ރިޔާސީ އިންތިޙާބާއި އިޤްތިޞާދީ ޅޮސް އުނދޯލި

ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ޤަބޫލުކުރާ ގޮތުގައި ރައްޔަތުން ޅޮސް އުނދޯއްޔަށް އެރުވުމަކީ ދާދި ފަސޭހަ ކަމެކެވެ. އަނެކާއަށް ވުރެ ތިމާގެ ވަޢުދު ގޯނި ބަރުވާނޭ ކަމަށް ބުނުމުން ނިމުނީއެވެ.  މިކަމުގެ ހެކި ލިޔުމުން ފެންނާން އެބަހުއްޓެވެ.

މިފަހަރުގެ ތަފާތު

އަހަރުތަކެއް ކުރިން ފެށިގެންވެސް، ސިޔާސީ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި ރައްޔަތުންނަށް މުހިންމީ ވަޢުދުގޯނީގެ ފުންމިނެވެ. އޭރުގައި ބަނދަރާއި، ހަސްފަތާލާއިި އިސްކޫލެވެ. މިފަހަކަށް އައިސް ނަރުދަމާއާއި، ޓާރފްދަނޑާއި، އެއަރޕޯޓް ވަނީ  ހިމެނިފައެވެ. ކަނޑުފަޅުން ގޯތީދީ، ދިން ގޯތިތައް ހަދާދީ، ފްލްޓްތަކުގެ ކުލި މަޢާފުކޮށްދީ، ނުއަގުގައި މަސްގަންނަން ބުނަނީ، އިޤްތިޞާދީ އަސާސަކަށް ބިނާ ކޮށެއް ނޫނެވެ. އާނދޮގޭ އޭ ބުނުމުގެ ގޮތުންނެވެ.

ޤައުމުގެ އިޤްތިޞާދު މިވަގުތު އޮތް ޙާލަތުން، ކޮންމެ ރައީސަކު ހޮވުނުނަމަވެސް، ވަޢުދު ގޯނި ކޮނޑަށް ލައިގެން ހިންދެމިލަން ހިފުމުން، ހުޅުތަކަށް ކުރާނޭ އަސަރަކީ މިފަހަރުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ކުރީގެ އިންތިޙާބުތަކާ ދިމާކޮށްވެސް އިޤްތިޞާދީ ބަނދިވަރު ގޮވަމުން މަގު ހިގީމެވެ. ނަމަވެސް މިފަހަރުގެ މާޙައުލު ފެންނަނީ އިހަށް ވުރެ އުޖާލާ ކޮށެވެ. ރައްޔަތުންގެ ބަޔަކު އެފް.ބީ. ގަޔާއި ޓިވްޓަރުގައި ސުވާލު އުފައްދަން ފަށައިފިއެވެ. ތިޔަ ބުނާ ކަންތައް ކުރަނީ ކިހިނަކުންހޭ ބުނާ އިސް ރަށްވެހިންނާ ޒުވާނުންގެ އަޑު އިވެން ފަށައިފިއެވެ. ލިޔުން ތެރިން ނޫސްތަކުގައި ސުރުޙީއަޅައި، ބޮޑެތި ނޫސް ތަކުގެ އެޑިޓަރުން އެމީހުންގެ ރަންގަލަމުގެ ދޯރި ނަގައިފިއެވެ.

މިއީ ރަނގަޅު ފާލެކެވެ. ނަމަވެސް ހަމަ އެކަނި ފެށުމެކެވެ.

ރައްޔަތުންނަށް ޙަޤީޤަތް ބުނެދީ، އިތުރު ޚިދުމަތް ދެވޭނީ އިތުރަށް އާމްދަނީ ހޯދައިގެންކަން ތެދު ބަހުން ބުނެދޭނެ ސިޔާސީން ތަކެއް އުފެއްދޭނީ، ރައްޔަތުން ސުވާލު އުފެއްދި މިންވަރަކުން، އެ ނިސްބަތަކުންނެވެ. މިހާރަށް ވުރެ ގިނަ ރައްޔަތުން، ގިނަ ނޫސްވެރިން، ގިނަގިނައިން ސުވާލު އުފައްދާ މިންވަރަކުން، އެދުވަހުގެ އިރު ފެނުން ތޮޅިލާލެއް އަވަސް ވާނެއެވެ. އިޤްތިޞާދީ ބިންގާ ވަރުގަދަވެ، މޫސުމުގެ ކެރިއާއި ކުރިމަތިލުމުގެ ފަންވަރު އުފެއްދޭނެއެވެ.

ވަޢުދުގޯނީގެ ކުޑަ ބޮޑު މިނުގެ ނިސްބަތުން، އެދުވަހަކުން ރައްޔަތުންނެއް ޅޮސް އުނދޯއްޔަކަށް ނޭރުވޭނެއެވެ.

Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading