
އައި.އެމް.އެފް. އިން ބުނީ ކީކޭ؟
ރާއްޖެއަށް ކުރި ޒިޔާރަތަކަށް ފަހު އައި.އެމް.އެފް. އިން ޖުލައި 26 ވަނަ ދުވަހި ނެރުނު ‘އެންޑް އޮފް މިޝަން ސްޓޭޓްމަންޓް’ އެބޭފުޅުންގެ ވެބްސައިޓްގައި ފެންނާން އެބައޮތެވެ.
https://www.imf.org/en/News/Articles/2022/07/27/pr22276-imf-staff-concludes-visit-to-the-maldives
ސްޓޭޓްމަންޓުގައި ބުނަނީ ކީކޭ؟
އައި.އެމް.އެފް. ސްޓޭޓްމަންޓުގެ ފެށުމުގައި 3 ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ.
- ކޮވިޑް 19 އާއި ގުޅިގެން، ހަލުއި ކަމާއެކު ވެކްސިން ފޯރުކޮށްދިނުމާ އެކު ދައުލަތުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން، ފަތުރުވެރިކަން އާލާވެ، ރާާއްޖޭގެ އިގްތިސާދު ވަނީ ރަނގަޅުވާން ފަށާފައެވެ. އެކަމަކު ބޮޑެތި ކެޕިޓަލް ޚަރަދުތަކާއި، އިތުރު ވަމުންދާ ސަބްސިޑީ ތަކާއި، ލޯނުތަކުގެ ދަރަނީގެ އިންޓަރެސްޓްގެ ސަބަބުން ގައުމުގެ މާލީ އަދި ބޭރުގެ ޙާލަތު ދަނީ ގޯސްވަމުންނެވެ.
- އިގްތިސާދު ރަނގަޅުވާން ފަށައިފައިވާ މި ދަނޑިވަޅުގެ ބޭނުންކޮށް، މާލީ އަދި ދަރަނީގެ ޙާލަތު ހަލުއިކަމާއިއެކު ހަމައަކަށް އެޅުވުމަށްޓަކައި އާމްދަނީ އިތުރުކުރުމުށާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުން ހިމެނޭ ގޮތުން ފިޔަވަޅު އެޅުން މުހިންމެވެ
- · ސަރުކާރުން ވިސްނަވަމުން ގެންދަވާ ފަދައިން ޓީ.ޖީ.އެސް.ޓީ. 12 އިން 16 އިންސައްތައަށް، އަދި ޖީ.އެސް.ޓީ. 6 އިން 8 އިންސައްތައަށް އަށް 2023 ގައި ބޮޑު ކުރުމަކީ މިވަގުތަށް ބޭނުންވެފައިވާ މުހިންމު އަދި ފުރަތަމަ ފިޔަވަޅެވެ.
މިޝަން ސްޓޭޓްމަންޓް ނިންމަވުންވެސް އަނެއްކާވެސް ބުނެފައިވާ މުހިންމު ވާހަކަތަކަކީ
އިގްތިސާދު ރަނގަޅުވާން ފަށައިފައިވާ މި ދަނޑިވަޅުގެ ސަބަބުން ޤައުމުގެ މާލީ އަދި ދަރަނީގެ ޙާލަތު ހަލުއިކަމާއިއެކު ހަމައަކަށް އެޅުވުމުގެ ފުރުސަތު ފަހިވެއެެވެ. މިގޮތުން ކޮންމެހެން މަޖްބޫރުު ފިޔަވަޅު ތަކުގެ ތެރޭގައި
- ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުން
- ދައުލަތުގެ ޚަރަދުތައް، ޚާއްޞަކޮށް ކެޕިޓަލް ޚަރަދުތައް ހަމައަކަށް އެޅުވުން
- ދަރަނީގެ ބުރަ ކުޑަ ކުރުމުގެ ގޮތުން، ލުއި ގޮތުގައި ލިބެން ނެތް ދަރަނި ނުނެގުން
- ސަބްސިޑީގެ ބުރަ ލުއިކޮށް، ހަމައަކަނި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެކަނި ފޯރުކޮށްދިނުން
ބޭރުގެ ދަރަނި ނެގުމުގެ އަގު ބޮޑުވެފައިވާ މިދުވަސް ވަރުގައި، މަތީގައި ބަޔާން ކުރެވުނު ކަންތައްތައް ހަލުއި ކަމާއެކު އިސްލާޙު ކުރެވުމުން، ލޯނު ހޯދަންޖެހޭ މިންވަރު ދަށްވެ، ނާޒުކު ޙާލަތުގައިވާ ޤައުމުގެ ރިޒާރވް ހަރުދަނާ ކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ބުނެފައިވެއެވެ.
ސްޓޭޓްމަންޓް ނިންމާލަމުން އަނެއްކާވެސް ބުނެފައިވަނީ
‘ސަރުކާރުން ވިސްނަވަމުން ގެންދަވާ ފަދައިން ޓީ.ޖީ.އެސް.ޓީ. 12 އިން 16 އިންސައްތައަށް، އަދި ޖީ.އެސް.ޓީ. 6 އިން 8 އިންސައްތައަށް އަށް 2023 ގައި ބޮޑު ކުރުމަކީ ބޭނުންވެފައިވާ މުހިންމު އަދި ފުރަތަމަ ފިޔަވަޅެވެ. ހަމަ މިއާއި އެކުއެކުގައި ސަރުކާރުން ގަސްދުކުރައްވާފައިވާ ފަދައިން ސަބްސިޑީ ދިނުމުގެ ނިޒާމު އިސްލާޙުކޮށް، ސަރުކާރު ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރެވުމުން ޤައުމުގެ ފިޒްކަލް ޙާލަތުގެ ނާޒުކުކަން ކުޑަކުރެވޭނެއެވެ.’
ޖުމްލަކޮށް ބުނާ ވާހަކަ
ގަބޫލު ކުރެވޭ ގޮތުގައި ޖޫން 21-29 އަށް އައި.އެމް.އެފް. އިން ކުރި ދަތުރުން އެފަރާތަށް ޔަގީން ކުރެވުނު ގޮތުގައި ރާއްޖޭގެ ފިސްކަލް ޙާލަތު ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅު ތަކެއް އެޅުން މަޖްބޫރެވެ. މިގޮތުން އާމްދަނީ އިތުރުކޮށް، ޚަރަދު ކުޑަކޮށް، ލުއި ލޯނު ނޫނީ ނުނެގުމާއި އެކުގައި ސަބްސިޑީ އިސްލާހު ކުރުން ހިމެނޭ ގޮތުން މައިގަނޑު 4 ކަމެއް ފާހަގަ ކޮށްފައިވެއެވެ.
އައި.އެމް.އެފް.ގެ ކުރީގެ ވިސްނުން ބަދަލުކޮށް ޓީ.ޖީ.އެސް.ޓީ. އާއި ޖީ.އެސް.ޓީ. ނެގުން 2023 އަށް އަވަސް ކުރުމަށް ތާއީދު ކުރުމުން ދޭހަވަނީ އަވަސް ފިޔަވަޅުތަކެއް ހަލުއި ކަމާއެކު އެޅުން މުހިންމުވެފައިވާ މިންވަރެވެ
އައި.އެމް.އެފް.އިން ބުނަމުން ގެންދަނީ 4 ފިޔަވަޅު ހިމެނޭ ޕެކްޖެއްގެ ވާހަކައެވެ. އާމްދަނީ އިތުރުކުރުމާއި، ޚަރަދު ކުޑަކުރުމާއި، ލުއި ލޯނު ނޫނީ ނުނެގުމާއި، ސަބްސިޑީ ދިނުން އިސްލާހު ކުރުން ހިމެނޭ ޕެކެޖެއްގެ ވާހަކަ ކަމުގައި ވިޔަސް ސުރުޚީ ތަކުން ފެންނަނީ ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީ. ބޮޑު ކުރުމަށް އައި.އެމް.އެފް.އިން ‘ހުއްދަ’ ދިން ވާހަކަ އެކަންޏެވެ. އެހެނަސް ތަކުރާރުކޮށް އައި.އެމް.އެފް. އިން ބުނެފައިވަނީ ޖީ.އެސް.ޓީ އަދި ޓީ. ޖީ.އެސް.ޓީ. ބޮޑު ކުރުމަކީ ފުރަތަމަ ފިޔަވަޅު ކަމެވެ. 4 ފިޔަވަޅު އެއްފަހަރާ އެޅުން މަޖުބޫރު ކަމުގެ ވާހަކައެވެ.
