މިއީ 15 މާރިޗް 2024 ގައި ‘މިހާރު’ ނޫހުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.
ޤައުމުގެ އިޤްތިޞާދީ ޙާލަތު ވަނީ ނާޒުކު ފައްތަރެއްގައި ކަމަށް ދެބަސްވާނޭ ފަރާތެއް މިއަދަކު ނެތެވެ. ވިސްނުން ދެކަފިވަނީ ޒިންމާ ނަގާނީ ކާކުކަން ކަނޑައަޅަން ޖެހޭ ހިސާބުންނެވެ.
ހ. އިއްޔެ
އޮކްޓޮބަރ 2023 ގައި ވާރލްޑްބޭންކުން ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން ނެރުނު ރިޕޯޓަށް ކިޔަނީ ‘ބެޓަން ޑައުން ދަ ހެޗަސް’ (ގަދަ ވަޔާއި ވިއްސާރައިގައި ލިބިދާނެ ގެއްލުމަކުން ގެދޮރު ރައްކާތެރި ކުރުމުގެ މަސައްކަތް މިހާރު ފަށާށޭ، ބުނަން ބޭނުން ކުރާ އިނގިރޭސި މަޖާޒީ ބަހެއް) އެވެ. ނަމަވެސް، އެދުވަހުގެ ސަރުކާރަށް ނުވެސް އެނގި ކުއްލިއަކަށް ބޯމަތިވި ރިޔާސީ އިންތިޚާބުގެ ސަބަބުންނޭ ބުނެ، ޚަރަދުކުރުން ޖެހީ މެކުހަށެވެ. މަހުގެ އަގު ބޮޑުކޮށް، ވަޒީފާތައް އިތުރުކޮށް، ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް، ސަބްސިޑީ ގުނަކޮށް، ޕްރޮޖެކްޓްތައް އިތުރު ކުރުމުގެ ސަބަބުން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓަށް ފާސްކުރަން އޮތީ މަޖުބޫރު ވެފައެވެ. މަޖިލިސްއަށް ހުށަހެޅި ބަޖެޓުގައި ޚަރަދު ކުޑަކުރާނޭ ކަމަށް ލިޔެފައިވާ ލިޔުންތަކާއި، އައި.އެމް.އެފް. ވާރލްޑް ބޭންކުގެ ރިޕޯޓުތައްހުރީ ކަތުރުފަނި ކާން ދޫކޮށްފައެވެ.
ށ. މިއަދު
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށުނުއިރުވެސް ރާއްޖޭގެ އިޤްތިޞާދީ ޙަޤީޤަތްތައް ހުރީ ހާމައަށް ފެންނާށެވެ. އައި.އެމް.އެފް އަދި ވާރލްޑް ބޭންކް، އެމް.އެމް.އޭ އަދި އޮޑިޓަރ ޖެނެރަލްގެ ކަންބޮޑުވުންތައްވެސް ހުރީ ކިޔަން ބޭނުންވާ ފަރާތްތަކަށް ލިބޭ ގޮތަށް ތިލަކޮށްފައެވެ. ދައުލަތުގެ ތިޖޫރީގައި ފައިސާއެއް ނެތްކަމާއި، ހިފައިގެން ހިންދަމާ ނުލެވޭ ވަރުގެ ބޮޑެތި ދަރަނިތައް ކުރިމަތީގައި ފެންނާން ހުރުމުން ބޮޑެތި ކަންބޮޑުވުން ތައް ހުރިކަމަށް ހުރިހާ ކެންޑިޑޭޓުން ފާޅުގައި ވިދާޅުވެސް ވިއެވެ. އެއީ އިއްޔެއެވެ.
މިއަދު މިވަނީ މަޖިލިސް އިންތިޚާބުގެ އޮއިގައި ޖެހިފައެވެ. އަލުން އަޑުއިވެނީ އިތުރު ސަބްސިޑީތައްދޭ ވާހަކައާއި ދައުލަތަށް ލިބެން ހުރި އާމްދަނީތަކުން ބައެއް އުނި ކުރުމުގެ ވާހަކައެވެ. ކުލި ކުޑަ ކޮށްދިނުމާއި، ކުލި ފަސްކޮށްދިނުމާއި، ކުލި ހިލޭ ކޮށްދިނުމުގެ ވާހަކައެވެ. ކައިރީ ކައިރީ ދެރަށުގައި އެއަރޕޯޓް އެޅުމާއި، ޖެހިގެން އޮންނަ ރަށަށް ބްރިޖް އެޅުމާއި، އަތޮޅު ދެފަރާތުގައި އިންޓަރނޭޝަނަލް އެެއަރޕޯރޓް ހެދުމުގެ ވާހަކައެވެ. ލަންސިމޫ ފަތު ފަންކާއިން ވިހެން ގޭ ސަރަންފީގައި ރައްޔަތު މީހާ އޮއްވާ، ހުވަންދުމާ އެޅި ސައިފަތުގެ ސަޔާއި ހުުދު މޭބިސްކަދުރާއި ފޮނުވާނޭ ކަމުގެ ވާހަކަތަކެވެ.
މީގެ އިތުރުން ބޮޑެތި ޕްރޮޖެކްޓްތައް އިއުލާނު ކުރެވެމުންދަނީ ފަޓާސްބަރިއެއް ރޯކޮށްފައި ހުރިބީދައިންނެވެ. ކަންބޮޑުވާނެ ކަމަށް ނެތޭ ބަޖެޓުން އެއްވެސް ޚަރަދެއް ނުހިނގާނެ ބުނުމަކުން ހިތްހަމަ ޖައްސާލެވޭކަށް ނެތެވެ. ރާއްޖޭގެ މަދު އަދި އަގުބޮޑު ވަސީލަތްކަމުގައިވާ ފަޅު،ފަރާއި ރަށްތަކަކީ، އެއްވެސް ސަރުކާރެއްގެ އަދި ކިއެއްތަ މިއަދުގެ ރައްޔަތުންގެ މުދަލެއްވެސް ނޫނެވެ. އެ ފަޅުތަކާއި، ފަރުތަކާއި، ރަށްތަކަކީ، އަންނާން އެޮތް ޖީލުތަކުގެ ތަރިކަ މުދަލެވެ. އަޅުގަނޑުމެންގެ ދަރިންނާއި ކާފާ، މާމަ ދަރިންވެސް ދިރިއުޅުން ބިނާކޮށް، މާދާމާގެ އިޤްތިޞާދު ކޮއްޅަށް ޖަހަން ޖެހޭނީ، ހަމަ އެވަޞީލަތްތަކުގެ މައްޗަށް ބަރޯސާވެ ތިބެއެވެ. ރައްޔިތުންގެ ބަހެއް ނެތި، މާދަމާގެ ޖީލުތަކުގެ ތަރިކަ މުދާ ނީލަން ކިޔައިގެން ތަރައްޤީ ގެނައުމަކީ، ދެމެހެއްޓެނިވި ވިސްނުމެއް ނޫނެވެ. މިއަދަކަށް ޙައްލެއްވެސް ނޫނެވެ.
ނ. ޙައްލަކީ؟
ނިމިދިޔަ ތަފާތު ގިނަ ސަރުކާރުތަކުގެ އިހުމާލުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ފެށޭނީ، ސާބިތު ކަމާއެކު އެކަމަށް ކުރިމަތިލާން ކެރުނު ދުވަހަކުންނެވެ. ހުރިހާ ކެންޑިޑޭޓުންވެސް ކެމްޕެއިން ކުރީ އިޤްތިޞާދީ އުދަރެސް ބަނަ ކަމުގަޔާއި ކެރިން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ވެއްޖެ ކަމުގައި ބުނަމުންނެވެ. އެއީ ހެޔޮހިތުން ދެއްކި ވާހަކައެއް ކަމުގައި ވަނީނަމަ، އޮޕްޝަން ތައް މަދެވެ.
އޮޕްޝަން 1: ދައުލަތުގެ ޚަރަދުތައް ނުލާހިކު ބޮޑުތަނުން މަދުކުރުން
ބޭރުގެ މާހިރުންނާއި އެތެރޭގެ އަމާހިރުން، ކިތަންމެ ވަރުގަދަ އިންޒާރުތަކެއް ދީފައިވީނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަކީ، މިފަހުގެ ފައިނޭންސް މިނިސްޓަރުން ދަންނަ ހުނަރަކަށް ނުވެއެވެ. ވެރިކަމަށް އައުމަށް ނަދުރުގަނެ އިދިކޮޅުގައި އޮވެގެން ވަޢުދާ ހިނގާއިރު، އެވަގުތަކު އޮތް ސަރުކާރެއްގެ ޚަރަދުބޮޑުކަމުގެ ވާހަކަ އާއި މަޤާމު ތައް ގިނަ ކަމުގެ ވާހަކައާއި، ބޭނުންނެތް ޕްރޮޖެކްޓް ތަކުގެ ވާހަކަ ދައްކަމުން، ހިތާމައާއި އެކު ކިޔައި ކަރުނަ އަޅައި ރޮއިވެސް ހަދައެވެ. ނަމަވެސް، ރެނދަލި ކުރުމުގެ ފުރުސަތު ފަހި ވުމާއެކު، ކޮންމެ ފަހަރަކުމެ ފެންނަނީ ކުރީ ފަހަރަށް ވުރެ ކާމިޔާބުކަމާއެކު މަޤާމުތަކުގެ އަދަދު ގުނަ ކުރާ ތަނާއި، ޕްރޮޖެކްޓްތައް ފުނި ޖަހަމުން، ޚަރަދުތައް އިތުރު ކުރަމުން ގެންދާ ތަނެވެ.
އޮޕްޝަން 2: ދައުލަތުގެ އާމަދަނީ އިތުރު ކުރުން
ތިމާއަކީ އަމިއްލަ ފަރުދެއް ނުވަތަ ވިޔާފާރިއެއް ނަމަވެސް، ލިބޭ އެއްޗަކުން ޚަރަދު ފޫބައިއްދައިގެން އުޅުމަކީ އިޤްިތިޞާދީ އަސާސެކެވެ. ލޯނެއް ނަގައިފިނަމަ، އެލޯނު ދައްކަން ޖެހެނީ އިންޓަރެސްޓާއެކުގައެވެ. ހަމަ ތިމާމީހާއެވެ. ސަލާމަތެއް ނޯވެއެވެ. ނަމަވެސް ފެންނަނީ ސަރުކާރުން ނަގާ ލޯނުތަކާއި، ކުރާ ޚަރަދު ތަކުގެ ‘ބަރު’ އެހެން ސަރުކާރެއްގެ ބޮލުގައި އެޅުވުމަށްފަހު ‘ވޮޒްންޓް މީ” އަކުން ފުއްދާލާ ތަނެވެ. ނުފުއްދޭހާ ނަދުރު ބުނަމުން ގެންދިޔަ ފަހުލަވާނުންގެ މޭޒުކޮޅު ސާފު ކުރެއްވުމަށްފަހު، ކޮފީމަގު ހިއްޕަވައިގެން ގެޔަށް ވަޑައިގަތުމުން އެބޭފުޅުންނަށް ނިމުނީއެވެ. ނަމަވެސް ރައްޔަތުންނަކަށް އެފުރުސަތެއް ނެތެވެ. މިއަދާއި މާދަމާގެ ދަރިން ޖެހެނީ ހުރިހާ ސަރުކާރުތަކުން ނެގި ހުރިހާ ދަރަނި ބޮލުގައި އަޅައި، އެޒިންމާ އަދާކުރާށެވެ.
