މަސް އޮޑިފަހަރުން ސިޔާސީވެރިން ބާލާން ވެއްޖެ

މިއީ ރާއްޖޭގް 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ލިޔެ އުދުވަހު، 10 ޑިސެމްބަރ 2023 ގައި ދައުރުނޫހުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.

ވޭތުވެ ދިޔަ ދޮޅަހަކަށް ވުރެ ގިނަ އަހަރުގެ ތެރޭގައި، މަސްވެރިންގެ ވޯޓު ގަތުމުގެ މަޤްޞަދުގައި، އޮޑިއަށް ސިޔާސިން އަރައި، އެކިފަހަރު އެކި އަތަށް ރިޔާލައި، ފަޅު، ފަރުމަތިން ދުއްވާން މަޖުބޫރު ކުރުމުގެ ސަބަބުން، ސިނާއަތުގެ ފަށަނުން މިއަދު މިވަނީ ދިޔަ ހިލެން ފަށައިފައެވެ
ސިނާއަތެއް ދިރުވުމުމާއި ދެމެހެއްޓުން
އާމްދަނީއެއްގެ ނިޔަތުގައި ކުރާ އެއްވެސް އިޤްތިޞާދީ ޙަރަކާތެއް، ސިނާއަތަކަށް ބަދަލުވަނީ އެ ޙަރަކާތާ ގުޅިގެން ދެމެހެއްޓެނިވި ވިޔާފާރި ތަކެއް އުފެދި، ފައިދާ ހުރި ގޮތުގައި އެވިޔާފާރި ކުރެވޭނަމައެވެ. ފަތްކެޔޮ ހައްދާ ދަނޑުވެރިން، ގަހާނާ އުފައްދާ ތިލޭރުވެރިން، މިޔުޒިކް ކުޅޭ ފަންނާނުން، ފޮޓޮގްރާފަރުން އެމަސައްކަތުގައި ދެމި ތިބެވޭނީ، މަސައްކަތުން އާމްދަނީއެއް ލިބޭނަމައެވެ.
މިފައިސާފޮތީގެ އަނެއް ފަރާތަކީ ވިޔާފާރި ވެރިޔާއެވެ. އޭނާ ގަންނަ މުދާ، ނުވަތަަ ޚިދުމަތުގެ އަގަކީ ބާޒާރު ޤަބޫލު ކުރާ އަގަކަށް ވާން ޖެހެއެވެ. މި މުއާމަލާތުގެ ދެ ފަރާތުގެ ދެމެހެއްޓެނިވި ފައިދާ އަށްް މެނުވީ، އެސިނާއަތެއް ދިރި ދެމިއެއް ނުއޮންނާނެެއެވެ.
މަސްވެރިކަމުގެ ސިނާޢަތްވެސް އެފަދައެވެ. މަސްވެރިޔާގެ ޚަރަދާއި މަސައްކަތުގެ އަގު މައްޗަށް އެއްޗެއް ނުލިބެނީނަމަ، ގޯތިން ނުކުމެ، ފަޅުން ނަގިލި ނެގުމުގެ ބޭނުމެއް ނެތެވެ. ބާޒާރަށް ނުތަކާނެ އަގެއް ގައި ފެކްޓަރީއިން ގަންނަން ޖެހެނީނަމަ، ޖެނެރޭޓަރު ނިވާލައި، މުއައްޒަފުންނަށް ޗުއްޓީ ދިނުން މާ ބުއްދި ވެރިއެވެ. ދެ ފަރާތަށް ފައިދާ ނުވާނަމަ ސިނާއަތެއް ދެމި އެއް ނޯންނާނެއެވެ. ޤާނޫނަކުން، ޤަވާއިދަކުން ސިނާޢަތެެއް ނުދިރޭނެއެވެ.
ނިމިދިޔަ އިންތިޚާބު ބޯމަތި ވުމުގެ ކުރީގައިވެސް، 20 އަށް ކިލޯއެއް ގަނެގެން ފައިދާ ނުވާ ކަމުގައި، މިފްކޯ ހިމެނޭހެން ހުރިހާ ފެކްޓަރީތަކުންނާއި ސަރުކާރުންވެސް ގެންދިޔައީ ބުނަމުންނެވެ. ނަމަވެސް، ކެމްޕޭނުގައި ކެންޑިޑޭޓުން މަހުގެ އަގު ފެށީވެސް 25 ރުފިޔާއިންނެވެ. ދެވޯޓު ދެމެދުގައި މިފްކޯއިން 25 އަށް އަގު ބަދަލު ކުރިވެސް މެއެވެ. ނަތީޖާއަކަށްވީ، ގަން މަހަށް އަގު ނުދެވި، ވޯޓުވެސް ނުލިބި، ސަރުކާރު ބަދަލުވުމެވެ.
ލާދެމެހެއްޓެނިވި އަގެއްގައި، އަމިއްލަ ކުންފުނިތަކަކަށް މަސްގަނެ، ޕްރޮސެސްކޮށް ވިޔާފާރިއެއް ނުކުރެވޭނެއެވެ.
އެހެންވިއްޔާ މިފްކޯއިން މަސްގަންނަން ވީނު؟
ރައްޔަތުންގެ ނަފާއަށް ކަމުގައި ބުނެ، ދެކޮޅު ނުޖެހޭ އަގުގައި މަސްގަތުމަކީ ޤައުމަށް ރަނގަޅު ގޮތް ކަމުގައި ޤަބޫލު ކުރެވި، އަމިއްލަ ކުންފުނިތައް އޮޔާދާން ދޫކޮށްލުމަށް އެއްބަސް ވެވޭނަމަ، އޮތް ޙައްލަކީ މިފްކޯ ބާއެވެ؟
އަޅުގަނޑުމެންގެ ޒަމާނީ ޑިމޮކްރަސީ ފެށުނު ހަމައިން ބެލެންސް ޝީޓަށް ބެލުމެއް ނެތި 4 ކުންފުންޏަކަށް މިފްކޯ ބައި ކުރިއެވެ. އަނެއް ބަޔަކު 4 ކުންފުނި އެއްކޮށް ބަނދެ، ފުޓުނި އަޅައި ހިފެހެއްޓޭތޯ މަަސައްކަތް ކުރިއެވެ. ދުވަސް ކޮޅަކުން ފެނުނީ އެސް.ޓި.އޯ.ގެ ދަށަށް ބަދަލު ކުރިތަނެވެ. މިހާރު އިވެނީ އެސް.ޓީ.އޯ. ތެރެއިން ދަމާ ނެރެ، މަސްވެރިންނަށް، ހިއްސާ ދޫ ކުރާނެ ކަމުގެ އަޑެވެ. މަތީ އޮތް ފުށް ވަތަށް ޖަހައި، ރަނގަޅު ކުރާނަމޭ ބުނެ އަވީލާ، އަވީގައި އޮއްވާ ވާރެއާއި ތެމި، ކުރީ އޮތްފުށް އަލުން މައްޗަށް ޖަހައި، ގޮދަޑި މަތިން މަތިން އާ ބެޑް ޝީޓެއް އެޅުމަކުން ކަންކަން ރަނގަޅު ކުރެވުނީކަމަކަށް ދެކޭކަށް ނުވާނެއެވެ.
ދެން ހަދަންވީ ކިހިނަކުން؟
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައިވެސް، އަދި ޖުމްލަ އިޤްތިޞާދުގައިވެސް، ފާހަގަ ކުރެވޭ އެންމެ ބޮޑުމައްސަލައަކީ، ތެދު ބަހުން، ރައްޔަތުންނަށް ޙަޤީޤަތް ސާފުކޮށްދޭން ބޭނުން ނުވުމެވެ. ރައްޔަތުން ގާތު ސާފު ބަހުން ބުނެފިއްޔާ ވޯޓު ނުލިބޭނޭ ކަމަށް ޤަބޫލު ކުރުމެވެ. ނަމަވެސް ވޭތުވެ ދިޔަ 4 ރިޔާސީ އިންތިޚާބުގެ ވެސް އެންމެ މުހިންމު އަދި އަދި އެންމެ އަގުބޮޑު ފިލާވަޅަކީ، ގޯތި ދޫކޮށް، ފްލެޓް އަޅާއި، ބަނދަރު ހަދައި، ބިންހިއްކައި، އާސަންދައިން ޞޮދަޤާތް ކޮށް، 25 އަށް މަސްކިލޯއެއް ގަތުމުގެ، ހަމައެކަނި ނަތީޖާއަކީ ޤައުމު އިތުރަށް ދަރަނިވެރި ވުން ކަމެވެ. ވޯޓެއް ނުލިބެއެވެ.
މަސްވެރިކަމުގެ ސިނާޢަތް ދިރި، ދެމި، ބެހެއްޓޭނީ މަސްވެރިޔާ މަހަށް ފުރުވުމާއެކު، މަސްކުންފުނިތައް ކޮއްޅަށް ބޭތިއްބިގެންނެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި ބޮޑެތި އަގުތައް އިއްލާނު ކުރުމުގެ ނަތީޖާއަކީ މިފްކޯ އިތުރަށް ދަރައި، އަމިއްލަ ކުންފުނިތައް މުޑިއަރައި، ބާނާ މަހަށް އަގު ނުލިބި، އެއްވެސް ފަރާތަކަށް ފައިދާ ނުވުމެވެ. ހިތްހަމަ ނުޖެހުމާއި، ނަފުރަތު އިތުރުވުމެވެ. ފެލިވަރުގެ ޖެޓީމަތީގައި މަސްވެރިން ފަހައި ފުލުހުން ދުވެ، ކޫއްޑޫ ޖެޓީމަތި ޙިޞޯރު ކުރުމެވެ.
މަސްވެރިކަން ކުރިއަރައި ދެމެހެއްޓޭނީ، މަސްވެރި ކުންފުނިތަކަށްވެސް ކޮއްޅަށް ހުރެވިގެންނެވެ. ލާ ދެމެހެއްޓެނިވި އަގެއްގައި މަސްގަންނަށް މަޖްބޫރު ކުރުމަކުން، މަސްވެރިންނަކަށްވެސް އެކަމުގެ އާޚިރު ފައިދާއެއް ނުކުރާނެއެވެ. ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދީގެން، މުޅި ސިނާޢަތް ދެމެހެއްޓެމުގެ ހަކަތައެއް ދައުލަތުގައި ނެތް ކަން މިހާރުގެ ސަރުކާރަށާއި، މިއަދުގެ އިދިކޮޅު ޕާޓީއަށްވެސް، އަދި ކިއެއްތަ މަސްވެރިންނަށްވެސް ސާފުކޮށް އެނގޭނެއެވެ.
މި ވޭތުގެ ދިޔަ ދޮޅަހަކަށް ވުރެ ގިނަ އަހަރު، ސަރުކާރުތަކުން ކީހާ ބަންޖާއި، އިދިކޮޅު ޕާޓީތަކުން ވެރިކަމަށް އައުމަށް ކިޔާ އަންބާގެ ކަޑިތައް ބަދަލު ކުރުމުގެ ވަގުތު ޖެހިއްޖެއެވެ. މަސްވެރިންނާއި، މަސްޕްރޮސެސް ކުރާ ފަރާތްތައް، އަދި ސަރުކާރާއި އިދިކޮޅުފަރާތްތަކުންވެސް އާނ ކިޔައި، ސިޔާސީން އޮޑިން ފައިބައި، ދެމެހެއްޓެނިވި ގޮތުގައި ސިނާޢަތް ހިންގަން ފުރުސަތު ދޭން ވެއްޖެއެވެ.

.

މީގެ 43 އަހަރު ކުރިން، ރާއްޖޭގެ ފުރަތަމަ މަސްވެރިންގެ ދުވަސް، 10 ޑިސެމްބަރ 1981 ގެ ޙަރަކާތް ތަކުގައި އަޅުގަނޑަށް  ބައިވެރިވެވުނެވެ. އެދުވަހު މަގުމަތީގައި ދަމަން ތައްޔާރު ކުރި ފޮތިގަނޑުތަކުގައި ތައްގަނޑު ޖެހުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން މަަސައްކަތް ކުރީ އޭރުގެ ސައެންސް އެޑިޔުކޭޝަން ސެންޓަރުގެ ދަރިވަރެއްގެ ގޮތުގައެވެ. އޭގެ ފަހުން މިފްކޯގެ މުއައްޒަފެއްގެ ގޮތުގައްޔާއި، ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ފަރާތުން ދަޢުވަތު ދީގެން ގެނައި އިންޑޮނީޝިއާ މަސްވެރިން ތަކެއް ގޮވައިގެންނާއި، މަސްވެރި ސިނާއަތުގެ ރައްޓެއްސެއްގެ ގޮތުން، އެކިފަހަރު އެކި ހައިސިއްޔަތުން، މަސްވެރިންގެ ދުވަހުގެ ޙަރަކާތް ތަކުގައި ބައިވެރި ވުމުގެ ފުުރުސަތު އަޅުގަނޑަށް ލިބުނެވެ. މަސްވެރި ސިނާއަތުގައި ރަސްމީ ދައުރެއް ނެތި އެތަކެއް އަހަރު ވުމަށްފަހު އަނބުރާ މި ސިނާޢަތަށް ވަދުނީ މިއަހަރު ކުރީ ކޮޅުގައި ނަމަވެސް، މިސިނާއަތް ދިރާސާ ކޮށް ޕަބްލިޝް ކުޅައުމުގެ މަސައްކަތަކަށް މެދުކެނޑުމެއް ނާދެއެވެ. އިރާދަ ކުރެއްވިއްޔާ ނާންނާނެއެވެ.

Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading