
ޒަމާނަކު ދިވެހިން ދިރިއުޅުނީ މަސްބާނައި، ކައްކައި ހިއްކައި، އެ މަސް ވިއްކައިގެންނެވެ. މަސްބާނަނީ ހަށި ހަކަތައިގެ އެހީގައި ފިރިމީހާޔާ ފުރާފަވަރުގެ ދަރިންނާއި ބޮޑުބޭބެއިން، އަތްވާއި ވާރޭގަޔެވެ. ލޮލަށް ދުންއަރުވައިގެން މަސް ކައްކައި، ބޮލަށް ހޫނުވާ ޙާލުގައި އަވީލައި ހިއްކައި، ގުދަން ކުރުމުގައި އަނބިމީހާޔާ އެކު، ގޯތީ ގައި އުޅޭ ކުދި ބޮޑު ހުރިހާ ފުރައެއްގެ އެންމެންގެ ބައިވެރިވުން ހިމެނެއެވެ. ވިއްކުމަށް ފޮނުވަނީ ރަށު ބައްތެލީގައި މާލެއަށެވެ. ބައެއް އަތޮޅުތަކުން ސީދާކޮށް އުތުރު ނޫނީ އޮޅުދޫ ކަރައަށް ދިގު ދަތުރުކޮށް މަސްވިއްކާ ހެދިއެވެ. މަސައްކަތަކީ ހުރިހާ އުމުރެއްގެ އެންމެން އެކި ސިފައިގައި ބައިވަރިވާ ރަށު ފެންވަރުގެ މަސައްކަތެކެވެ. ނަމަވެސް، އެދުހު، ކަނޑު ލެއްވި ރޯދި ،ކާޑުގެ ތަކެއްޗަށާއި ގެވެހި ކަންވާރަށް ބަދަލު ކުރެވެނީ، އެތަކެއް ދުވަހެއް ފަހުން، ގިނަ ބައެއްގެ ބައިވެރިވުމާއި، ބުރަ މަސައްކަތުންނެވެ. އެއީ އެދުވަހު އެވެ.

ހިކިކަނޑުމަހުގެ ވިޔަފާރިއަށް އަންނަމުން ދިޔަ ބަދަލުގެ ފުރަތަމަ މަރުހަލާ
ދިވެހިން މަސްބާނާ، މަސްކައްކާ، ހިއްކާ، ވިއްކުމުގެ ދުޅައަށް ބަދަލުއައީ 70ގެ ކުރީ ކޮޅުގައި، ހޯކޯ އަދ މަރުބޭނީ ބޯޓުފަހަރަށް މަސް ގަންނަން ފަށައި، ‘ބޭނި މަސްކޮޅު ދީ ކިރާލާ ވަގުތުން ފައިސާ’، ލިބެން ފެށި ހިސާބުންނެވެ. އެދުހުން ފެށިގެން، ލަފައިގެން ގޯއްްޗަށް އަންނައިރު، ބަހައިގެން ލިބުނު ބަޔަށްވާ ފައިސާ ހުންނަނީ އަންބޮނޑީގައެވެ.
‘ބޭނި މަސްކޮޅު ދީ ކިރާލާ ޒަމާނަށް’ އަލި ވިލެން މަޖްބޫރުވީ 70ގެ ކުރީ ކޮޅުގައި، އޭރުގެ ސިލޯނު ބޮޑުވަޒީރު، މިސިޒް ބަންޑާރަނައިކަގެ ނިންމެވުމެއްގެ ސަބަބުންނެވެ. ‘ތިމަންނާ މެނަށް ލިބޭ މަދު ބޭރު ފައިސާ ދީފައި ދިވެހި ހިކި ކަނޑުމަސް- އުންބަޅަކަޑަ، ގަތުމުގެ ބަދަލުގައި އަހަރެމެން ކާން ބޭނުންވާ މަސް އުފައްދާނީ ތިމަންނާމެން އަމިއްލައަށް ކަމުގައި’ ވިދާޅުވެ، އެ ވާހަކަ ދިވެހި ސަރުކާރަށް އެންގުމުގެ ސަބަބުނެވެ. ނަތީޖާއަކަށްވީ މަސްވެރިން ބާނާ މަސް ވިއްކޭނެ ގޮތެއް ހޯދަން ތަފާތު އެހެން ކަނޑުތަކެއްގައި ދަތުރުކުރަން ޖެހުމެވެ. ޖަޕަނު ކުންފުނިތަށް ރާއްޖެ އައިސް މަސް ގަންނަން ފެށީ މިހިސާބުންނެވެ.
ދުހު ރޯދީގެ ނަފާ ގެ ‘ރަހަ’ ވަގުތުން ލިބެން ފެށުމާއެކު ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި މަސްކައްކާ ހިއްކުމުގެ މަސައްކަތް، ގޭ އޮޅި ގިރާ ކޮށް، ނުކުމެގެން ހިގައްޖެއެވެ.

ހިކިކަނޑުމަހުގެ ވިޔަފާރިއަށް އަންނަމުން ދިޔަ ބަދަލުގެ 2ވަނަ މަރުހަލާ
ހިކި ކަނޑުމަސް، އަމިއްލަ އަށް އުފެއްދުމަށް ގަސަދުކުޅަ ސިޔާސަތު، ކާމިޔާބު ނުކުރެވުނު ހިސާބުން، ސިލޯނު ރައްޔަތުންގެ ގިނަ ބަޔަކުގެ ކާމޭޒުމަތީގެ ރަހަ ފުރިހަމަކޮށްދޭ، އުންބަޅަ ކަޑަ ރާއްޖެއިން ހޯދުމަށްޓަކައި ސިލޯނު ވިޔާފާރި ވެރިންގެ ނަޒަރު ދިވެހި ރާއްޖެއާއި ދިމާއަށް އެނބުރެން ފެށިއެވެ.
Read more: Geydhoshu gai alhaa Ceylon mas factory aai hiki kan’dumahuge dhivehi viyaafaareege fahu maruhalaaގޭ އޮޅި ގިރާކޮށް މަސްކައްކާ ހިއްކުމުގެ މަސައްކަތް ފުރަތަމަ ހިޖުރަ ކުރީ، ވަލުގަޔާއި ފަޅުރަށްރަށުގެ ކުދި ޖިފުޓި ފެކްޓަރީ ތަކަކަށެވެ. ފައިދާ އަށް ކުރާ ވިޔާފާރި ޙަރަކާތް ތަކެއްގެ ގޮތުގައެވެ. ވިއްކުމަށް ތައްޔާރު ކުރާ ހިކިކަނޑުމަސް އޭރު ކިރަން ޖެހެނީ ތުލުސްދޫ އަދި މާފުށީ- މިހާރު ޖަލު ހުރި ތަނުގައި، އަޅާފައިވާ އެސް.ޓީ.އޯ.ގެ ގުދަންތަކަށެވެ. މި ހިފެހެއްޓުމަށް ބަދަލުއައިސް، 80ގެ ފަހުކޮޅާއި ހަމައިން، ‘ދިވެހި’ އަމިއްލަ ވިޔާފާރިތަކަށް ހިކި ކަނޑުމަސް އެކްސްޕޯރޓް ކުރުމުގެ ފުރުސަތު ހުޅުވިއްޖެއެވެ. ފުރުސަތަކަށް ބަލަން ތިބި އޮޅުދޫ ކަރައިގެ ވިޔަފާރިތަކުގެ ބައިވެރިވުން، މަސްކައްކާ ހިއްކުމުގެ ވިޔަފާރީގައި، އުނގުޅި، ލާމެހި، މިކްސްޑް މައްސުންޏަކަށް މަޑުމަޑުން ބަދަލުވެގެން ހިގައްޖެއެވެ.
މީގެ 40 އަހަރު ކުރިން ކުރަން ފެށުނު ޖިފުޓި ފެކްޓަރީ ތަކުގެ އުފެއްދުން މާލެ ފޮނުވައި، ބާޒާރުގައި ވިއްކައި، ސިލޯނަށް އިމްޕޯރޓް ކުރަނީ ދިވެހިންގެ ނަމުގައެވެ. ފަށައިގެން އިރު ދިވެހި ބައިވެރިވުން ކުޑައެއް ވެސް ނޫނެވެ. ނަމަވެސް، ފުލްޓައިމް ދިވެހި މައްސޫލިއްޔަތު، މަޑުމަޑުން ޕާޓް ޓައިމަށް ބަދަލުވެ، ދިވެހިންގެ ރަސްމީ މަސައްކަތަކީ ހަމައެކަނި ކަރުދާހުގައި ސޮއި ކުރުން ކަމުގައި ދާދި އަވަހަށް ބަދަލުވެއްޖެއެވެ.
މިއީ 70ގެ އަހަރުތަކުން ފެށިގެން ބަދަލުވާން ފެށި މަސްކައްކާ ހިއްކުމުގެ މަސައްކަތުގެ 2 ވަނަ ފިޔަވަހީގެ ބައްޓަން ތަރުތީބު ކުރެވުނު ގޮތެެވެ. ވިޔާފާރީގެ ވަރަށް ބޮޑު ބައެއް ސިލޯނު ރައްޓެހިންގެ ކޮންޓްރޯލް ދަށަށް ފިރުކެމުން ދިޔައީ ސިއްރަކުން ނޫނެވެ. އެންމެންނަށް ވެސް އެނގިތިބެއެވެ. ނަމަވެސް، ގަވާއިދަކުންނޫނެވެ. ދިވެއްސެއްގެ އައި.ޑީ. ކާޑުގެ ހިޔަލުގައެވެ.
ހިކިކަނޑުމަހުގެ ވިޔަފާރިއަށް އަންނަމުން ދިޔަ ބަދަލުގެ ފަހު މަރުހަލާ
ޒަމާނުއްސުރެ ސިލޯނު ވިޔަފާރި ވެރިން ދިވެހި މަސްވެރިކަމުގެ ތެރެއަށް ރަސްމީކޮށް ވަނުމަށް ގިނަ މަސައްކަތް ކުރަމުން ދިޔައެވެ. ސިލޯނުގެ ހުރިހާ ސަރުކާރު ތަކުންވެސް ރަސްމީ ކޮށާއި ނުރަސްމީ ކޮށް އެ ދުވަސްވަރެއްގެ އުންބަޅަ ކަޑަ މިނިސްޓަރަށާއި ދައުލަތުގެ އެކި ވަރުގެ ވެރިންނަށް، އެކި ދަރަޖައިގެ ހުށަހެޅުންތައް ހުށަހަޅަމުން ދިޔައެވެ. ނަމަވެސް އެދުހުގެ ސަރުކާރު ތަކުން އެފަދަ ހުށަހެޅުންތަކާ ކުރިމަތިލީ ތަފާތު ރޫޙެއްގައެވެ. ސިލޯނު ވިޔާފާރިވެރިންނަށް ރަސްމީކޮށް، އޮޑީގެ ހަފޮޅުން އެތެރެ ވުމަކަށް ފުރުސަތެއް ނުދެއްވައެވެ. އަސް ދޫ ވެގެން ދާ ކަން އެނގުނު ނަމަވެސް ލަގަން ދޫ ވިޔަކަ ނުދިނެވެ. މިގޮތުން ކުޅެވުނު ބައެއް ޑްރާމާތައް، ހަވާސާގައި ނަމަވެސް، އަޅުގަނޑުވެސް ގާތުން ދުށީމުއެވެ.
ނަމަވެސް މިއަދު މިފެންނަނީ އެދުވަހުގެ ތަރުތީބު ބަދަލުވެގެން ދާ ތަނެވެ. ގައްދޫގައި މަސްފެކްޓަރީއެއް އަޅައި، ‘ގޭދޮށު މަސްފެކްޓަރީ’ އެއް ހިންގުމަށް ސިލޯނު ކުންފުންޏެއް ކަމުގައިވާ ސިލިކް ލަންކާއާއި ގައްދޫ ކައުންސިލް 13 ޑިސެމްބަރުގައި ސޮއި ކުރި ކޮންޓްރެކްޓްގެ ވާހަކަ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ. އުންބަޅަ ކަޑަ މިނިސްޓަރވެސް ވަޑައިގެން ރަސްމިއްޔާތު ޝަރަފު ވެރި ކޮށްދެއެްވިއެވެ.
ޚަބަރުން ފެންނަ ގޮތުގައި ގައްދޫގައި އަޅާ ގޭދޮށު ‘ސިލޯނު’ މަސްފެކްޓަރީ އިން ދަޅުގައި މަސް ބަންދު ކުރުން ހިމެނޭ ގޮތުން، 25 ޓަނުގެ އައިސްޕްލާންޓަކާއި، 100 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ފިޝްމީލް ޕްލާންޓެއް އަޅާނެއެވެ. ވަޒީފާގައި ތިބޭނީ 60% ދިވެހިން ކަމުގައި ރިޕޯރޓް ކޮށްފައިވާ މިއިންވެސްޓްމަންޓަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ‘ބިދޭސީ’ އިންވެސްޓްމަންޓެކެވެ.

ހުވަދު އަތޮޅު ކަފެނާއިން ފެށުނު މަސްކައްކާ ހިއްކުމުގެ ބިދޭސީ ވިޔާފާރިތަކަށް އޭރު މަގުފަހި ކޮށްދިނީ އަމިއްލަ ބައެއް ފަރުދުންނެވެ. މިފަހަރުގެ ކޮންޓްރެކްޓްގެ ފަހު ސަފްހާގައި ސޮއި ކޮށް ތައްގަނޑު ޖެހިީ ދައުލަތުގެ ރަސްމީ އިދާރާއަކުންނެވެ. ހުރިހާ ގޮތަކުންވެސް ‘ސާފު’، ރަސްމީ ވިޔަފާރިއެކެވެ. ދަޅުގައި މަސްބަންދު ކުރުން ހިމެނޭ ފުރިހަމަ ރަށު މަސްފެކްޓަރީ އެކެވެ. މި ކޮންޓްރެކްޓާއި އެކު ނިވަލުގައި، ނުރަސްމީކޮށް ހިންގަމުން ދިޔަ މަސައްކަތް، ރަސްމީ ކުރުމުގެ ފަހު މަރުހަލާ ފެށުނީއެވެ. އަހާއި އެކުގައި ލަގަން ވެސް ރަސްމީ ކޮށް ޙަވާލު ކުރެވުނީއެވެ.
އެތަކެއް ދުވަހުގެ މަރާމާތަށް ފަހު އޮލިމްޕަސް ހުޅުވި، 6 ފެބްރުއަރީ ގައި ދިވެހި ފިލްމް ‘ބީވިމާ’ އަޅުވާނެ ކަމަށް ‘ޑާރކް ރެއިން އެންޓަރޓެއިންމަންޓް’ އިން މިވަނީ އިޝްތިހާރު ކޮށްފައެވެ. އަޅުގަނޑުވެސް މިހުރީ ކެތްމަދުވެފައެވެ. އެހެނަސް، ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި ދިވެހި ކަނޑުމަސް ކައްކާ ހިއްކުމުގެ މަސައްކަތް ‘ބީވެގެން’ ދާ މަންޒަރު ބަލަން ފެބްރުއަރީ މަސް ފުރަތަމަ ހަފްތާއާއި ހަމައަށް މަޑު ކުރާކަށް ނުޖެހެއެވެ.

