މާލީ އުދަރެސް ބަނަވުމުގެ ސަބަބުން، އެތަކެއް އަހަރުތަކެއް ވަންދެން ނާޅައި ހުރި ފިޔަވަޅު ތަކެއް އެޅުމުގެ ވާހަކަ ފެށުމާއި ގުޅިގެން، މިއަދަކީ ރައްޔަތުން ކަންބޮޑުވެފައިވާ ދުވަސްކޮޅެކެވެ. މިޙާލަތުގައި އެމް.އެމެ.އެޭ،ގެ ގަވަރުނަރު ވަކި ކުރުމަކީ މާލީ އުދަރެސް އިތުރަށް ބަނަވެ، ދިވެހި ރައްޔަތުންނާއި ބޭރު އިދާރާތަކުގެ މެދުގައި ރާއްޖޭގެ މާލީ ޙާލަތާއި މެދު އިތުރަށް ކަންބޮޑުވުން އުފެދޭނެ ކަމެކެވެ.
އޮޅުވާ ނުލައްވައްޗެވެ. ރާއްޖޭގެ ޤާނުނުތަކާއި، އެމް.އެމް.އޭ.ގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފުވެފައި ވާނަމަ، އަޅަން ޖެހިފައިވާ ފިޔަވަޅެއް ނޭޅުއްވުމަކަށް ފަހަރެއްގައިވެސް އެދެނީކީ ނޫނެވެ.
ހ. ގަވަރނަރުގެ ޤާނޫނީ ޒިންމާ އަކީ ކޮބާ؟
ވަކި ޤާނޫނެއްގެ ދަށުން 1 ޖުލައި 1981ގައި އެމް.އެމް.އޭ. އުފަންކުރެވުނީ ތަކެތީގެ އަގު އުފުލިގެން ދިޔުން މައިތިރި ކުރުމުގެ މައި މަޤްޞަދުގައެވެ. ދުނިޔޭގެ ހުރިހާ ޤައުމެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް ޤާނޫނީ ގޮތުން މިނިވަން މަރުކަޒީ ބޭންކެއް އުފަން ކުރުވީ، އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަން މަތީގައި މަސައްކަތް ކުރުވުމަށެވެ. ޤައުމުގެ ފައިސާގެ އަގު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިނިވަން ކަމާއެކު އެޅުމުގެ ފުރުސަތު ދިނުމަށެވެ.
ގަވަރުނަރުގެ ވަކި ކުރުމާ ބެހޭ ގޮތުން ނޫސްތަކަށް ތިލަވެ، ސްކްރީންޝޮޓްތައް ޢާންމުވެފައިވާ ކަންކަމަށް ބަލާއިރު މުހިންމުކޮށް ފާހަގަ ކުރެވެނީ ސަރުކާރަށް އެއްބާރުލުން ނުދެއްވުމުގެ ވާހަކައާއި ބާޒާރަށް ނުކުންނަ ފައިސާގެ އަދަދު ކޮންޓްރޯލު ކުރުމަށް މަރުކަޒީ ބޭންކުން އަޅާފައިވާ ފިޔަވަޅުތަކާއިމެދު ހިތްހަމަ ނުޖެހުމުގެ ވާހަކައެވެ.
ރާއްޖޭގެ އެކްސްޕޯރޓާއި ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރުކޮށް، ޑޮލަރުގެ އަގު އުފުލިފައި ވަނިކޮށް، ބާޒާރަށް އިތުރު ފައިސާ ނެރުމާއި ދެކޮޅަށް ގަވަރުނަރު މަސައްކަތް ކުރެއްވިނަމަ، އެއީ ޑޮލަރުގެ އަގު އިތުރަށް ބޮޑުވިޔަ ނުދިނުމަށް އެޅުއްވި ފިޔަވަޅުތަކެއް ކަމެއް، ނުވަތަ ހަމަ ނޭއްގާނި ކަމުން ކަމެއް ސާފެއް ނުވެއެވެ.
މާލީގޮތުން މިފަދަ ނުތަނަވެސް، ދުވަސްވަރެއްގައި، އިޤްތިޞާދީ އުދަރެސް، އިތުރަށް ބަނަވާނޭ ފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން، ޤާނޫނުގައި މަތިކޮށްފައިވާ ޒިންމާ އާއި ގަވަރނިންގ ބޯޑުގެ ނިންމުންތަކަށް ގަވަރނަރު ޢަމަލު ނުކުރީ ކިހިނަކުންކަން ސާފު ކޮށް ބަޔާން ކުރުމަށް، މިހާލަތު މަޖުބޫރެ ކުރެއެވެ.
ށ. ވާރލްޑް ބޭންކް އަދި އައި.އެމް.އެފުން ބުނެފައިވަނީ ކީކޭ؟
ފާއިތުވި ދެތިން އަހަރު ވާލްޑްބޭންކާއި އައި.އެމް.އެފް.އިން ވަނީ ރާއްޖޭގެ އިޤްތިޞާދާމެދު ކަންބޮޑުވެ އެތަކެއް ރިޕޯރޓެއް ނެރެފައެވެ. މިގޮތުން ނެރެފައިވާ ރިޕޯޓުތަކުގައި ހުރީ ސަރުކާރުތަކުގެ ފިސްކަލް ސިޔާސަތާމެދު ހިތްހަމަ ނުޖެހި ދައްކާފާއި ހުރިވާހަކައެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރުމާއި، ސަބްސިޑީތައް އަމާޒު ކުރުމާއި، ސަރުކާރު ކުންފުނިތައް އަވަހަށް އިޞްލާޙު ކުރުމުގެ ވާހަކަތަކެވެ.
މި ދެންނެވި ރިޕޯރޓް ތަކުގައި މަރުކަޒީ ބޭންކާ ބެހޭ ގޮތުން ކަންބޮޑުވުން މައިގަނޑު ގޮތެއްގައި ހުންނަނީ ސަރުކާރުގެ ޚަރަދުތަކަށް ‘މަގުފަހި’ ކޮށްދިނުމުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުގެ ވާހަކައެވެ. މި ހިނގާ 2024ގެ މެއި މަހު ވާރލްޑްބޭންކުން ނެރުނު ރިޕޯރޓްގައިވެސް ސަރުކާރުގެ ސިޔާސަތުތަކަށް ‘ހުރަސް’ އެޅުމުގެ ކަންބޮޑުވުމުގެ ވާހަކައެއް ނުދެކެމެވެ.
ނ. ގަވަރނަރ އަކީ ދުނިޔޭގެ ގަވަރނަރުންގެ ބޯޑުގެ ޗެއަރމަން
މިދިޔަ އޮކޮޓޯބަރ 2023 ގައި، ‘ވާލްޑްބޭންކާއި އައިއެމްއެފް ގްރޫޕް’ގެ ގަވަރނަރުންގެ ބޯޑުގެ ޗެއަރމަން ކަމުގެ މައްސޫލިއްޔަތު، 1 އަހަރު ދުވަހަށް، އަޅުގަނޑުމެންގެ ގަވަރުނަރާއި ވަނީ ޙަވާލުކޮށްފައެވެ. ދުނިޔޭގެ ސެންޓްރަލް ބޭންކުތަކުގެ ގަވަރުނަރުންގެ ޗެއާމަންގެ ގޮތުގައި ވޮޝިންގްޓަނުގަޔާއި ލަންޑަނުގައިވެސް، ގަވަރުނަރު ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ.
މިހާރުކުރިމަތި ވެފައިވާ މާލީ ދަތި ކަމުގައި، މާދާމާވެސް އަޅުގަނޑުމެން ޖެހޭނީ ދުނިޔޭގެ އިދާރާ ތަކާއި، އެހެން ގައުމުތަކުން އެހީ ހޯދުމަށް މަސައްކަތް ކުރާށެވެ. މިފަދަ އެހީއެއް ދިނުމަށް ވިސްނާއިރު މާލީ އިދާރާތަކުންނާއި ސަރުކާރުތަކުން، އެ ޤައުމުތަކުގެ ސެންޓްރަލް ބޭންކުގެ ގަވަރނަރުންގެ ޚިޔާލު ނުހޯދައެއް ނުހުންނާނެއެވެ. އެހެންކަމުން، އިތުރަށް ވިސްނަންޖެހެއެވެ.
މީގެ އިތުރުން މޫޑީސް އިން ރާއްޖޭގެ އައުޓް ލުކް ccc އަށް ދަށް ކުރީ އިހަށް ދުވަހުއެވެ. މިއީ ރާއްޖޭގެ ބޭންކިންގް ނިޒާމާއި މެދު ބޭރު އިންވެސްޓަރުންގެ މެދުގައި ޔަގީންކަން އުފައްދަން ވީ ވަގުތެވެ. މިއީ ރާއްޖޭގެ ސެންޓްރަލް ބޭންކުގެ ދައުރާ ބެހޭ ގޮތުން، ދުނިޔޭގެ މާލީ ބާޒާރުގައި ޝައްކު އުފައްދަން ވީ ވަގުތެއް ނޫނެވެ.
ރ. ރައްޔަތުންގެ ނުތަނަވަސްކަން އިތުރުކުރުން
ގައުމުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް އަޅަން ޖެހިފައިވާ ފިޔަވަޅު ތަކާމެދު ރައްޔަތުން މިއަދު ތިބީ ‘ވާނުވާ’ ޙާލަތުގައެވެ. ތިމާޔާއި އާއިލާއަށް ލިބޭ އާމްދަނީ އުނިވާނީ ކިހާ މިންވަރަކުންތޯ، ޓެކްސްގެ ގޮތުގައި އިތުރަށް ދައްކަން ޖެހޭނީ ކިތައް ރުފިޔާތޯ، ސަބްސިޑީ ކަނޑާލީމާ ކާޑު ގަންނަން ލިބޭނީ ކޮންއަގަކަށްތޯ އޮޅުން ފިލުމަށް ބޭނުންވެފައެވެ. މާދަމާގެ ޙާލަތާއި މެދު ކަންބޮޑުވެފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މަލަމަތި ރަނގަޅު ކުރުމަށް އަޅުގަނޑުމެން އަޅާނޭ ފިޔަވަޅު ތަކާމެދު ވިސްނަން ތިބީ ރައްޔަތުން އެކަންޏެއްނޫނެވެ. ބޭރުގެ މާލީ އިދާރާތަކުންވެސް ތިބީ، އަޅުގަނޑުމެން ހަދާނީ ކިހިނަކުންތޯ ގާތުން ބަލާށެވެ. އިޤްތިޞާދުގައި މިއަދު އިންވެސްޓް ކޮށްފައިވާ ފަރާތްތަކާއި، އަދި މާދަމާ އިންވެސްޓް ކުރުމަށް ވިސްނާ ފަރާތްތައްވެސް ތިބީ ފިސާރި ވިސްނުންތެރިކަމާއެކު ދުރުމި އަމާޒުކޮށްގެންނެވެ.
މިއީ ސާފު ޤާނޫނީ ހުއްޖަތެއްނެތި ގަވަރުނަރު ވަކި ކުރަންވީ ވަގުތެއް ނޫނެވެ.

ވަރަށް ފުރިހަމަ ލިޔުމެއް! ސާފު އބާރާތުން ވާންއުޅޭގޮތް ނޭނގި ދިގުލާގެން ދިޔުމަކީ ހަމަ ހަޤީޤަތުގައިވެސް ރައްޔިތުމީހާ ކަންބޮޑުވާނޭކަމަށް. މިލިޔުމަށް ސިޔާސީން ވިސްނަވާނެ ކަމަށް .އުއްމީދުކުރަން
ވަރަށް ޝުކުރު އާދަމް. ހިތްވަރު ލިބޭނީ އުފެއްދުންތެރި ކޮމެންޓް ތަކުން
އެއާލާތުންމިނުކިޔާނެ. ކިޔަސްބޮޑާވެފަތިބޭނީބަޔަކު ކިޔާނެ، ބަޔަކު ވިސްނާނެ. ގިނަ ގިނަ މީހުންކިޔާ، ވިސްނާ، ޝެޔަރ ކުރިވަރަކަށް ވާނީ ރަނގަޅު. އެއީ އުއްމީދަކީ. ޝުކުރަން