނޮވެމަބަރ 1993ގައި މިފްކޯ އުފެދުނު ހިސާބުންނެވެ.
ހަމަ 1982 ގައި މަސްވެރިކަން ތަރައްގީކޮށް އާލާ ކުރުމަށްޓަކައި ބޭރުގެ އެކި އިދާރާ ތަކުން ލޯނުގެ އެހީ ހޯދައިގެން ބޮޑެތި އިންވެސްޓްމަންޓް ތަކެއް ފެށުނެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އަލިފުށީގައި ގާއިމު ކުރެވުނު ބޯޓުޔާޑުން 65 މަސްދޯނި ބަނދެ ދޫކުރުން، ފެލިވަރު ކޭނަރީ 8 ޓަނުން 50 ޓަނަށް އަޕްގްރޭޑްކުރުން، މަސްވެރިންގެ އަތުން ގަންނަ މަސް ފިނިކޮށް، އުފުލުމަށްޓަކައި ދެކުނު ކޮރެއާގައި 3 ކަލަމިންޖާ ބަނދެގެން ގެނައުން، އަދި މާންދޫ އާއި ކޫއްޑޫ ފެސިލިޓީސް ގާއިމުކުރުން ހިމެނެއެވެ.


މަސްވެރިކަން އާލާކޮށް ތަރައްގީ ކުރުމަށް ކުރެވުނު އެތަކެއް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަން ކުރިއަރައި 80ގެ އަހަރުތަކުގައި އަހަރަކު އެވަރެޖްކޮށް ބާނާ 50 ހާސް ޓަނު މަސް، 2000 ގެ އަހަރުތަކުގެ އެވަރެޖް 3 ގުނައާއި ގާތަށް އިތުރުވެ އަހަރަކު 148 ހާސް ޓަނަށް ބަދަލު ކުރެވުނެވެ. މިގޮތުން ކުރެވުނު އެތަކެއް މަސައްކަތަކުން އޮޑިވެރިން ނަށާއި މަސްވެރިންނަށް ހިތްވަަރުު ލިބި އެބައިމީހުން މަސްވެރިކަމަށް އިންވެސްޓްކުރިއެވެ. ކޫއްޑޫ ޑިޒައިން ކުރުމުގައި ވިސްނިފައިފައި ނެތް މިންވަރަށް ދޯނި ފަހަރު ބޮޑެތިވެ، ކޫއްޑޫއަށް މަސްގަތުމަށް އަލަށް ބަން ‘ބޮޑު’ ކަލެކްޓަރ ވެސަލްގެ ކެޕޭސިޓީ ކަމުގައިވާ 50 ޓަނު، އެއްދޯނިން އެއްފަހަރާ ކިރުވިއެވެ.


ދައުލަތުގެ އިންވެސްޓްމަންޓުތަކުން ހިތްވަރު ލިބިގެން، މަސްވެރިންނާއި އޮޑިވެރިން އަމިއްލައަށް ކުރި މަސައްކަތްތަކުގެ ސަބަބުން ދައުލަތުގެ އިންވެސްޓްމަންޓް ތައް ކުޑަވެއްޖެ ކަމަށް 2000ގެ އަހަރުތައް ފެށިގެން އައި އިރު ޔަގީން ކުރެވިއްޖެއެވެ. 2002ގައި ރާއްޖޭގެ މަސްކަނޑުތައް ޒޯންކޮށް 2 ޒޯނެއްގައި އިންވެސްޓް ކުރުމަށް އަމިއްލަ ފަރާތްތަކަށް ދައުވަތުދެވި، މިފްކޯއިން ހިންގި މާންދޫ ކޯލްޑް ސްޓޯރޭޖް، ހޮރައިޒަން ފިޝަރީޒަށް ވިއްކާލައި ޕްރައިވެޓް ސެކްޓަރުން މަހުގެ ވިޔާފާރިއަށް ވަނުމަށް ފުރުސަތު ހުޅުވާލެވުނެވެ. ނަމަވެސް ޕްރައިވަޓައިޒޭޝަންގެ ފައިދާ މަސްވެރިންނަށް، އަދި ކިއެއްތަ، އިންވެސްޓު ކުރި ފަރާތްތަކަށްވެސް އެންމެ ރަނގަޅު ގޮތުގައި ލިބިފައެއް ނުވެއެވެ.


އަދި އެހިސާބުން ފެށިގެން މިއަދާއި ހަމައަށްވެސް މިފްކޯއިން ނުވަތަ ދައުލަތުން ނަމަވެސް، މަސްވެރިކަން އިތުރަށް އާލާ ކޮށް އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ހަރުދަނާ މަަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ.

ސިޔާސީ ފުޓްބޯޅަ ކުޅެން ބޭނުންކުރާ ބޯޅައެއްގެ ގޮތުގައި މިފްކޯ ބަދަލުވެގެން ދިޔުން
މިހިސާބުން ފެންނަން ފެށީ ސިޔާސީ ދަނޑުގައި ކުޅެން ގެންގުޅޭ ފުޓްބޯޅައެއްގެ ގޮތުގައި މިފްކޯ ބޭނުންކުރަން ފެށިތަނެވެ. ވަކި ސަރުކާރަކުން ވަކި ޕާޓިއަކުން ނޫނެވެ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމަށް ގެނެވުނު ތަކެތި އައްޑޫ ހިތަދޫއަށް ހިޖްރަ ކުރުމަށްފަހު ބާދަނގަޑަށްވެ ވީރާނާ ވެއްޖެއެވެ. ކޫއްޑޫގައި ކޭނަރީއެއް އެޅުމަށް ކުރެވުނު މަސައްކަތްތަކަށް ކޮފީ އެޅި، ވިލިގިލީގައި އެއަރޕޯރޓެއް އެޅުމަށް ހިއްކާފައިވާ ބިމުގެ މަތިން ހަނދާން ނެތި، ކޭނަރީ އެޅުމަށް ވިސްނުނު ހުސްބިމުގައި އެެއަރޕޯރޓް އަޅައިފިއެވެ. މިފްކޯގެ ބެލެންސް ޝީޓުން ލަޔަބިލިޓީ ވަކިނުކޮށް، މިފްކޯ ބައިބައިކޮށް، ފެލިވަރާއި ކޫއްޑޫގެ ނަމުގައި އުފެދުނު ކުންފުނިތަކަކަށް އެސެޓްތައް ބަދަލުކޮށްފިއެވެ. ދުވަސް ކޮޅެއްފަހުން މިނިންމުން އެކޮޅު ކޮޅުން ޖަހައި އަނެއްކާ ކުންފުނިތައް އެއްކޮށް، އެވަރުން މައިތިރި ނުވެ އެސް.ޓީ.އޯ.ގެ ދަށަށް މިފްކޯ ބަދަލުވެއްޖެއެވެ. ދިގު މުއްދަތުގެ ރޭވުމެއްނެތި، އެކިފަހަރު އެކިކުންފުންޏާއި ތަފާތު މެނޭޖްމަންޓުގެ ވަގުތީ އުފަލުގެ ގޮތުގައި ބޭނުންކުރެވުނު މިފްކޯގެ އުޅަނދު ފަހަރާއި އިންފްރާސްޓަރަކްޗަރގެ ހާލަތު ދެރަވެ އައި.ސީ.ޔޫ.ގެ ދޮރުމައްޗަށް ގެންދެވިއްޖެއެވެ. ބަދަލުވި 3 ސަރުކާރަކުން މަދުވެގެން 4 ފަހަރު ކުންފުނީގެ މެނޭޖްމަންޓް ބަދަލުކޮށް، މެނޭޖިނގް ޑިރެކްޓަރުގެ މައްޗަށް ބަސްކިޔޭނޭ އެކި ފެންވަރުގެ ސިޔާސީ ވެރިން މަގާމުތަކަށް ލައްވައި، ވިޔާފާރި ފައިދާއަށް ވުރެ ވޯޓުގެ ނަތީޖާއަށް އިސްކަން ދިނުމަށް ކުންފުނީގެ ބޯޑާއި މެނޭޖްމަންޓް ބައްޓަން ކުރުވައިފިއެވެ.

ޕްރައިމަރީ އިންޑަސްޓްރީޒްގެ މުހިންމުކަން
ކޮވިޑް 19 ގެ ލޮކްޑައުންގައި ވަރަށް ގިނަ ރައްޔަތުން ރަށްރަށުގަޔާއި މާލޭގައި ކައިގެން ތިބީ މަސްވެރިންގެ މަސައްކަތުންނެވެ. ނަމަވެސް މަސްްވެރިކަމާއި ދަނޑުވެރިކަން ހިމެނޭގޮތުން އަޅުގަނޑުމެންގެ ޕްރައިމަރީ އިންޑަސްޓްރީޒްގެ ވޭތުވެ ދިޔަ 5 އަހަރުގެ އެވަރެޖަކީ އެންމެ 4.9% އެވެ. ކޮވިޑް 19ގެ ފިލާވަޅުތަކާއެކު ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިޔަށް ވުރެ އުސް ހަރުފަތްތަކަކަށް ގެންދިޔުމަށް މަސައްކަތް ކުރުމީ މިއަދު ގައުމީ ވާޖިބެއް ކަމުގައި ނޫނީ ނުވެއެވެ.


ދުނިޔޭގެ ހުރިހާ ގައުމަކުންވެސް މަސްވެރިންނާއި ދަނޑުވެރިންގެ ކަންތައް ނަގަނީ ވަރަށް މުހިންމުކޮށެވެ. މިއީ ރާއްޖެއަށް ޚާއްސަ ސިފައެއް ނޫނެވެ. ޔޫރަޕްގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމުގެ ނެގޯޝިއޭޝަންތަކުގައި އެންމެ ހޫނު ހިފީ އިނގިރޭސި ކަނޑުތަކަށް ޔޫރަޕްގެ މަސްވެރިން ވަނުމާ ބަހޭ މަޝްވަރާތަކުގައެވެ. ބްރެކްސިޓް ނިމުނުގޮތާއި މެދު އެންމެ ޝަކުވާ ބޮޑުވެފައިވަނީ ވެސް މިމައްސަލައެވެ. ނަމަވެސް މަސްވެރިކަމަކީ އިނގިރޭސި ޖީ.ޑީ.ޕީ.ގެ 0.1% އެވެ. 65 ބިިލިއަން ޔޫރާއާއި އެކު ޔޫރަޕްގެ އިއްތިހާދުގެ ބަޖެޓުގެ އެންމެ ބޮޑު އައިޓަމަކީ ދަނޑުވެރިކަމަށް ދެވޭ ސަބްސިޑީ ކަމުގައި ހިމެނޭއިރު އީ.ޔޫ.ގައި އެގްރިކަލްޗަރގެ ހިއްސާއަކީ 1.1% އެވެ. ޖަޕާނުގެ ޖީ.ޑީ.ޕީ.ގައި އެގްރިކަލްޗަރ ހިއްސާ ކުރަނީ 1.14% ކަމުގައިވެ އަހަރުން އަހަރަށް ދަނޑުހައްދާ މީހުންގެ އަދަދު ދަށްވަމުން ދާއިރު، ދަނޑުވެރިންނަށް އަހަރަކު 5.2 ބިލިއަން ޔެން ޖަޕަނު ސަރުކާރުން ޚަރަދުކުރެއެވެ. 2019 ގައި 22 ބިލިއަން ޑޮލަރުގެ އެހީ އެމެރިކާގެ ދަނޑުވެރިންނަށް ސަރުކާރުން ދޫކުރިއެވެ.


ދުނިޔޭގެ ހުރިހާ ގައުމަކުންވެސް، ބަދަލުވެގެންދާ ތަފާތު ސަރުކާރުތަކުންވެސް މިފަދައިން ދަނޑުވެރިންނަށާއި މަސްވެރިންނަށް ޚަރަދު ކުރަނީ އެންމެ ސަބަބަކަށްޓަކައެވެ. އެބައިމީހުންގެ ވޯޓު ޔަގީން ކުރުމަށެވެ. ދަނޑުވެރި ހިސާބުތަކުން، މަސްވެރި އަތޮޅުތަކުން އެގައުމެއްގެ މަޖިލިހަށް މެންބަރުން ފޮނުވާ ހުރިހާ ގައުމެއްގައިމެ މިކަންތައް މިނޫން ގޮތަކަށެއް ނުހިންގައެވެ. އަދި ހިނގާނޭ ކަމަކަށް ގަބޫލެއްވެސް ނުކުރެވެއެވެ.
ތަފާތަކީ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން މިފަދައިން ކުރާ ޚަރަދު، ފެންނާން ހުރިގޮތުގައި ބަޖެޓްގައި ހިމަނައިގެން ހާމަކަން މަތީގައި ކުރާ ކުރުމެވެ.

ވީމާ މީ މިފްކޯ އުވާލަންވީ ބާއެވެ؟
ނޫނެކެވެ. މިފްކޯ އުވާލަންވީ އެއް ނޫނެވެ. މި ދިވެހި ރާއްޖޭގައި މަސްވެރިކަމުގެ މުހިންމުކަން ނެތިއެއް ނުދާނެއެވެ. އަދިވެސް ދިވެހިން މައިގަނޑު ގޮތެއްގައި ކައި އުޅޭނީ މަސްވެރިކަމުން ލިބެދޭ މަހުގެ ބާވަތްތަކެވެ. ފުޑް ސިކިޔުރިޓީގެ ގޮތުގައި އެކަނިވެސް މަސްވެރިކަން ދަމަހައްޓައި އާލާކުރަން ޖެހޭކަން އަޅުގަނޑުމެންނަށް އަނެއްކާ ހަނދާން ކޮށްދިނީ ލޮކްޑައުންގައި ލިބުނު ފިލާވަޅު ތަކުންނެވެ. ދިވެހި އިގްތިސާދުގައި ވިންދު ޖަހަމުން ދާނީ ‘އިގްތިސޯދުގެ ލޭނާރު’ ދިރި، ދެމި، ހެޔޮ ހާލުގައި އޮވެގެންނެވެ. 1980ގެ އަހަރުތަކުގައި ދައުލަތުން ކުރަން ފެށި އިންވެސްޓްމަންޓްތަކުގެ ސަަބަބުން ކަނޑުމަހުގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަން މިއަދު މިވަނީ އެހެން ހަރުފަތަކަށް ގެންދެވިފައެވެ. މިފްކޯގެ މައި މަސައްކަތަކަށް ދެންވެސް ވާންވީ އިތުރު ހަރުފަތަކަށް މަސްވެރިކަން ގެންދިޔުމުގެ މަސައްކަތް ފެށުމެވެ.


އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައިވާ ކަނޑުގެ މުއްސަނދި ކަމަކީ ހަމައެކަނި ޓިޔުނާގެ ބާވަތްތަކެއްނޫނެވެ. ރާއްޖޭގެ މި މުއްސަނދި ކަނޑުތަކުގައި، ފައިދާހުރި ގޮތުގައި ކުރެވޭނޭ މަސްވެރިކަމުގެ އެތަކެއް ބާވަތެއް ހިމެނެއެވެ. ފިޔަލަ އަކީ ކޮމާރޝަލް ކޮށް ބާނައި ކޮންޓޭނަރުގައި އެކްސްޕޯރޓް ކުރާ މަހުގެ ބާވަތެކެވެ. ތުތިޔަ ބޯވަދިލަމަސް ދަސްވީ އިހަށް ދުވަހުއެވެ. މުށިމަހަކީ ދަޅަށް އެޅުމުން މީރު މަހެކެވެ. ބޯވަދިލަމަހަކީ ފަޅަށް ވަނުމުން ފެންނަ އެއްޗެކެވެ. ބޭރު ބައެއް ކަނޑުތަކުން ނަގައި އިއްސާއި ކަކުނި ދިވެހި ކަނޑުތަކުގެ ހުރިކަން ޔަގީން ވަނީ މަސްމާރުކޭޓުގައި ވިއްކަން ހުއްޓާ ފެންނާތީއެވެ. މެރިކަލްޗަރުގެ ގޮތުގައި ފާނައާއި ރަތްމަހުގެ ބާވަތްތަކަކީ މީގެ 10 އަހަރުކުރިއްސުރެ މެލޭޝިޔާ، ސިނގަޕޫރު، ބެންކޮކް ފަދަ ގައުމުތަކުގައި ކާމިޔާބުކޮށް ހިންގާ ވިޔާފާރިއެއް ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އަދި ކިރިޔާ ތަޖުރިބާކުރުމުގެ މަސައްކަތް ފެށުނީއެވެ. މިފްކޯގެ ނަން އެކުލެވިގެން ވަނީ ‘އިންޑަސްޓްރިއަލް’ އަދި ‘ފިޝަރީޒް’ މިދެ ލަފްޒު ހިމެނިގެންނެވެ. ސްޕެއިން އަދި ޓައިވާން ބޯޓުފަހަރުން އިންޑިޔާކަނޑުގެ މުއްސަނދިކަމުން ‘އިންޑަސްޓްރިއަލް ފިޝަރީޒް’ ކުރާ މަންޒަރު ބަލަހައްޓައިގެން އަޅުގަނޑުމެން ތިބީއެވެ. އިންޑިޔާކަނޑުގެ ރަށްވެހިންނަކީ އަޅުގަނޑުމެން ދިވެހިން ނޫނީ ދެން ކޮން ބަޔެއްތޯއެވެ؟ އެކަނޑުގެ މުއްސަނދިކަން ހައްގުވަނީ އަޅުގަނޑުމެން ފިޔަވައި އެހެން ކޮންބަޔަކަށް ބާވައެވެ؟
1982 ގައި ޖަޕަނު ބޯޓު ފަހަރު ސަރުކާރަށް ގަނެ އޮޕަރޭޓް ކުރުމަށް ނިންމީ ބޭރު މާރުކޭޓުތަކުގައި މަހުގެ އަގަށް އަންނަ ބަދަލަށް ބޯލަނބަން ބޭނުން ނުވެގެންނެވެ. އެއީ މިފްކޯގެ ފެށުމެވެ. މިއަދުވެސް މިއުޅޭނީ އެހާލުގައެވެ. ސިޔާސީ ވިސްނުމަކަށް ބަދަލެއް ނާދެއެވެ. ދުނިޔެހިނގަނީ ތޮށަލި ދުޅައަށެވެ.

މިފްކޯ އުވާލަންވީކީ ނޫނެވެ. އެކަމަކު ދެތިން ކަމެއް މާދަމާވެސް ކުރަން ފެށުން މަޖުބޫރެވެ.

  • ފުރަތަމައިނުން، ތެދުބަހުން މަސްވެރިންނާއި ރައްޔަތުންނާ ވާހަކަދައްކައި މަހުގެ ވިޔަފާރިއާއި ބެހޭ ހަގީގަތް އޮޅުން ފިލުވައި ދޭންޖެހެއެވެ. ވިޔަފާރީގައި ދެމި ތިބެވޭނީ އެ މުދަލެއް ނުވަތަ ޚިދުމަތެއް އުފެއްދުމަށް ކުރާ ޚަރަދަށް ވުރެ ބޮޑު އަގުގައި ވިއްކެނީ ނަމައެވެ. މިއީ ބަދަލު ނުވާނޭ ހަގީގަތެކެވެ. ވަކި ކުލައެއްގެ ޓީޝާރޓެއްލުމަކުން ނުވަތަ ވަކި އިންތިޚާބެއް ކައިރިވުމަކުން މިއަސާސަކަށް ބަދަލެއް ނާންނާނެއެެވެ. މަސްވެރިންގެ އަތުގައި މިއަދު ހުރީ އައިފޯނުގެ އެންމެ ފަހުގެ މޮޑެއްޔެވެ. ދުނިޔޭގައި ކަން ހިނގާގޮތް އެމީހުންނަށް ފިސާރި ރަނގަޅަށް އެނގެއެވެ. ސިޔާސީ ބޭނުމަށް އޮޅުވާލައިގެން ވޯޓު ހޯދަން ކުރާ މަސައްކަތުގެ ނަތީޖާ އާޚިރުގައި މާގޯހެވެ.
  • ދެވަނައަށް، ދުނިޔޭގެ ބާޒާރުގެ އަގާއި ނުބައްދަލު އަގެއްގައި މަސްވެރިންގެ އަތުން މަސްގަތުމަށް ސަރުކާރުން ބޭނުންވަނީނަމަ،  އިޔޫ، ޖަޕަނު، އެމެރިކާ ފަދަ ގައުމުތަކުން މަސްެވެރިންނާއި ދަނޑުވެރިންނަށް ސަބްސިޑީ ދޭ ފަދައިން،  ފާޅުކަން މަތީގައި ބަޖެޓުގައި ހިމަނައިގެން ސަބްސިޑީ ދޭންވީއެވެ. މިފްކޯގެ ބޮލުގައި ދަރަނި އަޅުވައި، މަސްވެރިންގެ ނުރުހުމާއި ރުޅިވެރިކަން މިފްކޯއަށް އަމާޒު ކުރެވޭ ގޮތަށް މި ސަބްސިޑީ ދިނުން ހުއްޓާލަންވީއެވެ.
  • މަސްވެރިންގެ އަތުން މަސްގަތުމުގައި ދެވޭ އެހީއަކީ ރައްޔަތުންގެ ފައިސާއިން ދެވޭ ދެވޭ އެއްޗެއްކެވެ. ދައުލަތުގެ ބަޖެޓުން މަސްވެރިންނަށް ދޫކުރާ ސަބްސިޑީއެކެވެ. ރައްޔަތުންގެ ފައިސާއިން ދެވޭ މި ސަބްސިޑީއަކީ ވަކި ކުންފުންޏަކަށް މަސްވިއްކުނީތީ ކުރެވޭ ވެދުމެއް ކަމަށް ނުވަތަ ވަކި ކުންފުންޏެއް ކޮށްޅަށް ބެހެއްޓުމަށްޓަކައި ވިއްދާ ކައްތިރިއަކަށް ހެދުން ހުއްޓާލަން ވީއެވެ.     
  • ހަތަރުވަނައަށް މިފްކޯ، އަދި ޖުމްލަކޮށް ދައުލަތުގެ ހުރިހާ ކުންފުންޏެއްވެސް، ސިޔާސީ ނުފޫޒުން އެއްކިބާކުރުވައި، ސިޔާސީ ފަހުލަވާނުންގެ ފޯންކޯލަށް ހުން އައިސް ރަޖާ ލާން ނުޖެހޭ ބޯޑަކާއި މެނޭޖަމަންޓެއް އެކުންފުންޏަށް ގެރެންޓީ ކޮށްދޭންވީއެވެ. މިގޮތަށް މިފްކޯ ބަދަލު ކުރުމުގެ ހިތްވަރު ނެތްނަމަހީ މިފްކޯއަކީ ދައުލަތުގެ އިދާރާއެއް ކަމުގައި ނަންބޯޑުޖަހައި ޑިޕާރޓްމަންޓް އޮފް މިފްކޯގެ ޚަރަދު ބަޖެޓުގައި ހިމަނައިގެން ފާޅުކަންމަތީ ހިންގަންވީއެވެ.

މިފްކޯގެ ހިންގުން ހަރުދަނާކޮށް ޒިންމާ ކުރެވޭނީ މިފަދަ ފިޔަވަޅުތަކެއް އެޅިގެންނެވެ. ކުންފުންޏަށް ވާނީ ގެއްލުންކަން ޔަގީންވެ ތިބެ، ސިޔާސީ އިސް ފަރާތެއްގެ ނުރުހުން އަމާޒު ވެއްޖެނަމަ މާދަމާވެސް ކޮންމެވެސް ބޯޓެއްގެ ސަރަނގަކަށް ބަދަލު ކޮށްފާނެ ކަމުގެ ބިރުގައި ތިބި މެނޭޖްމަންޓަކަށް،  އެންމެ ރަނގަޅު ގޮތުގައި ކުންފުންޏެއް ނުހިންގޭނެއެވެ. ނުވެސް ހިންގާނެއެވެ. އެމީހުންވެސް ބަލާނީ އަވަހަށް ނެގެން އޮތް އަމިއްލަ ބޮޑު ފައިދާއެއް މިއަދުވެސް ނެގުމަށެވެ. މިސާލުން މިހަގީގަތް ހާމަކަން މަތީ ފެންނާން އެބަހުއްޓެވެ.

މިކަންތައްތައް ރަނގަޅު ކުރެވިއްޖެ ނަމަ ދިވެހި މަސްވެރިކަން ދެންއޮތް ހަރުފަތަށް ގެންދިޔުމަށް މިފްކޯއިން ތެދުވަންވީއެވެ. ދައުލަތުގެ އިސްނެގުމާއެކު ކުރެވޭ މަސައްކަތުގެ ފައިދާ ފެންނަ ހިސާބުން، ބުނެ ކިޔާ އާދޭސް ކޮށްގެންވެސް ޕްރައިވެޓް ސެކްޓަރ އެފަދަ ވިޔާފާރިތަކުގައި ބައިވެރިވެ ސަރުކާރު ކުންފުންޏަށް ވުރެ މޮޅަށް، ބޮޑުފައިދާ އާއި އެކު އެވިޔާފާރި ކުރާނެއެވެ. އެހަގީގަތްވެސް މިހާރުވެސް ފެންނާން އެބައޮތެވެ.  އެދުވަސް އައުމުގެ ކުރިން މިފްކޯއިން ޖެހޭނީ ވިސްނުންެތެރިކަމާއެކު ފޭ އަށް ޖެހި ދެން އޮތް ހަރުފަތަށް ދިޔުމުގެ މަސައްކަތް ފެށުމަށެވެ.

މިފްކޯ އެއީ ނަމަކެވެ. މިނަމާއި ހިތާ ނުވަނީނަމަ ނަން ބަދަލު ކުރެވިދާނެއެވެ. މިފްކޯގެ މުހިންމުކަމެއް މިވެއްޓަކުން ނުނެތޭނެއެވެ.

Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading