
ދިވެހި އިޤްތިޞާދު އުފުލަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކޮނޑުމަތީގައެވެ. ފަތުރުވެރިކަމަށް ވަރުބަލިކަން އައުމުން، ދިވެހި އިޤްތިޞާދު ކުޑަކަކޫ މައްޗަށް ތިރިވެއެވެ. އެހެންވީއިރު، ރިޒޯޓް ކުންފުނީގެ މާލީ ފައިދާ އެންމެ ބޮޑު ގޮތަކީ ޤައުމަށް އެންމެ ފަހި ގޮތް ކަމުގައި ނުވާންވީ ކިޔެއް ވެގެން ބާވައެވެ؟
ކޮންމެ ވިޔާފާރިއެއް، އެ ވިޔާފާރިއަށް އެންމެ ފައިދާހުރި ގޮތަށް ހިންގުމަށް ދޫކޮށްލުމަށްފަހު، ދައުލަތުގެ ދެއަތް އުރާލުމަކުން ޤައުމަށް، ޤައުމުގެ ރައްޔަތުންނަށް، ޤައުމުގެ ކުރިމަގަށް އެންމެ ރަނގަޅު ފައިދާއެއް ނުކުރާނެއެވެ. އެއްފަހަރާ އެއްދަތުރަކަށް އެންމެ ގިނަ ފަރުމަސް ހިފައިގެން ރަށަށް އާދެވޭނީ ފަރުމައްޗަށް ކޮކަޑި ނުވަތަ ކްލޯރިން އަޅާލުމުން ކަމުގައި ވެދާނެއެވެ. ނަމަވެސް މާދަމާ ކާނެ މަހެއް އެ ފަރަކު ދެނެއް ނުހުންނާނެވެ. ގޯތިން ކުނި ނެރެ، ޖަމަޢުކޮށް، ކުނި ނައްތާލާނޭ ނިޒާމެއް ޤާއިމު ކުރުމަށްވުރެ، މިއަދަށް އަގުހެވީ އުފެދޭ ކުނި ހޭޅިމައްޗަށް އުކާލުމެވެ. ނަމަވެސް އެެއީ ރަށުގެ މުސްތަޤްބަލަށާއި، ރައްޔަތުންގެ ސިއްޙަތަށްވެސް އެންމެ ރަނގަޅު ގޮތް ކަމަކަށް އެކަކުވެސް މިއަދަކު ޤަބޫލެއް ނުކުރާނެއެވެ.
ކޮންމެ ވިޔާފާރިއެއްގެވެސް މަޤްޞަދަކީ ވީ އެންމެ އަގުހެޔޮކޮށް ހިންގާ، އެންމެ ބޮޑު ފައިދާ ހޯދުމެވެ. ގަދަ ކުލަ ކުލައިން، ފަލަ އަކުރުން ވެބްސައިޓުގައި ސީ.އެސް.އާރޭ ލިޔުމަކުން، މިނޫން ސިފައަކަށް، އަމިއްލަ ކޮންޓްރޯލުގައި ވިޔާފާރި ހިންގާނޭ ކަމަށް ދުށުމަކީ ‘ހަމަ’ ވިސްނުމެއް ނޫނެވެ.
ބޭނުންހާ ގޮތަަކަށް ވިޔާފާރިތައް ހިންގާކަށް ދުނިޔޭގެ އެއްވެސް ޤައުމަކުން މިހާރު ދުލެއް ނުކުރެއެވެ. އަޅުގަނޑުމެންގެ ވިޔާފާރި ވެށީގައިވެސް މިއަދު މިވަނީ ތިމާވެށީގެ ރައްކާތެރިކަމަށާއި، މަސައްކަތްތެރިން ޙިމާޔަތް ކުރުމާބެހޭ ގޮތުން ހަދަން ޖެހޭ ޤާނޫނުތައް، ލަހުންނަމަވެސް ހަދައި، ހިންގަން ފަށައިފައެވެ. ޕެންޝަން ޤާނޫނުގެ އިތުރުން، މުއައްޒަފުންނަށް ދެވޭނޭ މިނިމަމް ވޭޖް ދާދި މިދާކަށް ދުހު އަޅުގަނޑުމެން ކަނޑައަޅައިފީމެވެ. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނާއި، މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ބޭނުންވާ ޖަމްޢިއްޔާތަކާއި ޔޫނިއަންތައް އުފެއްދުމުގެ ޤާނޫނު މިހާރު ވަނީ ގެޒެޓްކުރެވިފައެވެ. އެހެން ކަމުން، އަދި އަމުދުން މިއަދު، ކޮންމެ ވިޔާފާރިއެއްމެ ހިންގަން ޖެހެނީ އެ ވިޔާފާރިތައް ރެގިޔުލޭޓްކޮށް، މޮނިޓަރ ކުރުމަށް ހެދިފައިވާ ވެށީގެ ތެރޭގައެވެ. އެއީ ދިވެހިން މިއަދު ބޭނުންވާ ގޮތެވެ.
ރިޒޯޓު ކުންފުނިން ކަނޑަށް ކުނި އަޅަން ދޫކޮށްގެން ތިބުމަކީ ދިވެހިން މިއަދު ޤަބޫލު ގޮތެއް ނޫނެވެ. މަސައްކަތް ކުރާނޭ ދިވެހިންނެއް ނެތޭ ކިޔާ، ހުސް ބިދޭސީ މުއައްޒަފުންގެ މައްޗަށް ރިޒޯޓު ހިންގަން ދޫކުރުމަކަށް ދިވެހިން މިއަދު ތިބީ ތައްޔާރަކަށް ނޫނެވެ. ބޭރު ބްރޭންޑުތަކަށް ރިޒޯޓްގެ ޑައިވިންގ، ސްނޯކަލިންގ ފަދަ ވިޔާފާރިތައް ޚާއްޞަކުރަނީ މިކަމަށް އެކަށޭނަ ދިވެހިން ނެތުމުންނޭ ބުނުމަކުން އެއްވެސް ދިވެއްސެއް ޤަބޫލެއް ނުކުރާނެއެވެ. ބޭރު މީހުންލައްވާ މިޔުޒިކު ކުޅުވަނީ ދިވެހި ފަންނާނުންގެ ހުނަރު ނެތުމުންނޭ ބުނުމުން ދިވެހިން ގާތަށް މިއަދު އަންނާނީ ރުޅިއެވެ.
ތެދެކެވެ. ދިވެހި އިޤްތިޞާދު ހިނގަނީ، އަދި މުސްތަޤުބަލުގައި ހިނގާނީވެސް ފަތުރުވެރިކަމުގެ އަތްދަނޑިމަތީގައެވެ. ނަމަވެސް، ރިޒޯޓަށް ލިބޭ ޑޮލަރު ދިވެހި ބޭންކިންގ ނިޒާމުގެ ތެރަށް ނުވައްދާ ބޭރުގާ ރައްކާކޮށްގެން ތިބެ، ދިވެހި ފަންނާނުންނަށް ކުޑައިމިސް ބަސް ބުނަމުން، ވަޒީފާތަކުން ދިވެހިން އެއްކިބާ ކޮށްގެން ހިންގާ ވިޔާފާރި ތަކަކުން ޤައުމަށް ލިބެން އޮތް އެންމެ ބޮޑު ނަފާ އެއް ނުލިބޭނެއެވެ. ދިވެހިންގެ މަދު، އަގުބޮޑު، ޤުދްރަތީ ވަސީލަތްތަކުުން، ދިވެހިން އެއްކިބާ ކޮށްގެން ހިންގާ ރިޒޯޓު ވިޔާފާރިތަކަކަށް، ދިވެހިންނެއް މިއަދަކު އާނ ބަހެއް ނުބުނާނެއެވެ.
ޙަޤީޤަތަކީ ރިޒޯޓު ވިޔާފާރި، ކިޔެއްތަ، ކޮންމެ ވިޔާފާރިއެއް ނަމަވެސް، ވިޔާފާރިވެރިޔާ ހިންގަން ބޭނުންވާނީ، އެންމެ ޚަރަދުކުޑަކޮށް، ވިޔާފާރިއަށް އެންމެ ފައިދާ ބޮޑުގޮތަށެވެ. މިނޫން ގޮތަކަށް ވިޔާފާރިތައް ހިންގާނީ، ދެބަ ދޭތެރެ ވެފައިވާ ރެގިޔުލޭޓަރު، އޭނާގެ ޙާފިލު ނިދިން ހޭލުމުންނެވެ. މުޅި އިޤްތިޞާދުގެ ނަފާއަށް ވިޔާފާރިތައް ހިންގުވަން ރެގިޔުލޭޓަރަށް ކެރުނު ދުވަހަކުންނެވެ.
