މަސް އޮޑިފަހަރުން ސިޔާސީވެރިން ބާލާން ވެއްޖެ

އިއްޔެ މާލޭ ފަޅުތަރޭގައި މުޒާހަރާ ކުރަމުން ދިޔަ މަސްވެރިންގެ އަޑުއަހަން ބަނދަރު މަތީ ހުރިއިރު އަޅުގަނޑުގެ ހިތަށް އަރަމުން ދިޔައީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް،  10 ޑިސެމްބަރ 2023 ގައި ދައުރު ނޫހުގައި އަޅުގަނޑު ޝާޢިޢު ކުޅަ ލިޔުމާ ބެހޭ ގޮތުންނެވެ.  

މި ދެންނެވި ލިޔުމުގެ ދެތިން ޕްރެގްރާފް ތިރީގައި ނަކަލު ކޮށްލާނަމެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައިވެސް، އަދި ޖުމްލަ އިޤްތިޞާދުގައިވެސް، ފާހަގަ ކުރެވޭ އެންމެ ބޮޑުމައްސަލައަކީ، ތެދު ބަހުން، ރައްޔަތުންނަށް ޙަޤީޤަތް ސާފުކޮށްދޭން ބޭނުން ނުވުމެވެ. ރައްޔަތުން ގާތު ސާފު ބަހުން ބުނެފިއްޔާ ވޯޓު ނުލިބޭނޭ ކަމަށް ޤަބޫލު ކުރުމެވެ. ނަމަވެސް ވޭތުވެ ދިޔަ 4 ރިޔާސީ އިންތިޚާބުގެ ވެސް އެންމެ މުހިންމު އަދި އަދި އެންމެ އަގުބޮޑު ފިލާވަޅަކީ، ގޯތި ދޫކޮށް، ފްލެޓް އަޅާއި، ބަނދަރު ހަދައި، ބިންހިއްކައި، އާސަންދައިން ޞޮދަޤާތް ކޮށް، 25 އަށް މަސްކިލޯއެއް ގަތުމުގެ، ހަމައެކަނި ނަތީޖާއަކީ  ޤައުމު އިތުރަށް ދަރަނިވެރި ވުން ކަމެވެ. ވޯޓެއް ނުލިބެއެވެ.

މަސްވެރިކަމުގެ ސިނާޢަތް ދިރި، ދެމި، ބެހެއްޓޭނީ މަސްވެރިޔާ މަހަށް ފުރުވުމާއެކު، މަސްކުންފުނިތައް ކޮއްޅަށް ބޭތިއްބިގެންނެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި ބޮޑެތި އަގުތައް އިއްލާނު ކުރުމުގެ ނަތީޖާއަކީ މިފްކޯ އިތުރަށް ދަރައި، އަމިއްލަ ކުންފުނިތައް މުޑިއަރައި، ބާނާ މަހަށް އަގު ނުލިބި، އެއްވެސް ފަރާތަކަށް ފައިދާ ނުވުމެވެ. ހިތްހަމަ ނުޖެހުމާއި، ނަފުރަތު އިތުރުވުމެވެ. ފެލިވަރުގެ ޖެޓީމަތީގައި މަސްވެރިން ފަހައި ފުލުހުން ދުވެ، ކޫއްޑޫ ޖެޓީމަތި ޙިޞޯރު ކުރުމެވެ.

މަސްވެރިކަން ކުރިއަރައި ދެމެހެއްޓޭނީ، މަސްވެރި ކުންފުނިތަކަށްވެސް ކޮއްޅަށް ހުރެވިގެންނެވެ. ލާ ދެމެހެއްޓެނިވި އަގެއްގައި މަސްގަންނަށް މަޖްބޫރު ކުރުމަކުން، މަސްވެރިންނަކަށްވެސް އެކަމުގެ އާޚިރު ފައިދާއެއް ނުކުރާނެއެވެ. ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދީގެން، މުޅި ސިނާޢަތް ދެމެހެއްޓެމުގެ ހަކަތައެއް ދައުލަތުގައި ނެތް ކަން މިހާރުގެ ސަރުކާރަށާއި، މިއަދުގެ އިދިކޮޅު ޕާޓީއަށްވެސް، އަދި ކިއެއްތަ މަސްވެރިންނަށްވެސް ސާފުކޮށް އެނގޭނެއެވެ.

މި ވޭތުގެ ދިޔަ ދޮޅަހަކަށް ވުރެ ގިނަ އަހަރު، ސަރުކާރުތަކުން ކީހާ ބަންޖާއި، އިދިކޮޅު ޕާޓީތަކުން ވެރިކަމަށް އައުމަށް ކިޔާ އަންބާގެ ކަޑިތައް ބަދަލު ކުރުމުގެ ވަގުތު ޖެހިއްޖެއެވެ. މަސްވެރިންނާއި، މަސްޕްރޮސެސް ކުރާ ފަރާތްތައް، އަދި ސަރުކާރާއި އިދިކޮޅުފަރާތްތަކުންވެސް އާނ ކިޔައި، ސިޔާސީން އޮޑިން ފައިބައި، ދެމެހެއްޓެނިވި ގޮތުގައި ސިނާޢަތް ހިންގަން ފުރުސަތު ދޭން ވެއްޖެއެވެ.  

މުޅި ލިޔުން ކިޔާލުމަށް

Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading