
ސަބްސިޑީއަކީ ގައުމެއްގެ މުއްސަނދި ކަމުގެ ނިސްބަތުން، އެ ގައުމެއްގައި އެހީއަށް ބޭނުންޖެހިފައި ތިބި ފަރާތްތަކަަށް، ގައުމުގެ ބަޖެޓުން ފޯރުކޮށްދޭ ‘ހިޔާވެހި’ ކަމެކެވެ. މިއަދާއި ހަމައަށް ރާއްޖޭގައި ފޯރުކޮށްދެވޭ ސަބްސިޑީގެ ހިޔާވެއްސަކީ ފަންފުރާޅެއްގެ ނިވަލުގައި ފޯރުކޮށްދެވޭ ހިޔާވެހި ކަމެކެވެ. ސަބްސިޑީގެ ފަން ފުރާޅު ވަރުގަދަކޮށް، ގަދަ ވިއްސާރައިގައިވެސް ވާރޭ ހިފެހެއްޓޭ ހިޔާވެއްސަކަށް ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް އެބަހުއްޓެވެ. މިފަދަ ވާހަކަތަކުން އެކިފަަހަރު އެކި ރާގަށް ޅެން ހަދައިގެން، ބޭރުގެ މާހިރުންނާއި ދިވެހި އަމާހިރުން ވަނީ ވުޒާރާތަކަށާއި ރައްޔަތުންނަށް އަޑު އިއްވާފައެވެ.
ރާއްޖޭގައި ސަބްސިޑީ ފޯރުކޮށްދޭ މިންގަނޑުތަކާ މެދު ބަލާލުމަށް ފަށާފައިމިވާ މަސައްކަތުގައި، މިފަހަރު މި ބަލާލަނީ އެންމެ އަވަހަށް ލައިގަންފާނެ ކަމަށް ހީކުރެވޭ ކޮޅިގަނޑުގެ ވާހަކައަށެވެ. އިންފްލޭޝަންގެ ސަބަބުން ނަގަމުން އަންނަ ވިލާގަނޑުގެ ވައިގައި ސަބްސިޑީގެ ފަން ފުރާޅަށް ގެއްލުން ލިބި، ވާރޭ ހިޔާނުވެ ހިނގައިދާނެ ކަމަށް ހީކުރެވޭތީއެވެ. ދުނިޔޭގެ އިގްތިސާދީ މަސްރަޙު ހުރިގޮތުގެ ސަބަބުން ކާޑާއި، ތެލާ، ބޭހާ، އުފައްދާ ހުރިހާ އެއްޗެއްގެ އަގު އުފުލެމުން ދާތީއެވެ. އިންފްލޭޝަންގެ ވިއްސާރަ ނަގާ، މޫސޫން ގޯސްވެ، ވައިގަދަވަމުންދާ މި ދުވަސް ވަރުގައި، މިދެންނެވި ހިޔާވެހިން ފެން ނުހިފެހެއްޓި ދާނެ ކަމުގެ ވާހަކަ، ‘ނާހާން ތިބިންގެ’ ކަންފަތްތަކާއި ހަމައަށްވެސް ފޯރުކޮށްް ދިނުމުގެ މަގުސަދުގައެވެ.
އިންފްލޭޝަންގެ ސަބަބުން ނަގަމުން އަންނަ ވިއްސާރަ
ދުނިޔޭގޭ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާ ކަމުގެ ވާހަކަ، ނޫސްތަކުގައި ލިޔެ ޙަބަރުތަކުގައި ކިޔަމުން ދާތާ މަސްތަކެއް ވެފައިވާއިރު، އަޅުގަނޑުމެން ގިނަ މީހުނަށް މިކަން އިހުސާސް ކުރެވުނީ ސައިކަލަށް ޕްޓްރޯލް އަޅައި ނިމެގެން އަގު ދައްކަން ޖެހުމުންނެވެ. ގޭ ކަރަންޓު ބިލަކަށް ބަދަލެއް ނާދެއެވެ. ގޮވާމުގެ އަގު އެތައް ތަނަކުން މައްޗަށް ހިނގައްޖެއެވެ. ނަމަވެސް ކާޑުގެ ތަކެތި އަޅުގަނޑުމެން މިއަދުވެސް ގަންނަނީ އިއްޔެ ނޫން އިހަށް ދުވަހުގެ އަގުގައެވެ.

އެތަކެއް އެހެން ޚިދްމަތްތަކަކާއި އެކުގައި ކަރަންޓާއި ކާޑުގެ ބާވަތްތަކުގެ އަގުތައް ސަރުކާރުން ވަނީ ސަބްސިޑައިޒް ކޮށްފައެވެ. މިހިނގާ 2022 ވަނަ އަހަރަށް ތެޔޮ ސަބްސިޑައިޒް ކުރުމަށް ދައުލަތުން ބަޖެޓު ކުރީ 341.5 މިލިއަން ރުފިޔާއެވެ. ޖޫން މަސް ނުނިމެނީސް މި ޚަރަދު 1.1 ބިިލިއަނަށް އަށް ބޮޑުވެ އަހަރު ނިމޭ އިރު 1.9 ބިލިއަނަށް އަރާނޭ ކަމަށް ސަރުކާރުން ވަނީ އަންދާޒާ ކުރައްވާފައެވެ. ނަމަވެސް އަޅުގަނޑުމެންގެ ކަރަންޓް ބިލަށް އަދިވެސް ހިލަމެއް ނުވެއެވެ. ކޯބޯ ތަކެތި އަގު ހެޔޮ ކުރުމަށް މިއަހަރަށް ބަޖެޓު ކުރީ 283.75 މިލިއަން ރުފިޔާއެވެ. ގޮވާމުގެ އަގު މިހާރު ހުރީ ވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި ނާރާ މިންވަރަށް މައްޗަށް އަރާފައެވެ. ތެލާއި ގޮވާމުގެ އަގާއެކު ކާޑުގެ އެހެން ބާވަތް ތަކުގެ އަގަށް ބަދަލު ނައިހެއް ނުހުންނާއެވެ. ނަމަވެސް ކާޑުގެ އަގަކަށް ބަދަލެއް ނާދެއެވެ. އަދި ނާދެއެވެ.
ދައުލަތުގެ ކުންފުނިތަކުން؛ ސްޓެލްކޯ އާއި ފެނަކައިން، ފޮނުވާ ކަރަންޓު ބިލު މިހާތަނަށް އަދި ބޮޑު ކޮށްފައި ނުވިނަމަވެސް، ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުތައް މިދަނީ ރާއްޖޭގައިވެސް ތަކުރާރުކޮށް އުފުލެމުންނެވެ. އެހެން ކަމުން މަހަށް ފުރަން އޮޑިއަށް ތެޔޮ އަޅަން ޖެހެނީ އިހަށް ވުރެ އަގު ބޮޑުކޮށެވެ. ނަމަވެސް، ބާނައިގެން ލަފާއިރު މަސްގަންނަ ކުންފުނިތަކުގެ އިންޖީނުތައް އިހުނަށް ވުރެ ޚަރަދުބޮޑުކޮށް ހިންގަން ޖެހޭތީ، ކުންފުނިތަކުން މަސްގަންނަން ބޭނުންވާނީ އިއްޔެއަށް ވުރެ އަގު ހެޔޮކޮށެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގެ އަގުތަކާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަގުތައް މިހާރުވެސް ދަނީ އުފުލެމުންނެވެ. އިމްޕޯޓު ކުރާ ހުރިހާ މުދަލާއި ޚިދްމަތުގެ އަގު ވެސް ދަނީ ބޮޑު ވަމުންނެެވެ. މިކަންކަމުގެ އަސަރު އަޅުގަނޑުމެންގެ ޖީބަށް މިހާރުވެސް ދަނީ ކުރަމުންނެވެ.
ހަލުއި މިނުގައި ދަތުރު ކުރަމުން އަންނަ އިންފްލޭޝަންގެ ސަބަބުން ބޭސްކޮށްދިނުމާއި، އިޖްތިމާޢީ އަޅާލުން ހިމެނޭ ގޮތުން ސަބްސިޑީގެ ބަޖެޓުން އުފުލަން ޖެހޭ ބުރަވެސް ދާނީ ޔަގީނުން ވެސް ބޮޑުވަމުންނެވެ. ތެލުގެ ސަބްސިޑީއިން އެކަނި 1.4 ބިލިއަން ރުފިޔާގެ އިތުރު ބުރައެއް އުފުލަން މަޖްބޫރު ވެއްޖެކަމަށް ގަބޫލު ކުރެވޭއިރު، އަންދާޒާ ކުރެވިފައި ކުރެވިފައިވާ ސަބްސިޑީ ބަޖެޓަށް ޖުމަލަކޮށް 2.5 ބިލިއަނާ ގާތް ކުރާ އަދަދުގެ އިތުރު ބަރުކަމެއް އަންނާނޭ ކަމުގައި ބެލެވެއެވެ. މި ދެންނެވި އިތުރު ބަރުކަން އުފުލަން މިޖެހެނީ އަޅުގަނޑުމެންގެ ދައުލަތުގެ ބަޖެޓު ކުޑަ ‘ނު ކެރުމެއްގެ’ ތެރޭގައި އުޅެނިކޮށެވެ. ވީމާ ކުރިޔަށް ފެންނަނީ މޫސޫން ގޯސްވެ ސަބްސިޑީގެ ފަން ފުރާޅުން ވާރޭ ނުހިފެހެއްޓިދާނެ ކަމުގެ ނިޝާން ތަކެވެ.
ދެން ހަދާނީ ކިހިނަކުން
ދުރުން ފެނިގެން، ނަގަމުން އަންނަ ވިއްސާރައިގައި، އަޅުގަނޑުމެންގެ ސަބްސިޑީ ހިޔާވެހީގެ ނަލަފިލާ ވަޔާއި ގޮސް، ފައިދޮށްތައް ގުޑާ، ތިނބިތައް ދުރުވެ ހިޔާވެހީގެ ފަން ފުރާޅުން ވާރޭ ވެހުން ހުއްޓުވޭނީ ކުރިޔާލާ ފިޔަވަޅު ތަކެއް އަޅައިގެން ކަމުގައި ގަބޫލު ކުރެވެއެވެ.
މިފުރުސަތުގައި ދެ ތިން ގޮތަކަށް އަމަލު ކުރެވިދާނެއެވެ. ސަބްސިޑީގެ ފުރާޅު ވަރުގަދަ ކުރުމަށް ޓަކައި ސަބްސިޑީގެ ބަރު އުފުލޭވަރަށް ޓެކްސް ފައިސާ ނެގުމަކީ އެއްގޮތެވެ. ނޫންނަމަ އުފެއްދުން ތެރިކަމަށް ހިއްސާ ނުކުރާ އެތަކެއް ޚަރަދުތަކެއް މިވަގުތަށް ނުކުރުމެވެ. ސަބްސިޑީގެ ހިޔަލަކީ ހަމައެކަނި އެހީއަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ރައްކަލެއްގެ ގޮތުގައި ކަނޑައަޅައި، މި ހިޔާ ދަށަށްވަދެ ނިވާވެގެން ތިބި ވިޔަފާރިތަކާއި ފޯރުން ތެރިން، އިހަށް އެއްކިބާ ވެލުމަށް ދެންނެވުމަކީވެސް ހަމަ އެންމެ ރަނގަޅު ގޮތެކެވެ. އެންމެ ރަނގަޅީ ‘މިކްސްޑް މައްސުނި ގަނޑެއް’ މޮޑެ ރަނގަޅު ކުރަން ހުރި އެތަކައް ކަމެއް ރަނގަޅު ކުރުމަށް ފުރުސަތުގެ ބޭނުން ކުރުމެވެ.
ސިޔާސަތު ފަރުމާ ކުރައްވާ ފަރާތްތަކަށް މިއީ އާ ވާހަކަ ތަކެއް ނޫނެވެ. ދިރާސާކޮށް، ކަރުދާސް ލިޔެ ޕަބްލިޝްވެސް ކުރެވިފައިވާ ފިޔަވަޅުތަކެވެ. ސިޔާސީ ސަބަބުތަކަށް ޓަކައި ‘އަރު ވީއްލައި’ އަނގައިން ބަސް ބޭރު ކުރަން ނުކެރިފައި ތިބެވެނީއެވެ. ރައްޔަތުންނަށްވެސް ހުވަފެނުގެ ދާނުގައި ތިބުމަށް ފަސޭހައީއެވެ.
މިހިނގާ 2022 އަހަރަށް 9 ބިލިއަން ރުފިޔާގެ ޑެފިސިޓް ގައި އެކުލަވާލެވުނު ބަޖެޓުން ކުރަހައިދިން ތަސްވީރުގެ ކުލަތައް މިހާރުވެސް ވަނީ ފަނޑު ވާން ފަށައިފައެވެ. އެހެން ކަމުން ކައިރި ކުރި މަގުގައި މިދެންނެވި ކަންތައްތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް ނަމަވެސް، ކެރިގެން އަޅައިގެން މެނުވީ ސަބްސިޑީގެ ފަން ފުރާޅުން، ޖުން ޖުލައިގެ ގަދައިގައި، ކެރި ނުހިފެހެއްޓުމަކީ އެކަށީގެންވާ ކަމެކެވެ.
ނޯޓް: އިރާދަ ކުރެއްވިއްޔާ ‘ސަބްސިޑީގެ ފަންފުރާޅު 2 އަދި 3’ ގައި ސަބްސިޑީ އަކީ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެކަނި ފޯރުކޮށްދޭ ހިޔަލަކަށް ހެދުމާއި، މި ފުރާޅު ވަރުގަދަ ކުރުމަށް އެޅިދާނެ ފިޔަވަޅު ތަކާ މެދު ބަލާލާނަމެވެ.

[…] ދުނިޔޭގައި ތަކެތީގެ އަގުބޮޑުވެގެން ދާ މި ދުވަސްވަރުގައި ކުރިޔާލާ ފިޔަވަޅުތަކެއް ނާޅާއިފިނަމަ އިންފްލޭޝަންގެ ވިއްސާރަައިގެ ސަބަބުން ސަބްސިޑިގެ ހިޔާވެހިން ފެން ނުހިފެހެއްޓި ދާނެ ކަމުގެ ވާހަކަ ވަނީ ލިޔެވިފައެވެ. https://athifshakoor.wordpress.com/2022/06/30/subsidy-ge-fan-furaalhu-1-subsidy-ge-fan-furaalhun-inf… […]