ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން -1، ލިބޭ މިންވަރު ދެނެ ނުގަަތުމާއި އެމައްޗަށް ޚަރަދު ބައްޓަން ނުކުރުން

ފިސްކަލް ރެސްޕޮންސިބިލިޓީ އަކީ  އިނގިރޭސި ބަހެކެވެ. ކުރާ ޚަރަދުތަކަށް ޒިންމާވެ، ލިބޭ އާމްދަނީގެ މައްޗަށް ޚަރަދުތައް ބައްޓަން ކުޅައުމުގެ ވިސްނުމެކެވެ. ރާއްޖޭގެ މާޙައުލުގައި މަދުން ނޫނީ އަޑުނީވޭ، ޢަަމަލުން އެއްވެސް މިންވަރަކަށް ނުފެންނަ، ބީރައްޓެހި ވިސްނުމެކެވެ.

ކުރިމަގުގައި ހުރި ބޮޑެތި ހުރަސް ތަކުގެ ވާހަކައާއިގެން ހިނގަން ފަށާއިރު، ބިސްމި ކިޔާފައި ގިރާކުރަން ޖެހެނީ  ލިބޭ މިންވަރުގެ މައްޗަށް ޚަރަދުތައް ބައްޓަން ކުރުމުގެ އޮޅި އެވެ. ނަމަވެސް ލިބޭ މިންވަރުގެ މައްޗަށް ޚަރަދު ބައްޓަން ކުރަން ރޭވޭނީވެސް. ލިބޭ މިންވަރު ފުރިހަމައަށް އެނގިގެން އެ ހިސާބު ފުރިހަމައަށް ޖެހުނީމައެވެ. އަދި އެ އާމްދަނީ އިޤްތިޞާދު ތެރަށް ގެނެވުނީމައެވެ.

ހ-  ލިބޭ މިންވަރު ދެނެގަތުން

‘ޓްރާންސްޕަރ ޕަރައިސިންގ’ އަކީ އަނެއްކާވެސް އިނގިރޭސި ބަހެކެވެ. މުދަލެއް ނުވަތަ ޚިދުމަތެއްގެ ފުރިހަމަ އަގު، ޓެކްސް އޮތޯރިޓީ ތަކަށް ފަރުދާ ކުރުމަށްޓަކައި، 3 ވަނަ ފަރާތެއް، ޢާންމުކޮށް އެހެން ޤައުމެއްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުންޏަކުން އުފައްދާ އިންވޮއިސެއް މެދުވެރި ކޮށް ހިންގާ ޖަރީމާއެކެވެ.

އަޅުގަނޑުމެންގެ ފަތުރުވެރިކަމުގަޔާއި މަސްވެރި ކަމުގެ ސިނާޢަތުގެ ބޮޑެތި ކުންފުނިތަކުން، ޔޫރަޕްގެ ޤައުމުތަކުގައި މިއަދު ވަނީ ވަކި ކުންފުނިތަކެއް ރަޖިސްޓްރީ ކޮށްފައެވެ. މީގެ އިތުރުން އަޅުގަނޑުމެންގެ ފަތުރުވެރި ކަމުގެ ސިނާއަތުގެ ވަރަށް ގިނަ އެނދު މެނޭޖް ކުރަނީ ދުނިޔޭގެ ފެންވަރުގެ ބްރޭންޑް ތަކުން، އެމީހުންގެ ކޯރޕަރޭޓް އޮނިގަނޑުގެ ތެރެއިން ރާއްޖޭން ބޭރުގައެވެ.

ރާއްޖޭގެ އިޤްތިޞާދުގައި އުފަންކުރާ އުފެއްދުމަކަށް، އެކްސްޕޯރޓް ކުރެވޭ މަހުގެ ބާވަތަކަށް ނުވަތަ ވިއްކާ އެނދަކަށް  ނަމަވެސް، ބޭރު ކުންފުންޏަކުން އިންވޮއިސެއް އުފައްދަނީނަމަ، އެ އިންވޮއިސްގައި ޓްރާންސްޕަރ ޕަރައިސިންގ ނުހިމެނުމަކީ ނާދިރު ކަމެކެވެ. ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ޓްރާންސްފަރ ޕްރައިސިންގެ ގެ އުކުޅުތައް ބޭނުންކުރަމުން ގެންދާތާ މަދުވެގެން 50 ހަކަށް އަހަރު ވެދާނެއެވެ. މިފަދަ ޖަރީމާތަކާއި ކުރިމަތި ލާން ބޭނުންކުރަންޖެހޭ އުކުޅުތައް ވަނީ އެކަޑަމިކް ސްޓަޑީސް ތަކުގަޔާއި ޓެކްސްޓް ފޮތްތަކުގައި ލިޔެ، ޕަބްލިޝްކޮށް ޢާންމު ކުރެވިފައެވެ. އެހެން ކަމުން ރާއްޖޭގެ ޙަޤީޤީ އާމްދަނީ ދެނެގަނެ، އެ މައްޗަށް ޔަގީން ކަން ހޯދުމުން މެނުވީ، ލިބޭ މިންވަރުގެ މައްޗަށް ޚަރަދުތައް ބައްޓަން ކުރާ ކަށް ނުފެށޭނެއެވެ.

އޭގެ ފަހުގައި، ރާއްޖޭގެ އިޤްތިޞާދުގައި އުފަން ކުރުވާ އާމްދަނީ ރާއްޖޭގެ އިޤްތިޞާދަށް؛ ބެންކިންގ ނިޒާމުގެ ތެރަށް ވާސިލް ކުރުވުން މަޖްބޫރެވެ. މި ފިޔަވަޅު އަޅާނޭ ކަމަށް 2 އަހަރު ކުރިން ވަނީ އިޢުލާނު ކުރައްވާފައެވެ. މަޝްވަރާތައް ނިމި، އަޅަން ޖެހޭ ފިޔަވަޅު ވަނީ އެއްބަސް ވެވިފައެވެ. މި ވަގުތަށް ބޭނުމީ، ފޮރުވާފާއޮތް ވަތްގަނޑުން އެ ލިޔުން ނަގާ، ހިރަފުސް ފޮޅާލާފާ، ކެރިގެން އިޢުލާނު ކުރުމެވެ. 

ށ- ލިބޭ މިންވަރުގެ މައްޗަށް ޚަރަދުތައް ބައްޓަން ނުކުރުން

އަޅުގަނޑުމެން ކޮންމެ މީހެއްގެ ޢާއިލާ ބަލަހައްޓަނީ ލިބޭ މިންވަރެއްގެ މައްޗަށް ބިނާ ކޮށެވެ. މީ ޙަޤީޤަތެކެވެ. ދަރިފުޅު ދެކެ ކިތަންމެ ލޯބިވިޔަސް ހާރވާރޑަށް ކިޔަވަން ފޮނުވޭނީ އެކަމަށް ކެރި ކުޅަދާނާ ވީމައެވެ. ލިވިންގ ރޫމް އެެއަރކޯން ބަދަލު ކުރެވޭނީ، ދޮށީ ދަރިފުޅުގެ ކައިވެންޏަށް ގޯތީ ތެރޭ ވަކި ކޮޓަރިއެއް ބިނާ ކޮށްދެވޭނީ،  ކޮންމެވެސް ގޮތަކުން އެކަމަށް ފައިސާ ހަމަޖެހުނީމައެވެ. މީ އަމިއްލަ ދިރި އުޅުމުގައި އަޅުގަނޑުމެން ޢަމަލު ކުރާގޮތެވެ.

ދެބެން ވެގެން ހިނގާ ކުޑަ ވިޔަފާރި، ދެން އޮންނަ ހަރުފަތަކަށް ގެންދިޔުމަށްޓަކައި ޝޯރޫމެއް ހުޅުވޭނީ، ދޯނި އެހެލާ ފައިބަރ ކުރެވޭނީ، ރަށު ގޯތީގައި ގެސްޓްހައުސް އެއް ބިނާ ކުރެވޭނީ ބޭންކު ލޯނު ހަމަޖެހުނީމައެވެ. އަމިއްލަ ވިޔާފާރިތައް ހިންގާ، ފުޅާ ކުރަނީ މި އުސޫލުގެ ތެރެއިންނެވެ.

އަމިއްލަ މުއްސަނދި ކަމުގެ މިންވަރުން ކުރެވެން ނެތް، ނަމަވެސް ކޮންމެ ހެން ކުރަން ޖެހޭ ޚަރަދުތައް ކުރަނީ، މީހަކު އަތުން ހޯދައިގެންނެވެ. ވިޔާފާރި ތަކާއި ކުންފުނިތަކުން ނަގަނީ ލޯނެވެ. އަނބުރާ ދައްކަން ޖެހޭނެ ކަން އެނގިތިބެއެވެ.

ފަރުދުންނަށް ނުވަތަ ވިޔަފާރިތަކަށް ނެތް، ސަރުކާރަކަށް އެކަނި އޮންނަ އިތުރު ފުރުސަތަކީ، ފައިސާ ޗާޕު ކުރުމުގެ ބާރެވެ. ނަމަވެސް، ޤައުމީ އުފެއްދުން ތެރިކަމަށް ވުރެ ހަލުއިކޮށް، ފައިސާ ޗާޕު ކުރުމުގެ ނަތީޖާ އަކީ ޢާޚިރުގައި މުދަލާއި ޚިދުމަތުގެ އަގު އުފުލި، ބޮޑުވި މުސާރައިގެ ސަބަބުން ޙާޤީޤި ލުޔެއް ނުލިބުމެވެ. އަމިއްލަ ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު ބޮޑުވެ، ނުއަތު ބުރު އަޅަން ފެށުމެވެ.

ކޮންމެ ކުލައެއްގެ ޓައީ އަޅައިގެން ތިބި ބައެއްގެ ސަރުކާރަކަށް ނަމަވެސް، ޤައުމު އިތުރަށް ދަރުވާނުލާ، އިތުރު ޚިދުމަތެއް ފޯރުކޮށްދެވޭނީ ހަމައެކަނި ދެގޮތުން އެއް ގޮތުންނެވެ. އެއީ މިއަދުގެ ޚަރަދުތައް ކުޑަކުރުމެވެ. ނުވަތަ އިތުރަށް ޓެކްސް ނެގުމެވެ. މިއީ ބަދަލު ނުކުރެވޭނޭ އިޤްތިޞާދީ އަސާސެކެވެ.

ނަމަވެސް، ޖޫން ޖުލައިއަށް މޫސުން ގޯސްވެ، މަސްވެރިކަން ދަށްވެ، އާމްދަނީ އަށް އެނގުން ވުމުން، ޢާއިލީ ޗުއްޓީ ފަސްކުޅަ ކެޔޮޅުވެސް، ރަށުގެ ބާކީ ހުރި މަގުތަކުގައި ތާރު އެޅުމުން ނޫނީ ވޯޓުގެ ވާހަކަ ނުވެސް ފެށޭނޭ ކަމަށް ބުނާ އިރުގައި އިތުރު ޓެކްސް ދައްކަން ޖެހިދާނެ ކަމަކަށް ނުވިސްނައެވެ.

ރަށުގައި 3 އަވަށް އޮންނައިރު، އެއް އަވަށުގެ ގްރާންޑުގައި ޓާފް އެޅުމުން، ނުނިމޭ ކަމަށާއި، ކޮންމެ އަވަށެއްގެ ގްރާންޑުގައި ޓާފް އަޅައި ރޭގަނޑު ހަތަރުދަމު ދިއްލަން ޖެހޭނޭ ކަމަށް އަންގާ ކައުންސިލަރަށް، މިއަންނަ މަހު މުސާރަ ލިބުމުން ނޫނީ ގަނޑުކުރާ ބައި ހަލާކުވެފައި ހުރި ގޭ އައިސްއަލަމާރި ބަދަލު ނުކުރެވޭނޭ ކަން ދަނެއެވެ.

ވޯޓު ދިފީއްޔާ ތީ އެއްވެސް ކަމެއް ނޫނޭ ބުނާ ސިޔާސީ ކަލޭގެ އަށްވެސް މި ޙަޤީޤަތް އެނގޭނެއެވެ. އޭނާ އަށް ހަމަ  ވަރިހަމައީއެވެ.

ޔަގީންކަން ފެންނާން އޮތް ޙަޤީޤަތަކީ، އެއްވެސް ސަރުކާރަކަށްވެސް، މޭގައި އަތް ޖަހާ މައިދާނަށް ނުކުމެ ތިބި އެއްވެސް ސިޔާސީ އަކަށްވެސް، މި ޙަޤީޤަތް ރައްޔަތުންނަށް ބުނެދޭކަށް ނުކުރޭކަމެވެ. ޢާއިލީ ޚަރަދުތައް ބަލަހައްޓަން ޖެހޭނީ، ލިބޭ އެއްޗަކުންކަން ފުރިހަމައަށް އެނގޭ ރައްޔަތުންނެއްވެސް، ޤައުމީ މަސްލަޙަތާއި ހަމައަށް ދިޔުމުން އެ ޙަޤީޤަތުގެ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވެއެވެ.

އެހެން ކަމުން، ކުރިމަގުގައި ހުރި އެންމެ ބޮޑު އިޤްތިޞާދީ ހުރަހަކީ ޤައުމީ ކަންކަމުގައި ލިބޭ މިންވަރަށް ޚަރަދުތައް ބައްޓަން ކުރަން ނުޖެހޭ ކަމަށް، ހުރިހާ ސަރުކާރުތަކަށާއި، އަޑުހަރުކޮށް މަގު ހިނގާ ސިޔާސީންނަށާއި އަދި ކިއެއްތަ ރައްޔަތުންވެސް ޤަބޫލު ކުރުމެވެ. ޤައުމު ދަރަމުން ދިޔުމަކީ، ފައިސާގެ އަގު ވެއްޓި، ޑޮލަރުގެ އަގު ބޮޑުވުމަކީ، ތިމަންނާއަށް ހުރި ގެއްލުމެއް ކަމަށް، ޢާއިލާއަށް އޮތް ބިރުވެރި ކަމެއް ކަމުގައި ނުދުށުމެވެ.

ނަމަވެސް އިޤްތިޞާދު ބަނަވެ، ވައިގަދަވެ، ވިއްސާރައިގެ އަސަރު ކުރާނީ ވަކި ރަށަކަށް، ވަކި އަވަށަކަށް، ވަކި ފަރުދަކަށް ނޫނެވެ. އެންމެންނަށެވެ. އަދި އެފަދަ ވިއްްސާރައެއްގެ ނޭދެވޭ އަސަރު ޖީލުތަކަށް ދެމިގެން ހިނގައި ދާނެއެވެ.

6 Comments

  1. This is an article we all should read and understand. I have a feeling rather than blaming the citizen, the blame should go to these _siyaasee magu hingaas_. They are the ones ruining the whole system, by putting pressure to one’s in the government and the governing faction (to stay in power) in desperation appease the public (by promising more) the cycle continues and all citizens end up corrupt!!

    I cannot imagine to put in place ground rules on this – but this is pervasive in all human settings.
    Some talk of UBI, but that also flawed. I am at loss

    • Thank you Adam. For the comment. Its not my intent to blame the citizens. Much of the blame lies with the adu haru koh magu hin’gaa siyaasees. The point I was trying to make was that as we all manage our finances, we should learn to know better.

  2. There seems to be a fundamental misconception or misunderstanding among us, the public, about where the government’s income comes from. We seem to not care how the income is spent or whether taxes may be increased to generate it. Could it perhaps be because we’ve always had an impression that the bulk of it comes from tourism (which we feel isn’t our money). So wastage and extra taxation only hurts foreigners and their rich Maldivian partners so we don’t care?

    • Thank you Hamza for the thought.

      I think that I have, even perhaps partly, addressed this issue in third article being published today. Specifically in the 2nd to last para.

      Perhaps for a period of more than 40 years the state had TAUGHT the public ONLY TO ASK FOR MORE and never to ask HOW.

      Shades of Dependency Theory, I know….

      • Thanks Athif. To move away from that which is ingrained will take time. Kudos for accomplished administrators and intellectuals such as yourself for speaking the truth.

Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading