ދުނިޔޭގައި ތަކެތީގެ އަގުބޮޑުވެގެން ދާ މި ދުވަސްވަރުގައި ކުރިޔާލާ ފިޔަވަޅުތަކެއް ނާޅާއިފިނަމަ އިންފްލޭޝަންގެ ވިއްސާރަައިގެ ސަބަބުން ސަބްސިޑިގެ ހިޔާވެހިން ފެން ނުހިފެހެއްޓި ދާނެ ކަމުގެ ވާހަކަ ވަނީ ލިޔެވިފައެވެ. https://athifshakoor.com/2022/06/30/subsidy-ge-fan-furaalhu-1-subsidy-ge-fan-furaalhun-inflation-ge-vissaara-nuhifihetti-dhaane-eve/
ސަބްސިޑީގެ ހިޔާ ވަރުގަދަ ކުރުމަށް އެޅިދާނެ ފިޔަވަޅު ތަކާއި މެދު ވަކިން ބަލާލާނޭ ބުނެފައިވާ ފަދައިން ‘ސަބްސިޑީގެ ފަންފުރާޅު 2’ ގައި މިބަލާލަނީ ސަބްސިޑީގެ ހިޔަލަކީ ހަމައެކަނި އެހީއަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ނިވަލަކަށް ހެދުމުގެ މުހިންމުކަމާއި މެދުއެެވެ.
ސަބްސިޑީއަކީ އެ ގައުމެއްގެ ރައްޔަތުން ޓެކްސް ދައްކަން ތައްޔާރަށް ތިބި މިންވަރެއްގެ މައްޗަށް ބިނާކޮށް، ގައުމުގެ ބަޖެޓުން ފޯރުކޮށްދޭ ‘ހިޔާވެހި’ ކަމެކެވެ. މިދެންނެވި ހިޔާވެހި ބިނާކޮށް ދަމަހައްޓަނީ ރައްޔަތުންގެ ޓެކްސް ފައިސާއިންނެވެ. ޢާންމު ގޮތެއްގައި މި ފަދަ ހިޔާވެހި ބިނާ ކުރަނީ އެ ގައުމެއްގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީ ފޯރުކޮށްދޭ ނިޒާމެއްގެ ގޮތުގައެވެ. އެ މުހުތާދުގައެވެ.

އެއްވެސް އޮޅުމެއްނެތި ހާމަކޮށް ފެންނަން އޮތް ގޮތުގައި ރާއްޖޭގައި ވަރަށް ގިނަ ސަބްސިޑީ ފޯރުކޮށްދެނީ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ފީ ސަބީލިއްލާހި އެންމެނަށެވެ. މިއީ ބޭރު މާހިރުންނާއި ދިވެހި އަމާހިރުން ދިރާސާކޮށް ތަކުރާރުކޮށް ލިޔެ ފައިވާ ވާހަކަ އެކެވެ. އަދި ކިއެއްތަ، ދައުލަތުގެ 2022 އަހަރުގެ ބަޖެޓް ފޮތުގައިވެސް ސަބްސިޑީ ބޭނުންކުރެވެމުންދާ ވިޔާނުދާ ގޮތުގެ ވާހަކަ ތަފްސީލު ކޮށްފައިވެއެވެ. މާލީ ވުޒާރާގެ މިދެންނެވި ލިޔުމުގަައި ބުނެފައިފާ ގޮތުގައި ސަބްސިޑީ ދީގެން ވިއްކާ ކާޑުގެ ތެރެއިން ގޭބިސީ ތަކުން ބޭނުންކުރަނީ ހަމައެކަނި ހަނޑުލުގެ 57.2%، ހަކުރުގެ 31.7% އަދި ފުށުގެ 49.6% އެވެ. އެހެންކަމުން އެވަރެޖް ގޮތެއްގައި ކާޑުގެ ސަބްސިޑީގެ 50% ބޭނުންކުރަނީ ގޭބިސީ ތަކަކުން ނޫނޭވެ.
މީގެ އިތުރުން 2022ގެ ބަޖެޓު ފޮތުގެ 214 ވަނަ ސަފްޙާ ބުނެފައިވާ ގޮތުގައި ‘ކާޑުގެ ސަބްސިޑީ އެންމެ ޙައްޤުވާ ފަރާތްތަކަކީ ފަގީރު ޙާލަތުގައި ދިރިއުޅޭ ގޭބިސީ ތައް ކަމުގައި ވީނަމަވެސް، ފަގީރު އާއިލާތަކުން ބޭނުންކުރަނީ ސަބްސިޑީގެ ވަރަށް ކުޑަ މިންވަރެކެވެ. އެއީ ހަނޑުލަށް ދޭ ސަބްސިޑީގެ 11.1% އަދި ހަކުރަށް ދޭ ސަބްސިޑީގެ 7.9 އިން ސައްތައެވެ.’

މިހިނގާ 3 އަހަރުގެ ތެރޭގައި ކާޑުގެ ސަބްސިޑީގެ ގޮތުގަައި 931 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވެއެވެ. ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ގޮވާމުގެ އަގު 15 އަހަރުގެ ނުދާހާ މައްޗަށް ގޮސްފައިވާ އިރު، ކާޑުގެ ތަކެތި އަގުހެޔޮކޮށް ދެމެހެއްޓުމަށް ޓަކައި ދައުލަތުން 2022 އަށް ބަޖެޓުކުޅަ 281 މިލިއަން ރުފިޔާ 2 ގުނަ ނުވެއެއް ނުހުންނާނެވެ. ދައުލަތުގެ އަމިއްލަ ހިސާބުތައް ބުނާގޮތުން މި ދެންނެވި ސަބްސިޑީގެ ފައިދާގެ 50% ލިބިގަންނަނީ ގޭބިސީ ތަކުގައި ދިރިއުޅޭ ރައްޔަތުންނެއް ނޫނެވެ. ވިޔަފާރިތަކުންނެވެ. ފެކްޓަރީ ތަކާއި ރިޒޯރޓްތަކާއި މިނޫންވެސް ވިޔަފާރި އިދާރާ ތަކުންނެވެ.
އެއް އިރެެއްގައި ކަވި، ދަތި، އުނދަގޫ ކަމެއްކަމުގައި ވިޔަސް، މިއަދުގެ ޓެކްނޯލޮޖީގެ އެހީގައި ސަބްސިޑީއަކީ ހަމައެކަނި އަޅާލުންތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ އެހީއެއް ކަމަށް ހެދުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އެއީ ކުރެވިދާނެ އަދި ކުރަން ޖެހިފައިވާ ކަމެކެވެ. އިންޑިޔާގެ ރަށްފުށުގައި، ސިއްޙީގޮތުން ގެއްލުން ލިބިދާނެ ފަދަ ޙާލަތުގައި ދަރު ހޮވައިގެން އުނދުނުގައި ކައްކާ ނިކަމެތި ޢައިލާތަކުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި 2013 ގައި އިންޑިޔާ ސަރުކާރުގެ އެ ގައުމުގެ އެންމެ ފަގީރު ޢާއިލާތަކަށް ‘ކުކިންގ ގޭސް’ ސަބްސިޑީއެއް ތަޢާރުފް ކުރިއެެވެ. މި ދެންނެވި ސަބްސިޑީ ދޫކުރެވުނީ ދަތި ހާލުގައި ދިރިއުޅެމުންދިޔަ 177 މިލިއަން ފަގީރު އާއިލާ ތަކަށެވެ. އިންޑިޔާގައި ދިރު އުޅޭ 1 ބިލިއަނަށް ވުރެ ގިނަ ރައްޔަތުންނަށް ގަނޑުކޮށެއް ނޫނެވެ.
މިއަހަރުގެ މިނިވަން ދުވަހު ރައީސުލް ޖުމްހޫރިއްޔާ ގައުމަށް މުޚާތަބުކޮށް ވިދާޅުވި އެންމެ މުހިންމު އެއްވާހަކައަކީ ތެލުގެ ސަބްސިޑީއަކީ އެންމެނަށް އެއް ހަމައެއްގައި ލިބޭ ސަބްސިޑީއެއްގެ ބަދަލުގައި، ޑައިރެކްޓް ސަބްސިޑީ އަކަށް ހެދުމަށް މަސައްކަތް ކުރަމުން ގެންދާ ވާހަކައެވެ. ކާޑުގެ ސަބްސިޑީ އެފަދައެވެ. އެހެންކަމުން ގައުމުގެ އެންމެ ‘އުހުން’ މިއަދު މިވަނީ ސަބްސިޑީގެ ހިޔާ ވަރުގަދަ ކުރަން ޖެހިފައިވާ ކަމާއި އެކަމުގެ ފިޔަވަޅުތައް އަޅުއްވަން ފައްޓަވާނޭ ކަމުގެ ވާހަކަައިގެން ރައްޔަތުންނަށް ބަސްއިއްވާފައެވެ.
ސަބްސިޑީގެ ފަން ފުރާޅުން ފެން ނުހިފެހެއްޓި، ފުރާޅުދަށަށް ވަދެ ފިތި ބާރުވެފައިވާ ފަރާތްތައް ގިނަކަމުން، ދައުލަތުގެ ބަޖެޓަށް މިދަނީ ހަމައަށް ނޭވާ ނުލެވި ‘ކޮށި’ އަރަމުންނެވެ. އެހެންކަމުން މިވަގުތަށް ކުރަން އެންމެ މުހިންމުކަމަކީ ފަގީރުންނާއި ނިކަމެތިންނާއި އެއްހަމައެއްގައި، ސަފު ހަދައިގެން ތިބި ފޯރުން ތެރިންނާއި ވިޔަފާރިތައް މި ފުރާޅުގެ ހިޔާވަހި ކަމުން އެއްފަރާތް ކުރުމެވެ. ބަޖެޓަށް ނޭވާ ނުހިފެހެއްޓި ކޮށި އަރަމުން ދާ ދިޔުމަށް ލުއި ކަމެއް ގެނެސް ހަމަ ނޭވާ ލެވޭ ވަރު ކުރުމަށެވެ. މިއީ ޢާންމު ރައްޔަތުމީހާއަށް ކުރާނޭ އަސަރު އެންމެ ކުޑަކުރެވޭނޭ ގޮތުގައި އެޅިދާނެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޤަބޫލު ކުރެވެއެވެ.
އިރާދަ ކުރެއްވިއްޔާ ‘ސަބްސިޑީގެ ފަންފުރާޅު 3’ ގައި މި ހިޔާގެ ފުރާޅާއި ޢިމާރާތް ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި މެދު ބަލާލާނަމެވެ.

