- އާމްދަނީ އިތުރު ކުރުމަށް ބޭނުންވާ ފިޔަވަޅުތައް ތަންފީޒު ނުކުރެވުން
ޖީ.އެސް.ޓީ. ފާސް ކުރުމާއި ގުޅިގެން، އާމްދަނީ ހޯދުމުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ހުރަސް ގިރާ ކުރެވުނީ ކަމުގައި ބެލި ނަމަވެސް، ޔޫރަޕަކީ 60 ޕަސެންޓް ފަތުރުވެރިން އަންނަ އަދި 40 ޕަސެންޓް މަސް އިމްޕޯރޓް ކުރާ ސަރަހައްދެވެ. ޔޫރަޕަށް އަދި ދުނިޔެއަށް ރިސެޝަނެއް އަތުވެއްޖެނަމަ، އެކަމުގެ އަސަރު ރާއްޖޭގެ އައްސޭރިފަށަށް ފޯރާ އާމްދަނީއަށް އަސަރު ނުކޮށެއް ނުހުންނާނެއެވެ.
- އަންދާޒާ ކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޚަރަދު ހިނގުން
ޕްރޮގްރާމް ތަކާއި މަޝްރޫއުތަކަށް ބަޖެޓު ކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޚަރަދު ހިނގުމަކީ ދުހުން ދަސްކޮށް ފަރިތަ ކޮށްފައިވާ ސަގާފީ ހުނަރެކެވެ. 2021 ގައި ހުށަހެޅި ބަޖެޓަށް ވުރެ 8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދު ވިއެވެ. 2022 ގެ ބަޖެޓަށް ވުރެ 5.8 ބިލިއަން އިތުރަށް ޚަރަދު ވާނެއެވެ. ނުވަތަ މިހާރު ވެއްޖެއެވެ.
ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުުގެ އަހަރެވެ. ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ވުމަކީ ނުވެ ނުދާނޭ ކަމެކެވެ.
- ހިލޭ އެހީ ނުލިބުން
2021 އަށް ހިލޭ އެހީގެ ގޮތުގައި ބަޖެޓު ކުރި 2.2 ބިލިއަން ރުފިޔާއިން ލިބުނީ 43 ޕަސެންޓެވެ. މިއަހަރަށް ބަޖެޓު ކުރި 2.9 ބިލިއަން ރުފިޔާއިން މިހާރު ލިބޭނޭ ކަމަށް އަންދާޒާ ކުރަނީ އެންމެ 21 ޕަސެންޓަށް ޖެހޭ 600 މިލިއަން ރުފިޔާއެވެ. ނަމަވެސް، ކުރިޔަށް އޮތް 2023 ވަނަ އަހަރަށް 2.4 ބިލިއަން ރުފިޔާގެ ހިލޭ އެހީ އަނެއްކާވެސް ވަނީ ބަޖެޓް ކޮށްފައިވެއެވެ. އެމް.އެމް.އޭ.ގެ ފަންނީ ލަފާގައިވެސް މި މައްސަލަ ފާހަގަ ކުރައްވާ ފައިވެއެވެ.
ބަޖެޓު ކޮށްފައިވާ ގޮތަށް ހިލޭ އެހީ ނުލިބޭނޭ ކަމަށް ބަލައި މިހާރުވެސް ބަޖެޓުފޮތުގައި ވަނީ ރަތް ކުލަ ޖައްސާފައެވެ. ހިލޭ އެހީ ނުލިބުމަކީ ބަޖެޓަށް އެހާ ބޮޑު މައްސަލައެއް ކަމުގައި ނުދެކި ފެހި ކުލަ ޖައްސާފައިވާ ވީ ނަމަވެސް، ބަޖެޓަށް ހުރި އެހެނިހެން ހުރަސް ތަކާއެކު، ބަޖެޓު ކުރި މިންވަރަށް ހިލޭ އެހީ ނުލިބުމަކީ ބޮޑު މައްސަލަ އަކަށް ނޫނީ ނުވާނެއެވެ.
- ޑެފިސިޓް ފައިނޭންސް ނުކުރެވުމާއި އިންޓަރެސް ރޭޓް މަތިވުން
ބަޖެޓް ކަރުދާސް ތަކުގައި ތަފްޞީލު ކޮށްފައިވާ ފަދައިން އިންފްލޭޝަން ކޮންޓްރޯލު ކުރުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން އިންޓަރެސްޓް އަގުތައް ވަނީ 10 ވަރަކަށް އަހަރު ތެރޭ ނޫފުލޭ ވަރަށް އުފުލާފައެވެ. ގައުމުތަކަށް ދަރަނި ދޫކުރަން ތިބި ފަރާތްތަކަށް، ގައުމުގެ ފިސްކަލް ހާލަތު ނިކަމެތިކޮށް ފެންނާން އޮވެއްޖެނަމަ، ދަރަނި ލިބޭނީ ބޮޑު އަގުގައެވެ. މިއި މިހާރުވެސް ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް ޓަކައި 5.6 ބިލިއަން ރުފިޔާގެ ލޯނާއި އެކި ކުލައިގެ 771 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ބަޖެޓު ކޮށްފައިވާ އިރު، އިންޓަރެސްޓް ރޭޓު މަތިވުމާއި ޑެފިސިޓް ފައިނޭންސް ކުރުމަށް ރާވާފައިވާ ކަންތައް ނުވެދިއުމުގެ ފުރުސަތު ބޮޑު ކަމާއި އެ ކަންކަމުން ބަޖެޓަށް ކުރާނޭ އަސަރު ބޮޑު ވާނޭ ކަމުގެ ރަތް ބޮކި ބަޖެޓު ކަރުދާހުގައި ވަނީ ދިއްލާފައެވެ.
- ސަރުކާރުގެ ކުންފުނިތަކުން ކުތިމަތި ކުރާ ހުރަސްތައް
ސަރުކާރު ކުންފުނިތަކުން ޑިކްލިޔެރ ކުރުމަށް ފަހު ނުދައްކާ 2.1 ބިލިއަން ރުފިޔާ މިހާރުވެސް ހުރި ކަމާއި، މިހިނގާ 2022 އަށް 868 މިލިއަން ރުފިޔާ ބަޖެޓް ކުރުމަށްފަހު 2 ބިލިއަން ރުފިޔާ މި ކުންފުނިތަކަށް ދޫކޫރެވޭނޭ ކަމަށް ބަޖެޓް ކަރުދާސް ތަކުން ފެންނާން އެބަހުއްޓެވެ. މާޒީން ފެންނާން ހުރި ގޮތުގައި، އިންތިޚާބު ތަކާއި ދިމާކޮށް، ޚާއްސަކޮށް ރިޔާސި އިންތިޚާބާއި ދިމާކޮށް، ސަރުކާރު ކުންފުނި ތަކަށް އެޕިލެޕްޓިކް އެޕިސޯޑްތަކެއް ކުރިމަތިވާން ފަށައެވެ. ވަކި ސަރުކާރެއްގައެއް ނޫނެވެ.
ކުރިޔަށް އޮތް 2023 ގައި ސަރުކާރު ކުންފުނިތަކުން ބަޖެޓަށް ބަރޯސާ ވާނޭ މިންވަރު ބޮޑު ވުމާއި، ދޭން ބުނާ ޑިވިޑެންޑް، ނުލިބުމަކީ ގާތް ކަންކަން ކަމުގައި ބަޖެޓް ކަރުދާހުގައި ވަނީ ފާހަގަކޮށްފައެވެ. މި 2 ކަންތަކުން ބަޖެޓަށް ކުރާނޭ އަސަރު ބޮޑުވާނޭ ކަމަށް ބަލައި، ރަތް ކުލައިން ފާހަގަކޮށް ނުރައްކަލުގެ ރަނގަބީލު މިހާރުވެސް ވަނީ ޖަހައިފައެވެ.
- ސަބްސިޑީ ޚަރަދު ކުޑަކުރުމާއި އާސަންދަ އަށް ހިނގާ ޚަރަދު މަދު ކުރުން
މިހިނގާ 2022 ވަނަ އަހަރަށް 4.8 ބިލިއަން ރުފިޔާގެ ބަޖެޓު ކުރިނަމަވެސް 8.2 ބިލިއަން ރުފިޔާ ޚަރަދު ވާނޭ ކަމަށް މިހާރު ބެލެވެއެވެ. ނަމަވެސް 2023 އަށް ހުށަހަޅުއްވާފައިވަނީ 1.6 ބިލިއަން ރުފިޔާ މަދުން 6.6 ބިލިއަން ރުފިޔާގެ ޖުމްލަ ސަބްސިޑީ ބަޖެޓެކެވެ.
ސަބްސިޑީއަކީ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އެކަނި ލިބޭ އެއްޗަކަށް ހެދުމުގެ މުހިންމުކަމުގެ މާލޫދު، އެންމެން އެކުގައި ކިޔާ ކޮންމެ ސަރުކާރަކުންވެސް އަމީން ކިޔައެވެ. އޮކްޓޫބަރ 2016 އިން ފެށިގެން ފުޑް ސަބްސިޑީ ލިބޭނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް ނިންމާ އޭރުގެ ސަރުކާރުން އިއުލާނު ވެސް ކުރެއްވިއެވެ. ނަމަވެސް އިމްޕްލިމެންޓެއް ނުކުރެވުނެވެ. ކުރިޔަށް އޮތް 2023ގެ ބަޖެޓުގައި ތެލަށް ދެވޭ ސަބްސިޑީ ދޫ ކުރާނީ ޓާރގެޓަޑް ސަބްސިޑީ އެއްގެ ގޮތުގައި ކަމުގައި ލިޔެ، މިއަހަރުގެ ޚަރަދުން 1.7 ބިލިއަން ރުފިޔާ ވަނީ މަދު ކޮށްފައެވެ.
އެމް.އެމް.އޭ.ގެ ފަންނީ ލަފާގައި ލިޔުއްވާފައިވާ ގޮތުގައި ‘އާސަންދައަށް ކުރާ ހޭދަ ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާވާއިފާނަމަވެސް، މިހާތަނަށް މި ފިޔަވަޅުތައް ތަންފީޒު ކުރެވިފައި ނުވާކަން ފާހަގަ ކުރަމެވެ. …2020 ނުހިމަނައި ފާއިތުވި 6 އަހަރުގެ (2022- 2017) އާސަންދައަށް ކުރާ ޚަރަދު އެވަރެޖްކޮށް 678.8 މިލިއަން ރުފިޔާ އިތުރުވެއެވެ. އެހެން ކަމުން އާސަންދައަށް ކުރާ ޚަރަދު 1.7 އަށް މަތިވެގެން ދާނެ ކަމަށް އަންދާޒާ ކުރެވެއެވެ.’
ރިޔާސީ އިންތިޚާބަކަށް ފަރުމާ ކުރެވިފައިވާ ބަޖެޓުގައި ސަބްސިޑީ އާއި އާސަންދަ އަށް ކުރާ ޚަރަދު މަދުކުރުމަށް ނިންމާފައިވާ ނިންމުން އިމްޕްލިމެންޓް ކުރާ ތަން ދެކެން ބޭނުންނަމަސް، ރިޔާސީ އިންތިޚާބެއްގެ މޯހިރުގައި ރައްޔަތުންނަށް ދެވޭ އެހީތެރިކަން މިހާރަށް ވުރެ ކުޑަކުރެވިދާނެ ކަމަކަށް ހިތަކަށް ނުފެނެއެވެ.
އެހެންކަމުން
2023ގެ ބަޖެޓުގެ ކުރިމަތީގައި ހުރި ހުރަސްތައް ގިނައެވެ. ގިރާ ކުރަން ހުރި އަނދަވަޅުތައް ފުނެވެ. ބަޖެޓު ފޮތުގެ 38 ސަފްޙާގައި މި ހިރާސްތައް ވަނީ ތަފްޞީލު ކޮށްފައެެވެ. ހަވާސާއަކަށް އެކަހެރި ކޮށްފައެއް ނޫނެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތައް މައިތިރި ކޮށް، ސިޔާސީ މަގާމު ތައް މަދުކޮށް، ސަބްސިޑީ ކޮންޓްރޯލު ކުރުން ފަދަ ކަންކަމީ ހިތްވަރެއް ހުރިއްޔާ، ސަރުކާރަށް ކުރެވޭނޭ ކަންކަމެވެ. ގައުމުގެ އެތެރޭގެ ކަންކަމެވެ.
ނަމަވެސް، އުފުލިފައިވާ އިންފްލޭޝަނާއި، ރިކޯރޑް އިންޓަރެސްޓް ތަކާއެކު ދުނިޔޭގެ އިގްތިސާދަށް ބަނަކޮށް، ބޯމަތި ކޮށްފައިހުރި ސްޓެގްފްލެޝަނާއި ރިސެޝަންގެ ވިއްސާރަ އަޔަ ނުދިނުމަކަށް އަޅުގަނޑުމެންނަށް، ކިޔެއްތަ އެއްވެސް ވަކި ގައުމަކަށް، ކުރެވޭނޭ މާ ގިނަ ކަންކަމެއް ނުހުރެއެވެ.
އެހެންކަމުން، ފާސްކޮށްފައިވާ 2023 ބަޖެޓަކީ ހުރަސްތައް ގިނަ، ހާސިލު ކުރަން އުނދަގޫ ބަޖެޓަކަށް ނޫނީ ނުވާނެއެވެ.

[…] ބަޖެޓު ނޫންކަމާއި، ތަންފީޒް ނުކުރެވޭނޭ ކަމުގައި ލިޔުނީމެވެ. އަހަރުނިމުނީ 3 ބިލިއަން ރުފިޔާގެ ޑެފިސިޓް އިތުރަށް […]