ޚަރަދުތައް މަދުކުރުމަށް ނުކެޅެދިއްޖެ ހިނދުގައި އާމްދަނީ އިތުރު ކުރުން ނޫން މާގިނަ ފުރުސަތަކެއް ނޯންނާނެއެވެ. ވަރަށް ބޮޑުުތަނުން އިޤްތިޞާދު ކުރިއަރައި، ރައްޔަތުން މުއްސަނދި ވުމުގެ ސަބަބުން، ލިބޭ ޓެކްސް ބޮޑުތަނުން އިތުރު ވުމާއި ހަމައަށް ކެތް ކުރުމުގެ ޤާބިލްކަންނެތް، އަޅުގަނޑުމެންގެ ސަރުކާރުތަކަށް އޮތް ޙައްލަކީ ޓެކްސް ބޮޑު ކުރުމެވެ.
ވޭތުވި، 2023 ގައި ޓެކްސް ބޮޑު ކުރިވެސްމެއެވެ. ނަމަވެސް، ޖީ.އެސް.ޓީ. އަދި ޓީ.ޖީ.އެސް.ޓީ. އިތުރު ކުރުމުގެ ސަބަބުންނާއި އެކު، 2023 ގެ އާމްދަނީއަށް އިތުރަށް ލިބުނު 2.3 ބިލިއަން ރުފިޔާ އާއިއެކުވެސް، ޖެހުނީ މަޖިލިހަށް ގޮސް އިތުރަށް ކޮށް ނިންމާފައި ޚަރަދު ތަކުގައި ތައްގަނޑު ޖައްސާށެވެ.
އެކްސެލަރޭޓަރުގައި ފައިތާށިވެ ނައްޓަން ނޭގެނީނަމަ، އުޅަނދު މައިތިރިވުން ގާތީ ކޮންމެވެސް ތަނަކަށް މުޑިއަރާ، އުޅަނދަށް ނުހަނު ގެއްލުން ލިބުމަށް ފަހުގައެވެ.
ނ. ތެދުބަހުން ޙަޤީޤަތް ކިޔާދިނުމުން ރައްޔަތުން އަޑުއަހާނެ
ރައްޔަތުންނަށް އޮޅުވާލަން މަސައްކަތްކުރުމުގެ ނަތީޖާ ރަނގަޅު ނޫންކަން އޮތީ ފެންނާށެވެ. ދެމެހެއްޓެނިވި އަގެއް ނޫންކަން އެނގިތިބެ 25 ރުފިޔާއަށް މަސްގަންނަން ފެށުމުގެ ނަތީޖާ މަސްވެރިންނަކަށް، މިފްކޯއަކަށް އަދި އެދުވަހުގެ ސަރުކާރަކަށްވެސް ރަނގަޅެއް ނުވިއެވެ. ނުވެސް ވާނެއެވެ.
ވޯޓު ލިބޭނޭ ކަމަށް ހިތައި، އިތުރަށް ދޫކުރާ ސަބްސިޑީއާއި، ގުނަކުރާ ޕްރޮޖެކްޓްތައް ރައްޔަތުންނަށް އޯކޭއެވެ. ސަރުކާރުތަކުން ރައްޔަތުންނަށް ދޭ ‘ދޮން ދުނބުރި’ ހަދިޔާ، ބޮލާލާ ޖަހަން ބޭނުން ނުވިނަމަވެސް، ދިވެހި ރައްޔަތުންނަކީ ހޭލުންތެރި ބަޔެކެވެ. ލިބޭ އެއްޗަކުންނޫނީ، ގޭ ޚަރަދު ނުބެލެހެއްޓޭނޭކަން އެމީހުން ދަނެއެވެ. ތެދު ބަހުން، ސާފުކޮށް ރައްޔަތުން ކައިރީ ބުނުމުން، އެބައިމީހުން ޤަބޫލު ކުރާނޭކަމަށް އަޅުގަނޑަށް ޔަގީން ކުރެވެއެވެ.
ނަމަވެސް، ރައްޔަތުންގާތު ޚަރަދުކުޑަ ކުރުމުގެ ވާހަކަ ދެކެވެން ވާނީ އިޚްލާސްތެރި ނިޔަތެއް އޮތިއްޔާއެވެ. އިންވެސްޓަރ ފޯރަމްގައި ބައިވެރިވާން ފަރސްޓް ކްލާސްގައި ޑުބާއިއަށް ގޮސް، ބްރުޖް ޚަލީފާގައި ރޭކޮށްފައި، އިތުރު ރޮލެކްސް ގަޑިއެއް ގަނެގެން އައިސް، “ސޮރީ އޭ، ކުންފުންޏަކު ލާރިއެއް ނެތޭ، ރޯދަ އިނާޔަތްވެސް ދެވޭނެ ކަމަކަށް ހިޔެއް ނުވެޔޭ”، ބުނުމަކުން މުއައްޒަފުންނެއް ޤަބޫލެއް ނުކުރާނެއެވެ. ރައްޔަތުންވެސް ހަމަ އެފަދައެވެ. ޚަރަދުކުޑަކުރަން ފަށަން ޖެހޭނީ އެންމެ މަތިން ފެށިގެންނެވެ.
ރ. ޚަރަދުކުޑަކުރަން ފަށަން ޖެހިފައިވަނީ އިއްޔެއިން ފެށިގެން
ފާއިތުވި 2023 ގެ އިންތިޚާބު ނިމި އޮޑީގެ ކައްޕި ބަދަލުވިއިރު، ދިވެހި އިޤްތިޞާދީ އޮޑި ވަނީ ފުޅޮއިފަށުން ނައްޓަން ހިފާފައެވެ. ރަށާއި ދިމާއަށް ދަމާ ފުޅޮއިގައި ނުހިފެހެއްޓިއްޖިއްޔާ އޮޑި ދަމާނީ ބޭރު ކަނޑަށެވެ. ބޭރުކަނޑުގެ އުދައިގައި އޮޑި ޖެހިއްޖެއްޔާ، ރައްކާތެރި ބަނދަރެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ނަތިޖާ ވަރަށް ހިތިވާނެއެވެ. ރައްޔަތުންނަށް ވަރަށް ބަރުވާނެއެވެ.
ސަބްސިޑީތައް ކުއްލިއަކަށް ކަނޑަންޖެހި، ދައުލަތުން ލިބިދެވޭ ޚިދުމަތްތަކަށް ފުރިހަމަ އަގު ދައްކަން ޖެހިއްޖެނަމަ، ހުރިހާ މުދަލަކާއި ޚިދުމަތްތަކުގެ އަގުބޮޑުވެ، އިތުރު ޓެކްސް ނެގުމަށް މަޖްބޫރު ނުވެއެއް ނުދާނެއެވެ. 2022 އިން ފެށިގެން ސިލޯން ރައްޔަތުން ތަހައްމަލް ކުރަމުން އެގެންދަނީ، ރަނގަޅު ފިޔަވަޅު، ރަނގަޅު ވަގުތުގައި ނޭޅުމުގެ ހިތި ނަތީޖާއެވެ. ކުއްލިއަކަށް އޮޑި އަނބުރާ ހޭރިޔާކުރަން ޖެހުމުގެ ބުރައެވެ.
ރޯޅި ފަހިވެ، ރިޔަލުގައި ވައިއެޅުމާއި ހަމައަށް ފުޅޮއިފަށުގައި އޮޑި ހިފެހެއްޓޭނީ ފަލީގައެވެ. މިއީ ފަޅުވެރިންނާއި ކެޔޮޅާއި އެެކީ އެއް އަންބާއެއް ކިޔައި، އެކުގައި ފަލީގައި ހިފަން ޖެހިފައިވާ ވަގުތެވެ.
