މިއީ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު

މި ލިޔުން ވަނީ 27 ޖޫން 2024 ގައި މިހާރު ނޫހުގައި ޝާއިޢު ކޮށްފައި.

އުދަރެސް ބަނަވެ، ވިލާ ބޯވަމުން އަންނަތަން އެންމެންވެސް ދުށީމުއެވެ. ގަދަ ވަޔާއިއެކު ދަތުރު ކުރާ ކެރިގަނޑެއް ނޫންކަމުން، ހަނދުއަރައި، ދިޔަވަރު ފޫދެން ޖަހަންދެން ވިލާގަނޑު ހިފަހައްޓައިފައި ހުރީއެވެ. ނަމަވެސް، ވަޔާއި، ކެރި ބޯމަތިވެ، ޤައުމީ އޮޑި މިއަދު މިވަނީ ކޮޅިގަނޑުގައި ޖެހިފައެވެ.
މިއަދަށް މުހިންމީ ރައްކާތެރި ބަނދަރެއް އަތުޖެއްސުމަށް، ހުރިހާ ފަޅުވެރިން އެކުގައި މަސައްކަތްކުޅައުމެވެ. މިއީ ތިމަންނާގެވެސް އޮޑިކަމުގައި ދަނެ، ދިޔަ ހިފަހައްޓެމަށް އުނގުރިތައް ވަރުގަދަ ކުރުމަށާއި، ދަންމާނަށް ދަމައި، ހަންޖާ ހިފަހައްޓުމުގެ މަސައްކަތުގައި އެޮޑީގައި ތިބި އެންމެން ބައިވެރިވުމެވެ.
ބަރުމަރުކާއަށް ވުރެ މައްޗަށް ބަރާކޮށްގެން، މައިކަނޑުދުއްވަން ނުކުތް އޮޑި، މިވަނީ ލުއިކުރަން މަޖޫބޫރުވެފައެވެ. ޚަރަދުތައް މަދުކޮށް، އާމްދަނީ އިތުރު ކޮށްގެންނުނީ އިޤްތިޞާދުގެ ހުޅުތަކަށް ކެތެއް ނުކުރެވޭނެއެވެ. އޮޑި ލުއި ކުރުމުގެ މަސައްކަތް ފަށަންވާނީ ވިސްނުންތެރިކަމާއި އެކުގައެވެ. އިޙުސާންތެރި ކަމާއި އެކުގައެވެ.


އޮޑިގައި ތިބީ، ކަށި ނޫ ފުރައިގެ ފަޅުވެރިން އެކަންޏެއްވެސް ނޫނެވެ. މުސްކުޅިންނާއި ކުޑަކުދިންނާއި، އެކި ޙާލަތުގެ ނުކުޅެދުންތެރިންނާއި، ފަގީރުންވެސް ތިބީ ހަމަ މިއޮޑީގައެވެ. ވައިގައި އޮޑި ހިފެހެއްޓުމަށް ‘މަޑުމައިތިރިވެ މަތިކިބައަށް އަރަން’ ގޮވިޔަކަސް، އެކި ފަރުދުންނަށް ހެލި ގަނެވޭނީ އެކި ހަލުއި މިނުގައިކަން ކައްޕި ދަންނަން ވާނެއެވެ.


ފުނޯސް ނަކަތް ފަދަ ހުޅަނގުގެ ގަދަ ނަކަތެއް ކުރިމަތީގައި އޮތް އިރުވެސް، އަޅުގަނޑުމެންގެ އޮޑީގެ ‘ހުންގާނުގައި ހުރީ މޮޅު ލަކުޑި’އެވެ. އަޅުގަނޑުމެންގެ ޕްރައިމަރީ އިންޑަސްޓްރީސް؛ މަސްވެރިކަމާއި ދަނޑުވެރިކަމުގައި ދިރުން އެބަހުއްޓެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ބިންގާ ވަރުގަދައެވެ. ދުނިޔެވަނީ ކޮވިޑްފަދަ ކާރިސާއެއްގެ ތެރެޔަކުވެސް ނޫނެވެ. އެހެންކަމުން، އަތުއޮތް ފުރޯއިން ކަނދުރާގައި އަމިއްލަ އަށް ނުޖަހާ ހިނދަކު، އަވައްޓެރި ސްރީލަންކާ ދަތުރުކުޅަ ކަނޑުއޮޅިން، ދަތުރުކުރަން ޖެހޭނޭ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.


މާޙައުލު ހަލަބޮލި ކުރުމަކީ މިވަގުތަށް ރަނގަޅު ގޮތެއް ނޫނެވެ. މިވަގުތަށް ރަނގަޅީ ސިޔާސީ ކުޅިފަސް ހޯދުމުގެ މަސައްކަތް ފަސްކުޅައުމެވެ. އަމިއްލަ އަށް އަތް އުފުލައި، ހުރިހާ ކުލައެއްގެ ޓައިީ އަޅައިގެން ތިބި އެންމެން އެކުގައި މަސައްކަތް ކުޅައުމެވެ. ނަތީޖާ މާ ބޮޑުތަނުން ރަނގަޅުވާނީ އޭރުންނެވެ.

މުގުރި ރާޅުގެ ފުއްޓަރު ފަރާތޭ،
ގުގުރާ ވިދުންތައް ގިނަވެސް ވަނިއްޔޭ،
ނުގުޑާނެހެން ކަނޑުގެ ހިތްވަރު ކުދިންނޭ،
މުގުލަށްވެ ތައްޔާރު ހަންޖާ ތިބޭށޭ.

One comment

Leave a Reply to abdulkadirsilbaugh1998Cancel reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading